الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. و بعد.
“ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ އިސްލާމްދީން ރައްކާތެރިކޮށްދޭ ކިއްލާއެވެ. އަދި އެކަމުގެ ސަބަބުން އުއްމަތުގެ ކިބައިން ފިތުނަތަކާއި ފާފަތަކުގެ ނުބައި ފަސާދައިން ދުރުކޮށްދެއެވެ. އަދި އެކަމުގެ ސަބަބުން އިސްލާމްދީނުގެ އަހުލުވެރިން ޝައިޠާނާގެ ރޭވުންތަކުންނާއި އަދި ހަވާނަފުސުގައި ޖެހި ބެހިގެންދިޔުމުން (މަގުފުރެދިގެން ދިޔުމުން) ސަލާމަތްކޮށްދެއެވެ. އަދި ޢަޤީދާއާއި ސުލޫކުތަކާއި އަޚުލާޤު ރައްކާތެރިކޮށްދެއެވެ. އަދި ބޭކާރު ކަންކަމުން ސަލާމަތްކޮށްދެއެވެ. އަދި އެއީ (ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަކީ) ދީނުގެ އަޞްލުއެޔާ ގުޅޭ ވަރުގަދަވެގެންވާ ބިނާއެކެވެ.
އުއްމަތްތައް އިޞްލާޙުވުން ވަނީ އެކަމުގެ މަތީގައި ޤާއިމުވުމުގެ މައްޗަށެވެ. އަދި ނިޢުމަތްތައް ރައްކާތެރިކުރުމާއި އަމާންކަން ޤާއިމުވުމާއި ދުޢާ އިޖާބަވުމާއި އަދި ދުޝްމަނުންގެ ރޭވުންތަކުން ސަލާމަތްވެވެން އޮތީީ އެކަމުގެ މަތީގައި ޤާއިމުވެގެންނެވެ. ޙަލްްޤުތަކުންގެ މައްޗަށް އިޙުސާންތެރިކަމާއި އަދި ދަރަޖަތައް އުފުލުން ގުޅިފައިވަނީ އެކަމާއެވެ. އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުއަށް ދެންނެވުނެވެ. “ދިރިހުރި މައްޔިތަކީ ކޮބައިތޯއެވެ؟. ޖަވާބުދެއްވަމުން ވިދާޅުވިއެވެ. ” އެއީ މުންކަރާތްތައް މަނާނުކުރާ މީހާއެވެ.(ނުބައިކަންކަން މަނާނުކުރާ މީހާއެވެ.)”
އަދި އެއީ އީމާންކަން ފުރިހަމަކަމާއި އަދި (އެމީހެއްގެ) އިސްލާމްކަމުގެ ފުރިހަމަކަން އަންގައިދޭ ދަލީލެކެވެ. އަދި އުއްމަތުގެ މައްޗަށްވާ ލޯތްބާއި އަދި ހެޔޮކަމުގެ މާނަތަކުގެތެރެއިން އެއްމާނައެވެ. (އެބަހީ: އެކަން ބަޔާންކޮށްދޭ އެއްކަމަކީ އެއީއެވެ) އަދި އެއީ އަޅުތަކުންގެ މައްޗަށް ﷲގެ ރަޙުމަތް ޙާޞިލުވާ ސަބަބުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެއީ މުޖުމަތަޢުގެ އެކުވެރިކަމާއި އެއްބަޔަކު އަނެއްބަޔަކަށް އޮންނަ އެހީތެރިކަމާއި ގުޅުން ރަމްޒުކޮށްދޭ ޢަލާމާތެކެވެ. އޭރުން މީސްތަކުންގެ މެދުގައި ހެޔޮކަން ދެމިގެންދާނެއެވެ. އަދި (މީސްތަކުންގެ) ފިޠުރަތުތައް ބިނާވެފައިވަނީ އެކަމުގެ މައްޗަށެވެ. އަދި އެކަމަށް(ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަމަށް މަނާކުރުމަށް) ގޮވާލާ މީސްތަކުންނަށް ލޯބިވުމުގެ މައްޗަށެވެ.
އޭ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ފަހެ އެމަތިވެރި އަޅުކަން އަދާކުރުމުގެ މައްޗަށް އަދި އެހެންމީހުންނަށް އެކަމުގެ މައްޗަށް ދަޢުވަތު ދިނުމަށް ފަރުވާކުޑަނުކުރައްވާށެވެ. އަދި އެކަމުގެ މައްޗަށް ކެތްތެރިވުމާއި އަދި ގޮވާލެވޭ މީހުންގެ މައްޗަށް ޙިކުމަތްތެރި(ޙިލްމުވެރި) ވާށެވެ. އޭރުން އެބައިމީހުންގެ ހިތްތައް ހެޔޮކަމަށް އެދުންވެރިވާނެތެވެ. އަދި އަޖުރުލިބުންވަނީ އިޚުލާސްތެރިކަމާއި އަދި މަސައްކަތްކުރި މިންވަރުގެ މައްޗަށެވެ. ރުޅިއައުމުގެ މައްޗަށް (ހިތްހަމަ ނުޖެހުމުގެ) މައްޗަށް ރައްކާތެރިވާށެވެ. އަދި ކިޔަމަންތެރިވާ މީހުންގެ މައްޗަށް ޙިކުމަތްތެރިކަމާއިއެކު އަނެއްކާވެސް ނަޞީޙަތްދޭށެވެ.
ފަހެ ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ މައްޗަށް ދަޢުވަތު ދެއްވުމަށް އެއްހާސް އަހަރުގެ ތެރޭން ފަންސާސް އަހަރު ފިޔަވައި ހުރިހާ ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އެބައިމީހުންނަށް ސިއްރާއި ފާޅުގަޔާއި ރޭގަނޑާއި ދުވާލު ދަޢުވަތު ދެއްވިއެވެ. އިމާމު ނަވަވިއްޔު (ނަވަވީ) ރަޙިމަހުﷲ ބަޔާންކުރައްވައެވެ. “މީހަކަށް ކަމެއް ނޭންގުމުގެ ސަބަބުން (އެނގިފައިނެތުމުގެ ސަބަބުން)، ތަކުލީފުލިބިގެންވާ މީހާގެ މައްޗަށް ހެޔޮކަންކަމަށް އަމުރުކުުރުމާއި އަދި ނުބައިކަންކަން މަނާކުރުން އެކަން ކެނޑިގެން ނުދެއެވެ.”
މިފޮތުގެ އިތުރުބައިތައް ބައްލަވާ
ނިމުނީ.
وصلى الله وسلم على نبينا محمد و آله و صحبه أجمعين.
_______________
މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين”(ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.