[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބޮޑު ޝިރުކުގެ ބައެއް މިސާލުތައް

ޝިރުކު ބެހެނީ މައިގަނޑުގޮތެއްގައި ދެބަޔަށްކަން އަހަރެމެންނަށް އެނގިއްޖެއެވެ. އެއީ ބޮޑު ޝިރުކާއި ކުޑަޝިރުކެވެ. ޝިރުކުގެ މި ދެބާވަތް ބަޔާންކުރެވޭތޯ ބަލާނަމެވެ.

ބޮޑު ޝިރުކު:
1- އަޅުކަމުގައި ޝިރުކުކުރުން: އެއީ އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް އަނބުރާލުމެވެ. މިސާލަކަށް ދުޢާކުރުމާއި، ނަދުރުބުނުމާއި، ޤުރުބާންކުރުމާއި، ބިރުގަތުމާއި، އުއްމީދުކުރުމާއި، ވަކީލުކުރުމާއި (އިތުބާރުކުރުމާއި) ހެވަށްއެދުމާއި ބިރުގަތުމާއި(އައްރަހްބަތު) ތައުބާވުމާއި ސަލާމަތާއި ނަޞްރަށް އެދުމާއި ނަމާދުކުރުމާއި ރޯދަހިފުންފަދަ ކަންތައްތަކެވެ. މިކަންތައްތަކުގެ ތެރެއިން ކަމެއް ﷲ ތަޢާލާ ނޫންފަރާތަކަށް އަނބުރާލައިފިމީހާ، ﷲ ތަޢާލާ ނޫން ފަރާތަކަށް ކުއްތަންވެއްޖެމީހާ، ހަމަކަށަވަރުން ޝިރުކުކޮށްފިއެވެ. އެއީ މިސާލަކަށް ވަލީވެރިންގެ ތެރެއިން ވަލީވެރިއަކަށް ނަދުރުބުނާމީހާ، ނުވަތަ ވަލީވެރިއަކަށް އެއްޗެއް ޤުރުބާންކުރާމީހާ، ނުވަތަ ވަލީވެރިއަކަށް ތަވައްކުލު (ބަރޯސާ) ކުރާ މީހާ، ނުވަތަ ﷲ ނޫން އެހެން ފަރާތަކަށް ކުޅަދާނަކެމެއް ނުވާކަމެއްގައި އެހެން ފަރާތަކަށް ބިރުގަންނަމީހާ، މިސާލަކަށް، ޤަބުރުތަކަށް (މައްޔިތުންނަށް) ބިރުގަންނަމީހާ، ނުވަތަ ޤަބުރުތަކުގެ އަހުލުވެރިންގެ ކިބައިން ކަންކަމަށް އުއްމީދުކުރާ މީހާ ނުވަތަ އެމީހުންގެ ކިބައިން ކަންކަމަށް އެދި ދަންނަވާ މީހާ، މައްޔިތާއަށް ކުއްތަންވުމުގެ ގޮތުން ޤަބުރުގެ ވަށައިގެން ޠަވާފުކުރާ މީހާ، ނުވަތަ ކަންތައްތައް ހިންމަވައިދެއްވުމަށާއި ވާތްގާއި ނަޞްރަށް އެދި މައްޔިތާގެ ފަރާތުން އެދޭމީހާ، ޤަބުރަކަށް މިފަދައިން “އޭ އަހަރެންގެ ސާހިބުމީހާއެވެ! އަހަރެންނަށް މިކަން ހިންމަވައިދެއްވާ ވާތްގާއި ނަޞްރުދެއްވާ ނުވަތަ އަހަރެންގެ ބައްޔަށް ޝިފާ ދެއްވާ، ތިމަންނާއަށް ދަރިއަކު ދެއްވާ، ނުވަތަ އަންބަކު/ފިރިއަކު ދެއްވާ، ތިމަންނާގެ ފާފަ ފުއްސަވައިދެއްވާ، ޢުމުރު ދިގުކުރައްވާދޭނވެ!” މިފަދަ ޢިބާރާތްތައް ބުނާމީހާ އެކުރަނީ ހައްތާވެސް ޝިރުކެވެ. މިކަން ކުރާ މީހާއަކީ މުޝްރިކެކެވެ. އިސްލާމްދީނުގެ މިއްލަތުން ބޭރުވެފައިވާ މީހެކެވެ. ދާއިމީ ނަރަކަވަންތަވެރީންގެ ތެރެއިން މީހެކެވެ. އެ ނަރަކައިން އަހަރެންނާ ތިޔަބައިމީހުން ރައްކާތެރިކުރައްވާށި!
ބުދަށް ސަޖިދަކުރާ މީހުންނާއި ޒަޢީމުންނާއި ތާޣޫތުންނަށް ސަޖިދަކުރާ މީހުން އަދި ﷲ ނޫން އެހެން ފަރާތަކަށް ކުޅަދާނަކަން ލިބިގެންނުވާ ކަންކަމުގައި މަންފާކޮށްދިނުމާއި ގެއްލުންދިނުމުގެ ކުޅަދާނަކަން އެމީހުންގެ ކިބައިގައި ވާކަމަށް އިޢުތިޤާދުކުރާމީހާއީ މީގެ މިސާލުތަކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ ﴿وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ‌ (13)إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ(14)﴾ ‌[الفاطر 13-14] މާނައީ: “އަދި އެއިލާހު ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެއެވެ. (13) ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން ޝަރީކު ކުރިކަމާމެދު ޤިޔާމަތްދުވަހުން އެފަރާތްތައް އިންކާރު ކުރާނެއެވެ. ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހު ފަދައިން ކަލޭގެފާނަށް ޚަބަރުދޭނޭ ހަމަ އެކަކުވެސް ނެތެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (22) وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ (23) ﴾ ‌[سبأ 22-23]މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް ޝަރީކުކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ޛައްރެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ. (22) އަދި އެމީހަކަށް އެއިލާހު އިޛުނަ ދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ ޙަޟުރަތުގައި ޝަފާޢަތްތެރިކަމުން މަންފާއެއް ނުކުރާނެތެވެ. (23)”

މި އާޔަތްތަކަކީ މިއީ ޝިރުކުގެ މޫ ލުހެލި އާޔަތްތަކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((لَعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ وَلَعَنَ اللهُ مَنْ آوَى مُحْدِثًا وَلَعَنَ اللهُ مَنْ لَعَنَ وَالِدَيْهِ وَلَعَنَ اللهُ مَنْ غَيَّرَ مَنَارَ الأَرضِ)) ‌[رواه مسلم]‏. މާނައީ: “ﷲ ނޫން ފަރާތަކަށް އެއްޗެއް ކަތިލައިފިމީހަކަށް ﷲ ލަޢުނަތްލެއްވިއެވެ. އަދި ކުށްވެރިއަކަށް ޙިމާޔަތްދީފިމީހަކަށް ﷲ ލަޢުނަތްލެއްވިއެވެ. އަދި އެމީހެއްގެ މައިންބަފައިންނަށް ލަޢުނަތްދީފި މީހަކަށް ﷲ ލަޢުނަތްލެއްވިއެވެ. އަދި ބިމުގެ އިން ބަދަލުކުރި މީހަކަށް ﷲ ލަޢުނަތްލެއްވިއެވެ.”
(ނުނިމޭ)
= أنواع الشرك والتحذير منها -عبد الله بن سعد بن إبراهيم الفالح=