އަލް އިމާމު އިބްނުލް ޤައްޔިމް ވިދާޅުވިއެވެ. ގަސްދާއި އަދި ނިޔަތުގައި ޝިރުކު ކުރުމަކީ އައްސޭރިއެއްނެތް ކަނޑެކެވެ. އެއިން ސަލާމަތްވަނީ މަދުމީހެކެވެ. ފަހެ ތިމާކުރާ ކަންކަމުގައި ޔަޢުނީ ތިމާގެ ޢަމަލުގައި ﷲގެ ވަޖުހުފުޅުނޫން އެހެން އެއްޗެއް ގަސްދުކުރުވި ﷲ އާއި ކުއްތަންވެ އެކަލާނގެ ޙަޟްރަތުން ހެޔޮދަރުމަ ލިބުންނޫން ކަމެއް ހޯދުމުގެ ނިޔަތްނޫން އެހެން ނިޔަތެއް ނުވަތަ ގަސްދެއްވާނަމަ އޭނާގެ ގަސްދާއި ނިޔަތުގައި ޝިރުކު ކުރެވުނީއެވެ. ޢިޚްލާޞް ތެރިކަމަކީ ތިމާގެ ޢަމަލާއި ބަހާއި ގަސްދާއި އަދި ނިޔަތުގައިވެސް އިޚްލާޞްތެރިވުމެވެ. ﷲގެ އެންމެހައި އަޅުތަކުންނަށް އަމުރުވެވިގެންވާ އަދި ތައުޙީދަށް ސީދާވެގެންވާ އިބްރާހީމުގެފާނުގެ މިއްލަތަކީ އެއީއެވެ. އަދި އިސްލާމްކަމުގެ ޙަޤީޤަތަކީ އެއީއެވެ. ﷲތަޢާލާ ޥަޙީ ކުރައްވާފައިވެއެވެ. ﴿ وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ [آل عمران:٨٥ ]. މާނައީ: ތިމާއުޅޭ ދީނެއްކަމުގައި އިސްލާމް ދީންނޫން އެހެން ދީނެއް އެދިގެންފި މީހާ ދަންނާށެވެ. ފަހެ އޭނާގެ ކިބައިން އެދީން ގަބޫލު ނުވެވޭ ހުއްޓެވެ. އަދި އާޚިރަތް ދުވަހުން އޭނާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ. މިއެވެ.
ފަހެ އެއީ ސަލާމްލެއްވި އިބްރާހީމްގެފާނުންގެ މިއްލަތެވެ. އެ މިއްލަތުން މޫނު އަނބުރައިލާނީ ތިމާގެ ނަފްސުގައި ސަފީހުކަން ހުރި ޖާހިލެކެވެ. މޮޔަ ޖާހިލެކެވެ. (ސަފީހުގެ މާނައަކީ ޖާހިލު ދެއުޅިއެއްނުވާ މީހުންނެވެ.)
މިބާބުގައި އިސްވެދިޔަ ބަޔާންތަކުން އެގޭގޮތުގައި ބޮޑު ޝިރުކާއި ކުދި ޝިރުކާއި ދެމެދު ވަކިކޮށް ފަރަގު ކުރެވޭ ކަންތައްތަކެއް ވެއެވެ. އެކަންކަން ކުރުގޮތަކަށް މިދަންނަވަނީއެވެ.
1- ބޮޑު ޝިރުކު ކުރުމުން އިސްލާމުދީނުން ބޭރުވާނެއެވެ. ކުދި ޝިރުކު ކުރުމުން ހަމަ އެއްފަހަރާ ދީނުން ބޭރު ނުވާނެއެވެ.
2- ބޮޑު ޝިރުކުކޮށް އެކަމަށް ތައުބާނުވެ މަރުވެއްޖެމީހާ ޤިޔާމަތްދުވަހުން ނަރަކައިގާ ދެމިހުންނާނެއެވެ. ކުދި ޝިރުކު ކުރިމީހާ ނަރަކައަށް ވަނަސް އެތާދެމި ނުހުންނާނެއެވެ.
3- ބޮޑު ޝިރުކު ކުރުމުން އެންމެހާ ހެޔޮ ޢަމަލު ބާޠިލު ވާނެއެވެ. ކުދި ޝިރުކު ކުރުމުން އެންމެހާ ހެޔޮޢަމަލު ބާޠިލު ނުވާނެއެވެ. ބާޠިލުވާނީ ކުދި ޝިރުކު ނުވަތަ ދުނިޔޭގެ އެދުން އެކުލެވުނު ޢަމަލެވެ.
4- ބޮޑު ޝިރުކު ކުރިމީހާގެ ލެޔާ މުދާ ޙަލާލެވެ. ކުދި ޝިރުކު ކުރިމީހާގެ ލެޔާއިމުދާ ޙަލާލު ނުވާނެއެވެ. (ނިމުނީ)