ފަސްވަނަ ފިލާވަޅު: ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރާމީހާ ނުވަތަ މީސްތަކުން އޭނާއަށް އަޅުކަންކުރާއިރު އެކަމަށް ރުހޭ މީހަކީ ޠާޣޫތެއް
ތިންވަނަ( ތިންވަނަ ޠާޣޫތު) :
ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރާމީހާއަކީ ޠާޣޫތެކެވެ.
ޣައިބުގެ ޢިލްމު އެނގިވޮޑިގެންވަނީ ހަމައެކަނި ﷲއަށެވެ. އެނޫން އެއްވެސް ފަރާތަކަށް ނޫނެވެ.
. އެކަމުގެ ދަލީލަކީ އެއިލާހުގެ އަންނަނިވި ވަޙީބަސްފުޅެވެ.
عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا ﴿٢٦﴾ إِلَّا مَنِ ارْتَضَىٰ مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا ﴿٢٧﴾ [سورة الجن]
މާނައީ: ” (އެކަލާނގެއީ) ޣައިބުދެނެވޮޑިގެންވާ އިލާހެވެ. ފަހެ، އެކަލާނގެ ޣައިބުއެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ. [26] އެކަލާނގެ ރުހިވޮޑިގެންވާ ރަސޫލަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެ ރަސޫލެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ މަލާއިކަތުން ފޮނުއްވައެވެ. [27]”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ:
﴿وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [سورة الأنعام ٥٩]
މާނައީ: “އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެއެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެއެވެ.”
ހަތަރުވަނައީ: ހަމައެކަނި ﷲ އަށް އަޅުކަންކުރުމުގެ ބަދަލުގައި، ބަޔަކު މީހުން މީހަކަށް އަޅުކަންކުރުމުންވެސް، އެއަޅުކަމަށް ރުހިގެން އެއަޅުކަން ރައްދުވިމީހާ ހުރެއްޖެނަމަ، ފަހެ އެ އަޅުކަން ރައްދުވިމީހާއަކީވެސް ޠާޣޫތެކެވެ.
﴿وَمَن يَقُلْ مِنْهُمْ إِنِّي إِلَـٰهٌ مِّن دُونِهِ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ﴾ [سورة الأنبياء ٢٩]
މާނައީ: “އެބައިމީހުންކުރެ ތިމަންނާއީ އެކަލާނގެ ފިޔަވައި އިލާހެކޭ ބުނާ މީހަކަށް، ފަހެ، ތިމަންއިލާހު ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންއިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރާ މީހުންނަކީ ޠާޣޫތުންގެ ތެރެއިންވާ ބައެކެވެ. އެއީ ކާހިނުންނާއި، ޢައްރާފުންނާއި، މުނައްޖިމުން[1] ފަދަ މީސްމީހުންނެވެ. އެހެނީ އެބައިމީހުންނަކީ ﷲގެ ޙައްޤެއްކަމުގައިވާ ޣައިބުގެ ޢިލްމު، އެނގޭކަމަށް ދަޢުވާކުރި މީހުންނެވެ.
* މުސްލިމު މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ކާހިނުންނާއި، ޢައްރާފުންނާއި، މުނައްޖިމުންގެ ގާތަށް ނުދިއުމެވެ. އަދި އެކަމަށް ރައްކާތެރިވުމެވެ. އަދި އެބައިމީހުން ހަދަހަދައިގެން ކިޔާ ދޮގުވާހަކަތައް ޤަބޫލުނުކުރުމެވެ.
* އަދިވެސް ޠާޣޫތުންގެ ތެރޭގައި ހިމެނޭ މީހުންގެ ތެރޭގައި، މީސްތަކުން އެމީހެއްގެ ގާތަށް ގޮސް ކަންކަމަށް އެދި ދުޢާކުރެވޭ މީހުން ހިމެނެއެވެ. އަދި ބޮޑެތި ކަންތައްތައް މެދުވެރިވުމުން، ﷲ ނޫން ފަރާތަކަށް ކޮށްނުދެވޭނެފަދަ ކަންކަމުގައި، އެދެވޭ ފަރާތްތައްވެސް މިކަމުގައި ހިމެނެއެވެ. އެހެނީ އެބައިމީހުންނީ މީސްތަކުން އެބައިމީހުންނަށް އަޅުކަންކުރާއިރުވެސް އެކަމަށް ރުހިގެން ތިބޭ މީހުންނެވެ.
ސުވާލުތައް
1. ޣައިބުގެ ޢިލްމު އެނގެނީ ކޮން ފަރާތަކަށް؟ އެކަމުގެ ދަލީލު ބަޔާންކުރޭ!
2. ތިންވަނަ އަދި ހަތަރުވަނަ ޠާޣޫތަކީ ކޮބާ؟
3. ތިމަންނާއީ ﷲ ފިޔަވާ އިލާހެކޭ ބުނާ މީހެއްގެ ޖަޒާއަކީ ކޮބާ؟
4. ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ޣައިބު އެނގޭނެތަ؟
5. މިއާޔަތުގައި ބަޔާންކުރެވިފައިވާ ‘އަނިޔާވެރިން’ނަކީ ކޮބާ؟
﴿وَمَن يَقُلْ مِنْهُمْ إِنِّي إِلَـٰهٌ مِّن دُونِهِ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ﴾ [سورة الأنبياء ٢٩]
މާނައީ: “އެބައިމީހުންކުރެ ތިމަންނާއީ އެކަލާނގެ ފިޔަވައި އިލާހެކޭ ބުނާ މީހަކަށް، ފަހެ، ތިމަންއިލާހު ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންއިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.”
____________________________________________
[1] الكَاهِنُ އަކީ: އިސްވެ ގޮސްފައިވާ ޣައިބުގެ ކަންތައްތައް އެނގޭކަމަށް ދަޢުވާކުރާ މީހާއެވެ.
العَرَّافُ އަކީ: މުސްތަޤްބަލުގައި ވާނޭ ކަންތައްތައް އެނގޭކަމަށް ދަޢުވާކުރާ މީހާއެވެ.
المُنَجِّمُ އަކީ: ތަރިތަކަށް ބަލައިގެން ކައުނުގައި ހިނގާނޭ ކަންތައްތައް އެނގޭނެކަމަށް ދަޢުވާކުރާ މީހާއެވެ.