ﷲ ތަޢާލާ އިންސާނުން ޚަލްޤުކުރެއްވުމުގެ މަޤްޞަދަކީ އެއިލާހަށް އަޅުކަންކުރުމެވެ. އިންސާނުން ފިޔަވައި އެހެނިހެން މަޚްލޫގާތުތައް އެއިލާހު ހައްދަވާފައިވަނީ އެއިންސާނާގެ ރާޙަތަށްޓަކައެވެ. އަދި އިންސާނާއާ އޭނާގެ ވެރި ރައްބަށް ދަންނަވައި ގުޅުވައިދޭ ވަޞީލަތަކީ ނަމާދުކަމުގައި ލައްވާފައިވެއެވެ. ކޮންމެ ނަމާދެއްގެ ދެމެދު އަޅާއަށް ޝައިޠާނާގެ ފަރާތުން ކުރިމަތިވާ ހެއްލުންތެރިކަމުގެ ވަސްވާސްތަކުގެ ސަބަބުން ޣާފިލުވެ އަރައިގަނެވޭ ފާފަތަށް ގިނަގުނައެވެ. އޭގެ ސަބަބުން އަޅާއާ ރައްބާ ދުރުވެގެންދެއެވެ. އަދި އިލާހީ މަދަދު މެދުކެނޑިގެންދެއެވެ. އަދި ﷲ އަށް އަދާކުރަންޖެހޭ އަޅުވަންތަކަމާއި ބީރަށްޓެހިވެގެންދެއެވެ. އަދި ޝައިޠާނާއާއި އޭނާގެ ބައިގަނޑުގެ މަޅިތަކުގައި ޖެހި ކަސްތޮޅުއެޅި ހަވާނަފުސުގެ ޖަލެއްގައިވާ އަސީރަކަށްވެގެންވެސް ހިނގައިދާނެއެވެ. ދެން ފަހެ އެމީހެއްގެ ނަސީބަކީ ހިތްދަތިކަމާއި މާޔޫސްކަމާއި ކަންބޮޑުވުމާއި ހާސްކަމާއި ހިތާމަތައްކަމުގައި ވެގެން ހިނގައިދެއެވެ. ނަމަވެސް ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތާއި އޯގާވަންތަކަމުން ވަނީ މިމުޞީބާތްތަކުން މިންޖުވުމަށްޓަކައި ހިތާއި ގުނަވަންތަ ޝާމިލުވާ އެންމެ ފުރިހަމަ އަޅުކަންކަމުގައިވާ ނަމާދު ފަރުޟްކުރައްވާފައެވެ.
ފަހެ ވުޟޫގައި އެތެރެއާއި ބޭރުފުށުގެ ޠަހާރަތުވެއެވެ. ނަމާދަށް ވުޟޫކުރުމުން ނަޖިހުން ގުނަވަންތަކުގެ ބޭރު ސާފުވެގެންދާފަދައިން، ވުޟޫކޮށް ތައުބާވުމުން ހަށިގަނޑުގެ އެތެރޭގައިވާ ހިތްވެސް ފާފައިގެ ދަމިލައިން ސާފުވެގެންދެއެވެ. މިސަބަބަށްޓަކައި ﷲ ތަޢާލާ ތައުބާވުމާއި ޠަހާރަތާއިހުރި ގުޅުން އަންނަނިވި އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ﴾[البقرة 222] މާނައީ:” ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ”.
އަދި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާވެގެންވާ ވުޟޫދުޢާއިންވެސް މިކަން ބަޔާންވެގެންދެއެވެ. އެދުޢާގައިވަނީ:((اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ)) [رواه الترمذي, باب ما يقال بعد الوضوء, رقم:55] މާނައީ:” ޔާ ﷲ، މިއަޅާ ތައުބާވާމީހުންގެ ތެރޭގައިލައްވާފާދޭވެ އަދި ޠާހިރުވާ މީހުންގެތެރިން ލައްވާފާދޭވެ”. އަޅާ ﷲ ތަޢާލާ އެއްކައުވަންތަކޮށް ޝިރުކުން ބަރީއަވުމުން ޝިރުކުގެ ނުބައިކަމުން ޠާހިރުވެގެންދެއެވެ. އަދި ތައުބާވުމުން ހިތުގައިވާ ދަމިލަ ދޮވެވި ހިތްވެސް ޠާހިރުވެގެންދެއެވެ. އަދި ވުޟޫކުރުމުން ބޭރުފުށުގެ ގުނަވަންތައް ސާފުވެގެންދެއެވެ. މިއީ ޠަހާރަތުގެ އެންމެ މަތީ ދަރަޖައެވެ. މިޙާލަތުގައި ﷲ ގެ ދަރުބާރުގައި ހުއްޓިހުރެ، ނަމާދަށް ނިޔަތްގަނެ، އެއިލާހުގެ މަތިވެރިވަންތަކަމާއި ޖަލާލަތްތެރިކަން ހިތްމައްޗަށްގެނެސް ތަކްބީރުކިޔާނީއެވެ. ތަކުބީރުގެ މާނައީ އެންމެ ބޮޑީ ﷲ އެވެ. ދުލުން ތަކުބީރު ކިޔާހިނދު ތަކުބީރުގެ މާނައިގަވާ ފަދައިން ﷲ ތަޢާލާއީ އެންމެ ބޮޑު ފަރާތްކަން ހިތްމައްޗަށްގެނެސްގަންނަން ޖެހެއެވެ. އެއިލާހުކަން އެންމެ ބޮޑީ އެހެންކަމުން އެއިލާހުގެ ޒިކުރުން އެއްކިބާވާނެ ހުރިހާކަމަކުން ހިތް ޚަލާޞްކުރަންޖެއެވެ. ދުނިޔެއައިގެން ހިތް މަޝްޣޫލުވެއްޖެނަމަ އޭގެ މާނައީ އަޅާގެ ހިތުގައި ﷲއަށް ވުރެ ދުނިޔޭގެ ކަންކަމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވާކަމެވެ. އެހެންކަމުން ދުލުން ކީ ތަކުބީރާއި ހިތާއި އެވަނީ ތަޢާރުޟުވެފައެވެ. ދުލުގެ ބަހަށް ހިތް އެވަނީ ނުކިޔަމަންތެރިވެފައެވެ.
ދެންފަހެ ތަކްބީރަތުލް އިޙްރާމް ކިޔުމަށްފަހު ދުޢާއުލް އިސްތިފްތާޙު ކިޔާނީއެވެ. ދުޢާއުލް އިސްތިފްތާޙުގެ އެކި އެކި ޞީޣާތައް ވާރިދުވެގެންއައިސްފައިވެއެވެ، ނަމަވެސް މިތާގައި ބަޔާންކޮށްލާނީ އޭގެތެރެއިން އެއް ޞީޣާއެވެ. އެއީ: ((سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرُكَ)) [رواه أبوداود, كتاب الصلاة, باب من رأى الاستفتاح بسبحانك اللهم وبحمدك, رقم:775] މާނައީ: “އިބަﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲއަށް އެންމެހާ ޙަމްދު ތަޢްރީފެއް ލިބިވޮޑިގެންވެއެވެ. އިބަރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތްތެރިކަމާއެވެ! އަދި އިބަﷲގެ މާތްކަމުގެ އަރަހުށިކަމާއެވެ! އަދި އިބަﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.”
މިފަދައިން ﷲ ތަޢާލާއަށް ޙަމްދާއި، ޘަނާކިޔަމުން ނަމާދު ފަށައިގަންނާނީއެވެ. ޙާޖަތަކަށް އެދުމުގެ ކުރިން ﷲ ތަޢާލާއަށް ޙައްޤުވެގެންވާ ޘަނާކިޔުމީ އަޅިކަމުގެ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. އަދި އެއީ އެއިލާހުގެ ރުހިވޮޑިގެންނެވުން ލިއްބައިދޭކަމެކެވެ.
ދުޢާއުލް އިސްތިފްތާޙް ކިޔުމަށްފަހު ޤުރުއާން ކިޔެވުމަށްޓަކައި ޝައިތާނާގެ ކިބައިން ރައްކާތެރިކަމަށް އެދޭނީއެވެ (އެބަހީ: އަޢޫޛު ކިޔާނީއެވެ). އެހެނީ މިފަދަ ޝަރަފުވެރި، ދުނިޔެއާއި އާޚިރަތަށް މަންފާހުރި މަޤާމެއްގައި އަޅާ ވަނިކޮށް، ނިކަމެތިކޮށްލައި މަޙްރޫމްކޮށްލަން ޝައިތާނާ ފައިވިއްދާފައިވާނެތީއެވެ. ނަމާދުގެ އޭގެ ރޫޙޫގައި އަދާކޮށްނިންމާލުމުން މަޙްރޫމްކުރުމަށްޓަކައި ޝައިތާނާއާއި އޭނަގެ ބައިގަނޑު ހުށިޔާރުވެގެންތިބޭނެއެވެ. ޝައިތާނާގެ ކިބައިން ރައްކާތެރިކަމަށް އެދެންޖެހެނީ މިސަބަބަށްޓަކައެވެ. ހިތާއި ގުނަންތައް ޙާޟިރުކޮށް ދުލުން ކިޔާ އެއްޗަކަށް ވިސްނާމުންދާ ޙާލު އަޅާގެ ފަލާޙާއި ކާމިޔާބާއި ނިޢްމަތްތަކުގެ ވެރި އިލާހަށް ފުރިހަމައަށް އިޖާބަދެވޭތޯއެވެ. އެހެންކަމުން އަޅާގެ މި ޤަސްދުން އެއްކިބާކޮށްލުމަށް ޝައިތާނާއަށް ލިބިފައިހުރި ހުރިހާ ތާގަތެއް އޭނާ ބޭނުންކުރާނެއެވެ. (ނުނިމޭ)