[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިންޓަރނެޓުން ޢިލްމު ހޯދާއިރު ފަރުވާތެރިވެ ލައްވާ!

internetޒަމާން ތަރައްޤީވަމުން އައިސް އިންޓަރނެޓަކީ ތަފާތު އެކިމަޢުލޫމާތުތައް ފަސޭހަކަމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޯދައިގަނެވޭނެ އެންމެ ފަސޭހަ ވަސީލަތެވެ. އެކިއެކި ދާއިރާތަކުން ތަފާތު އެތައް މަޢުލޫމާތެއް ފަސޭހަކަމާއި ތާޒާކަމާއެކު ހޯދައިގަނެވޭނެ ވަސީލަތެވެ. އަދި މަޢުލޫމާތު ހޯދުމުގެ ވަޞީލަތްތަކުގެ ތެރެއިން އެވަޞީލަތެއްގެ ބޭނުން އެންމެ ގިނައިން މީހުން ހިފާ ވަސީލަތަކީ އިންޓަރނެޓް ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

އެހެންނަމަވެސް ވިސްނާލުން ހުއްޓެވެ! އިންޓަރނެޓަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ، ތަފާތު އެކި ދީންތަކާއި، ޢަޤީދާތަކާއި، އާދަކާދައާއި، ތަފާތު ވިސްނުން ހުންނަ އެތައް ބަޔަކު ތަފާތު އެކި މަޢުލޫމާތުތައް ކޮންމެ ދުވަހަކުވެސް އާކޮށްކޮށް ހުންނަ ވަޞީލަތެކެވެ. ޙައްޤާއި ބާޠިލެވެ. ތެދާއި ދޮގެވެ. ޙައްޤާއި، މަކަރާއި ހީލަތެވެ. މިހުރިހާ މަޢުލޫމާތެއް އެކުއެކީ ބާޠިލުން ޙައްޤު، ދޮގުން ތެދު، އަދި މަކަރާ ހީލަތުން ޙަޤީޤަތް ފުރާނާލާނެ ފުރޭންޏެއް ނެތެވެ. ކޮންމެ މީހަކު އިންޓަރނެޓަށް ލާ މަޢުލޫމާތަކީ ތަފާތު އެތައް ބަޔަކަށް ފެނިގެންދާނެ މަޢުލޫމާތުތަކެކެވެ. ޚާއްޞަގޮތެއްގައި ތަފާތު އެކި ސޯޝަލް މީޑިއާތަކުގެ އެހީގައެވެ. ކަންމިހެން ހުރިއިރު މިއީ ވިސްނާލުން މުހިއްމު ނުކުތާއެކެވެ.

ވިސްނަވާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާ ރަސޫލުކަމާގެން ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެކަލޭގެފާނަށް ބާވާލެއްވޭ ވަޙީގެ އަލީގައި، އެކަލޭގެފާނުގެ މަތިވެރިވެގެންވާ ފުރިހަމަ ތަރުބިއްޔަތުން ޖީލެއް ތަރުބިއްޔަތު ކުރައްވާފައެވެ. އެ ޖީލަކީ ދީނަށް ލޯބިކުރާ، ޢިލްމުވެރި، ޢަމަލާއި ބަހުން ބޯލަނބައި ކިޔަމަންތެރިވާ ޖީލެއްކަމުގައި ވެގެން ދިޔައެވެ. އެކަލޭގެފާނަށްފަހު، އިސްލާމްދީނުގެ ނޫރު ފެތުރުއްވުމުގެ ޒިންމާ ނެންގެވިއެވެ. އަދި އެއާއެކު ޖެހިގެން އައި ޖީލު ބިނާކުރެއްވިއެވެ. އާދެ، ތާބިޢީންގެ ޖީލެވެ. އެއަށްފަހު، ތާބިޢީން އެޒިންމާ ޞަޙާބީންގެ އަތްޕުޅުތަކުން ލިބިވަޑައިގެން ޖެހިގެން އައި ޖީލު ބިނާކުރެއްވިއެވެ. ކޮންމެ ޖީލެއްވެސް އަނެއް ޖީލުން ލިބިވަޑައިގެންނެވި ތަރުބިއްޔަތާއި ޢިލްމު އަނެއް ޖީލަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވިއެވެ. ކޮންމެ ޖީލެއްވެސް ތަރުބިއްޔަތުވަމުން އައިސްފައިވަނީ ކުރީގެ ޖީލުގެ ބޭކަލުންނާއެކު މަސްހުނިވެގެން އުޅުއްވައިގެންނެވެ. އެބޭކަލުންގެ ކިބައިން ސީދާ ޢިލްމު ޙާޞިލުކުރެއްވިއެވެ. ކަންކަން ކުރައްވާގޮތް ބައްލަވައިގެން ބަހާއި ޢަމަލާއެކީ ހޯއްދެވިއެވެ. އިސްލާމީ އުއްމަތް ތަރުބިއްޔަތުވުމާއި، ދީނީ ޢިލްމު ވާރުތަވަމުން އަންނަނީ މި އުޞޫލުންނެވެ. ހަމަމަގުގައި ތަރުބިއްޔަތު ކުރާނެ ބަޔަކާނުލައި ހެޔޮގޮތުގައި ތަރުބިއްޔަތުވުމަކީ ނުވުން ގާތްކަމެކެވެ. ތަރުބިއްޔަތުވިނަމަވެސް ޢަޖައިބުކުރުވަނިވި ކަންކަން އެފަދަ މީހެއްގެ ކިބައިން ނުފެނި ނުދާނެއެވެ.

މައުޟޫއަށް އަލުން އެނބުރިލާއިރު، ކުރިން ދެންނެވި ފަދައިން އިންޓަރނެޓަކީ ޙައްޤާއި ބާޠިލު، ދޮގާއި ތެދު ފުރާނާނެ ފުރޭންޏެއް ބޭނުންވާނެ އެއްޗެކެވެ. އުފެދޭ ސުވާލަކީ އު ފުރޭނި ކޮބައި ހެއްޔެވެ؟ ކަމެއް އޮޅުން ފިލުވުމަށް ބޭނުންވާ ކޮންމެ ފަހަރަކު ‘ގޫގުލް’ ގައި ޖަހައިގެން ހޯދާ ކޮންމެ މަޢުލޫމާތަކީ އަޅުގަނޑުމެން ޚަބަރުދާރު ވާންޖެހޭ މަޢުލޫމާތެކެވެ. އެ މަޢުލޫމާތު ދޭ ފަރާތަކީ ކަނޑައެޅިގެން ޢަދުލުވެރި ތެދުވެރިއެއްތޯ ދެނެގަތުމުގެ އެއްވެސް ޖާގައެއް ގިނަ ފަހަރު ލިބޭކަށް ނޯވެއެވެ. އެހެންވީއިރު، އެމަޢުލޫމާތުގެ ދޮގުތެދު ބެލުމަށް އުނދަގޫވެއެވެ. އެހެންކަމުން، ނޫސްވެރިންނާއި، ލިޔުންތެރިންނާއި، ސޯޝަލް މީޑިރތަކުގައި ޚަބަރުތައް ފަތުރުއްވާ ބޭފުޅުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ އަމާނާތްތެރިކަމުގެ ތެރެއިން ހިމެނިގެންދާނެކަމެކެވެ.

އަދި އެންމެ ރައްކާތެރިވާންޖެހޭ މަޢުލޫމާތަކީ އިސްލާމްދީނާގުޅޭ މަޢުލޫމާތެވެ. އެހެނީ، އެހެން މަޢުލޫމާތުތަކާ ޚިލާފަށް، އިސްލާމްދީނުގެ މަޢުލޫމާތަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ މަޢުލޫމާތެކެވެ. އެހެނީ، ދީނީގޮތުން އެމީހާ ހޯދާ މަޢުލޫމާތަކީ އެމީހާގެ ހިތުގެ އެންމެ ފުނަށް އެއިގެ އަސަރުކުރުވާނެ، އަދި އެމީހާގެ ދުނިޔެއާއި އުޚްރަވީ ޢަމަލުތައް އެއިގެ މައްޗަށް ބައްޓަންވާނެ މަޢުލޫމާތެކެވެ. ދީނީ ކަންކަމުގައި ‘ގޫގުލް’ ކޮށްގެން ހޯދެވޭ މަޢުލޫމާތަކީ އިންތިހާ ދަރަޖައަށް ވިސްނުން ބަހައްޓަންޖެހޭ މަޢުލޫމާތެކެވެ. އިސްލާމްދީނުގެ ނަމުގައި ސައިޓުތައް ހަދައިގެން ދީން ފަސާދަކުރުމަށްޓަކައި މަސައްކަތްކުރަނީ ކިތައްކިތައް މުސްތަޝްރިޤުންތޯއެވެ؟ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ނުލިބި، ޢިލްމު ނުއުގެނި ދީނުގެ ނަމުގައި ސައިޓުތައް ހިންގަނީ ކިތައް މީހުންތޯއެވެ؟ ތަފާތު އެކި ބާޠިލު ފިރުޤާތަކާއި، ޚުރާފާތްތަކާއި، ބިދުޢައިގެ ތެރެއަށް ޢަރަޤުވެފައިވާ މީހުންކުރެ އިސްލާމްދީނުގެ ނަމުގައި ސައިޓްތައް ހިންގަނީ ކިތައްމީހުންތޯއެވެ؟ ސޯޝަލް މީޑިއަރގައި ފަތުރަނީ ކިތައް މަޢުލޫމާތުތޯއެވެ؟ ދީނީގޮތުން ލިބޭ ކޮންމެ މަޢުލޫމާތަކީ ނުރައްކާތެރި ބިރުހުރިކަމެކެވެ. އަދި އެހެންމީހަކަށް އެ މަޢުލޫމާތުގެ ދޮގުތެދު ބަލާނުލައި ފެތުރުމަކީ އެކަމަކާމެދު އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުގައި ޒިންމާވާންޖެހޭނެކަމެކެވެ. އިންޓަރނެޓުން ނަގާ ދީނީ މަޢުލޫމާތުގެ ޞައްޙަކަން ނުވަތަ ނޫންކަން ވަކިކުރަން ތިމާއަށް އެނގޭ މިންވަރަކީ ކޮބައިކަމާމެދު ވިސްނާލުން ހުއްޓެވެ. ވިދާ ކޮންމެ އެއްޗަކީ ރަނަށް ނުވަތަ އަލިމަހަކަށް ނުވާނެއެވެ. ފޮނި ބަސްތަކަކުން އަތުރާލައިފައިވާ ކޮންމެ ބަސްތަކަކީ ޙައްޤަކަށް ނުވާނެއެވެ. ވިސްނާލުން ހުއްޓެވެ!

