[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަދީޘްކިޔުމަށްފަހު، أَوْ كَمَا قَالَ عَلَيْهِ الصَّلَاةُ والسَّلَامُ ކިޔާ ސަބަބު

au kamaa qaala

الحمد لله والصلاة والسلام على رسول الله.

ﷲ ތަޢާލާއާއި އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކޮށް، ވާހަކައެއް ދައްކާނަމަ އެކަމުގައި ނުހަނު ސަމާލުވާންޖެހެއެވެ. އެހެނީ ދީން ދެނެގަތުގެ މައިގަނޑު ދެ މަޞްދަރަކީ ކީރިތި ޤުރުއަނާއި މޫރިތި ސުންނަތެވެ. ކީރިތި ޤުރުއާން ރައްކާތެރިކުރެއްވުމުގެ އިތުރުން، ﷲ ތަޢާލާވަނީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތްވެސް ރައްކާތެރިކޮށްދެއްވާފައެވެ. އަދި މިކަމުގެ ސަބަބުތަކަށް އިސްލާމްދީނުގައިވަނީ ނުހަނު ބާރު އެޅިފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(صحيح) އަބޫ ހުރައިރާ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ – صلى الله عليه وسلم -ޙަދީޘްކުރެއްވިއެވެ.

((مَنْ كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ)) [رواه البخاري / كتاب: بَابُ فِي التَّحْذِيرِ مِنَ الْكَذِبِ عَلَى رَسُولِ اللهِ صَلَّى اللهُ تَعَالَى عَلَيْهِ وَسَلَّمَ / 4 – 3/ 3 ]

މާނައީ: “ތިމަންކަލޭގެފާނަށް ނިސްބަތްކޮށް ޤަޞްދުގައި ދޮގެއްހަދައިފި މީހާ، ފަހެ ނަރަކައިން އޭނާގެ ޖަގަހަ ލިބިގަންނަ ހުށިކަމެވެ.”

އެހެންކަމުން މިކަމަކީ ނުހަނު ރައްކާތެރިވާންޖެހޭ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ ސީދާ ލަފްޒު ނޭނގޭނަމަ ނުވަތަ ހަނދާން ނެތިއްޖެ ނަމަ، ޢިލްމުވެރިން އެކަމުގައި ރައްކާތެރިވެވަޑައިގަންނަވައެވެ. އަދި  ޙަދީޘްކިޔާދެއްވާއިރު އެކަން ބަޔާންކޮށްދެއްވައެވެ. ޙަދީޘް މާނައިން ރިވާކުރައްވާނަމަ އެރިވާކޮށްދެއްވަނީ މާނައިންކަންވެސް ބަޔާންކޮށްދެއްވައެވެ. އެއީ މިފަަދައިން ބުނުމުންނެވެ. أَوْ كَمَا قَالَ عَلَيْهِ الصَّلَاةُ والسَّلامُ (މާނައީ: ނުވަތަ މިފަދަ ގޮތަކަށް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.)

ތިރީގައި އެވަނީ ޙަދީޘްއެއް މާނައިން ރިވާކުރުމާ ބެހޭގޮތުން ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ވިދާޅުވެފައިވާ ބަސްފުޅެކެވެ. 1

أ ޙަދީޘެއް މާނައިން ރިވާކުރުން:

އެއީ ޙަދީޘްރިވާވެގެން އައިސްފައިވާ ލަފްޒު ނޫން އެހެން ލަފްޒަކުން އެ ޙަދީޘް ރިވާކުރުމެވެ.

ب ތިން ޝަރުތަކާލައިގެން މެނުވީ އެކަން ހުއްދަވެގެން ނުވޭ:

1 ޙަދީޘް މާނައިން ރިވާކުރާ މީހަކީ އެޙަދީޘްގެ މާނަ އެނގޭ މީހެއްކަމުގައިވުން: އެއީ (ޢަރަބި) ބަހުން އޭގެ މާނަ އެނގުމާއި އަދި ޙަދީޘް ފޯރުކޮށްދެއްވި ފަރާތުގެ މުރާދު އެނގުން.

2 ޟަރޫރީ ޙާލަތެއްގައި ރިވާކުރުން:

އެއީ ޙަދީޘްރިވާކުރާ ރާވީ ޙަދީޘްގެ ލަފްޒު ހަނދާންނެތުނު ނަމަވެސް މާނަ ހަނދާންހުރުމެވެ. ފަހެ ޙަދީޘްގެ ލަފްޒު އޭނާ ހަނދާންހުރިނަމަ އެ ބަދަލުކުރުން ހުއްދަވެގެންނުވެއެވެ. ނަމަވެސް އެެހެން މީހަކަށް ޙަދީޘްގެ މާނަ އެމީހާ ދަންނަ ބަހަކުން ބަޔާންކޮށްދިނުން މިކަމުން އިސްތިޘްނާކުރެވެއެވެ.

3 (މާނައިން ރިވާކުރާ ޙަދީޘްއަކީ) އަޅުކަމުގައި ބޭނުން ކުރެވޭ ލަފްޒެއްކަމުގައި ނުވުން:

މިޘާލަކަށް ޛިކުރުކުރުމަށް ބޭނުންކުރާ ލަފްޒުތައް އައިސްފައިވާފަދަ ޙަދީޘްތަކެވެ.

މާނައިން ޙަދީޘްއެއް ރިވާކޮށްފިނަމަ އެކަން އެނގޭނެ ފަދަ ގޮތަކަށް ބަޔާންކޮށްދޭ ހުށިކަމެވެ. ޙަދީޘް ކިޔައިދިނުމަށްފަހު މިފަދައިން ބުނާ ހުށިކަމެވެ:

(أَوْ كَمَا قَالَ[މާނައީ: ނުވަތަ މިފަދަ ގޮތަކަށް ޙަދީޘްކުރެއްވިއެވެ.]) ،

( أَوْ نَحْوه [މާނައީ: ނުވަތަ މިމޭރުމުން ޙަދީޘްކުރެއްވިއެވެ.])

 (ނަބިއްޔާ صلى الله عليه وسلم ގެ) މިސްކިތްކޮޅަށް ކުޑަކަމު ދިޔަ އަޢުރާބީމީހާ ގެ ވާހަކަ އަނަސް رضي الله عنه ރިވާކުރައްވާފައިވަނީ އެފަދަ ގޮތަކަށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ދެން ރަސޫލާ صلى الله عليه وسلم އޭނާއަށް ގޮވާލެއްވުމަށްފަހު އޭނާއަށް ޙަދީޘްކުރެއްވިއެވެ.

((إِنَّ هَذِهِ الْمَسَاجِدَ لَا تَصْلُحُ لِشَيْءٍ مِنْ هَذَا الْبَوْلِ، وَلَا الْقَذَرِ إِنَّمَا هِيَ لِذِكْرِ اللهِ عَزَّ وَجَلَّ، وَالصَّلَاةِ وَقِرَاءَةِ الْقُرْآنِ)) أَوْ كَمَا قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ [رواه مسلم / كتاب: الطهارة / باب: وجوب غسل البول… / رقم: ٢٨٥]

މާނައީ: “ހަމަކަށަވަރުން މިމިސްކިތްތަކަކީ ކުޑަކަމުދާތަކެއްޗާއި އަދި ކުނިފަދަތަކެތި އެޅުމަށް  އެކަށީގެންވާ ތަންތަނެއްނޫނެވެ. މިތަންތަނަކީ ﷲ – ޢައްޒަ ވަޖައްލަ – ހަނދުކުރުމާއި ނަމާދުުކުރުމާ އަދި ޤުރުއާން ކިޔެވުމަށް މެނުވީ ބޭނުންނުކުރާ ތަންތަނެވެ.”

ނުވަތަ މިފަދަ ގޮތަކަށް ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

ހަމަ މިފަދައިން މުޢާވިޔާ ބުން ޙަކަމް ރިވާކުރައްވާފައިވާ ޙަދީޘްގައިވެސް އައިސްފައިވެއެވެ.

– އެކަލޭގެފާނުވަނީ ނަމާދުގައި ވާހަކަދެއްކުމުގެ ޙުކުމް އެނގިވަޑައިނުގަންނަވާތީ ނަމާދުގައި ހުންނަވާފައި ވާހަކަފުޅުދައްކަވާފައެވެ. – ނަބިއްޔާ صلى الله عليه وسلم ނަމާދުކޮށްނިމިވަޑައިގެން އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ.

((إِنَّ هَذِهِ الصَّلَاةَ لَا يَصْلُحُ فِيهَا شَيْءٌ مِنْ كَلَامِ النَّاسِ، إِنَّمَا هُوَ التَّسْبِيحُ وَالتَّكْبِيرُ وَقِرَاءَةُ الْقُرْآنِ)) أَوْ كَمَا قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ [رواه مسلم / كتاب: المساجد / باب: تحريم الكلام في صلاة… / رقم: ٥٣٧]

“ހަމަކަަށަވަރުން މިނަމާދުތަކުގައި މީސްތަކުންގެ (އަމިއްލަ) ވާހަކަތަކަށް ދެއްކުން އެކަށީގެން ނުވެއެވެ. ތަސްބީޙަކިޔުމާއި ތަކްބީރުކިޔުމާއި ޤުރުއާން ކިޔެެވުން ނޫންކަމެއް މިކަމުގައި ނުވެއެވެ.”

[ދެން މުޢާވިޔާ ބުން ޙަކަމް ވިދާޅުވިއެވެ.]  “ނުވަތަ މިފަދަ ގޮތަކަށް ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.”

= ނިމުނީ =

____________________________________________

[1] مصطلح الحديث لعثيمين / ص: ٣٤ – ٣٥ / دار ابن الجوزي