الطَّاغُوْتُ:
الطَّاغُوْتُ އަކީ ވަރަށް ޢާންމު މާނައެއް އެކުލެވިގެންވާ ލަފްޒެކެވެ.
ފަހެ އަޅުކަންވެވޭ ފަރާތްތަކުގެ ތެރެއިން ނުވަތަ ތަބާވެވޭ ފަރާތްތަކުގެ ތެރެއިން ނުވަތަ ކިޔަމަންގަނެވޭ ފަރާތްތަކުގެ ތެރެއިން ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންވުމުން އެއްކިބާކުރުވުމާއެކު، އެފަރާތެއް ރުހިގެންވާ ޙާލު އަޅުކަންވެވޭ ކޮންމެ ފަރާތަކީ ޠާޣޫތެކެވެ.
ޠާޣޫތުންގެ ވައްތަރުތައް ވަރަށް ގިނައެވެ.
ފުރަތަމައީ: ޝައިޠާނާއެވެ. އޭނާއަކީ ﷲ ނޫން ފަރާތްތަކަށް އަޅުކަންކުރުމަށް ދަޢުވަތުދޭ މީހާއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٦٠﴾ وَأَنِ اعْبُدُونِي ۚهَـٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾ [سورة يس ]
މާނައީ: “އޭ އާދަމުގެދަރިންނޭވެ. ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަންއިލާހު ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ. ހަމަކަށަވަރުން އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ ޢަދާވާތްތެރިޔެކެވެ. [60] އަދި ތިޔަބައިމީހުން ތިމަންއިލާހަށް އަޅުކަންކުރާށެވެ. މިއީ ސީދާވެގެންވާ ތެދުމަގެވެ. [61]”
ދަރުސްގެ އިރުޝާދުތައް
* الطُّغْيَانُ ގެ މާނައަކީ: ޙައްދުފަހަނައަޅައިދިޔުމެވެ.
الطَّاغُوْتُ އަކީ: ޙައްދުފަހަނައަޅާގޮސް، ހަމަކަށަވަރުން އޭނާއަކީ މީސްތަކުންގެ އިލާހެއްކަމުގައި ބުނާމީހާއެވެ. ނުވަތަ ހަމަކަށަވަރުން އޭނާއަށް ޣައިބުގެ ޢިލްމު އެނގޭކަމަށް ބުނާ މީހާއެވެ. ނުވަތަ ކައުނު ހިންގުމުގައި އޭނާއަށް ބާރުތަކެއް ލިބިގެންވާކަމަށް ބުނާ މީހާއެވެ. ނުވަތަ ﷲ ގެ ޝަރީޢަތްނޫން އެހެން ޝަރީޢަތަކަށް ތަބާވުމަށް މީސްތަކުންނަށް ދަޢުވަތުދޭ މީހާއެވެ.
* އޭނާއަށް ބަޔަކު އަޅުކަންކުރާ ޙާލު، އެބައިމީހުން އެކުރާ އަޅުކަމާމެދު ނުރުހިގެން ހުންނަ މީހާއަށް ޠާޣޫތެކޭ ނުކިޔާނެއެވެ. މިޘާލަކަށް: މަލާއިކަތް ބޭކަލުންނާއި މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާ – عليه السلام – އެވެ.
* ޠާޣޫތުންގެ އެންމެ އިސް މީހަކީ ޝައިޠާނާއެވެ. އެހެނީ އޭނާއަކީ ﷲއަށް އަޅުކަންކުރުމުން މީސްތަކުން އެއްކިބާކުރުވާ، އަދި ޝިރުކުކުރުމާއި ކުފުރު މީސްތަކުންނަށް ޒީނަތްތެރިކޮށްދޭ މީހާއެވެ.
* ޝައިޠާނާއަކީ އާދަމުގެ ދަރިންނާމެދު ނުހަނު ޢަދާވާތްތެރި މީހެކެވެ. އެހެނީ އޭނާވަނީ އެބައިމީހުންގެ ބަފާކަލުން (އާދަމު
– عليه السلام -) ސުވަރުގެއިން ނެރެފައެވެ. އަދި އޭނާ ގޮވާލަނީ އޭނާގެ ޖަމާޢަތުގެ މީހުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިންވުމަށެވެ.
* އަކީ: الصِّرَاطُ المُسْتَقِيْمُ ހަމައެކަނި ﷲ އަށް އަޅުކަންކޮށް، ޝައިޠާނާއަށް އަޅުކަންކުރުމުން ދުރުހެލިވުމެވެ.
ސުވާލުތައް
1 الطَّاغُوْتُ އަކީ ކޮބާ؟
2 އެންމެ ބޮޑު ޠާޣޫތަކަށް އިބިލީސްވީ ކީއްވެ ހެއްޔެވެ؟
3 الصِّرَاطُ المُسْتَقِيْمُ އަކީ ކޮބާ؟
4 އަންނަނިވި އާޔަތުގައި، ﷲ ތަޢާލާ އަހަރެމެންނަށް ނަހީކުރައްވާފައިވަނީ ކޮން ކަމެއް ހެއްޔެވެ؟ އަދި އަމުރުކުރައްވާފައިވަނީ ކޮންކަމަކަށް ހެއްޔެވެ؟
أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿٦٠﴾ وَأَنِ اعْبُدُونِي ۚهَـٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾ [سورة يس ]