ކަންމިހެން ހުރިއިރު، ތިމާ ދީނީ ޢިލްމު ޙާޞިލުކުރުމުގެ ‘އެދުރަކީ’ ހަމައެކަނި އިންޓަރނެޓްކަމުގައި ހެދުމަކީ މަލާމާތް ލިބިގެންވާނެ ކަމެއްކަމުގައި ވާނެއެވެ. ދީނީ ޢިލްމުގައި ތަރުބިއްޔަތު ކުރާނެ މުރައްބީއަކާނުލައި ޢިލްމުން ފައިދާނުކުރާނެއެވެ. ކުށް ގިނަވުން ކައިރިވެގެންވެއެވެ. ބާޠިލު އިސްވެ ގަތުން ގާތެވެ. ހަމައެކަނި ކިޔާތަކެތިން ޢިލްމު ހޯދުމާމެދު އިބްނު ބާޒު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެނގިގެންވަނީ މީހެއްގެ ޝައިޚަކީ ފޮތްކަމުގައިވެއްޖެމީހާގެ ހެވަށްވުރެ ކުށް ގިނަވެގެންވެއެވެ. މިއީ އަހަރަމެންނަށް އެނގިގެންވާ ޢިބާރާތެކެވެ. މިއީ ޞައްޙަ ބަހެކެވެ. ޢިލްމުގެ އަހުލުވެރިންގެ އަރިހުން ޢިލްމު ނުއުގެނި، އެބޭފުޅުންގެ ފަރާތްޕުޅުން ޢިލްމު ނުހޯދައި، އެބޭފުޅުން ޢިލްމު ޙާޞިލުކުރެއްވުމުގައި ހިންގެވި މަގު ނޭނގިއްޖެނަމަ، ފަހެ އެމީހާގެ (ޢިލްމުގައި) ކުށް ގިނަވާނެއެވެ. ޙައްޤު ބާޠިލާ މަސްހުނިވާނެއެވެ. އެފަދައިން އެކަން އެވަނީ ޝަރުޢީ ދަލީލުތައް ނޭނގުމުގެ ސަބަބުންނެވެ. އަދި ޢިލްމުގެ އަހުލުވެރިން ރިޢާޔަތްކުރައްވާފައިވާ ކަންކަން ނޭނގުމުގެ ސަބަބުންނެވެ. އަދި ކަނޑައަޅުއްވާފައިވާ ކަންކަމާއި ޢަމަލުކުރައްވާފައިވާ ގޮތް ނޭނގުމުގެ ސަބަބުންނެވެ. ‘އެމީހާގެ (ހެވަށްވުރެ) ކުށް ގިނަވާނޭ’ އޮތުމަކީ އެންމެ ރަނގަޅު ޢިބާރާތަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، އެމީހާގެ (ހެވަށްވުރެ ކުށް ގިނަ ނުވިނަމަވެސް) ކުށް ގިނަވާނެއެވެ….”(1)

އަދި ޢަބްދުﷲ އަލްޣުދައްޔާން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެނގިގެންވާގޮތުގައި، ޢިލްމު ނަގަންޖެހޭނީ ޢިލްމުވެރިންގެ އަނގަފުޅުތަކުންނެވެ. (އެބަހީ؛ ސީދާ އެބޭފުޅުންގެ ފަރާތްޕުޅުންނެވެ.) ކޮންމެ ޢިލްމެއްވެސް ނަގަންޖެހޭނީ އެ ޢިލްމެއްގައި ކަންވޮށިގެންވާ މީހުންގެ ކިބައިންނެވެ. މީހަކު ކީރިތި ޤުރުއާނުގެ ތަފްސީރުގެ ޢިލްމު ނަގާކަމުގައި ނަގަންވާނީ މި ޢިލްމުގައި ކަންވޮށިގެންވާ ޢިލްމުވެރިއެއްގެ ކިބައިންނެވެ. އެހެން ހުރިހާ ޢިލްމެއްވެސް ހަމަމިފަދައެވެ. މިއީ (އެއް) ވަސީލަތެވެ. ދެވަނަ ވަސީލަތަކީ؛ މީހަކު ޢިލްމު އުގެނުމަށްޓަކައި ފޮތް ކިޔަނީއެވެ. އެހެންނަމަވެސް އެމީހާ ފޮތް ކިޔައިގެން އެފޮތުގެ މައްޗަށް ބަރޯސާވަންވާނީ އެފޮތުގައި ބުނާ އެއްޗެއް ޞައްޙަކޮށް ދެނެގަތުމުގެ އަހުލިއްޔަތު އެމީހަކަށް ލިބިފައިވާނަމައެވެ. އެހެނީ، އެމީހާގެ ދެނެގަތުމުގައި އުނިކަމެއް ހުރެއްޖެނަމަ، ކަމެއް އެއިގެ ރަނގަޅު ނޫން ގޮތަކަށް ދެނެގަނެވިދާނެއެވެ. އެހައިރުން، އެމީހަކަށް އެ ދެނެގަނެވުނުގޮތަކަށް ވާހަކަ ދެކެވި، އެ ދެއްކުނު ވާހަކައަކީ ކުށެއްކަމުގައިވެއްޖެނަމަ، އެ އަންގައިދެވުނުގޮތަށް މީސްތަކުން ޢަމަލުކުރުމުން، އެ އެންމެހާ މީސްތަކުންގެ ކުށް އެމީހާ ތަޙައްމަލުކުރަންޖެހިދާނެއެވެ.”(2)

އަޅުގަނޑުމެން ބުއްދިން ވިސްނާލިނަމަވެސް، އިންޓަރނެޓަރ އެނޫންވެސް ލައިބްރަރީ ފަދަ ތަންތަނުގައި ބޭސްވެރިކަމާބެހޭ ފޮތްތަކާއި، ލިޔުންތައް އެބަހުއްޓެވެ. އެހެންނަމަވެސް، ޑޮކްޓަރަށް ދެއްކުމެއްނެތި ފޮތްތަކުން ނުވަތަ ލިޔުންތަކުން ބަލައިގެން ބޭސްނަގައި، ކައި އުޅުމަކީ ނުރައްކާތެރިކަމެކެވެ. ވީއިރު، އިސްލާމްދީނުގެ ޢިލްމަކީ އެ ޢިލްމު ގޯސްގޮތަކަށް ވިސްނިއްޖެކަމުގައިވާނަމަ އެކަމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ނުރައްކާތެރިކަން ފޯރަފާނެކަމެކެވެ.

އެހެންކަމުން، އިންޓަރނެޓް ނުވަތަ ތަފާތު ލިޔުންތަކާއި ފޮތްތަކުން ދީނީ މަޢުލޫމާތު ހޯދާއިރު އަންނަނިވި ނުކުތާތަކަށް ވިސްނާލުމަކީ މުހިއްމުކަމެކެވެ.

(1) ދީނުގެ ޢިލްމުގެ ބިންގަލެއް ދީނީ ޢިލްމުވެރިންގެ އަރިހުން އެޅުން.

(2) އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިންނަކީ ކޮންބޭކަލުންނެއްތޯ ދެނެގަތުން.

(3) އިތުބާރުހުރި ޢިލްމުވެރިންގެ ޚާއްޞަ ވެބްސައިޓްތަކަކީ ކޮބައިތޯ ހޯދުން.

(4) އިންޓަރނެޓްގައި އަތްފުނާއަޅައިގެން ހޯދާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްތޯ ނުވަތަ ނޫންތޯ ޢިލްމު ލިބިފައިވާމީހުންކުރެ އަހައިގެން ހޯދުން.

(5) ލިޔުމެއް ނުވަތަ ފޮތެއް ކިޔާލުމުން ދޭހަވާ މުރާދަކީ ރަނގަޅު މުރާދުތޯ ޢިލްމު ލިބިފައިވާމީހުންކުރެ އަހައިގެން ހޯދުން.

(6) ފެންނަ ކޮންމެ މަޢުލޫމާތެއް ނުވަތަ މީހަކު ތިމާއަށް ފޮނުވާ މަޢުލޫމާތެއް ޞައްޙަތޯ ނުބަލައި ސޯޝަލް މީޑިއާގައި ނުފެތުރުން. މިއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެންގެ ދީނީ ޢިލްމު އިތުރުކޮށްދެއްވައި، އެ ލިބޭ ޢިލްމަކަށް ޢަމަލުކުރުމުގެ ތައުފީޤް ދެއްވާށި! އަދި ޙައްޤާއި ބާޠިލަކީ ކޮބައިކަން ދެނެގަތުމުގެ ތައުފީޤު ދެއްވާށި! އާމީން

_________________________

(1) ފަތުވާ ބެއްލެވުމަށް ފިއްތަވާލައްވާ

(2) ފަތުވާ އެއްސެވުމަށް ފިއްތަވާލައްވާ