[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ރަނގަޅު ފުރުޞަތު

Ramadan-2012-Islamic-Wallpapersމާ ގިނަ ދުވަސްތަކެއް ނުވެ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިޛުނަފުޅާއެކު އަޅުގަނޑުމެންނާ އެއިލާހު މާތްކުރެއްވި މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރު ބައްދަލުކުރާނެއެވެ.
ރޭތަކުގެ ތެރެއިން އެންމެ މާތް ރޭ ވަނީ އެ މައްސަރުގައެވެ. ފޮތްތަކުގެ ތެރެއިން އެންމެ މާތް ފޮތް އުންމަތްތަކުގެ ތެރެއިން އެންމެ މާތް އުންމަތުގެ، ރަސޫލުންގެ ތެރެއިން އެންމެ މާތް ރަސޫލާގެ މައްޗަށް ބާވައިލެއްވުނީ އެރޭގައެވެ.
ﷲ ގެ ރުހިވޮޑިގަތުން ހޯދަން ބޭނުންވާ މީހަކަށް ރަމަޟާން މަހަކީ ރަނގަޅު ފުރުޞަތެކެވެ. އައްރަޙްމާނުގެ ރަޙްމަތް ހޯދަން ބޭނުންވާ މީހަކަށް ރަމަޟާން މަހަކީ ރަނގަޅު ފުރުޞަތަކެވެ.

އަސްތަޣްފާރުކޮށް ކުރެވިފައިވާ ކުށްތަކާއި ފާފަތަކުގެ މިލައިން ހިތް ސާފުކޮށް، ﷲ ގެ ހެޔޮލަފާ ޞާލިޙު އަޅުތަކުންގެ ތެރެއިން ވުމަށް ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ. ރަމަޟާންމަހުގެ ދުވާލުގައި ރޯދަ ހިފައި، އެ ރޯދައިގެ މައްޗަށް ރައްކާތެރިވެ، ރޭގަނޑު ޤިޔާމުކޮށް، ﷲ އަށް ކުއްތަންވާ މީހުންގެ ތެރެއިން ވުމަށް ގަދައަޅާ މަސައްކަތްކުރަމާ ހިންގަވާށެވެ!
ޢިއްފަތްތެރިކަމާއި ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށްޓަކައިވެސް ރޯދައަށްވުރެ ރަނގަޅު ގަހަނާއެއް ނެތެވެ. ޝަހުވަތްތެރިކަމާ ހަނގުރާމަކުރުމުގައިވެސް ރޯދައަށްވުރެ ރަނގަޅު ހަތިޔާރެއް ނެތެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. يَا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ مِنكُم الْبَاءَةَ فَلْيَتَزَوَّجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ ، وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ – رواه البخاري ومسلم މާނައަކީ: ”އޭ އެންމެހައި ޒުވާނުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު، ފަހެ ކައިވެނި ކުރާށެވެ. ފަހެ އެއީ ލޯ ތިރި ކުރުމަށް އެހީވެދޭ، ފަރުޖު ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ކުޅަދާނަވެގެން ނުވާ މީހަކަށް އޮތީ ރޯދަ ހިފުމެވެ. ފަހެ އެ ކަމުން ޝަހުވަތްތެރިކަން ކުޑަވެއެވެ.”

ނަރަކައިން ރައްކާތެރިވުމަށްޓަކައި ރޯދައަކީ އައްޑަނައެކެވެ. ﷲ ގެ ނިޢުމަތުގެ ގޯތީގައި ޚާއްޞަ ދޮރުކޮޅެއް ރޯދަވެރީންނަށްޓަކައި ތައްޔާރުކުރެވިފައިވެއެވެ. ﷲ ގެ ވަޖުހަފުޅު އަދައިގެން ރޯދަހިފާ މީހާގެ މޫނު އެތައް އަހަރެއްގެ ރާސްތާއަށް ނަރަކައިގެ އަލިފާނާ ދުރުހެލިކުރައްވައެވެ.

މުޖުތަމަޢުގައި އިޖްތިމާޢީ ރޫޙު އާލާކޮށް، މުޖުތަމަޢުގެ އެކި ފަންތިތަކާއި ގިންތިތަކުގެ މެދުގައި ހަމަހަމަކަމާއި އެކުވެރިކަން ދިރުވައި، ޙަސަދައާއި ދެކޮޅުވެރިކަމުގެ އަލިފާން ނިވާލުމުގައި ރޯދަ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެނީ ފަޤީރުންނާއި މިސްކީނުންގެ ޙާޖަތްތައް މުއްސަނދިންގެ ހިތްތަކަށް ވައްދައިދީ އެބައިމީހުންގެ އިޙްސާސްތައް މުއްސަނދީންގެ ހިތްތަކަށް ވައްދައިދީ ހަދަނީ ރޯދައެވެ.

ރޯދައިގެ މަޤްޞަދަކީ ތަޤުވާވެރިވުން ކަމުގައި ވާއިރު ތަޤުވާވެރިވުމުގެ ސަބަބުން އިންސާނާއަށް ލިބޭ ވަރަށް ގިނަ ފައިދާތައް ލިއްބައިދިނުމުގައި ރޯދަ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ރޯދައިގެ ސަބަބުން ނަފްސު އިޞްލާޙުކޮށްލައެވެ. ހެޔޮ ޢަމަލުތަކާ ދިމާއަށް ނަފްސު ލަނބާލައެވެ. ނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ. ހިތުގެ ސަލާމަތްތެރިކަން ލިބިގަނެ، ސަލާމަތްތެރިކަމާއެކު ޙަޔާތް ވޭތުކުރުމަށް އެހީތެރިވެއެވެ.

ރޯދަމަހުގެ ވަޤުތުތަކުގެ ތެރެއިން އެއްވަޤުތަކީ ހާރު ކެއުމުގެ ވަޤުތެވެ. ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. ހާރު ކެއުމަކީ ބަރަކާތްތެރިކަމެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة” (رواه البخاري ومسلم) މާނައީ: “ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުގައި ބަރަކާތްތެރި ކަމެއްވެއެވެ.”
ހާރުދަމުގެ ވަޤުތު އަސްތަޣްފާރު ކުރާ މީހުންނަށް ހުރި މަތިވެރިވެގެންވާ އަޖުރުގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެއީ ތަޤުވާވެރީންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَبِالْأَسْحَارِ‌ هُمْ يَسْتَغْفِرُ‌ونَ ﴿الذاريات ١٨﴾ މާނައީ: “އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.”
އެ ވަޤުތަކީ ލޫޠު ޢަލައިއްސަލާމާއި އެކަލޭގެފާނުގެ ޢާއިލާ (އަނބިމީހާ ފިޔަވައި) ، ފާޙިޝް ޢަމަލުތައް ކުރަމުން ދިޔަ ސަދޫމުގެ މީހުންގެ ކިބައިން ނަޖާކުރެއްވި ވަޤުތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّا أَرْ‌سَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ نَّجَّيْنَاهُم بِسَحَرٍ‌ ﴿ القمر٣٤﴾
މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. ލޫޠު (ޢަލައިހިއްސަލާމު)ގެ އަހުލުވެރިން މެނުވީއެވެ. ހާރުދަމުގެ ވަގުތެއްގައި ތިމަންއިލާހު އެބައިމީހުން ނަޖާކުރެއްވީމެވެ.”
ނަޖާވުމަށް އެދޭ މީހާ ފަހެ އެވަޤުތު ލިބިގަންނަހުށިކަމެވެ. ނަރަކައިން ނަޖާވުމަށް އެދޭ މީހާ ރޭގަނޑުގެ ފަހު ބައިގައި އެކަމަށް އެދި ދަންނަވާހުށިކަމެވެ.

ރޯދަމަސް އައުމާއެކު ﷲ ތަޢާލާ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވާ، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރައްވައެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. “إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ وَصُفِّدَتِ الشَّيَاطِيْنُ” (رواه البخاري و مسلم) މާނައީ : “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާ ލެވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ލައްޕާލެވެއެވެ. އަދި ޝައިޠާނުންތައް ކަސްތަޅު އެޅުވި ހައްޔަރުކުރެވެއެވެ.”
އެއީ ރޯދަވެރިޔާ ހެޔޮ ޢަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ރޯދައިގެ ވިލާއިން ފެން ނެގޭނީ އެކަމަށްޓަކައި ތައްޔާރުވެގެން ހުރި މީހަކަށެވެ. ޙަޤީޤަތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ރޯދަމަހުގެ މަތިވެރިކަމާއި މާތްކަން އެނގޭ މީހަކު ރޯދަމަހުގެ ވަޤުތުތައް ބޭކާރެއް ނުކުރާނެއެވެ. ރޯދަ ކުރުކުރުމުގެ އެކި އެކި ކުޅިވަރުތަކުގަޔާއި، މުނިފޫހި ފިލުވުމުގެ އެކިއެކި ފިލްމުތަކާއި ޑްރާމާތަކާއި ޓީވީ ސިލްސިލާތަކާއި ޕްރޮގްރާމްތައް ބެލުމުގައި، އެ މާތް ވަޤުތުތައް ހޭދައެއް ނުކުރާނެއެވެ.

ނަފްސު އިޞްލާޙުކުރުމަށް އަންނަ މައްސަރުގައި ޝަހުވަތުގައި ޖެހި ނަފްސު އިތުރަށް ޚަރާބުކޮށް، ރޯދަމަހުގެ މަޣްފިރަތާއި ރަޙްމަތް ނުލިބި، ﷲ އާ ކުއްތަންނުވެ، ނަރަކައިން މުއްތި ނުވެ، ލައިލަތުލް ޤަދްރީގެ ނަޞީބު ނުލިބި، ޤުރުއާން އަކުރެއް ނުކިޔެވި، މިފަދަ ރަނގަޅު ފުރުޞަތެއް (ރޯދަމަހެއް) ފާއިތުވެގެން ދިޔުމަށްވުރެ ބޮޑު ޚުސްރާނެއް، ބޮޑު ގެއްލުމެއް، އެއަށްވުރެ ބޮޑު އަބާއްޖަވެރިކަމެއް އެބައޮތްތޯއެވެ؟