“އަދި ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ ހުރިހާ އުންމަތްތަކަށް ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އަހުލުކިތާބީންގެ ދީން މަންސޫޚުވުމުގެ ކުރިން އެކަމުގައި ޤާއިމުވެގެންތިބި މީހުންގެ މައްޗަށް، ﷲސުބުޙާނަހޫ ވަތަޢާލާ ޘަނާގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. އެއިލާހު ސުބުޙާނަހޫ ވަޙީކުރައްވައެވެ.
(مِّنْ أَهْلِ الْكِتَابِ أُمَّةٌ قَائِمَةٌ يَتْلُونَ آيَاتِ اللَّـهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ ﴿١١٣﴾ يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُسَارِعُونَ فِي الْخَيْرَاتِ ) (1)
މާނައިގެ ތަރުޖަމާއީ:” އަހުލުކިތާބީންގެ ތެރެއިން ސީދާވެގެންވާ ޙައްޤުގެ މަތީގައިވާ ބަޔަކުވިއެވެ. އެބައިމީހުން ސަޖިދަކުރާޙާލުގައި(ނަމާދުކުރާ ޙާލުގައި)، ﷲގެ އާޔަތްތައް ރޭގަނޑުގެ ވަޤުތުތަކުގައި (ނަމާދުގައި) ކިޔަވާހަދައެވެ. އެބައިމީހުން ﷲއަށާއި އަދި އާޚިރަތްދުވަހަށް އީމާންވެ، އަދި ހެޔޮކަންކަމަށް އަމުރުކޮށް އަދި ނުބައިކަންކަން މަނާކުރެއެވެ. އަދި ހެޔޮކަންކަމަށް އެބައިމީހުން އަވަސްވެގަނެއެވެ.
ލުޤުމާނު (ޢަލައިހިއްސަލާމް)އަކީ ކުރީގެ އުއްމަތްތަކުގެ ތެރެއިން އުއްމަތެއްގެ ބޭކަލެކެވެ. އަދި އެކަލޭގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞީޙަތްދެއްވަމުން ވިދާޅުވިއެވެ.
(يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ)
(2)
މާނައިގެ ތަރުޖަމާއީ:”އޭމަގޭ ލޯބިވާ ކުޑަދަރިފުޅާއެވެ. ނަމާދުޤާއިމުކުރާށެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް އަދި ނުބައިކަންކަން މަނާކުރާށެވެ. އަދި ޖެހޭ މުޞީބާތްތަކަށް ދަރިފުޅުކެތްތެރި ވާށެވެ.”
އެހެންކަމުން މިއުއްމަތުގައިވެސް މީހަކަށް ނަމާދުކުރުމަށް އަމުރުކޮށްފިނަމަ، ނުވަތަ އަންހެންކަނބަލަކަށް ޙިޖާބު އެޅުމަށް ހަނދާންކޮށްދީފިނަމަ، ނުވަތަ ކިބުރުވެރި ނުވަތަ ޖާހިލަކަށް ސީދާވެގެންވާ މަގަށް ދިޔުމަށް އިރުޝާދުދީފިނަމަ، ނުވަތަ ސިޙުރުވެރިންގެ ނުބައިކަމުން މީސްތަކުން ސަލާމަތްކޮށްދީފިނަމަ، (އެބަހީ: ހެޔޮކަންކަމަށް ގޮވާލުމާއި އަދި ނުބައިކަންކަން މަނާކުރުމުން) ޢަޖާއިބުވާންވީ ކަމެއްނެތެވެ.” (3)
މިފޮތުގެ އިތުރުބައިތައް ބައްލަވާ
_______________
(1) سورة آل عمران: 113، 114
(2)سورة لقمان: 17
(3) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين”(ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.