عَنْ عَبْدُ اللهِ بِنْ عُمَرُ رَضِيَ اللهُ عَنْهُ قَالَ : قاَلَ رَسُوْلُ اللهِ صَلَى اللهُ عَلَيْهِ وَسَلَمَ ” ياَ مَعْشَرَ النِّسَاءِ تَصَدَّقْنَ وَأَكْثِرْنَ الإِسْتِغْفَارَ, فَإِنِّى رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ. فَقَالَتْ اِمْرَأَةٌ مِنْهُنَّ ، ( جَزْلَة ً): وَمَا لَناَ يَا رَسُوْلَ اللهِ أَكْثَرَ أَهْلِ الناَّرِ . قَالَ : تُكْثِرْنَ الَّلعُنَ . وَتُكْفِرْنَ العَشِيْرَ . وَماَ رَأَيْتُ مِنْ نَاقْصَاتٍ عَقْلٍ وَدِيْنٍ أَغْلَبُ لِذِيْ لُبٍّ مِنْكُنَّ . قَالَتْ : ياَ رَسُوْلَ اللهِ ! وَماَ نُقْصَانُ الْعَقْل ِوَالدِّيْنِ؟ قاَلَ : أَماَّ نُقْصَانُ الْعَقْلِ فَشَهَادَةُ اِمْرَأَتَيْنِ تَعْدِلُ شَهَادَةُ رَجُلٍ . فَهَذَا نُقْصَانُ الْعَقْلِ . وَتَمْكُثُ الَّليَالِي مَا تُصَلِّي . وَتَفْطُرُ فِيْ رَمَضَانِ . فَهَذَا نُقْصَانُ الدِيْنِ – رواه مسلم
ޢަބްދު ﷲ ބުން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَمَ ޙަދީޘްފުޅުކުރެއްވިއެވެ. ” އޭއަންހެނުންނޭވެ! ތިޔަކަނބަލުން ޞަދަޤާތްދީ ފާފަފުއްސަވައި ދެއްވުން އެދި ދެންނެވުންގިނަ ކުރާށެވެ. އެހެނީ ތިޔަކަނބަލުންކުރެ ގިނަބަޔަކު ނަރަކައިގައިވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. ” (ހަމައެވަގުތު ) އެކަނބަލުންކުރެ އަންހެނަކު ދެންނެވިއެވެ. އަޅުގަނޑުމެންކުރެ ގިނަބަޔަކު ނަރަކަވަންތަވެރީން ކަމުގައިވީ ކީއްވެތޯއެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަކަނބަލުން ( އަނެކުންނަށް ޙައްޤަކާއިނުލައި ) ލަޢުނަތްދީ ފިރިންނަށް އުރެދި ނުކިޔަމަންތެރިވެ އުޅުންގިނައެވެ. އަދި ބުއްދިއާއި ދީނުގެ އުނިކަން ތިޔަކަނބަލުންގެ ކިބާގައި ހުރުމާއިއެކުވެސް ބުއަދިވެރި ފިރިހެނުންގެ މައްޗަށް ގަދަވެ ނުގަންނަ އެކަކުވެސް ވާކަމުގައި ނުނީ ތިމަން ނަބިއްޔާ ނުދެކެމެވެ. ” އަންހެނަކު ދެންނެވިއެވެ. ބުއްދިއާއި ދީނުގެ އުނިކަމަކީ ކޮބައިތޯއެވެ؟ ޙަދިޘްފުޅު ކުރެއްވިއެވެ. ” ބުއްދީގެ އުނިކަމަކީ ދެ އަންހެނުންގެ ހެކިބަސް އެއްފިރިހެނެއްގެ ހެކިބަހާ އެއްވަރުވާކަމެވެ. ރޭތައް ވޭތުވެގެންދާއިރު ނަމާދުނުކޮށް ރަމަޟާންމަހުގެ ރޯދަ ނުހިފާ ދެމިތިބޭތިބުން އެއީ ދީނުގައިވާ ތިޔަކަނބަލުންގެ އުނިކަމެވެ. “