[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (32)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

  • ހަމަ ކޮންމެ މީހަކާއެކު ދަރިން ބޭރަށް ފޮނުވުމުގައި ސަމާލުވުން:

ފަހެ، އޭރުން އެކުދިން އެނބުރި ގެއަށް އަންނާނީ ނުރަނގަޅު ބަސްތަކާއި ނުބައި އަޚްލާޤާއި އެކުއެވެ. ނަމަވެސް ގާތްތިމާގެ މީހުންނާއި އަވަށްޓެރިންގެ ތެރެއިން ހޮވާލެވޭ ކުދިންތަކަކަށް ގެއަށް އައިސް ތިބާގެ ދަރިންނާއެކު ކުޅުމަށް ދަޢުވަތު ދޭށެވެ.

  • އެކުދިން ކުޅޭ ކުޅިވަރުތަކަކީ އެކުދިންނަށް ހިތްހަމަޖެހުން ލިބޭ އަދި ހަމައެހެންމެ ފައިދާހުރި ކުޅިވަރުތަކެއްކަމުގައި ހެދުން:

އެކުދިން ކުޅުމަށް ޚާއްޞަ ކޮޓަރިއެއް ނުވަތަ ކުޅޭ އެއްޗެހި ބެހެއްޓުމަށް ޚާއްޞަ އަލަމާރިއެއް ދޭށެވެ. އެއީ އެތަނުގައި ތަރުތީބުން އެކުދިންގެ ކުޅޭ އެއްޗެހި ބެހެއްޓުމަށެވެ.

 

  • ޝަރީޢަތާ ޚިލާފުވާ ކުޅޭ އެއްޗެހިން ރައްކާތެރިވުން:

އެއީ މިއުޒިކް ކުޅޭ ސާމާނާއި އޭގައި ޞަލީބު ހުންނަ ތަކެއްޗާ އަދި ޑައިސް (dice) ބޭނުން ކޮށްގެން ކުޅޭ ކުޅިވަރުތަކެވެ.

ޒުވާން ކުދިންނަށް ވަޑާންކުރުމާއި، ކަރަންޓާއި މެކޭނިކް މަސައްކަތްތަކާއި ކޮމްޕިއުޓަރުން ހުއްދަ ގޭމުތައް ކުޅުމަށް ޚާއްޞަތަނެއް ތައްޔާރުކުރުމަކީ ރަނގަޅު ގޮތެކެވެ. ނަމަވެސް ކޮމްޕިއުޓަރުން ގޭމު ކުޅެން ދިނުމުގައި ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ބައެއް ގޭމުތަކުން އަންހެނުންގެ ނުރަގަނޅު ޞޫރަތައް ކޮމްޕިއުޓަރު ސްކްރީނުން ފެންނަން ހުރެއެވެ. އަދި ބައެއް ގޭމުތަކުގައި ޞަލީބުވެސް ފެނެއެވެ.

ކޮމްޕިއުޓަރާއެކު ޖުވާ ކުޅޭ ގޭމެއްގެ ވާހަކަ މީހަކު އަޅުގަނޑަށް ކިޔައިދިނެވެ. އޭގައި ދެވަނަ ކުޅުންތެރިޔާ ރަމްޒުކޮށްދިނުމަށް ކޮމްޕިއުޓަރުގެ ސްކްރީނަށް އަރާ ހަތަރު އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ކުޅުންތެރިޔާ އިޚްތިޔާރު ކުރެއެވެ. އަދި އޭނާއަށް ކާމިޔާބުވެއްޖެނަމަ އޭނާއަށް ލިބޭ ހަދިޔާއަކީ އެންމެ ނުބައި ޞިފައިގައި އެއަންހެން ކުއްޖާ އޭނާއަށް ދައްކާލުމެވެ.

  • އަންހެން ކުދިންނާއި ފިރިހެންކުދިން ނިދާ އެނދު ވަކިކުރުން:

މިއީ ގޭތެރެ ތަރުތީބުކުރުމުގައި ދީނަށް ރައްކާތެރިވާ މީހުންނާ އަދި (ދީނީ ކަންކަމަށް) އަޅާނުލާ މީހުން ފަރަޤުކޮށްދޭ އެއްކަމެވެ.

 

  • ސަމާސާކުރުމާއި އޯގާތެރިކަން:

ރަސޫލުﷲ صلى الله عليه وسلم ކުޑަކުދިންނާއެކު ސަމާސާކުރައްވާ އަދި އެކުދިންގެ ބޮލުގައި ފިރުމާ ހައްދަވައެވެ. އެކުދިންނާ އޯގާތެރިކަމާއެކު ވާހަކަ ދައްކަވާ ހައްދަވައެވެ. އަދި އޭގެ ތެރެއިން އެންމެ ކުޑަ ކުދިންނަށް ފުރަތަމަ މޭވާ ދެއްވައެވެ. އަދި ބައެއްފަހަރު އެކަލޭގެފާނު صلى الله عليه وسلم ގެ ބުރަކަށިފުޅު މަތީގައި އެކުދިން އިށީނދެއެވެ.

އަލްޙަސަންގެފާނާއި އަލްޙުސައިންގެފާނާއެކު އެކަލޭގެފާނު صلى الله عليه وسلم ސަމާސާކުރައްވާ އުޅުއްވިކަމުގެ ދެ މިޘާލެއް ތިރީގައި އެވަނީއެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

« كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيُدْلِعُ لِسَانَهُ لِلْحَسَنِ بْنِ عَلِيٍّ، فَيَرَى الصَّبِيُّ حُمْرَةَ لِسَانِهِ فَيَبْهَشُ إِلَيْهِ» [رواه أبو الشيخ في أخلاق النبي صلى الله عليه وسلم وآدابه ، انظر السلسلة الصحيحة رقم ٧٠]

މާނައީ: “އަލްޙަސަން ބުން ޢަލީއާ ދިމާއަށް އެކަލޭގެފާނުގެ ދޫފުޅު ނެރުއްވައެވެ. ފަހެ، ޙަސަނުގެފާނަށް އެކަލޭގެފާނުގެ ދޫފުޅުގެ ރަތްކަން ފެނުމުން މަޖާވެގެން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވައެވެ.”

އެބަހީ: އެކަމާ ގަޔާވެ، އެކަލޭގެފާނުގެ އަރިހަށް އަވަހަށް ވަޑައިގަންނަވައެވެ.

ޔަޢުލާ ބުން މުއްރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

«خَرَجْنَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَدُعِينَا إِلَى طَعَامٍ فَإِذَا حُسَيْنٌ يَلْعَبُ فِي الطَّرِيقِ، فَأَسْرَعَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَمَامَ الْقَوْمِ، ثُمَّ بَسَطَ يَدَيْهِ، فَجَعَلَ يَمُرُّ مَرَّةً هَا هُنَا وَمَرَّةً هَا هُنَا، يُضَاحِكُهُ حَتَّى أَخَذَهُ، فَجَعَلَ إِحْدَى يَدَيْهِ فِي ذَقْنِهِ وَالْأُخْرَى فِي رَأْسِهِ، ثُمَّ اعْتَنَقَهُ فَقَبَّلَهُ…» [رواه البخاري في الأدب المفرد رقم ٣٦٤]

މާނައީ: “ނަބިއްޔާ صلى الله عليه وسلم އާއެކު ތިމަންމެން ނުކުތީމެވެ. އަދި ތިމަންމެންނަށް ކެއުމަކަށް ދަޢުވަތު ދެވުނެވެ. ފަހެ، އޭރު ޙުސައިނުގެފާނު މަގުމަތީ ކުޅެން އުޅުއްވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ހިނގުން ބާރުކޮށްލައްވާ މީސްތަކުންނަށްވުރެ ކުރިއަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނުގެ ދެއަތްފުޅު ދިއްކުރެއްވިއެވެ. ފަހެ، (ޙުސައިންގެފާނު) ދެކޮޅު ދެކޮޅަށް ދުވެއެވެ. އެކަލޭގެފާނު، ޙުސައިނުގެފާނު އުފުއްލަވާލަންދެން ދެބޭފުޅުންވެސް ހިނިފުޅުވެޑުވިއެވެ. އެކަލޭގެފާނުގެ އެއް އަތްޕުޅު (ޙުސައިންގެފާނުގެ) ދަތްދޮޅީގަ އަދި އަނެއް އަތްޕުޅު ބޮލުގައި އެޅުއްވިއެވެ. ދެން ގާތްކޮށްލައްވާ ބޮސްދެއްވިއެވެ.”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް