[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު އަޅާ މީހާގެ ޙުކުމް 8

hukum

 

ކޮންމެ ސަބަބަކާއިހުރެނަމަވެސް ކުފުރުގެ މަތީގައި މަރުވާމީހާގެ މައްޗަށް ފާފަފުއްސެވުމަށާއި ރަޙުމަތްލެއްވުމަށްއެދި ދުޢާކުރުމަކީ ދުޢާކުރުމުގައި ހައްދުފަހަނައަޅައިދިޔުމެވެ. އަދި މާތް ﷲ ތަޢާލާއަށް މަލާމާތްކުރުމުގެ ތެރެއިންވާކަމަކެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި މުއުމިނުންގެ މަގުން އެއްކިބާވުމެވެ.

ކާފަރުކަންމަތީ، ﷲ ތަޢާލާގެ އަދުއްވެއްގެ ގޮތުގައި މަރުވާމީހާގެ މައްޗަށް ފާފަފުއްސެވުމާއި ރަޙުމަތަށް އެދި އެކަލާނގެއަށާއި ޤިޔާމަތްދުވަހަށް އީމާންވާ މީހާ ދުޢާކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢަލާ ވަޙީކުރައްވާފައިވަނީ:

﴿ مَنْ كَانَ عَدُوًّا لِلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِلْكَافِرِينَ﴾ [البقرة: 98 ]

މާނައީ: “ﷲ އާއި އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ރަސޫލުންނާއި، ޖިބްރީލްގެފާނާއި، މީކާއީލްގެފާނަށް ޢަދާވާތްތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، ކާފަރުންނަށް ޢަދާވާތްތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ފަހެ މިއާޔަތުގައި ﷲ ތަޢާލާ ހުރިހާ ކާފަރުންނާއި އަދާވާތްތެރިވެވޮޑިގެންވާކަން ވަނީ ބަޔާންކޮއްދެއްވާފައެވެ.

އަދި މުއުމިނުންނަށް ވާޖިބުވެގެންވަނީ ކާފަރުންގެ ކިބައިން ބަރީއަވުމެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިންނެވެ.

﴿وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ (26) إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ (27) ﴾ [الزخرف: 26-27 ]

މާނައީ: “އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެ ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. އިސްވެދިޔަ މިޘާލަކާއި އަކާނުލައި ތިމަން ހެއްދެވި ރަސްކަލާނގެ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ.”

އަދި ﷲ ތަޢާލާގެ މިވަޙީ ބަސްފުޅުގައިވާފަދައިންނެވެ.

﴿ قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآَءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ ﴾ [الممتحنة: 4 ]

މާނައީ: “އިބްރާހީމްގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ ޤައުމަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން އިންކާރު ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާނދެނެވެ.”

އަދި އެކަމުގައި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށްވެސް ތަބާވުމަށްޓަކައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވަނީ:

﴿ وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِنَ الْمُشْرِكِينَ وَرَسُولُهُ﴾ [التوبة: 3 ]

މާނައީ: “އަދި މިއީ ބޮޑުވެގެންވާ ޙައްޖުގެ ދުވަހު، اللَّه އާއި، އެކަލާނގެ ރަސޫލާގެ ކިބައިން، މީސްތަކުންނަށް އޮތް އެންގެވުމެކެވެ. (މިއަދަށްފަހު) ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ރަސޫލާއާ ވަނީ، މުޝްރިކުންގެ ކިބައިން ބަރީއަވެގެންނެވެ.

އީމާންކަމުގެ އެންމެ ވަރުގަދަ އެއް އުޅައްގަނޑަކީ ﷲ އަށްޓަކައި ލޯބިވުމެވެ. އަދި އެކަލާނގެއަށްޓަކައި ރުޅިއައުމެވެ. އަދި އެކަލާނގެއަށްޓަކައި އެކުވެރިވުމެވެ. އަދި އެކަލާނގެއަށްޓަކައި އަދާވާތްތެރިވުމެވެ. އެއީ ތިބާގެ ލޯތްބާއި ނުރުހުމާއި އެކުވެރިކަމާއި ޢަދާވާތްތެރިކަމުގައިވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް ތަބާވާ މީހަކަށްވުމަށްޓަކައެވެ.

6. މުސްލިމް އަންހެނާއާއި ކައިވެނި ޙަރާމްވުން: އެހެނީ ހަމަކަށަވަރުން އޭނާއަކީ ކާފަރެކެވެ. އަދި ނައްޞުންނާއި އިޖުމާޢުން ޘާބިތުވާފަދައިން ކާފަރަކަށް މުސްލިމު އަންހެނެއް ހުއްދަވެގެން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ يَا أَيُّهَا الَّذِينَ آَمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ اللَّهُ أَعْلَمُ بِإِيمَانِهِنَّ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ لَا هُنَّ حِلٌّ لَهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ﴾[الممتحنة: 10 ]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް މުއުމިނު އަންހެނުން ހިޖުރަކޮށްފައި އަންނަހިނދު، ފަހެ، ތިޔަބައިމީހުން އެކަނބަލުން އިމްތިޙާނުކުރާށެވެ! އެކަނބަލުންގެ އީމާންކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ، (ޙަޤީޤަތުގައި) މުއުމިނުންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ، ކާފަރުންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް ޙަލާލު ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް ޙަލާލު ވެގެނެއް ނުމެވޭމެއެވެ.”

މުޣުނީގައި ވިދާޅުވެފައިވެއެވެ. “އަހުލު ކިތާބީންފިޔަވައި ހުރިހާކާފަރުން ކަތިލާތަކެއްޗާއި އަދި އެމީހުންގެ ތެރެއިންވާ އަންހެނުން ޙަރާމްވާނޭ ކަމާއިމެދު ޢިލްމުވެރީގެ ތެރޭގައި ޚިލާފެއް ނުވެއެވެ.” އަދި ވިދާޅުވެފައިވެއެވެ. މުރުތައްދުވެފައިވާ އަންހެނަކު ކޮންމެ ދީނެއްގެ މަތީގައިވިޔަސް އޭނާއާއި ކައިވެނިކުރުން ޙަރާމްވެގެންވެއެވެ. ސަބަބަކީ އޭނާ އެހެން ދީނަކަށް ރުހި އިޤްރާރުވުމަކުން އެދީނުގެ އަހުލުވެރިއެއްކަމުގެ ޙުކުމް އޭނާގެ މައްޗަށް ސާބިތުނުވާތީއެވެ. ފަހެ މިފަދަ އަންހެނަކު ހަލާލު ނުވުން މާ އައުލާކަންބޮޑެވެ.

އަދި ބާބުލް މުރުތައްދުގައި ވިދާޅުވެފައިވެއެވެ. “އޭނާ ކައިވެނި ކުރިކަމުގައިވީނަމަވެސް އޭނާގެ ކައިވެނި ޞައްޙަނުވާ ހުއްޓެވެ. އެހެނީއޭނާގެ ކައިވެންޏަށް ވަލީވެރިޔާ ނުރުހޭނެތީއެވެ. ކައިވެންޏަށް އިޤްރާރުވުން މަނާކުރާކަމެއް ކައިވެނި އަޤުދުކުރުން މަނާކުރާނެއެވެ. ކާފަރަކާއި މުސްލިމު އަންހެނެއްގެ ކައިވެނިފަދައިންނެވެ.

ފަހެ ތިބާއަށް އެނގިގެން ދިޔަފަދައިން މުރުތައްދުވާ އަންހެނާއާއި ކައިވެނިކުރުމަކީ ޙަރާމްކަމެކެވެ. އަދި މުރުތައްދު ފިރިހެނެއްގެ ކައިވެނި ޞައްޙަވެގެންނުވެއެވެ. އެހެންކަމަށްވާނަމަ ކައިވެނީގެފަހުން މުރުތައްދުވެއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ؟

މުޣުނީގައި ވިދާޅުވެފައިވެއެވެ. “ރޭކުރުމުގެ ކުރިން ދެމަފިރިންކުރެ މީހަކު މުރުތައްދުވެއްޖެނަމަ އެކައިވެނި ރޫޅޭނެއެވެ. އަދި އެކަކު އަނެކެއްގެ މައްޗަށް ވާރުތަނުކުރާނެއެވެ. އެހެނަސް މުރުތައްދުވީ ރޭކުރުމަށްފަހުގައިކަމަށްވާނަމަ އެކަމުގައި ދެރިވާޔަތެއްވެއެވެ. އެއްގޮތަކީ ވަގުތުން ކައިވެނި ރޫޅުމެވެ. ދެވަނަގޮތަކީ އިއްދަހަމަވަންދެން މަޑުކުރުމެވެ.”

އަދި މުޣުނީގައި އައިސްފައިވެއެވެ. ރޭކުރުމުގެ ކުރިން މުރުތައްދުވެއްޖެނަމަ ކައިވެނި ފަސާދަވާނެކަމަށްވާ ބަހަކީ ހުރިހާ ޢިލްމުވެރިންގެވެސް ބަހެވެ. އަދި އެކަމަށް ދަލީލުވެސް ގެންނަވާފައިވެއެވެ. އަދިވެސް މުޣުނީގައި އައިސްފައިވެއެވެ. ރޭކުރުމަށްފަހު މުރުތައްދުވެއްޖެނަމަ ވަގުތުން ކައިވެނި ފަސާދަވާނޭކަމަށް އައިސްފައިވާ ބަހަކީ މާލިކާއި އަބޫ ޙަނީފާގެ ބަހެވެ. އަދި އިއްދަ ހަމަވަންދެން މަޑުކުރުމަށް އޮންނަ ބަހަކީ ޝާފިޢީގެފާނުގެ ބަހެވެ.

މިކަމުން ދޭހަކޮށްދެނީ ހަތަރު މަޒުހަބުގެ އިމާމުންވެސް ދެކޭގޮތުގައި ދެމަފިރީންކުރެ އެކަކު މުރުތައްދުވިނަމަވެސް ކައިވެނި ރޫޅުމެވެ. އެހެނަސް މުރުތައްދުވީ ރޭކުރުމުގެ ކުރިންނަމަ ވަގުތުން ރޫޅޭނެއެވެ. އަދި މުރުތައްދުވީ ރޭކުރުމަށްފަހުނަމަ މާލިކުގެފާނާއި އަބޫޙަނީފާގެ މަޒުހަބުގައި ވަގުތުން ކައިވެނި ރޫޅޭނެއެވެ. އަދި ޝާފިޢީގެފާނުގެ މަޒުހަބުގައި ޢިއްދަ ހަމަވަންދެން މަޑުކުރާނީއެވެ. އަދި އަޙުމަދުގެފާނުގެކިބައިން މިދެމަޒުހަބުފަދައިން ދެރިވާޔައް އައިސްފައިވެއެވެ.

އަދި މުޣުނީގެ 640 ވަނަ ޞަފުޙާގައިވެއެވެ. ދެމަފިރިން އެކުގައި މުރުތައްދުވެއްޖެނަމަ، އެދެމީހުންގެ ޙުކުމަކީވެސް އެކަކު މުރުތައްދުވީނަމަ އަންނަ ޙުކުމެވެ. ރޭކުރުމުގެ ކުރިން މުރުތައްދުވެއްޖެނަމަ ވަގުތުތުން ވަކިވާނެއެވެ. އަދި ރޭކުރުމުގެ ފަހުންނަމަ ވަގުތުން ވަރިވާނީތޯ ނުވަތަ ޢިއްދަ ހަމަވަންދެން މަޑުކުރާނީތޯ މިމައްސަލައިގައި ދެ ރިވާޔަތެއްވެއެވެ. މިއީ (ޢިއްދަ ހަމަވަންދެން މަޑުކުރުން) ޝާފިޢީގެފާނުގެ މަޒްހަބުގައިވާގޮތެވެ.” އެޔަށްފަހު އިބުނު ޤުދާމާ އަބޫ ޙަނީފާގެ ކިބައިން އެދެމީހުންގެ ކައިވެނި އިސްތިޙްސާންގެ ދަށުން ފަސްޚުނުވާނެކަމަށް ނަޤުލުކުރައްވާފައިވެއެވެ. އެހެނީ އެދެމީހުންގެ ދީން ތަފާތުނުވާތީއެވެ. އެހެންކަމުން އެދެމީހުން އެއްފަހަރާ އިސްލާމްވުމާއި އެއްފަދަވެއެވެ. ނަމަވެސް އިބްނު ޤުދާމާވަނީ މިޤިޔާސަކީ ޞައްޙަނޫން ޤިޔާސަކަށްވާތީ ދޫކޮއްލާފައިވެއެވެ.

މުރުތައްދުވާމީހާއަށް މުސްލިމުންގެތެރެއިން ކައިވެނިކުރުން ހުއްދަވެގެން ނުވާކަން އެނގުމުން، އެއީ ފިރިހެނެއްކަމުގައިވިޔަސް އަދި އަންހެނެއްކަމުގައިވިޔަސް، އަދި މިކަމަކީ ﷲގެ ފޮތާއި ރަސޫލާގެ ސުންނަތުން ދަލީލުކޮއްދޭކަމަކަށްވުމުން، އަދި ﷲގެ ފޮތާއި ރަސޫލާގެ ސުންނަތުން އަދި ހުރިހާ ޞަޙާބީންގެ ޤައުލުން ދަލީލުކޮއްދޭފަދައިން ނަމާދު ނުކުރާމީހާއަކީ ކާފަރެއްކަމަށްވުމުން، އެނގިގެންދަނީ ނަމާދު ނުކުރާ މީހަކު މުސްލިމް އަންހެނަކާއި ކައިވެނިކޮއްފިނަމަ އެކައިވެންޏަކީ ޞައްޙަ ކައިވެންޏެއް ނޫންކަމެވެ. އަދި މި އަޤުދުގެ ސަބަބުން އޭނާއަށް މުސްލިމް އަންހެނާ ހުއްދަ ނުވާނޭކަމެވެ. އަދި އޭނާ ﷲ އަށް ތައުބާވެ އިސްލާމްދީނަށް ރުޖޫޢަވެއްޖެނަމަ އެއަޤުދު އަލުން އާކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. ނަމާދު ނުކުރާމީހާއަކީ އަންހެންމީހާ ކަމުގައިވިޔަސް ޙުކުމްވަނީ ހަމަ މިފަދައިންނެވެ.

އެހެނަސް މިޔާ ޚިލާފަށް ކާފިރުކަމުގައިވަނިކޮށް ކައިވެނިކޮށް މިސާލަކަށް ކާފަރަކު މުސްލިމުނޫން އަންހެނަކާއި ކައިވެނިކޮށް އެޔަށްފަހު އަންހެންމީހާ އިސްލާމްވެއްޖެނަމަ، އޭނާ އިސްލާމްވީ ރޭކުރުމުގެ ކުރިންކަމުގައިވާނަމަ އެކައިވެނި ފަސްޚުވާނެއެވެ. އަދި އެއަންހެނާ އިސްލާމްވީ ރޭކުރުމުގެ ފަހުންކަމުގައިވާނަމަ އެކައިވެނި ފަސްޚެއްނުވާނެއެވެ. އެހެނަސް ޢިއްދަ ހަމަވަންދެން މަޑުކުރާނީއެވެ، ޢިއްދަ ހަމަވުމުގެކުރިން ފިރިމީހާ އިސްލާމްވެއްޖެނަމަ އެއަންހެނާއަކީ އޭނާގެ އަންބެކެވެ. އެހެނަސް އޭނާ އިސްލާމްވުމުގެ ކުރިން ޢިއްދަ ހަމަވެއްޖެނަމަ އެއަންހެންމީހާގެފަރާތަކުން އޭނާއަށް ޙައްޤެއްނުވެއެވެ. އެހެނީ އަންހެންމީހާ އިސްލާމްވި ހިސާބުން އެދެމީހުންގެ ކައިވެނިވަނީ ބަޔާންވިފަދައިން ރޫޅިފައެވެ.

ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ޒަމާނުގައި ކާފަރުން އެބައިމީހުންގެ އަނބީންނާއިއެކު ވަނީ އިސްލާމްވެފައެވެ. އަދި އެބައިމީހުންގެ ކައިވެންޏާއިމެދު އެކަލޭގެފާނުވަނީ އިޤްރާރުވެވަޑައިގެންފައެވެ. ކައިވެނި ޙަރާމްވާފަދަ ސަބަބެއް ނެތިއްޖެކަމުގައިވާނަމައެވެ. މިސާލަކަށް ކައިވެނިކޮއްގެންއުޅޭ ދެމަޖޫސީން އެދެމީހުންގެ ދެމެދުގައި ރަޙިމުގެގޮތުން ކައިވެނި ޙަރާމްވާފަދަ ސަބަބެއް އޮތުމެވެ. ފަހެ އެދެމީހުން އިސްލާމްވެއްޖެނަމަ ކައިވެނި ޙަރާމްވާ ސަބަބެއް އޮތީތީ އެދެމީހުން ވަކިކުރުވައެވެ.

މިމައްސަލައަކީ މުސްލިމަކު ނަމާދު ދޫކުރުމުގެ ސަބަބުން ކާފިރުވުމަށްފަހު ދެން މުސްލިމު އަންހެނަކާއި ކައިވެނިކުރުންފަދަ މައްސަލައެއް ނޫނެވެ. އެހެނީ މުސްލިމު އަންހެނާ އިސްވެ ބަޔާންވެދިޔަ ފަދައިން ނައްޞާއި އިޖުމާޢުން ކާފަރަކަށް ޙަލާލުވެގެންނުވެއެވެ. އެއީ ފިރިހެނާއަކީ މުރުތައްދުވުމަކާއިނުލާ އޭނާގެ އަސްލުގައި ކާފިރެއްކަމުގައިވީނަމަވެސްއެވެ. އެހެންކަމުން ކާފަރަކު މުސްލިމު އަންހެނަކާއި ކައިވެނިކޮއްފިނަމަ އެކައިވެންޏަކީ ބާތިލު ކައިވެންޏެކެވެ. އަދި އެދެމީހުން ދުރުކުރުން ވާޖިބުވާނެއެވެ. އަދި އެނާ އިސްލާމްވެ އެންހެނާގެ ކައިރިޔަށް އައުމަށް އެދުންކަމުގައިވީނަމަވެސް އާ އަޤދަކާއިއެކުމެނުވީ އޭނާއަށް އެހުއްދަ ނުވެއެވެ.

7. މުސްލިމު އަންހެނަކާއިކައިވެނި ކޮއްގެން ނަމާދު އަޅާމީހާއަށްލިބޭ ދަރިންގެ ޙުކުމް

އެކުދީންގެ މަންމައަށްބަލައިފިނަމަ ކޮންމެ ހާލެއްގައިވެސް އެކުދީންނަކީ އެމަންމަގެ ދަރީންނެވެ.

އަދި ފިރިހެންމީހާއަށްބަލައިފިނަމަ ނަމާދު އެޅުމުން ކާފަރު ނުވާނޭކަމަށް ދެކޭ މީހުންގެ ގާތުގައި ކޮންމެ ހާލެއްގައިވެސް އެއީ އޭނާގެދަރީންނެވެ. އެހެނީ އޭނާގެ ކައިވެނި ޞައްޙަވީމައެވެ. އަދި ނަމާދު އަޅާމީހާ ކާފަރުވާނޭކަމަށްދެކޭ މީހުންގާތު (އިސްވެ ބަޔާންކުރެވުނު ފަދައިން މިއީ ރަނގަޅުގޮތެވެ) މިކަމުގައި ތަފްސީލުވެއެވެ.

– ފިރިހެންމީހާއަށް އެކައިވެނި ބާތިލްވާނޭކަން ނޭނގޭނަމަ، ނުވަތަ ކައިވެނި ބާތިލުވާނޭކަން ޤަބޫލު ނުކުރާނަމަ، އެދަރީންނަކީ އޭނާގެދަރީންނެވެ. އެހެނީ މިހާލަތުގައި އޭނާގެ އިއުތިޤާދުގައި އަނބިމީހާއާއިއެކު އެއްދާންކުރުމަކީ ހުއްދަކަމަކެވެ. ވީމާ މި ވާނީ ޝުބުހަ އެއްދާންކުރުމަކަށެވެ. އަދި ޝުބުހަ އެއްދާންކުރުމުން ލިބޭދަރީންގެ ނަސަބު ބައްޕައަށް ނިސްބަތްކުރެވޭނެއެވެ.

– ފިރިމީހާއަށް އޭނާގެ ކައިވެނި ބާތިލުކަން އެނގޭނަމަ އަދި އެކަން ޤަބޫލުކުރާނަމަ، އޭނާގެ ދަރީން އޭނާއަށް ނިސްބަތް ނުކުރެވޭނެއެވެ. އެހެނީ އެކުދީން އުފަންވީ އޭނާއަށް ހަލާލުވެގެން ނުވާ އަންހެނަކަށްވީތީ އެއްދާންކުރުން ޙަރާމްކަމުގައިދެކޭ މީހެއްގެ ފަރާތުންކަމުގައިވާތީއެވެ.

އިތުރު ބައިތައް…