[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (26)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގޭގައި ބޭއްވޭ ބައްދަލުވުންތައް

 

ތޭރަވަނަ ނަސޭހަތް: ޢާއިލާގެ ކަންތައްތަކާމެދު މަޝްވަރާކުރުމަށް ބައްދަލުވުންތައް ބޭއްވުމަށް ފުރުޞަތުދިނުން

 

﴿…وَأَمْرُهُمْ شُورَىٰ بَيْنَهُمْ…﴾  [سورة الشورى  ٣٨]

މާނައީ: “…އަދި އެބައިމީހުންގެ ކަންތައްތައް އެބައިމީހުންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ…”

މިއީ ޢާއިލާގެ ފަރުދުންނަށް އެއްތަނެއްގައި އިށީނދެތިބެ  ޢާއިލާއާއި ގުޅުން ހުރި އެތެރެއާއި ބޭރުގެ ކަންކަމުގައި މަޝްވަރާކުރުމަށް ލިބޭ ފުރުޞަތެކެވެ. ފަހެ، މިއީ ޢާއިލާގެ އެއްބައިވަންތަކަމާއި ގުޅުމާ އަދި އެކަކު އަނެކަކަށް އެހީތެރިވުން ދައްކުވައިދޭ ޢަލާމާތެކެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި އެންމެ ފުރަތަމަ މަސްއޫލުވެރިޔަކީ ގޭގެ ރައްޔިތުންގެ ކަންކަމުގެ ޒިންމާ އެމީހެއްގެ ކޮނޑުގައި ﷲ ތަޢާލާ އަޅުއްވާފައިވާ ފިރިހެން މީހާއެވެ. އަދި އެއީ ގޮތް ނިންމާ މީހާއެވެ. ނަމަވެސް އެހެންމީހުންގެ ޚިޔާލަށް ފުރުޞަތު ދިނުމާއެކުއެވެ. -ޚާއްޞަކޮށް ދަރިން ބޮޑަތިވާއިރުއެވެ.- އެއީ މަސްއޫލިއްޔަތު އުފުލުމުގައި އެކުދިން ތަރުބިއްޔަތު ކުރުމުގެ ގޮތުންނެވެ. އަދި މީގެ އިތުރުން އެބައިމީހުންގެ ރައުޔާމެދު ސުވާލުކުރެވުމުން އެމީހުން ހިއްސާކުރާ ޚިޔާލުތަކަކީ އަގުހުރި އެއްޗެއްކަމުގެ އިޙްސާސްކުރެވި އެކަމުގެ ހިތްހަމަޖެހުން ލިބިދިނުމުގެ ގޮތުންނެވެ.

މީގެ ބައެއް މިޘާލަކީ ޙައްޖަށް ދިއުން، ނުވަތަ ރަމަޟާން މަހު ޢުމްރާއަށް ދިއުން، އަދި އެނޫން ޗުއްޓީތައް ހޭދަކުރާނެގޮތް، އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަށްޓަކާ ގާތްތިމާގެމީހުންނަށް ޒިޔާރަތްކުރުމަށްކުރާ ދަތުރުތައް ނުވަތަ ހިތްހަމަޖައްސާލުމަށްޓަކައި ހުއްދަގޮތުގައި ކުރެވޭ ދަތުރުތައް އަދި ކައިވެންޏާއި ކައިވެނީގެ ވަލީމާ އިންތިޡާމްކުރުން ނުވަތަ އަލަށް އުފަންވާ ކުއްޖާގެ ޢަޤީޤާގެ ކަންކަން ނުވަތަ އެހެން ގެއަކަށް ބަދަލުވުން ނުވަތަ އަވަށުގައި އުޅޭ ފަޤީރުންގެ ޢަދަދު ބެލުމާއި އެބައިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ އެބައިމީހުންނަށް ކާތަކެތި ފޮނުވައިދިނުންފަދަ ހެޔޮކަންކަމަށް އެހީވުމަށް ހިންގޭ ހަރަކާތްތައް އަދި ހަމައެދަފައިން ޢާއިލާއާއި ގާތްތިމާގެ މީހުންގެ މައްސަލަތަކާ އަދި އެކަންކަން ހައްލުކުރާނެ ގޮތްތަކާމެދު މަޝްވަރާކުރުމާ އަދި މިނޫންވެސް މިފަދަ ކަންކަމާގުޅޭގޮތުން ޚިޔާލު ބަދަލުކޮށް ވާހަކަ ދެއްކުމެވެ.

ބައްދަލުވުންތަކުގެ ތެރެއިން ވަރަށް މުހިންމު ބައްދަލުވުމަކަށް މިތާ އަލިއަޅުވާލާނަމެވެ. އެއީ މައިންބަފައިންނާއި ދަރިންގެ މެދުގައި ތެދުވެރިކަމާއެކު ކަންކަން ބަޔާންކޮށްދިނުމުގެ ގޮތުން ބޭއްވޭ ބައްދަލުވުންތަކެވެ. ފަހެ، އޭގެ ތެރެއިން ބައެއް މައްސަލަތަކަކީ ބޮޑެތި މީހުންގެ ތެރެއިން ބައެއް މީހުން ތަހައްމަލު ކޮށްފައިވާ މައްސަލަތަކެވެ. އަދި އެއީ އެކަހެރި ބައްދަލުވުންތަކުން މެނުވީ ޙައްލު ނުހޯދޭނެ ކަންކަމެވެ. އެއީ ބައްޕަ ފިރިހެން ދަރިފުޅާއެކު އެކަހެރިކޮށް ބައްދަލުކޮށް މަޑުމައިތިރިކަމާއެކު ޒުވާން ޢުމުރުގައި ދިމާވާ މައްސަލަތަކާއި ބާލިޣުވުމާއި ބޮޑުމީހަކަށްވުމާދެމެދު ދިމާވާ ކަންކަމާއި ބާލިޣުވުމާއި ގުޅުންހުރި ޙުކުމްތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އަދި ހަމައެފަދައިން މަންމަ އަންހެން ދަރިފުޅާ އެކަހެރިކޮށް ބައްދަލުކޮށް މަޑުމައިތިރިކަމާއެކު އެކުއްޖާއަށް ކޮންމެހެން އެނގެންޖެހޭ ޝަރުޢީ ޙުކުމްތައް ދަސްކޮށްދިނުމާ އަދި އެޢުމުރުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމެވެ.

މަންމައާއި ބައްޕަގެ ވާހަކަ ފެށުމުގައި މިފަދަ ޢިބާރާތަކުން ފެށިދާނެއެވެ.

“މަންމަ/ބައްޕަ ވެސް ދަރިފުޅު މިހާރު ތިހުރި ޢުމުރުގައި ވީއިރު…”

އޭގެ ސަބަބުން އެވާހަކަތައް ޤަބޫލުކުރުމުގައި އެކުދިންނަށް ވަރަށް ބޮޑު އަޘަރެއް ކުރާނެއެވެ. މިފަދައިން ދަރިންގެ މެދުގައި ތެދުވެރިކަމާއެކު ކަންކަން ބަޔާންކޮށްދިނުމުގެ ގޮތުން ބޭއްވޭ ބައްދަލުވުންތައް ނުބޭއްވޭނަމަ ދެން އެކުދިންނަށް ދެވޭނީ ނުރަނގަޅު ބައިވެރިންގެ ގާތަށެވެ. އަދި އޭގެ ސަބަބުން ބޮޑެތި ނުރަނގަޅު ކަންތައްތަކަށް މަގުފަހިވެގެންދާނެއެވެ.

 

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް