ސުފްޔާނުބުން ޢަބްދުﷲ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމުއެވެ. “އޭﷲގެ ރަސޫލާއެވެ. އިސްލާމްދީނުގެ ތެރެއިން، ކަލޭގެފާނުގެ އަރިހުންފިޔަވާ އެހެން އެއްވެސް މީހެއްގެ ކައިރީ، އެކަމަކާ ބެހޭގޮތުން އިތުރަށް އަހަންނުޖެހޭ ބަހެއް ތިމަންކަލޭގެފާނަށް ވިދާޅުވެދެއްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވެވިއެވެ.
((قُلْ آمَنْتُ بِاللهِ ثُمَّ اسْتَقِمْ))
މާނައީ: “ބުނާށެވެ. އަހަރެން ﷲ އަށް އީމާންވެއްޖައީމެވެ. ދެން އެއަށްފަހު އޭގެމަތީ ޘާބިތުވާށެވެ.” [رواه مسلم]
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެމަތިވެރި ބަސްފުޅަށް ވިސްނާލާށެވެ. މިއީ ޢިބާރާތުގެ ގޮތުން ކުރު އެހެން ނަމަވެސް، އޭގެ މާނަ ފުން ބަސްފުޅެކެވެ. އަދި ކޮންމެ އަޅަކު، އެކަމާ ފުންކޮށް ވިސްނަން ޖެހޭކަމެކެވެ.
އެހެންކަމުން އެދީންމަތީ ސާބިތުވުމަށްޓަކައި އެއިލާހުގެ ސީދާވެގެންވާ މަގު (الصراط المستقيم) ދެނެގަންނަން ޖެހެއެވެ. އެއީ އެމަގުގައި ފުރިހަމައަށް ފައިތިލަ ޘާބިތުކުރުމަށްޓަކައެވެ. އެމަގަކީ، ﷲތައާލާ އެމަގަކަށް، މަގުދައްކަވާ ދެއްވާފައިވާ މަގެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
((إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا)) [سورة الإنسان ٣]
މާނައީ: “ހަމަކަށަވަރުން ތިމަން އިލާހު އިންސާނާއަށް މަގުދެއްކެވީމެވެ. އެއީ އެއިންސާނާ ޝުކުރުވެރިމުމަށްޓަކައެވެ. ނޫނީ ދެކޮޅުވެރިވެ ކާފިރުވުމަށްޓަކައެވެ.”
އެހެންނަމަވެސް އެމަގަކީ، ރަތްދޫލައެޅި އޮމާންކުރެވިފައިވާ މަގެއްކަމަށް ތިބާ ހީނުކުރާށެވެ. ނުވަތަ އެމަގަކީ، ފިނިފެންމަލުގެ ބަގީޗާތަކުން ޒީނަތްތެރިކުރެވިފައިވާ މަގެއްކަމަށްވެސް ފަހެ، ތިބާ ހީނުކުރާށެވެ. ނަމަވެސް އެމަގަކީ ކަށި ކުނބުރު ގަސްތައް އެމަގުގައިވާ މަގެކެވެ. އެމަގުގައި އުސްގަނޑުގަނޑާއި ބިރުވެރިކަން އެކުލެވިގެންވެއެވެ. އެމަގަކީ، ދަތިކަމާއި އުނދަގޫ އެކުލެވިގެންވާ މަގެކެވެ. ﷲތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.
(وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ) [سورةالبقرة: ١٥٥]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
(أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ *وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ) [سورةالعنكبوت: ٢ – ٣]
މާނައީ:”މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ. [2] އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ މީހުން، ތިމަންއިލާހު އިމްތިޙާނު ކުރެއްވީމެވެ. ފަހެ އީމާންކަމުގައި ތެދުވެރިވިމީހުން، ހަމަކަށަވަރުން، ﷲދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެއިލާހު ދެނެވޮޑިގެންވެތެވެ.[3]”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
(كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ) [سورة الأنبياء: ٣٥]
މާނައީ: “ކޮންމެ ނަފްސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނުކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢަކުރައްވާހުށީ، ތިމަންއިލާހުގެ ޙަޟުރަތަށެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
(أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّى يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَى نَصْرُ اللَّهِ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ)[سورة البقرة: ٢١٤]
މާނައީ: “ތިޔަބައިމީހުންގެ ކުރީގެ އިސްވެ ގޮސްފައިވާ މީހުންނަށް ކުރިމަތިވި ކަންތައްތަށް، ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. ރަސޫލުންނާއި އެ ރަސޫލުންގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ. ﷲގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން،ﷲގެ ނަޞްރުވަނީ ދާދި ގާތުގައެވެ.”
އަބޫހުރައިރާرضي الله عنهއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ)) [رواه البخاري]
މާނައީ: “ﷲ ތަޢާލާ މީހަކަށް ހެޔޮގޮތެއް މިންވަރުކުރައްވާނަމަ، އެމީހަކަށް މުޞީބާތް ޖައްސަވައެވެ. [އެއީ އެކަމުގެ ޘާވާބު އެމީހަކަށް ދެއްވުމަށްޓަކައެވެ.]”
މިދެންނެވި ސީދާވެގެންވާ މަގަކީ ދަތިކަން އެކުލެވިގެންވާ މަގެއްކަން އެނގުމަށްފަހު، ދެނެގަންނާށެވެ! އެ ސީދާވެގެންވާ މަގުގެ އިތުރުން، އިތުރު މަގުތަކެއްވެއެވެ.
ޢަބްދުﷲ ބުން މަސްޢޫދު رضي الله عنهވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އަތްޕުޅުން ބިންމަތީގައި ސީދަލަށް ރޮނގެއް އެޅުއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ.
((هَذَا سَبِيلُ اللهِ مُسْتَقِيمًا))
މާނައީ: “މިއީ ސީދާވެގެންވާ ﷲގެ ތެދުމަގެވެ.”
އަދި އެއަށްފަހުގައި އެކަލޭގެފާނުގެ ކަނާއަތްޕުޅާއި ވާއަތްޕުޅަށް ވާގޮތަށް ރޮނގެއް އެޅުއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ.
((هَذِهِ السُّبُلُ، لَيْسَ مِنْهَا سَبِيلٌ إِلَّا وعَلَيْهِ شَيْطَانٌ يَدْعُو إِلَيْهِ))
މާނައީ: “މިމަގުތަކުގެ ތެރެއިން އެއްވެސް މަގެއްގައި، އެމަގުތަކަށް ދަޢުވަތުދިނުމަށްޓަކައި ޝައިޠާނުންނުވާ، މަގެއް ނުވެއެވެ.”
އެއަށްފަހު ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު ކިޔަވާވިދާޅުވިއެވެ.
(وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ)[سورة الأنعام: ١٥٣]
މާނައީ: “އަދި މިއީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބާވާށެވެ! އެނޫން މަގުމަގަށް ތިޔަބައިމީހުން ތަބާނުވާށެވެ! އޭރުން އެއިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެއިލާހު ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.”
[رواه أحمد والحاكم والنسائي وابن جرير وأبو بكر وابن مردويه]
ﷲ ތަޢާލާގެ ސާފުސީދާވެގެންވާ ތެދުމަގުގެ އިތުރުން އެހެނިހެން މަގުތަކެއް ވާކަން ދެނެގަތުމަށްފަހު، ދެނެގަންނާށެވެ! އެ މަގުތަކަކީ،ކުފުރާއި ޝިރުކާއި ދުނިޔެވީ ޒީނަތްތެރިކަމާއި ހެއްލުންތެރިކަން އެކުލެވިގެންވާ މަގުތަކެކެވެ. ފާޙިޝްކަންތައްތަކާއި ޝައިޠާނީ ޢަމަލުތަކުން ފުރިފައިވާ މަގުތަކެކެވެ. އެމަގުތަކަށް މަގު ދެއްކެވުމަށްޓަކައި އިންސީންގެ ތެރެއިންނާ ޖިންނީންގެ ތެރެއިންވާ ޝައިޠާނުންތައް ވެއެވެ. ﷲގެ ސީދާވެގެންވާ ތެދުމަގުން މީސްތަކުން މަގުފުރެއްދުމަށްޓަކައި،ޝައިތާނާވަނީ އެމަގުގެ މެދުގައި އިށީންދެފައެވެ. އެއީ އެހެނިހެން މަގުތަކަށް މީސްތަކުން ގެންދިއުމަށްޓަކައެވެ. ﷲ ތައާލާ ވަޙީކުރެއްވިއެވެ.
(قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ *ثُمَّ لَآتِيَنَّهُمْ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَنْ شَمَائِلِهِمْ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ)[سورة الأعراف: ١٦ – ١٧]
މާނައީ: “އޭނާ ބުންޏެވެ. އިބައިލާހު ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބައިލާހުގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އެޅުމަށްޓަކައި އަހަރެން، އިބައިލާހުގެ ސިދާވެގެންވާ މަގުގައި އިށީންނާނަމެވެ. [16] ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުވެރިވާ ބައެއްގެ ގޮތުގައި އިބައިލާހު ދެކެވޮޑިއެއް ނުގަންނަވާނޫއެވެ. [17]”
ލޮބުވެތި އަޚުންނާ އުޚުތުންނެވެ. ﷲތަޢާލާގެ ސީދާވެގެންވާ ތެދުމަގެއް ވާކަން މިހާރު އެނގިއްޖެއެވެ. އަދި ޝައިޠާނާގެ މަގުތަކެއްވާކަންވެސް އެނގިއްޖެއެވެ. ދެންއޮތީ ﷲގެ މަގުގާ ޘާބިތުވުމެވެ. ނުވަތަ ޝައިޠާނާގެ މަގުތަކަށް ލެނބިގެންދިޔުމެވެ. ޝައިޠާނާއަށް ތަބަޢަވެއްޖެނަމަ ދަންނާށެވެ! އެއީ ހާދަ ބަދުނަސީބުވެރިކަމެކެވެ. އެހެނީ ﷲ ތަޢާލާވަނީ އޭނާއާއި، އޭނާއަށް ތަބަޢަވީ އެންމެން އަޅާ ޖަހަންނަމަ ފުރުއްވާނޭކަމަށް ވަޢުދުވެ ވޮޑިގެންފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
(قَالَ اخْرُجْ مِنْهَا مَذْءُومًا مَدْحُورًا لَمَنْ تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنْكُمْ أَجْمَعِينَ)[سورة الأعراف:١٨]
މާނައީ: “އެއިލާހު ވަޙީކުރެއްވިއެވެ. ކުށްވެރިވެ، ރަޙުމަތުން ދުރުކުރައްވާފައިވާ ޙާލު، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެޔަށް ތަބާވީ މީހުންނާއި، ތިޔަ އެންމެން އަޅައި،ތިމަންއިލާހު ނަރަކަ ފުރުއް ވާހުށީމެވެ.”
އެހެންނަމަވެސް، އެމީހެއްގެ ވެރިއިލާހުގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލި، އަދި އެމީހެއްގެ ނަފްސު، އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! އެބަޔަކަށް ބިރެއްނެތެވެ. އަދި ހިތާމަކުރަނިވި ބައެއްކަމުގައި އެބައިމީހުން ނުވެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ.
(إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ) [سورة الأحقاف: ١٣]
މާނައީ: “ހަމަކަށަވަރުން، ތިމަންމެންގެ ވެރިއިލާހީ ﷲ އޭ ބުނެ، ސީދާމަގުގައި ޘާބިތުވިމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ.”
އަދި ތަޤުވާވެރިވެ، ސީދާވެގެންވާ މަގުގައި ސާބިތުވެއްޖެނަމަ، ދުނިޔޭގެ މުދަލާ އަހުލުވެރިން ދޫކޮށް އެކަނިމާއެކަނި ކައްވަޅަށް ދިޔުމަށް މަރުވެދާވަގުތުގައި، އުފާވެރި ޚަބަރުތަކާއިގެން މަލާއިކަތްބޭކަލުން އެއުރެންގެމައްޗަށް ފައިބައިވަޑައިގަންނަވާނެތެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
(إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ * نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ * نُزُلًا مِنْ غَفُورٍ رَحِيمٍ)[فصلت: 30, 31, 32]
މާނައީ: ” ހަމަކަށަވަރުން، ތިމަންމެންގެ ވެރިއިލާހީ ﷲއޭ ބުނެ، ދެން ސީދާމަގުގައި ޘާބިތުވިމީހުން ދަންނާށެވެ! އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދު ކުރެވިފައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ! [30] އަދި ތިމަންބޭކަލުންނީ، ދުނިޔޭގެ ޙަޔާތުގައިވެސް އަދި އާޚިރަތުގެ ޙަޔާތުގައިވެސް ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ސުވަރުގޭގައި ތިޔަބައިމީހުންގެ ނަފްސުތައް އެކަންކަމަކަށް އެދޭހާކަމެއް އެތާނގައި ވެއެވެ. [31] އަދި އެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙުމަތްލެއްވުން ބޮޑުވެގެންވާ އިލާހެއްގެ މެހުމާނުދާރީއެވެ. [32]”
އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ޢިބުރަތް ޙާޞިލްކޮށް، ﷲގެ މަގުގައި ޘާބިތުވުމަށްޓަކައި ގިނަގިނައިން ﷲއަށް ދުޢާކުރާށެވެ. އެކަލޭގެފާނު ގިނަގިނައިން ސަޖިދާގައި ކުރައްވާ ދުޢާގައިވެއެވެ.
((اللهُمَّ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ))
[رواه الترمذي وغيره وصححه الألباني]
މާނައީ: “އޭﷲ! ހިތްތައް ފުރޮޅުއްވާ އިލާހު! މިއަޅާގެ ހިތް އިބައިލާހުގެ ދީނުގައި ޘާބިތުކޮށްދެއްވާނދޭވެ!”
ސީދާވެގެންވާ ތެދުމަގުގައި ޘާބިތުވެތިބި ހާލު، ﷲއާ ބައްދަލުކުރެވެއްޖެނަމަ އަންނަނިވި ނިދާ އިއްވޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެގެންދާނެއެވެ. ﷲގެ ވަޙީބަސްފުޅުގައި ވެއެވެ.
(كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ)[سورة الحاقة24]
މާނައީ: “މާޒީވެދިޔަ (ދުނިޔޭގެ) ދުވަސްތަކުގައި ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮޢަމަލުތަކަށްޓަކައި، އުފަލާއަރާމުގަ މެދުކެނޑުމެއް ނުވާނެގޮތުގައި ކައިބޮއި އުޅޭށެވެ.”