[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބިލީސް އެންމެ ފުރަތަމަ ދިން ލަނޑު

lines
الحمد لله  رب العالمين. الصلاة و السلام على نبينا محمد و آله و صحبه أجمعين. وبعد.

އިބިލީސް އެންމެ ފުރަތަމަ އިންސާނިއްޔަތަށް ދިން ނުބައިވެގެންވާ ލަނޑަކީ އަހަރެމެންގެ ބަފައިކަލުންނާއި އަދި މައިކަނބަލުން ސުވަރުގެ ވެންނެވުމުން ފާފަތައް ޒީނަތްތެރިކޮށްދީ އެދެކަނބަލުން ހައްލުވައިލުމެވެ. އަދި އެފާފައަށް އަރައިގަތުމަށް ހިތްވަރުދީ އެފާފައަށް އަރައިގަތަދިނުމެވެ. އަދި އެދެކަނބަލުންގެ ފޮރުވިފައިިވާ ޢައުރަ ކަޝްފުކުރުމެވެ. އަދި އެޔަށްފަހު މަތިވެރިވެގެންވާ ސުވަރުގެއިން ބޭރުކޮށްލުމެވެ.

މިކަން ބަޔާންކުރައްވާ ﷲ ޢައްޒަ ވަޖައްލަ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވައެވެ.

يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ (27) [سورة الأعراف]

މާނައީ ތަރުޖަމާއީ: އޭ އާދަމުގެ ދަރީންނެވެ. ޝައިތާނާ ތިޔަބައިމީހުން މަގުފުރެއްދިޔަ ނުދޭށެވެ. އެއީ ތިޔަބައިމީހުންގެ   ބަފައިކަލުންނާއި މައިކަނބަލުން (އާދަމު އަދި ޙައްވާ އަލައިހިމިއްސަލާމް) ސުވަރުގެއިން ނެރެލި ފަދައިންނެވެ. އެދެކަނބަލުންގެ ފޭރާންކޮޅު،  އެދެބައިމީހުންގެ ޢައުރަ އެކަކު އަނެކަކަށް  ދެއްކުމަށްޓަކައި ބޭލުއްވިއެވެ. އަދި އޭނާއަށް(އިބިލީހަށް) ތިޔަބައިމީހުން(އާދަމުގެ ދަރީން) ފެނެއެވެ. ހަމަކަށަވަރުން އޭނާއާއި (އިބީލީހާއި)  އޭނާގެ އެކުވެރިން(އިބިލީހުގެ ލަޝްކަރަށް، ޖިންނި ޝައިތާނުން)، ތިޔަބައިމީހުންނަށް އެމީހުން ނުފެނުނު ކަމުގައިވިޔަސްމެއެވެ.  ޙަމަކަށަވަރުން ތިމަންއިލާހު ޝައިތާނުންނަކީ (ﷲއަށް ) އީމާންނުވާ މީސްތަކުންގެ (އެބަހީ: އެބައިމީހުންގެ އެއްބަޔަކު އަނެއްބަޔެއްގެ ) މައްޗަށްވާ އެހީތެރިންތަކެއް ކަމުގައި ލެއްވީމެވެ.

ރެފަރެންސު: (ތަފުސީރުލް ބަޣަވީ އިން އިޖުމާލީ މާނަ ނެގިފައި)

ހަމަމިފަދައިން މިއަދު އަޅުގަނޑުމެންނަށް ޝައިތާނާގެ ލަޝްކަރުގެ މީހުން ފާފަތައް ޒީނަތްތެރިކުރަމުންދާ މަންޒަރުފެންނާނެއެވެ. ދީނުގައި ބަޔާންވެގެންވާ ކަންކަމާއި  ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އަދި އެޔަށް އަމަލުކުރުމަކީ ބޯދާ ވިޔާނުދާ ކަންކަމުގައި ބަޔާންކުރެއެވެ. އަދި ރާބުއިމާއި ޒިނޭކުރުމާއި ރިބާކެއުމާއި، ދެޖިންސު މަސްހުނިވުން ފަދަ ޙަރާމްކަންތައްތައް ނުކޮށްތިބުމަކީ އެއީ  ބޯދާކަމެއްކަމުގައި ބަޔާން ކުރާނެއެވެ. ނުވަތަ އެއީ މިޒަމާނާއި ނުގުޅޭ ވިޔާނުދާ ގޮތްގޮތް ކަމަށް  ބަޔާންކުރާނެއެވެ. އެޔަށްފަހު މީސްތަކުންނަށް އެކަން ޒީނަތްތެރިކޮށްދޭނެއެވެ. އަދި އަހަރެމެންނަށް ލިބިފައިވާ މަތިވެރި މަޤާމު ގެއްލުވާލުމަށްޓަކައި މަސައްކަތްކުރަމުން ދާނެއެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުން ލައްވާފައިވަނީ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށްވާ އެހީތެރިން ތަކެއްކަމުގައި ވާތީއެވެ. ވީމާ މިއީ ސަމާލުވާންޖެހޭ ކަމެކެވެ.

އާދެ ޝައިތާނުން ވަނީ ހަމައެކަނި ޖިންނީންގެ ތެރެއަކު ނޫނެވެ. އަދި ކިއެއްތަ އެބައިމީހުން އިންސާނުންގެ ތެރެއިން ވެސް ވެއެވެ. އެކަންބަޔާންކުރައްވައި އަލްއަންޢާމު ސޫރަތުގެ 112 ވަނަ އާޔަތުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.

ދެން މަތީގައި ބަޔާންކުރެވުނު އާޔަތް ނިމޭތަނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައި އެވަނީ ޝައިތާނުންނަކީ ﷲއަށް އީމާންނުވާ މީސްތަކުންގެ އެހީތެރިންކަމުގައި ﷲ ސުބުހާނަހޫ އެމީހުން ލެއްވިކަމުގައެވެ.  އެހެނީ އިންސާނުންނާއި ޖިންނީންގެ ތެރޭގައި މިބައިމީހުންނަކީ އީމާންވެގެންވާ މީހުންގެ މައްޗަށްވާ ޢަދާވާތްތެރީންތަކެކެވެ . އަދި އެބައިމީހުންނަކީ އެއްބަޔަކު އަނެއްބަޔަަކަކަށްވާ އެހީތެރިން ތަކެކެވެ.  އެއީ އަހަރެމެންގެ ބަފައިކަލުންނާއި އަދި މައިކަނބަލުން އޮރިޔާން ކަޝްފުކޮށް ސުވަރުގޭން ނެރެލިފަދައިން އަހަރެމެން ސުވަރުގެ ވަނަނުދިނުމުގެ މައްޗަށެވެ. އަހަރެމެން މަގު ފުރެއްދުމުގެ މައްޗަށެވެ. އެހެންކަމުން މި އާޔަތް ފެށުނުތަނުގައި އެވަނީ އެކަންކުރަން އެބައިމީހުން އެފުރުސަތު ނުދިނުމަށް އަންގަވާފައެވެ. އެހެނީ ފާފަތައް ކުރުމަށް އެބައިމީހުން ހިތްވަރުދޭނެއެވެ. އަދި ހެޔޮކަންތައްތައް ކުރަން އެބައިމީހުން ދެކޮޅުހަދާނެއެވެ. އަދި މަގުފުރެއްދުމަށް އެމީހުން ގަދައަޅައި މަސައްކަތްކުރެއެވެ.

ފަހެ އެބައިމީހުންގެ ތެރެއިން ވާން ބޭނުންނުވާ ކަމުގައިވާނަމަ ތިބާގެ މައްޗަށް އޮތީ ﷲއަށް އީމާންވުމެވެ. އަދި އެއިލާހުގެ ހުރިހާ އަމުރުފުޅުތަކަކަށް ކިޔަމަންތެރިވުމެވެ. އެހެނީ ޝައިތާނާ އަހަރެމެންގެ މައްޗަށް ވެރިނުވާހުށީ އެގޮތުގެ މަތީންނެވެ. އަބްދުއްރަޙުމާނުއްސަޢުދީ ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފުސީރުގައި މަތީގައިވާ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.

“އީމާންނުވުމަކީ އިންސާނުންނާއި ޝައިތާނުންގެ ދެމެދުގައި ގުޅުންޤާއިމުވެގެންދާ ސަބަބެވެ. (ﷲސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.)

(إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٩٩﴾)

މާނައިގެ ތަރުޖަމާއީ: “އީމާންވީ މީސްތަކުންގެ މައްޗަށާއި އަދި އެބައިމީހުންގެ ވެރިރައްބު(ﷲ ތަޢާލާއަށް) ވަކީލު ކުރާ މީސްތަކުންގެ މައްޗަށް އޭނާއަށް(ޝައިތާނާއަށް) އެއްވެސް ބާރެއް  ލިބިގެނެއްނުވެއެވެ.”

(إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ ﴿١٠٠﴾)

މާނައިގެ ތަރުޖަމާއީ: “އޭނާގެ(އިބިލީހުގެ) ބާރު، އޭނާއަށް ކިޔަމަންތެރިވާ މީހުންނާއި އަދި  ﷲއަށް ޝަރީކުކުރާ މީހުންގެ މައްޗަށް މެނުވީ ނުވެއެވެ. (އެއީ ޝައިތާނާއަށް ކިޔަމަންގަތުމުގެ ސަބަބުން ނުވަތަ ޝައިތާނާގެ ސަބަބުން ޝިރުކުކުރި މީހުން މެނުވީއެވެ. ތަފުސީރު އިބުނު ކަޘީރު، ތަފުސީރުލް ބަޣަވީ)”

وصلى الله وسلم على نبينا محمد و آله صحبه أجمعين.  والحمد الله.

ހަވާލާ

(މަތީގައިވާ އާޔަތްތަކުގެ ތަފުސީރު ނެގިފައިވަނީ)

ތަފުސީރުލް ބަޣަވީ.

ތަފުސީރު އިބުނު ކަޘީރު.

ތަފުސީރުއް ސަޢުދީ.