[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (30)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ސޯޅަވަނަ ނަސޭހަތް: ގޭގެ އަހުލުންގެ ކަންތައްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން

 

  • ތިބާގެ ދަރިންގެ ރަޙްމަތްތެރިންނަކީ ކޮންބައެއް ހެއްޔެވެ؟
  • ތިބާއަށް މީގެ ކުރިން އެމީހުންނާ ބައްދަލުވެފައިވޭ ހެއްޔެވެ؟ ނުވަތަ އެމީހުންނާ ބެހޭގޮތުން އެނގިފައިވޭ ހެއްޔެވެ؟
  • ތިބާގެ ދަރިން ގެއިން ބޭރުން ގެންނަނީ ކޮން އެއްޗިއްސެއް ހެއްޔެވެ؟
  • ތިބާގެ އަންހެން ދަރިފުޅު ދަނީ ކޮންތާކަށް ހެއްޔެވެ؟ އަދި ކާކާއެކު ހެއްޔެވެ؟

އެމީހުންގެ ދަރިންގެ އަތުގައި ބައެއް ފަހަރު ނުބައި ތަޞްވީރުތަކާއި ފިލްމުތައް ނުވަތަ މަސްތުވާތަކެތި  ހުންނަކަން ބައެއް ބަފައިންނަކަށް ނޭނގެއެވެ. އަދި ބައެއް މީހުންނަށް އެބައިމީހުންގެ އަންހެން ދަރިފުޅު ޚާދިމާއާ އެއްކޮން ބާޒާރަށް ގޮސް ޑްރައިވަރާ އެއްކޮށް މަޑުކުރުމަށް ޚާދިމާ ގާތު ބުނުމަށްފަހު އޭނާ ކަނޑައަޅާފައިވާ ވަޤުތަށް ޝައިޠާނަކާއެއްކޮށް ދާކަމެއް އަދި އެހެން ފަހަރަކު އޭނާގެ ނުބައި ރައްޓެހިންނާއެކު ސިނގިރޭޓު ބޮއެ ސަކަރާތްޖަހަން ދާކަމެއް ނޭނގެއެވެ. އަދި މިފަދައިން ދަރިންގެ ކަންތައްތަކާ އަޅާނުލާ ދޫކޮށްލާ މީހުންނަށް ބޮޑުވެގެންވާ ދުވަހު އެދުވަހުގެ ކަންތައްތަކާ އަޅާނުލައި ދޫކޮށެއް ނުލެވޭނެއެވެ. ޖަޒާދެއްވާ ދުވަހުގެ ބިރުވެރިކަމުން ނުފިލޭނެއެވެ.

«إِنَّ اللَّهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ، أَحَفَظَ أَمْ ضَيَّعَ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِهِ» [حسن رواه النسائي ٩١٢٩، وابن حبان عن أنس وهو في صحيح الجامع ١٧٧٤، السلسة الصحيحة ١٦٣٦]

މާނައީ: “ހަމަކަށަވަރުން ކޮންމެ މަސްއޫލުވެރިޔަކާ، އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ސުވާލު ކުރައްވާނެއެވެ. އެމީހެއްގެ ގޭގެ އަހުލުވެރިންނާ ބެހޭގޮތުން ސުވާލުވެއްޖައުމަށް ދާނދެނެވެ. އެބައިމީހުންނާމެދު ރައްކާތެރިވިތޯ ނުވަތަ ގެއްލެނިކުރުވީތޯއެވެ.”

މިތަނުގައި މުހިންމު ނުޤުޠާތަކެއްވެއެވެ.

  • ބެލެހެއްޓުމުގެ ކަންތައް ސިއްރިއްޔާތުގައި ގެންދިޔުން ލާޒިމުވުން .
  • ބިރުވެރިކަމުގެ މާހައުލެއް ނުއުފެއްދުން.
  • ދަރިންނަށް އެކުދިންނަށް އިތުބާރު ނުކުރާކަމުގެ އިޙްސާސްވިޔަ ނުދިނުން.
  • ނަސޭހަތް ދިނުމުގައި ދަރިންގެ ޢުމުރާ، އެކުދިންގެ ވިސްނުމާ އަދި އެކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބެލުން.
  • ކަންކަން ބެލެހެއްޓުމުގެ ގޮތުން، ނަހަމަ ގޮތުގައި ކުދިކުދި ކަންތައްތަކުގައި ނުހިފުމަށް ސަމާލުވުން. އެކުދިންގެ ކޮންމެ ނޭވާއެއް ހިސާބުނުކުރުން.

ބަފައިންގެ ތެރެއިން މީހަކާ ބެހޭ ގޮތުން އަޅުގަނޑަށް އިވިފައިވެއެވެ. އޭނާގެ ކޮމްޕިއުޓަރުގައި ތަފްޞީލުކޮށް ދަރިންކުރާ ކަންތައްތައް ނޯޓުކުރަމުން ދެއެވެ. ފަހެ، އެކުއްޖާ ކުށެއް ކުރުމުން އޭނާއަށް ގޮވާ ގެނެސް އެކުއްޖާއަށް ޚާއްޞަކޮށްފައިވާ ފައިލް ހުޅުވައެވެ. އަދި އޭނާ ފަހުން ކުރި ކުށާއެކު މާޟީގައި ކޮށްފައިވާ ކުށްތައް ކިޔައިދެއެވެ.

ނޯޓް: އަޅުގަނޑުމެން މިއުޅެނީ ކުންފުންޏަކު ނޫނެވެ. އަދި ބައްޕައަކީ ކުށްތައް ލިޔަށް ކަނޑައަޅާފައި ހުންނަ މަލާއިކަތެއް ނޫނެވެ. މި ބައްޕަ އިސްލާމީ ތަރުބިއްޔަތުގެ އުޞޫލުތަކާ ބެހޭގޮތުން އިތުރަށް ކިޔަން ޖެހެއެވެ.

ދަރިންގެ ކަންކަމުގެ ތެރެއަށް ވަންނަން އިންކާރުކުރާ މީހުންވެސް އަޅުގަނޑަށް އެނގެއެވެ. އެމީހުން ދައްކާ ޙުއްޖަތަކީ އެކުދިންނަށް ކުށަކީ ކުށެއްކަން ނުވަތަ ފާފައަކީ ފާފައެއްކަން އެނގޭނީ އެކަން ކުރުމަށްފަހު އޭނާގެ ނަފްސަށް އެއީ ކުށެއްކަން ފެނުނީމައެވެ. މިއީ ހުޅަނގުގެ ފަލްސަފާތަކާއި ފުރިހަމަ މިނިވަންކަމުގެ ވިސްނުންތަކެވެ. މިކަމުގެ މަޞްދަރު އަބާއްޖަވެރި ވެގެންވެއެވެ. އަދި މިކަމަށް ތަބާވިމީހުންގެ ހުރި ނުބައިކަމާއެވެ. ބައެއް މީހުން އެބައިމީހުންގެ ދަރިންނަށް ފުރިހަމަ މިނިވަންކަން ދެއެވެ.

އެއީ ” ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އޭނާގެ ލޯބި އަހަރެން ހޯދާނަމެވެ.” މިފަދައިން ބުނެ އެމީހުން ދެކެ ނަފްރަތުކޮށްފާނެތީއެވެ. ބައެއް މީހުން އެމީހުންގެ ބަފައިން އެމީހުންނާމެދު ކުރީގައި ހަރުކަށިކޮށް ކަންތައް ކުރުމުން ކަންތައްވީގޮތުން، ފަހެ، އެމީހުންނަށް ހީވެފައި އޮންނަނީ އެމީހުންގެ ދަރިންނާމެދު ކަންތައް ކުރަންޖެހޭނީ އޭގެ އިދިކޮޅަށް ކަމެވެ. އެހެންކަމުން އެބައިމީހުންގެ ދަރިންނަށް ފުރިހަމަ މިނިވަންކަންދެއެވެ.

ބައެއް މީހުން އެމީހުންގެ މިމޮޔަ ޚިޔާލުގެ އިންތިހާއަށްގޮސް މިފަދައިން ބުނެއެވެ. “ތިބާގެ ފިރިހެން ދަރިފުޅާއި އަންހެން ދަރިފުޅު އެމީހުންގެ ޒުވާން ދުވަސްވަރު އެމީހުން ބޭނުން ގޮތަކަށް މަޖާކޮށްލުމަށް ދޫކޮށްލާށެވެ.”

ފަހެ، ޤިޔަމާތް ދުވަހު އެބައިމީހުންގެ ދަރިން އެބައިމީހުންގެ ހެދުމުގައި ހިފާ ދަމާފަ މިފަދައިން ބުނާނެ ކަން އެބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ ” އޭ ބައްޕާއެވެ! ތިމަން ފާފައިގެ ތެރެއަށް ދޫކޮށް ނުލަން ހެއްޔެވެ؟”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް