[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު އަޅާ މީހާގެ ޙުކުމް 9

hukum

 

ދެވަނައީ: މުރުތައްދުވުމުގެ ސަބަބުން އޭނާގެ މައްޗަށް ލާޒިމުވާ އުޚުރަވީ ޙުކުމްތައް:

1. މަލާއިކަތުން އެމީހަކާއި ރުޅިވެރިކަމާއިއެކު މުއާމަލާތްކުރާނެއެވެ. އަދި ކިއެއްތަ އެބައިމީހުންގެ މޫނުތަކުގައްޔާއި ބުރަކަށިތަކުގައި ތަޅުއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ وَلَوْ تَرَى إِذْ يَتَوَفَّى الَّذِينَ كَفَرُوا الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُوا عَذَابَ الْحَرِيقِ (50) ذَلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِلْعَبِيدِ (51) ﴾ [الأنفال: 50-51 ]

މާނައީ: “މަލާއިކަތުން، ކާފަރުވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި، ބުރިކަށި ތަކުގައި އެ މަލާއިކަތުން ތަޅުއްވާ ޙާލުގައެވެ. އަދި (އެހިނދު އެ މަލާއިކަތުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ އަޒާބުގެ ރަހަ ލިބިގަންނާށެވެ! އެއީ ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކު ކަމުގައި ނުވެތެވެ.”

2. އެމީހަކު މަޙްޝަރުކުރެވޭހުށީ ކުފުރާއި ޝިރުކުގެ އަހުލުވެރީންނާއިއެކުގައެވެ. އެހެނީ އެމީހަކުވަނީ އެބައިމީހުންގެ ތެރެއިންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ (22) مِنْ دُونِ اللَّهِ فَاهْدُوهُمْ إِلَى صِرَاطِ الْجَحِيمِ (23) ﴾ [الصافات: 22-23 ]

މާނައީ: “(މަލާއިކަތުންނަށް އަންގަވާނެތެވެ.) އަނިޔާވެރިވީ މީހުންނާއި، އެއުރެންގެ (އެފަދަ) އަނބިންނާއި، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކޮށްއުޅުނު ތަކެތި އެއްކުރައްވާށެވެ! ފަހެ، އެއުރެންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ!”

أَزوَاج އަކީ زوج ގެ ގިނަގޮތެވެ. މާނައަކީ ޖަމާއަތެވެ ނުވަތަ ބައެވެ. މާނައަކީ އަނިޔާވެރިވީމީހުންނާއި އަދި އެބައިގެ ތެރެއިންވީ ކުފުރާއި އަނިޔާވެރި އަހުލުވެރީން މަހްޝަރުކުރާށެވެ.

3. އަބަދުގެ އަބަދަށް ނަރަކައިގައި ދެމިތިބުން: ﷲ ތަޢާލާގެ މިވަޙީބަސްފުޅުގައިވާފަދައިންނެވެ.

﴿ إِنَّ اللَّهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا (64) خَالِدِينَ فِيهَا أَبَدًا لَا يَجِدُونَ وَلِيًّا وَلَا نَصِيرًا (65) يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا (66) ﴾ [الأحزاب: 64-66 ]

މާނައީ: “ހަމަކަށަވަރުން، اللَّه، ކާފަރުންނަށް ލަޢުނަތްލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ ނަޞްރުދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ. އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ!”

މިހާ ހިސާބުން ގިނަބަޔަކަށް އިމްތިހާނަކަށްވެފައިވާ މިބޮޑު މައްސަލާގައި ބުނުމަށް ބޭނުންވި މިންވަރު ބުނެ ނިމުނީއެވެ.

ތައުބާވާން ބޭނުންވާ މީހާއަށް ތައުބާގެ ދޮރުވަނީ ހުޅުވިގެންނެވެ. މުސްލިމު އަޚާއެވެ! ﷲ ތަޢާލާއަށް އިޚްލާސްތެރިކަމާއިއެކު، ފާއިތުވީ ދިޔަތަނާމެދު ހިތާމަކުރާހާލު، އެފަދައިން އަލުން ނުވުމަށް އަޒުމުކަނޑައަޅައި ތައުބާވުމަށް އަވަސްވެގަންނާށެވެ. އަދި ހެޔޮ އަމަލުތައް ގިނަކުރާށެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ:

﴿ إِلَّا مَنْ تَابَ وَآَمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَحِيمًا (70) وَمَنْ تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا (71) ﴾ [الفرقان: 70-71 ]

މާނައީ: “ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. އަދި ތައުބާވެ ޞާލިޙު ޢަމަލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ފުރިހަމަ ތައުބާވުމަކުން މާތް ﷲ ގެ ކިބައަށް ތައުބާވެ ރުޖޫޢަވާ މީހެކެވެ”.

ދުޢާއަކީ އަޅަމެންގެ ކަންކަމުގައި ސީދާގޮތެއް ފަހިކޮއްދެއްވައި، އަދި އަޅަމެން އެންމެންނަށް ތެދުމަގަށް މަގުދެއްކެވުމެވެ. ﷲ ތަޢާލާ އެބަޔަކަށް ނިޢުމަތްދެއްވި ނަބިއްޔުންނާއި، ސިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންގެ މަގެވެ. އަދި އެކަލާނގެ ކޯފާލެއްވިމީހުންނާއި މަގުފުރެއްދިފައިވާމީހުންގެ މަގެއްނޫނެވެ.

 

ﷲގެ ހާޖަތަށް ޖެހިފައިވާ

މުޙައްމަދު ބުން އައްޞާލިޙުލް ޢުޘައިމީންގެ ގަލަމުން

23/2/1407

=ނިމުނީ=

އިތުރު ބައިތައް…