[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (34)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ނަވާރަވަނަ ނަސޭހަތް: އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމާމެދު ދެވަނަ ވިސްނުމަކަށް

 

އިސްލާމްދީނުގެ އެއް ޝިޢާރު އަނެއް ޝިޢާރު ފުރިހަމަ ކުރެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقَرْنَ فِي بُيُوتِكُنَّ…﴾ [سورة الأحزاب٣٣]

މާނައީ: “އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ…”

މިފަދައިން ﷲ ތަޢާލާ އަންހެނުންނަށް އަމުރުކުރައްވާފައިވާއިރު އެބައިމީހުންގެ މައްޗަށް ބައްޕަ ނުވަތަ ފިރިމީހާ ޚަރަދުކުރުންވަނީ ވާޖިބުކުރައްވާފައެވެ.

އަޞްލަކީ ޙާޖަތެއް ނެތި އަންހެނާ ގެއިން ބޭރުގައި މަސައްކަތް ނުކުރުމެވެ.

ޞާލިޙު ބޭކަލެއްގެ ދެ އަންހެން ކަނބަލުން ނަޢަމްސޫފިތަކަށް ފެންދިނުމަށް އިންތިޒާރުކުރަމުން ދިޔައިރު އެތަކެތި ދުރަށް ޖައްސާތީ މޫސާ عليه السلام އަށް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދެކަނބަލުންނާ ސުވާލުކުރެއްވިއެވެ.

﴿…ما خَطْبُكُمَا ۖ قَالَتَا لَا نَسْقِي حَتَّىٰ يُصْدِرَ الرِّعَاءُ ۖ وَأَبُونَا شَيْخٌ كَبِيرٌ﴾ [سورة القصص ٢٣]

މާނައީ: “…ތިޔަ ދެކަނބަލުންގެ ޚަބަރަކީ ކޮބާ ހެއްޔެވެ؟ (އެބަހީ: ތިޔަހެން ތިޔަ ހައްދަވަނީ ކީއްވެގެން ހެއްޔެވެ؟) އެ ދެ ކަނބަލުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާމީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަދި ތިމަންމެންގެ ބައްޕާފުޅަކީ (އެފަދަކަމެއް ކުރެއްވޭވަރަށްވުރެ) ޢުމުރުން ދުވަސްވެފައިވާ މުސްކުޅިބޭކަލެކެވެ.”

ފަހެ، އެކަނބަލުންގެ ޙާލަތުގެ ގޮތުން ނަޢަމްސޫފިތަކަށް ފެންދިނުމަށް ނުކުތުމަށް އެކަނބަލުންނަށް ޢުޛުރު އެބައޮތެވެ. އެއީ އެދެކަނބަލުންގެ ބައްޕާފުޅަކީ ޢުމުރުން ދުވަސްވެ މަސައްކަތްކުރުމަށް ނުކުޅެދިފައިވާ ބޭފުޅަކަށްވުމުންނެވެ. އެދެކަނބަލުން ތިއްބެވީ  ގެއިން ބޭރުގައި ކުރަން ޖެހިފައިވަ މަސައްކަތުން ސަލާމަތްވެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ.

﴿قَالَتْ إِحْدَاهُمَا يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ﴾ [سورة القصص ٢٦]

މާނައީ: “އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާފުޅާއެވެ. އެކަލޭގެފާނަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ނޯކަރެއްކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ ގައިބާރުހުރި އަމާނާތްތެރިޔެކެވެ.”

ފަހެ، ގެއިން ބޭރުގައި މަސައްކަތްކުރުމުން ކުރިމަތިވެދާނޭ އުނދަގޫތަކުން އެކަމަނާގެ ނަފްސު ޙިމާޔަތްކުރެއްވުމަށްޓަކައި ގެއަށް ރުޖޫޢަވާން އުންމީދުކުރައްވާވަރު އެކަމަނާގެ ޢިބާރާތުން ހާމަވެގެންދެއެވެ.

މި ޒަމާނުގައި ކާފިރުން އަންހެނުން ލައްވާ މަސައްކަތް ކުރުވަން ބޭނުންވީ، ދުނިޔޭގެ ބޮޑު ދެ ހަނގުރާމައަށްފަހު މަސައްކަތުގެ މައިދާނުގައި ފިރިހެނުންގެ ޢަދަދު މަދުވުމުން ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުންނެވެ. ހަނގުރާމައިން ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި އެމީހުންވީ މިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައެވެ. އަންހެނުންގެ މިނިވަންކަމުގެ ނަމުގައި އަންހެނުންގެ ޙައްޤުތަކަށް ގޮވާލާ، އަންހެނުން ފަސާދަކުރުމަށްޓަކައި އަދި ހަމައެހެންމެ މުޅި މުޖުތަމަޢު ފަސާދަކުރުމަށްޓާކައި ޔަހޫދީން ރާވަމުންދިޔަ ރޭވުންތަކާ މިމީހުންގެ މިފިކުރާ ދިމާވެއެވެ. އެހެންކަމުން އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމުގެ ފިކުރަށް ބާރުލިބިގެން ދިޔައެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިކަމަށް ހިތްވަރުދޭ ކަންކަން ނެތްކަމުގައިވިޔަސް އަދި މުސްލިމް ފަރުދުން އެބައިމީހުންގެ އަނބީންނަށް ޙިމާޔަތްދީ އެމީހުންގެ ޚަރަދުތައް ކޮށްދިންކަމުގައި ވިޔަސް، އަންހެނުންގެ މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ޙަރަކާތްތައް ކުރިއަށް ދެއެވެ. އަދި މިކަން ވާސިލުވެފައިވާ މިންވަރަކީ އަންހެނުންނަށް ކިޔަވައިދިނުމުގެ ނަމުގައި ޤައުމުން ބޭރަށް ފޮނުވަން ފެށުމެވެ. ދެން އެއަށްފަހު އެލިބުނު ސެޓްފިކެޓް ބޭކާރު ވިޔަނުދިނުމުގެ ގޮތުން މަސައްކަތްކުރުމަށް އެދެއެވެ.

ފަހެ، މުސްލިމް މުޖުތަމަޢެއްގައި މިފަދަ ފުޅާ ދާއިރާއެއްގައި މިކަން ކުރުމުގެ ޙާޖަތެއްނެތެވެ. މިކަމުގެ ހެއްކަކީ ވަޡީފާއެއް ނެތް ފިރިހެނުން ތިބިއިރުވެސް އަންހެނުން މަސައްކަތްކުރާނޭ ދާއިރާތައް ހުޅުވެމުން ދާކަމެވެ.

“މިފަދަ ފުޅާ ދާއިރާއެއްގައި މިކަން ކުރުމުގެ ޙާޖަތެއްނެތް” ކަމަށް އަޅުގަނޑުމެން މިބުނާ ބުނުމުގެ މާނައަކީ ކިޔަވައި ދިނުމާއި، ބަލިމީހުންނަށް އަޅާލުމާއި، ބޭސްވެރިކަންފަދަ ބައެއް ދާއިރާތަކުގައި، ޝަރުޠުތަކަކާއެކު އަންހެނުން މަސައްކަތަށް ނުކުތުމުގެ ޝަރުޢީ ޙާޖަތެއް އޮތުމުންނެވެ. މިފަދައިން އަޅުގަނޑުމެން މިބުނަނީ، އެކަން ފަށައިގަތުމުން އަންހެނުން ޙާޖަތެއް ނެތިވެސް ގެއިން ބޭރުގައި މަސައްކަތްކުރުމަށް ނުކުންނަތަން ފެންނާތީއެވެ. އަދި އެއީ ބައެއްފަހަރު ވަރަށް ކުޑަކުޑަ މުސާރައަކަށެވެ. އެހެނީ އެމީހުން މަސައްކަތަށް ނުކުތުމުގެ މާބޮޑު ބޭނުމެއް ނެތްކަމުގައި ވިޔަސް އެމީހުން ކޮންމެހެންވެސް މަސައްކަތަށް ނުކުންނަން ޖެހޭކަމުގެ އިޙްސާސް އެމީހުންނަށް ކުރެވެއެވެ. އެއީ އެމީހުންނާ އެކަށީގެން ނުވާ ތަނެއްކަމުގައި ވިޔަސްމެއެވެ. ފަހެ، މިކަމުގެ ސަބަބުން ވަރަށް ބޮޑު ފިތުނައަކަށް މަގުފަހިވެއެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް