[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދިވެހިންނާއި އަލް ޖަމާޢާ

الحمد لله. والصلاة والسلام على محمد بن عبد الله صلى الله عليه وسلم

ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ޤަނޫންގެ 2 ވަނަ މާއްދާގެ “ހ” ގައި ބަޔާން ކޮށްފައިވާގޮތުން ދިވެހި ރާއްޖޭގެ ސިޓިޒަންޝިޕް ލިބޭނީ މުސްލިމަކަށެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. އެކަން އެއްވެސް އޮޅުމެއްނެތްގޮތުގައި ދިވެހިރާއްޖޭގެ ޤާނޫން އަސާސީގައި ބަޔާންވެގެންވެއެވެ.  ﷲ ގެ އިރާދަފުޅައިލައިގެން އަޅުގަނޑުމެން ދެމިތިބޭނީވެސް އެގޮތުގެމަތީގައެވެ. މިއީ އެއްވެސް އޮޅުމެއްނެތި ބަޔާންވެފައިވާ ކަމެކެވެ. އަދި މިއީ މިކަން ވެގެންވާނެ ގޮތްވެސްމެއެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ދިވެހީންނަކީ ޒަމާނުއްސުރެ އިސްލާމްދީނަށް ލޯބި ކުރާ، އެދީނުގެ ޙައްޤުގައި ޤުރުބާންވާންތައްޔާރަށްތިބި އަދި ފާއިތުވެގެންދިޔަ ދުވަސްތަކުގައި ދީނަށްޓަކައި ޤުރުބާންވެފައިވާ ބަޔަކަށްވީތީއެވެ. އިސްލާމްދީނަކީ އިލާހީ ދީނެވެ. އެއީ މީސްތަކުންގެ ހިތްތައް ޖާހިލުކަމުގެ އަނދިރީން ސަލާމަތްކޮށްދިން އިލާހީ މަންހަޖެވެ. މި އުއްމަތަށް ކައުކުރެއްވި ނަބިއްޔާގެ މައްޗަށް ބާވައިލެއްވުނު ޝަރީޢަތެވެ. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބީއެވެ.

އެހެންނަމަވެސް އަދު އަޅުގަނޑުމެން ހަނދާންބަހައްޓަންވީ ވަރަށް މުހިއްމު ނުކުތާތަކެއްވެއެވެ. އެހެނީ އެ ކަންތައްތައް އަޅުގަނޑުމެންގެ ހިތުން ފޮހެލެވިއްޖެ ކަމުގައިވާނަމަ ވަރަށް ފަސޭހައިން ޙައްޤުގެމަގުން އަޅުގަނޑުމެން ކައްސައިލައިގެން ދިއުމީ ދުރުގައި އޮތް ކަމަކަށް ނުވާނެއެވެ. އަޅުގަނޑުމެން ހަނދާން ކުރަންޖެހެނީ ކީރިތި މާތް ނަބިއްޔާގެ އިރުޝާދެވެ. އަދު އަޅުގަނޑުމެންނީ މުސްލިމުންނޭކިޔައިގެން ގޮނޑިތަކަށް އަރާ ހެވި ދިއްލިފައިތިބެއްކަމަކު އަސްލު ހަގީގަތުގައި އަޅުގަނޑުމެންނަށް ޢަމަލު ކުރެވެމުން މިދެވެނީ އިސްލާމްދީނަށްތޯ، މިކަމާ މެދު ފުންކޮށް ވިސްނާ ނަޒަރު ހިންގާލަން ޖެހެއެވެ.

ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެން ދިވެހިންނީ މުސްލިމުނީމުއެވެ. އިސްލާމް ދީން ނޫން އެހެން ދީނެއް ﷲ ޤަބޫލު ނުކުރައްވާނެކަމުގައި މާތް ﷲ ވަނީ އެކަލާނގެ މުޤައްދަސް ފޮތް ކަމުގައިވާ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

وَمَن يَبْتَغِ غَيْرَ‌ ٱلْإِسْلَـٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلآخِرَ‌ةِ مِنَ ٱلْخَـٰسِرِ‌ينَ

މާނައީ: ” دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. “

މީގެ އިތުރުން އެކަލާނގެ ވަޙީ ކުރައްވަނީ މިފަދައިންނެވެ.

إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ

މާނައީ: ” ހަމަކަށަވަރުން، اللَّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ. “

އެހެންނަމަވެސް މިއަދު އިސްލާމްދީން ވަނީ އެތައް ބަޔަކަށް ބައިބައިވެގެން ގޮސްފައެވެ. މާތް ﷲ އަމުރު ކުރައްވަނީ މިއާއި ޚިލާފަށް މިސްލިމުން އެކަތިގަނޑަކަށް ވުމަށެވެ. އިސްލާމުން ވާންޖެހޭނީ އަޚުންތަކެއްފަދަ ބަޔެއްގެ ގޮތުގައެވެ. ކޮންމެ ޙަލެއްގައި ނަމަވެސް އަޅުގަނޑުމެން މުސްލިމުންވާންޖެހޭނީ އެކަތިގަނޑެއްގެ ސިފައިގައެވެ. އެހެނީ މާތްﷲ ވަނީ އެކަލާނގެ އަޅުތަކުން އެއްބައިވަންތަވުމަށް ގޮވާލައިފައެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّ‌قُوا۟ وَٱذْكُرُ‌وا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَ‌ٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَ‌ةٍ مِّنَ ٱلنَّارِ‌ فَأَنقَذَكُم مِّنْهَا كَذَ‌ٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِ لَعَلَّكُمْ تَهْتَدُونَ

މާނައީ: ” ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. “

މީގެ އިތުރުން މާތްﷲ އެކަލާނގެ ބާވައިލެއްވި ޝަރީޢަތުގައި ބާރަށް ހިފަހައްޓައި އެ ޝަރީޢަތަށް ފުރިހަމަ ގޮތުގައި ތަބާވުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވަނީ،

ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّ‌بِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِ أَوْلِيَآءَ قَلِيلًا مَّا تَذَكَّرُ‌ونَ

މާނައީ: ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް تبع ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ. “

މީގެއިތުރުން މާތް ނަބިއްޔާގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.

” އެ ދެއެއްޗެއްގައި ހިފަހައްޓައިގެން ތިބިހައިހިނދަކު ތިޔަބައިމީހުން މަގު ފުރެދިގެން ނުދާނޭ 2 އެއްޗެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދޫކުރެއްވީމުއެވެ. އެއީ ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. “

ފަހެ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ގަދަޔަށް ހިފަހައްޓައިގެން ހުރިމީހަކު މަގު ފުރެދިގެން ނުދާނެކަމުގައި ޚުދު ކީރިތި ރަސޫލާއެވަނީ ޖާމިނުވެ ލައްވާފައެވެ.

މިއާއި ޚިލާފަށް ދީން ބައިބައިކޮށް އުރެދިގަތް މީހުންނާ މުޚާތަބް ކުރައްވައި ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

إِنَّ ٱلَّذِينَ فَرَّ‌قُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُ‌هُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ

މާނައީ: ” ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّه ގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبر އަންގަވާނެތެވެ. “

ޙައްޤުވަނީ އެނގި ބަޔާންވެ ފާޅުވެގެންނެވެ. މިހާ ސާފުކޮށް މިހާ ޞަރީޙަކޮށް އަޅުގަނޑުމެން އުޅެންވީގޮތް އަންގަވާފައިވަނިކޮށް އަޅުގަނޑުމެންގެތެރެއިން ބަޔަކުވަނީ ދީނުގައި ހައްދުފަހަނައަޅައި ދިޔަގޮތަށް މައްޗަށް ނުވަތަ ތިރިޔަށްގޮސްފައެވެ. ކޮންމެއަކަސް މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމަށްފަހު އަޅުގަނޑުމެން މުސްލިމުން މިއަދު މިވަނީ ބައިބައިވެ އެކި މަގުމަގުން ހިނގާން ފަށައިފައެވެ. އިސްލާމް ދީން ހަލާކުކޮށް އެ ދީނުގައި ބިދުޢަ އުފައްދާމީހުން މަދެކޭ މިއަދު އަޅުގަނޑަށް ދަންނަވާކަށް ނުކެރެނޭއެވެ. މުޅި ދުނިޔެއަށް ނަޒަރު ހިންގައިލިކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ބިދުޢަވެރީން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ މަންޒަރެވެ.  ޚަވާރިޖުންނާއި، ޤަބްރިއްޔާއިންނާއި، ޝީޢާއިންނާއި މިފަދަ މިފަދަ ޖަމާޢަތްތަކުގެ އަހުލުވެރީންވަނީ މުސްލިމުންގެ ނަމުގައި ތިބެ ދީނުން ކައްސައިލައި ﷲ އަށް އުރެދި ދީނުން އެއްކިބާވެގެންފައެވެ. މި ޖަމާޢަތްތަކުގެ މީހުންގެ މެދުގައި ޤަބުރަށް އަޅުކަންކުރުމާއި، ޤަބުރު ވަށައިގެން ޠަޥާފްކުރުމާއި، ޞަޙާބީންނަށް އުލޫޙިއްޔަތުގެ ދަރަޖަދިނުމާއި، ވަލީވެރީންނަށް ނަދުރުބުނުމާއި، ވަލީވެރީންގެ މަހާނަ ޒީނަތްތެރި ކުރުމާއި، މިބާވަތުގެ ކަންތައްތަކަކީ ދީނުން ނެއްޓި ހައްދުފަހަނަ އަޅައި ގޮސްފައިވާ، މުސްލިމުންގެ ނަމުގައި ތިބި އެކި އެކި ފިރުޤާތަކުގެ އަހުލުވެރީން ކުރަމުން އަންނަ ކަންކަމެވެ. ބިދުޢަ އުފައްދުމުގައި މި ބަޔާންވެދިޔަ ” މުސްލިމުން ” ވަނީ ބޮއްސުންލައި “މެކުހަށް” ޖަހައިފައެވެ. ކޮންމެއަކަސް މި ލިޔުމުގައި ބިދުޢައަކީ ކޮންއެއްޗެއްކަން ބަޔާންކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި އަޅުގަނޑަށް ފެންނާތީ މިކަމަށް ކުރުގޮތަކަށް އަލިއަޅުވައިލެވޭތޯ އަޅުގަނޑު ބަލައިލާނެމެވެ.

ބިދުޢައިގެ ލުޢަވީ މާނައަކީ އޭގެ ކުރީން އެއްވެސް މިސާލެއްނެތި އަލަށް ތަޢާރަފް ކުރެވޭ ނުވަތަ އީޖާދު ކުރެވޭ ކޮންމެ ކޮމެކެވެ. ލުޢަވީ މާނައިގެ ދަށުން އަންނަނިވި އާޔަތްތައް މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

بَدِيعُ ٱلسَّمَـٰوَ‌ٰتِ وَٱلْأَرْ‌ضِ

މާނައީ: ” (އެކަލާނގެއީ) އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. “

މީގެއިތުރުން

قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّ‌سُلِ

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! رسول ންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) رسول އަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. “

އެއީ ކުރުގޮތަކަށް ބިއުޢައިގެ ލުޢަވީ މާނައެވެ.

އާދެ، އިސްލާމްދީނުގެ ޝަރީޢަތުގައި ބިދުޢަ އަކީ ދީނުގައި މާތްﷲ ގެ ޝަރީޢަތާއި އަދި މާތް ނަބިއްޔާގެ ސުންނަތާ ޚިލާފަށް ދީނަށް ވެއްދޭ ކޮންމެ ކަމެކެވެ.އެއީ ޢަޤީދާ ގެ މައްސަލަތަކުގައި ކަމުގައިވިޔަސް، ފިޤުޙީ މައްސަލަތައް ކަމުގައިވިޔަސް އަދި މިނޫން އެހެން ކޮންމެ މައްސަލައެއްކަމުގައިވިޔަސް، ދީނުގައި ކުރިން ޝަރުޢުކުރެވިގެންނުވާ ކޮންމެ އާކަމަކީ ބިދުޢައިގެ ދަށަށް ވަންނާނޭކަންކެމެވެ. ދުނިޔެވީ ކަންތައްތައް މި ތަޢާރަފުގެ ދަށުން ބިދުޢައިގެ ތެރޭގައި ނުހިމެނެއެވެ.

ކޮންމެއަކަސް ބިދުޢައާއި ބެހޭގޮތުން އިމާމް ބުޚާރީ ރިވާކުރައްވާފައިވާ މާތް ނަބިއްޔާ ގެޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

” އަހުރެމެންގެ މިދީނުގައި ނުވާކަމެއް އާޖާދުކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަން ( އޭނާގެމައްޗަށް) ރައްދުކުރެވޭނެއެވެ. ” އެބަހީ ޤިޔާމަތް ދުވަހުން މާތްﷲ އޭނާގެ ޢަމަލު ޤަބޫލު ނުކުރައްވާނޭ ވާހަކައެވެ.

ދަންނަވަންތޯއެވެ. ކީރިތި މާތް ނަބިއްޔާ ( ޞައްލަﷲ ޢަލައިހި ވަސައްލަމް ) އަށް ފަހު މީސްތަކުން ބައިބައިވެ އެކި އެކި ފިރުޤާތައް ބަޔަކު މީހުންވަނީ އުފައްދާފައެވެ. އެންމެ ފިރުޤާއެފިޔަވައި ދެން ހުރި ހުރިހައި ފިރުޤާތަކަކީ ބާޠިލް ފިރުޤާތަކެކެވެ.  މާތް ނަބިއްޔާ ވަނީ މިކަން ވާގެންދާނީވެސް މިގޮތަށްކަން އުއްމަތަށް ބަޔާން ކުރައްވާފައެވެ. އެގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

” ޔަހޫދީން 71 ޖަމާޢަތަށް ބައިބައިވިއެވެ. އެއިން 1 ޖަމާޢަތް ވަނީ ސުވަރުގޭގައެވެ. 70 ޖަމާޢަތް ވަނީ ނަރަކައިގައެވެ. އަދި ނަޞާރާއިން 72 ޖަމާޢަތަށް ބައިބައިވިއެވެ. 71 ޖަމާޢަތްވަނީ ނަރަކައިގައެވެ. 1 ޖަމާޢަތްވަނީ ސުވަރުގޭގައެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ އުއްމަތް 73 ޖަމާޢަތަށް ބައިބައިވެގެންދާނެއެވެ. 1 ޖަމާޢަތްވާނީ ސުވަރުގޭގައެވެ. 72 ޖަމާޢަތްވާނީ ނަރަކައިގައެވެ. ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ޖަމާޢަތެއްތޯއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެއީ އަލް ޖަމާޢާއެވެ. “

މި ޙަދީޘްގައި ބަޔާންވެގެންވާ “އަލް ޖަމާޢާގެ” މުރާދަކީ އަހުލުއްސުންނާ ވަލް ޖަމާޢަތެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މި ބަޔާން ކުރެވުނު ފިރުޤާތައް ދިވެހި ރާއްޖެއަށް ތަޢާރަފުކުރަން މަސައްކަތް ކުރާހެން މިހާރު އަޅުގަނޑަށް ހީވާ ކަހަލައެވެ. “މުސްލިމުން” މިލަފުޒުގެ މާނަ ކުރަނީ ސުންނަތް ޖަމާޢަތުގެ ޢަޤިދާއާ ފުށުއަރާގޮތަށް މުޅީން ޚިލާފަށެވެ. ދެވެހިރާއްޖޭގެ ރައްޔިތުންނަކީ ކޮންމެ ފިރުޤާއަކަށް ނިސްބަތްވެގެންވާ ބަޔަކު ކަމުގައިވީނަމަވެސް، އެއީ މުސްލިމުންގެ ނަންމަތީގައި ލޭބަލް ކުރެވިފައިވާ ބަޔަކުކަމުގައި ވާނަމަ އެންމެ ރަނަގަޅުކަމުގައި މިމީހުން ދެކެއެވެ. ޤާނޫނު އަސާސީ ހިތަށް އެރިހައި ގޮތަކަށް މާނަ ކުރާހެން ﷲގެ ދީނުގައި މުސްލިމުންގެ މާނަ ހިތަށް އެރިހައި ގޮތަކަށް ހިތަށް އެރިހައި ރާގެއްލާފައި މާނަކުރަން ފަށައިފިއެވެ. އިސްލާމް ދީނުގެ ފިރުހަމަ ޢިލްމު ނޭނގި ރައްޔިތުންގެ ކުރިމަތީގައި ހިތަށްއެރިހައި ވާހަކައެއް ދެއްކުމަކީ އެކިއެކި ފިރުޤާތަށް ރާއްޖެއަށް ތަޢާރަފްކުރުމަށް އެދިގެންތިބި އެކަމަށް މޭކަރަތާ އެތައްޒަމާނެއްވީ މީހުންނަށް ލިބިގެން ދާނެ އިތުރު ހިތްވަރަކަށްވެގެން ނޫނީ ނުދާނެއެވެ. ހިތަށް އެރިހައި ގޮތަކަށް ދީނުގެ ވާހަކަ ދައްކަމުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުސްލިމަކަށް ވުމުގެ ޙައްޤޭ ކިޔައި މުސްލިމުންގެ އެތަށް ވައްތަރެއް އުޅެއޭ ކިޔައިގެން އެ ދައްކާ ވާހަކަ ތަކަކީ ދިވެހި ރައްޖެއިން ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީން ފޮހެލަން ނުވަތަ ނަތައިލަން ބަޔަކުމީހުން ރާވަމުންދާ ނުބައި ރޭވުންގަނޑެކެވެ. މިބައިމީހުންގެ ސަމާލުކަމަށް އަންނަނިވި ޙަދީޘް ގެންނަމެވެ.

މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.)

” ހިދާޔަތެގެ މަގަކަށް ބަޔަކަށް ދަޢުވަތު ދީފިމީހާ ދަންނާށެވެ. އޭނާއަށް އެކަމުގައި އޭނާއަށް ތަބާވީ އެންމެންގެ އަޖުރަ ލިބޭހުއްޓެވެ. އެއީ އެބައިމީހުންގެ އަޖުރުން އެއްވެސް މިންވަރަށް އުނި ވުމަކާއިނުލައެވެ. އަދި ފުރެދުމުގެ މަގަކަށް ބަޔަކަށް ދަޢުވަތި ދީފިމީހާ ދަންނާށެވެ. އޭނާގެ މައްޗަށް އެކަމުގައި އޭނާއަށް ތަބާވީ އެންމެންގެ ފާފަތައް ހުއްޓެވެ. އެއީ އެބައިމީހުންގެ ފާފައިން އެއްވެސް މިންވަރެއް އުނި ވުމަކާއި ނުލައެވެ. “

ވީމާ މިކަމަށް ބިރުވެތިވެ ހުށިޔާރުވުމަށް ދިވެހި މުޖުތަމަޢުގައި އިސްވެ ހަރަކާތްތެރިވާ ބޭފުޅުންނަށް އަޅުގަނޑު ނަސޭޙަތްތެރިވަމެވެ. މީގެ އިތުރުން ޤާނޫން އަސާސީގައި ” މުސްލިމުން ” މިހެންއޮތް ކޮންމެތަނެއްގެ ފަހަތަށް ( އަހުލުއް ސުއްނާ ވަލް ޖަމާޢާ ) މިހެން އިތުރުކުރުމަށް ސަރުކާރުގެ އިސްވެރީންނަށް އަޅުގަނޑު ގޮވާލަމެވެ. މިއީ އަޅުގަނޑުމެންގެ ދީން ޙިމާޔަތްކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެންވެސް ކުރުން ލާޒިމް ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އިސްލާމްދީނަށް ލޯބިކުރާ ދިވެހި ރާއްޖޭގެ ރައްޔިތުންވެސް އެދެނީ މިގޮތްކަމާމެދަކު އަޅުގަނޑު ޝައްކެތް ނުކުރަމެވެ. އަހުލުއް ސުއްނާ ވަލް ޖަމާޢަތުގެ އަހުލުވެރިޔަކަށް ވާންޖެހޭނީ ކޮންމެހެން ޤައުމުގެ ވިރިޔާ ނުވަތަ ވަކި މުޢައްސަސާގެ ވެރިޔެއްކަމުގައި ހަމަ އެކަނި ވެގެންނުވާނެއެވެ. ރާއްޖޭގެ ހުރިހައި ރައްޔިތުންވެސް ވާންޖެހޭނީ މި ޖަމާޢަތުގައެވެ. ޙައްޤު ޖަމާޢަތަކީ އަހުލުއް ސުއްނާ ވަލް ޖަމާޢަތެވެ