[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފައަށް އަރައިގަންނަ މީހަކަށް، އެހެންމީހުންނަށް އެފާފަކުރުމަށް މަނާކުރެވޭނެ ހެއްޔެވެ؟

munkarالحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

“ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަށްޓަކައި އެފާފަ ނުކުރާމީހަކަށްވުމަކީ ޝަރުޠެއްނޫނެވެ. ނަމަވެސް އެއްބަޔަކު އަނެއްބަޔަކަށް ފާފަތަކަށް މަނާކުރުން ވާޖިބުވެގެންވެއެވެ. މުސްލިމުންނަށް އެންމެފުރިހަމަ ނަމޫނާއަކަށް ނުވެވުނަސް ހެޔޮކަންކަމަށް އަމުރުކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އަދި ފާފައަށް އަރައިގަނެވުނު ކަމުގައިވިޔަސް ނުބައިކަންކަން މަނާކުރުމަކީވެސް ލާޒިމުވެގެންވާ ކަމެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ)   (1)

މާނައީ: “ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރެއް(ނުބައިކަމެއް) ފެނިއްޖެނަމަ އެމީހެއްގެ އަތުން އެކަމެއް މަނާކުރާހުށިކަމެވެ. ފަހެ އެކަމަށް ކުޅަދާނަނުވެއްޖެނަމަ އެމީހެއްގެ ދުލުންނެވެ.(ދުލުން މަނާކުރާށެވެ. އަދި އެކަމަށް ކުޅަދާނަ ނުވިނަމަ އެމީހެއްގެ ހިތުންނެވެ.(ހިތުން ކުށްވެރިކުރާށެވެ). އަދި އެއީ އީމާންކަމުގެ އެންމެ ދެރަމިންވަރެވެ.” (ރިވާކުރެއްވީ މުސްލިމް: 49)

ފާފަކުރާމީހާ ފާފައަށް އަރައިގަންނަ މީހަކަށްވާއިރު، އެހެން މީހުންގެ ކިބައިން އެފާފަ މަނާކުރާނީ ކިހިނެއްހެއްޔެވެ؟

އޭނާގެ މައްޗަށް އޭނާގެ ޢަމަލާއި ބަސް ޙިލާފުވުން ދެމިގެންދިޔަކަމުގައި ވިޔަސް، އެހެންމީހުންނަށް އެކަން މަނާކުރުން ވާޖިބުވެގެންވާނެއެވެ. ފާފައަކަށް އަރައިގަންނަމީހާއަށް އެހެން މީހަކު އެފާފައަށް އަރައިގަންނަ މަންޒަރު ފެނި (ހަނުހުރެއްޖެނަމަ)، އޭނާ ދެ ފާފައަކަށް އަރައިގެންފިއެވެ. އެއީ އެކަން ކުރުމުގެ ފާފަޔާއި އަދި އޭނާނޫން އެހެންމީހަކު އެކަން ކުރުމުން އެކަމަށް ހަނުހުރުމުގެ ފާފައެވެ. އަދި އެހެންމީހުންނަށް އެކަން މަނާކުރި މީހާ، އޭނާއަށް ހަނުހުރުމުގެ ފާފަ ކެނޑިއްޖެއެވެ. އަދި އޭނާގެ މައްޗަށްވަނީ އެކަން ކުރުމުގެ ފާފައެވެ.

އެފަދަމީހުންގެ ފާފަކުރުން ހުއްޓުވުމަށް ﷲ (ސުބުޙާނަހޫ) މަލާމާތުގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.

(أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ ) (2)

މާނައިގެ ތަރުޖަމާއީ:” ތިޔަބައިމީހުން ފޮތް(ތައުރާތު)ކިޔަވަމުންދާ ޙާލު، ތިޔަބައިމީހުންގެ އަމިއްލަނަފުސުތަކުގެ މަތީން ހަނދާން ނައްތާލައި، އެހެންމީހުންނަށް ހެޔޮަކަންތައްތައް ކުރުމަށް އަމުރުކުރަނީހެއްޔެވެ؟  ތިޔަބައިމީހުން ހޭނުޖެހެނީހެއްޔެވެ؟”

ނުބައިކަމެއް ފެނި އޭނާގެ ބަސް އެމީހުން ނާހާނެކަން އެނގޭތީ ހަނުހުންނަ މީހާއާ ބެހޭގޮތުން އިމާމު އަޙުމަދުގެ ކިބައިން އަބޫ ޙާރިޘު ސުވާލުކުރެއްވުމުން ޖަަވާބުދެއްވިއެވެ. “ފަހެ މުންކަރެއް  (ނުބައިކަމެއް) ފެނިއްޖެނަމަ އެމީހަކަށް ވީގޮތަކުން އެކަން މަނާކުރާހުށިކަމެވެ.”

ނުބައިކަމަކަށް އަރައިގަންނަ މީހަކާއި އެއްކޮށްއުޅޭމީހާ، އޭނާގެ މައްޗަށް އެކަން މަނާނުކޮށްފި ކަމުގައިވާނަމަ، އޭނާއަށް އެކަންކުރުމަށް އެހީތެރިވެއްޖެއެވެ. އެއީ އޭނާގެ އެކުވެރިޔާ އެފާފަކުރުމަށް ދޫކޮށްލުމުންނެވެ. އަދި ފާފައަކަށް ހަނުހުރުމަކީ އެފާފައެއް ކުރުމަށް ހިތްތަކަކަށް ކޮށްދެވޭ ޒީނަތެކެވެ.( ހިތްވަރެކެވެ.)” (3)

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ.

_________
(1) رواه مسلم: 49

(2) سورة البقرة: 44

(3)މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.