[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިބްރީލް ޙަދީޘްގެ ފައިދާތައް 1

3080991656_aae89d6ee8عَنْ عُمَرَ رَضِيَ اللهُ عَنْهُ أَيْضًا قَالَ: ” بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ حَتَّى جَلَسَ إلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخْذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ((الإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا.)) قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ! قَالَ: فَأَخْبِرْنِي عَنْ الإِيمَانِ. قَالَ: ((أَنْ تُؤْمِنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.)) قَالَ: صَدَقْت. قَالَ: فَأَخْبِرْنِي عَنْ الإِحْسَانِ. قَالَ: ((أَنْ تَعْبُدَ اللهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)). قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: ((مَا الْـمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ.)) قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: ((أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ.)) ثُمَّ انْطَلَقَ، فَلَبِثْنَا مَلِيًّا، ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟. قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: ((فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ))” [رواه مسلم] ޢުމަރު ރަޟިޔަﷲ ގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލު ﷲ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ގެ އަރިހުގައި، ތިމަން ބޭކަލުން އެއްދުވަހަކު ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު ވަޑައިގެންފި އެވެ. އެ ބޭކަލެއްގެ ހެދުންކޮޅުގައި ވަނީ، ގަދަވެގެންވާ ހުދުކުލަ އެވެ. އަދި އެބޭކަލެއްގެ އިސްތަށިފުޅުގައި ވަނީ، ގަދަވެގެންވާ ކަޅުކުލަ އެވެ. ދަތުރެއް ކުރެއްވި ކަމުގެ އެއްވެސް ޢަލާމާތެއް، އެބޭކަލެއްގެ ކިބައިގައި ނުވެ އެވެ. އަދި ތިމަންމެންގެ ތެރެއިން އެކަކަށްވެސް، އެއީ، ކޮން ބޭކަލެއްކަން އެނގިވަޑައެއް ނުގަނެއެވެ. ތިމަންމެން ބަލަހައްޓަވައިގެން ތިއްބަވަނިކޮށް، އެބޭކަލަކު ވަޑައިގެން، އެބޭކަލަކުގެ ދެކަކޫފުޅު، އިތުރު އެކަލޭގެފާނުގެ ދެ ކަކޫފުޅުގައި ޖައްސަވައިގެން އިށީނދެވަޑައިގެންފިއެވެ. އަދި އެބޭކަލެއްގެ ދެ އަތްތިލަފުޅު، އެބޭކަލެއްގެ ދެ ފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވާފައި ވިދާޅުވިއެވެ. “އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” ﷲ ގެ ރަސޫލާ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އިލާހަކު ވޮޑިގެން ނުވާކަމަށާއި މުޙައްމަދުގެފާނީ، އެކަލާނގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމެވެ. އަދި ތިބާ ޒަކާތްދިނުމެވެ. އަދި ތިބާ ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ތިބާއަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުމެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” ޢުމަރުގެފާނު ވިދާޅުވި އެވެ. “އެބޭކަލަކުގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖާއިބުވެވަޑައިގެން ތިއްބެވީމު އެވެ. އެއީ، އެބޭކަލަކު، އިތުރު އެކަލޭގެފާނުގެ އަރިހުން އައްސަވައި، އިތުރު އެކަލޭގެފާނު ދެއްވާ ޖަވާބަކީ ތެދުކަމުގައި ވިދާޅުވާތީއެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “އީމާންކަމަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “އިޙުސާންތެރިކަމަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ ދެކެދެކެ ހުރި ޙާލުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައިވަނީނަމަ، އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އައްސަވާ ފަރާތަށް އެ ކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިގެނެއް ނުވެ އެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ޤިޔާމަތްވުމުގެ ޢަލާމާތްތަކަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. “ދެން އެބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. އެއަށްފަހު، އެކަމާމެދު ފިކުރުފުޅު ކުރައްވަން ތިމަންނާ އިންނަވަނިކޮށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ! ޢުމަރެވެ! އެއީ ކޮން ބޭކަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟”” ތިމަން ދެންނެވީމެވެ. “އެއީ ކޮން ބޭކަލެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާއެވެ.” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.” (ރަވާހު މުސްލިމް)

ފައިދާތައް
1- އިޖުމާލީ ގޮތެއްގައި މި ޙަދީޘުގައި އައިސްފައިވަނީ އިސްލާމްދީނުގެ މަރުތަބާ ތަކެވެ. އެބައިތަކުގެ ތަފްޞީލު އެހެނިހެން ޙަދީޘުތަކުގައި އައިސްފައިވެއެވެ.
2- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ކަންތައްތައް އުނގެނިގަތުމަށާއި އުނގެނޭ ކަންތައްތައް ފަހުން އަންނަ ޖީލުތަކަށް ނަޤުލުކުރުމަށް އެބޭކަލުން ދެއްވި އަހައްމިއްޔަތު މި ދިގު ޙަދީޘު އަހަރެމެންނާ ހަމައަށް ނަޤުލުކުރައްވާފައިވުމުން ދޭހަވެއެވެ. އެބޭކަލުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.
3- ތަޢުލީމު އުނގެނޭ ކުއްޖާގެ ހިންދާމު ހުންނަންވީގޮތުން މި ޙަދީޘުން އެނގެއެވެ. ސާފުތާހިރުކަމަށް ސަމާލުވުމާއި މުދައްރިސާމެދު އަދަބުވެރިވުމެވެ. ބޮލުގެ ކަޅުކަންގަދަ، ލައިގެން ހުރި ފޭރާމުގެ ހުދުކަންގަދަކަން އަދި ދަތުރެއްގެ އަސަރެއް ފެންނަން ނެތްކަން އަންގައިދެނީ ސާފުތާހިރުކަމުގެ އިންތިހާއެވެ.
4- ޙަދީޘުގައި ބޭނުންކުރެވިފައިވާ އުނގަންނައިދިނުމުގެ އުޞްލޫބަކީ ޙިވާރުގެ އުޞްލޫބެވެ. އެއީ ޑައިލޮގެވެ. ސުވާލުކުރުމުން ޖަވާބު ދިނުމުގެ އުޞޫލެވެ. މި އުޞޫލަކީ މި ޒަމާނުގައިވެސް ކިޔަވައިދިނުމުގައި ބޭނުންކުރެވޭ އުޞޫލެކެވެ. މުދައްރިސުގެ މައްޗަށް ވަނީ ދަރިވަރުންގެ ސުވާލުތައް ގިނަވި ކަމުގައިވިޔަސް ކެތްތެރިކަމާއެކު އެކަން ތަޙައްމަލުކޮށް ޖަވާބު ދިނުމެވެ. އަދި ރިވެތި ބަސްމަގު ބޭނުންކުރުމެވެ. މި ޙަދީޘުގައި މިވާ ފަދައިންނެވެ.
5- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅުގެ ތަނަވަސްކަން މި ޙަދީޘުން އެނގެއެވެ. ގިނަ ސުވާލުތަކެއް ކުރިމަތިކުރެއްވި އިރުވެސް އެކަލޭގެފާނު ހާސްވެވަޑައިނުގަނެއެވެ އަދި އެކަމާ ހިތްޕުޅުހަމަނުޖެހިވަޑައިގެން ނުއުޅުއްވައެވެ. މިކަމުން އުއްމަތުގެ ދާޢީން ލިބިގަންނަންޖެހޭ ފިލާވަޅެއްވެއެވެ. އެހެނީ މީސްތަކުން ތިބާގެ ކިބައިން ކަންކަން އޮޅުން ފިލުވައި ސުވާލުކޮށް ހެދިކަމުގައިވިޔަސް ރުޅި ނައިސް އެކަން އޮންނަ ގޮތަށް ބަޔާންކޮށްދެވޭތޯ މަސައްކަތްކުރުމެވެ.
6- މި ޙަދީޘަކީ މުޅި އިސްލާމްދީން ބަޔާންވެގެންވާ ޙަދީޘެކެވެ. ދީނުގެ ޢަޤީދާއާއި ޢަމަލުގެ ބައިވެސް މެއެވެ.
7- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް ދީން އުނގަންނަވައިދެއްވުމަށްޓަކައި މަޖިލިސްކުރުއްވާ އުޅުއްވިއެވެ.
8- ޞަޙާބީން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވެ އުޅުއްވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު وَلَا يَعْرِفُهُ مِنَّا أَحَدٌ “އަހަރެމެންގެ ތެރެއިން އެކަކަށްވެސް އެބޭކަލަކު އެނގިވަޑައިނުގަންނަވައޭ” ވިދާޅުވީ އެހެންވެއެވެ. އެހެނީ ޞަޙާބީންގެ ތެރޭގައި ކަންތައްތައް އޮންނަ މަގަކީ ބީރައްޓެއްސަކު ނުވަތަ ބޭރުން ބޭކަލަކު ވަޑައިގެންފިނަމަ އެ މަޖިލީހެއްގައި އެމީހަކު ދަންނަ މީހަކު އިންނަމަ ތެދުވެ، އެމީހަކު އެންމެހާ ބޭކަލުންނަށް ތަޢާރަފުކޮށް އެރުވުމެވެ. ޖިބްރީލް ޢަލައިހިއްސަލާމު ފިރިހެނެއްގެ ސިފައިގައި ވަޑައިގަތުމުން، އެ މަޖިލީހުގައި އެއީ ކޮންބޭކަލެއްކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭކަލަކު ނެތީއެވެ.
9- ދަތުރު ކުރުމަކީ އެކަމުގެ އަސަރު ދަތުރު ކުރާމީހާގެ ކިބައިން ފެންނަން ހުންނަ ކަމެކެވެ. އެގޮތުން ހިރަފުސް އެރުމާއި ވަރުބަލިކަން ހިމެނެއެވެ.
10- މަލާއިކަތް ބޭކަލަކު މީހެއްގެ ސޫރާގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ވާހަކަފުޅު ދެއްކެވުމަކީ ވަޙީގެ ޠުރުޤުތަކުގެ ތެރެއިން ޠުރުޤެކެވެ.
11- އިންސާނުންގެ ޞޫރައަށް ބަދަލުވުމުގެ ކުޅަދާނަކަމަކީ މަލާއިކަތުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ބާރެކެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَاتَّخَذَتْ مِنْ دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا [مريم17] މާނައީ: “ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންއިލާހު ޖިބްރީލް (ޢަލައިހިއްސަލާމް) އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ މަލާއިކަތާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.”
ހަމަ އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށްވެސް އިންސާނެއްގެ ސިފައިގައި ވަޑައިގެންނެވިއެވެ. މި ޙަދީޘުގައި މިވާ ފަދައިންނެވެ.
12- ސުވާލުކޮށްގެން ޖަވާބު ހޯދައިގެން އުނގަންނައިދިނުމަކީ މަޝްރޫޢުވެގެންވާ ކަމެކެވެ.
13- އިންސާނާ އޭނާއަށް އެނގޭކަމެއްގެ ވާހަކައިން، އެހެންމީހުންނަށް އެސުވާލުގެ ޖަވާބު ފޯރުކޮށްދިނުމަށްޓަކައި،  ސުވާލުކުރުމަކީ ހުއްދަކަމެކެވެ.
14- ދީނުގެ އަޞްލުތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭން ޖެހެއެވެ.
15- އެންމެ މުހިއްމު ކަންތަކުން ފެށުން، އީމާންކަމާއި އިސްލާމްކަމުގައި އަޞްލުތަކުގައިވެސް މެއެވެ.
16- އިސްލާމްކަމާ އީމާންކަމުގެ ފަރަޤު- ދެކަން އެކުގައި ބަޔާންވެއްޖެނަމަ.
17- އިސްލާމްކަން ބޮޑަށް ޚާއްޞަވެފައިވަނީ ފެންނަން ހުންނަ ޢަމަލުތަކުގައެވެ. އީމާންކަން ބޮޑަށް ޚާއްޞަވެފައިވަނީ ހިތުގެ އިޢުތިޤާދުގައެވެ.
(ނުނިމޭ)

********************************
1- قواعد وفوائد من الأربعين النووية (ناظم سلطان)
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض