[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޤަދަރު މަތިވެރިކުރުން 7

DSC_0014 (5)ޙަދީޘްކުރައްވާފައިވެއެވެ: ((وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلَاةِ)) [رواه النسائي ( 3939 ) من حديث أنس بن مالك – رضي الله عنه – .وصححه الحاكم ( 2 / 174 ) ووافقه الذهبي ، وصححه الحافظ ابن حجر في ” فتح الباري ” ( 3 /15 ) و ( 11 / 345 ).] މާނައީ: “އަދި ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން ނަމާދުގައި ލެއްވިފައިވެއެވެ”.
ނަމާދުގެ މަތިވެރި ޤަދަރުބަޔާންކޮށްދޭ އަނެއްކަމަކީ، ނަމާދަށް ﷲ ތަޢާލާ އީމާންކަމުގެ ނަމުން ނަންދެއްވުމެވެ. މިކަމުން ދަލީލުކޮށްދެނީ އީމާންކަމާއި ނަމާދާއި ދެމެދުގައިވާ ވަކިނުކުރެވޭ ބަދަހިގުޅުމެވެ. ﴿وَمَا كَانَ الهُު لِيُضِيعَ إِيمَانَكُمْ﴾ ]البقرة:143[ މާނައީ: “އަދި ތިޔަބައިމީހުންގެ އީމާންކަން (އެބަހީ ބައިތުލް މަޤްދިސްއަށް ކުރިމަތިލައިގެން ކުޅަ ނަމާދުތައް) ގެއްލެނި ކުރައްވާކަށް މާތް ﷲ ވޮޑިގެންނުވެތެވެ. (އެބަހީ އިރާދަކުރައްވާފައެއް ނެތެވެ)
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިދުނިޔެ ދޫކުރައްވަމުން އެންމެ ފަހުން ކުރެއްވި އެއް ވަޞިއްޔަތަކީވެސް މި ނަމާދަށް ރައްކާތެރިވުމަށްކުރެއްވި ވަޞިއްޔަތެވެ.

ނަމާދުގެ ޤަދަރަކީ ކުޑަކުދިންނަށް އެންމެ ފުރަތަމަ އަމުރުކުރެވޭ އަޅުކަމަކީ ނަމާދެވެ. (( مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ ، وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ)) [رواه أبو داود (418) ـ وصححه الألباني] މާނައީ: “ތިޔަބައިމީހުންގެ ދަރިން އުމުރުން ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން ނަމާދުނުކުރާނަމަ އެކުދިންގެ ގައިގާ ޖަހާށެވެ. އަދި އެކުދިން ނިދާތަންމަތިތައް ވަކިކުރާށެވެ”
އަދި އުޚްރަވީ ޙަޔާތުގައި ސުވަރުގޭގައި މާތް ނަބިއްޔާގެ އަރިހުގައި ވާން އެދޭ އަޅަކަށްވެސް އޮތީ ގިނަގިނައިން ނަމާދުކުރުމެވެ. فَقَالَ: ((سَلْنِي)) فَقُلْتُ: مُرَافَقَتُكَ فِي الْجَنَّةِ فَقَالَ: ((أَوَ غَيْرَ ذَلِكَ؟)) فَقُلْتُ: هُوَ ذَاكَ فَقَالَ: ((أَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ)) [رواه مسلم 489] މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞަޙާބީއަކަށް އެކަލޭގެފާނުގެ އަރިހުން ކަމަކަށް އެދުމުގެ އިޒުނަދެއްވިއެވެ. ޞަޙާބީ ދެންނެވިއެވެ، ތިމަންކަލޭގެފާނުގެ އެދުމަކީ ސުވަރުގޭގައި ކަލޭގެފާނާއިއެކީ ވުމެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެނޫންކަމެއް ނެތް ހެއްޔެވެ؟ ޞަޙާބީ ދެންނެވިއެވެ، ތިމަންކަލޭގެފާނުގެ އެދުމަކީ އެއީއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: ކަލޭގެފާނުގެ ތި އެދުން ފުއްދުމަށް ގިނަގިނައިން ނަމާދުކުރުމުން ތިމަންކަލޭގެފާނަށް އެހީތެރިވާށެވެ.
ނަމާދުގެ މަތިވެރިކަމަކީ ނަމާދަކީ އެއަދާކުރަންޖެހޭ ގޮތުގައި އަދާކޮށްފިނަމަ އެންމެހާއި ފާޙިޝް ޢަމަލުތަކުންނާއި މުންކަރާތްތަކުން އަޅާ ދުރުކޮށްދޭނެކަމެކެވެ. ﴿إِنَّ الصَّلَاةَ تَنْهَى عَنِ الفَحْشَاءِ وَالمُنْكَرِ﴾ [ العنكبوت:45] މާނައީ: “ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ.”

މިނަމާދު އަޅާ ފަރުވާ ކުޑަކޮށްލާ ނުވަތަ ދެއްކުންތެރިކަމުގެ ގޮތުން ނަމާދުކުރާ މީހުންނަށް ވަނީ ޢަޛާބުގެ ވަޢީދުބަސްފުޅުތަކެވެ، އޭގެ ތެރެއިން އެއްބަސްފުޅަކީ: ﴿فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا ﴾[مريم:59] މާނައީ:” ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާ ނަފްސުގެ އެދުންތަކަށް ތަބާ ވޫއެވެ. ފަހެ، ޣައްޔަށް އެބައިމީހުން އެއްލައިލެވޭހުއްޓެވެ”.
ޣައްޔަކީ ނަރަކައިގެ ވާ ރަހަ ނުބައި ފުންވެގެންވާ ކޯރެއް ކަމަށް ބައެއް މުފައްސިރުންގެ އަރިހުން ރިވާވެގެންވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ الَّذِينَ هُمْ يُرَاءُونَ ﴿٦﴾﴾ [الماعون] މާނައީ: “ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.”
އަދި ކާފިރުވި އަޅުތަކުން ނަރަކައަށް އެއްލާލެވުނު ސަބަބާއި ބެހޭގޮތުން ސުވާލުކުރެވޭނެތެވެ. ﴿مَا سَلَكَكُمْ فِي سَقَرَ ﴾[المدّثر:42] މާނައީ: ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ އެބައިމީހުން ބުނާނެތެވެ. ﴿ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ﴾ [المدّثر : 43] “އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ”.
އަދިވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައި ވެއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّـهِ وَمَن يَفْعَلْ ذَٰلِكَ فَأُولَـٰئِكَ هُمُ الْخَاسِرُونَ ﴾[المنافقون:9] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް اللَّه ހަނދުމަކުރުމުން ތިޔަބައިމީހުން މަޝްޣޫލްކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ”.
ޢަޠާ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. اللَّه ހަނދުމަކުރުމުން މަޝްޣޫލް ވުމުގެ މާނައީ ނަމާދު ދޫކޮށްލުމެވެ.
އަދި ﷲ ތަޢާލާ ކާފިރުވި އަޅުތަކުންނާއި ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ: ﴿فَلَا صَدَّقَ وَلَا صَلَّى}﴾ [القيامة:31] މާނައީ: “ފަހެ، އޭނާ (اللَّه ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ”.
ނަމާދު އަޅާލާމީހުންނަށް ހުރި ގަދަފަދަ ވަޢީދުގެ ބަސްފުޅުތައް ﷲ ތަޢާލާވަނީ އެއިލާހުގެ ނަބިއްޔާ ދޫފުޅުން އުންމަތަށް ބަޔާންކޮއްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ: ((إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ)) [رواه مسلم] މާނައީ: “ހަމަކަށަވަރުން މީހަކާއި ޝިރުކާއި އަދި ކުފުރާއި ދެމެދުވަނީ ނަމާދު އެޅުމެވެ”
((الْعَهْدُ بَيْننَا وَبَيْنَهُمْ الصَّلَاة فَمَنْ تَرَكَهَا فَقَدْ كَفَرَ)) [رواه أهل السنن ] މާނައީ “އަހަރެމެންނާއި އެމީހުންނާއި ދެމެދުވާ ޢަހުދަކީ ނަމާދެވެ. ފަހެ އެ ދޫކޮށްފިމީހާ ހަމަކަށަވަރުން ކާފަރުވެއްޖެއެވެ.”
(ނުނިމޭ)