ކުދިޝިރްކުގެ ދެވަނަ ބައި:
ކުދި ޝިރްކުގެ ދެވަނަބަޔަކީ ވަންހަނާ ޝިރުކެވެ. އެއީ ގަސްދާއި ނިޔަތުގައި ޝިރުކުކުރުމެވެ. އެއީ ދެއްކުމަށް ނުވަތަ އިއްވުމަށް އަޅުކަން ކުރުންފަދަ ކަންތަކެވެ. ﷲއަށް ކުއްތަންވެވޭ ފަދަ އަޅުކަމެއް ކުރަމުންދާއިރު މީސްތަކުން އެކަމަށް ތަޢުރީފުކޮށް ސަނާކިޔާނެކަމުގެ އެދުމުގައި އެމީހުންނަށް ދެއްކުމަށް އެއަޅުކަމެއް ކުރުމެވެ. މިސާލަކަށް ތިމަންކުރަންހުރި ނަމާދު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުމަށް ކިޔެވުން ރީތިކޮށް ނަމާދުގެ ޙަރަކާތް ރީތި ކުރުމެވެ. އަދި ޞަދަޤާތް ދިނުމުގައިވެސް މީސްތަކުން ތިމާއީ ދީލަތި މީހެކޭ ބުނޭތޯ އަދި އެކަމުގެ ތަޢުރީފު ލިބުން އެދިގެން ޞަދަގާތް ކުރުމެވެ. ހަމައެފަދައިން ﷲއަށް ޛިކުރު ކުރާއިރު ނުވަތަ ޤުރުއާން ކިޔަވާއިރު ތިމާގެ އަޑު މީސްތަކުންނަށް އިވުނީމާ އެމީހުން ތިމާޔަށް ތަޢުރީފު ކުރާނެތީއެވެ. އެމީހުންނަށް އިއްވުމަށް އަޑުގަދަކޮށް ކިޔެވުމެވެ. މިއެވެ.
ދަންނައެވެ. ތިމާކުރާ އަޅުކަމުގެ ތެރެއަށް މީސްތަކުންނަށް ދެއްކުމުގެ ނުވަތަ އިއްވުމުގެ ގަސްދާއި ނިޔަތް ވަދެއްޖެނަމަ އެއަޅުކަމެއް ބާޠިލުވީއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ [الكهف:١١٠] މާނައީ: ތިމާގެ ރައްބާއި ބައްދަލުވުމަށް އެދޭމީހާ ނުވަތަ އެކަލާނގެއާއި ބައްދަލުވުމަށް ބިރުވެތިވާ މީހާ ޞާލިޙް ޢަމަލު ކުރާށެވެ. އަދި ތިމާގެ ރައްބަށް ކުރާ އަޅުކަމުގައި ހަމަ އެކަކުވެސް ބައިވެރި ނުކުރާށެވެ. ޝިރުކު ނުކުރާށެވެ. މިއެވެ.
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَخْوَفُ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ . قَالُوا : يَا رَسُولَ اللَّهِ وَمَا الشِّرْكُ الْأَصْغَرُ ؟ قَالَ : الرِّيَاءُ ))[رواه أَحْمَدُ والطَّبَرَانِى والبَغَوِى فِي شَرْحِ السُّنَّة] މާނައީ: ތިމަންކަލޭގެފާނު އެންމެ ބޮޑަށް ކަލޭމެންގެ މައްޗަށް ބިރުވެތިވާ ކަމަކީ ކުދި ޝިރުކު ކުރުމާއި މެދުގައެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކުދި ޝިރުކަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެއީ ރިޔާއެވެ. އެބަހީ ދެއްކުމަށް އަޅުކަން ކުރުމެވެ. މިއެވެ.
ދުނިޔޭގެ ދަހިވެތިކަމުގައި އަޅުކަންކުރުންވެސް ހިމެނިގެންވަނީ ކުދި ޝިރުކުގެ ތެރެއިންނެވެ. މިސާލަކަށް މުދާ ހޯދުމަށްޓަކައި ޙައްޖަށްދިއުން ނުވަތަ ބަންގި ގޮވުން ނުވަތަ އިމާމުކަމުވުން ނުވަތަ ޝަރުޢީ ޢިލްމު ދަސްކުރުން ނުވަތަ ޖިހާދުކުރުން މިފަދަ ކަންކަންވެސް ދުނިޔަވީ އެދުމަށްޓަކައި ކުރުމީ ކުދި ޝިރުކުގެ ތެރެއިންވާ ކަންކަމެވެ.
ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( تَعِسَ عَبْدُ اَلدِّينَارِ، تَعِسَ عَبْدُ َالدِّرْهَمِ ، تَعِسَ عَبْدُ َ الخميصة، تَعِسَ عَبْدُ الْخَمِيْلَةِ، إِنْ أُعْطِيَ رَضِيَ وَإِنْ لَمْ يُعْطَ سَخِطَ)) [رَوَاهُ الْبُخَارِيُّ]. މާނައީ: ދީނާރުގެ އަޅު ހަލާކުވެއްޖެއެވެ. ދިރުހަމުގެ އަޅު ހަލާކުވެއްޖެއެވެ. ޚަމީޞަތުގެ އަޅު ހަލާކުވެއްޖެއެވެ. ޚަމީލަތުގެ އަޅު ހަލާކުވެއްޖެއެވެ. އެމީހުންނަށް ދެވިއްޖިއްޔާ ރުހެއެވެ. އަދި އެމީހުންނަށް ނުދެވިއްޖެއްޔާ ނުރުހެއެވެ. މިއެވެ. (ޚަމީޞަތާއި ޚަމީލާ އަކީ ރީތި މޮޅު ފޭރާމުގެ ދެވައްތަރަކަށް ކިޔާ ދެނަމެވެ.) ނުނިމޭ