[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (36)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ވިހިވަނަ ނަސޭހަތް: ގޭގެ ސިއްރުތަކަށް ރައްކާތެރިވުން

 

މިކަމުގައި ބައިވަރު ކަންތައްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި:

  • ސިއްރުތައް ފާޅުނުކުރުން.
  • ޒަވާޖީ ޙަޔާތުގައި ދިމާވާ ޚިލާފުތައް ހާމަނުކުރުން.
  • އެކަމެއް ފާޅުކުރުމުން ޢާއިލާއަށް ނުވަތަ ފަރުދަކަށް ގެއްލުމެއް ވެދާނެފަދަ ކަމެއް ފާޅު ނުކުރުން.

ފުރަތަމަ ކަމާމެދު ދަންނައެވެ. އެކަން ޙަރާމްވެގެންވާކަމުގެ ދަލީލަކީ:

«إِنَّ مِنْ أَشَرِّ النَّاسِ عِنْدَ اللهِ مَنْزِلَةً يَوْمَ الْقِيَامَةِ، الرَّجُلَ يُفْضِي إِلَى امْرَأَتِهِ، وَتُفْضِي إِلَيْهِ، ثُمَّ يَنْشُرُ سِرَّهَا» [رواه مسلم ٤/١٥٧]

މާނައީ: “ޤިޔާމަތް ދުވަހުން ﷲގެ ހަޟްރަތުގައި ދަރަޖައިގެ ގޮތުން އެންމެ ނުބައި އެކަކީ، ފިރިމީހާ އޭނާގެ އަނބިމީހާއާއެކު އެއްދާންކުރުމަށްފަހު އަދި އަނބިމީހާވެސް ފިރިމީހާއާއެކު އެއްދާންކުރުމަށްފަހު ދެން އަނބިމީހާގެ ސިއްރުތައް ފާޅުކުރާ މީހާއެވެ.”

يُفْضِي ގެ މާނައަކީ: އޭނާގެ އަނބިމީހާގެ ގާތަށްގޮސް އޭނާއާ ބީހުމާއި ޖިމާޢުވުމެވެ. އެއީ މި އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿…وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ…﴾ [سورة النساء٢١]

މާނައީ: “…ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކުވަނީ އަނެއްބަޔަކާއެކު އެއްދާންކޮށްފައެވެ…”

މިކަން ޙަރާމްވެގެންވާކަމުގެ އިތުރު ދަލީލަކީ:

އަސްމާ ބިންތި ޔަޒީދު رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ އެއްދުވަހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އިންނެވިއެވެ. އަދި ފިރިހެންބޭކަނލުންނާއި އަންހެންބޭކަނބަލުންވެސް އެތަނުގައި އިށީނދެވަޑައިގެން ތިއްބެވިއެވެ.  ފަހެ، އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَعَلَّ رَجُلًا يَقُولُ مَا يَفْعَلُ بِأَهْلِهِ، وَلَعَلَّ امْرَأَةً تُخْبِرُ بِمَا فَعَلَتْ مَعَ زَوْجِهَا»

فَأَرَمَّ الْقَوْمُ فَقُلْتُ: إِي وَاللهِ يَا رَسُولَ اللهِ، إِنَّهُنَّ لَيَفْعَلْنَ وَإِنَّهُمْ لَيَفْعَلُونَ

قَالَ: «فَلَا تَفْعَلُوا فَإِنَّمَا ذَلِكَ مِثْلُ الشَّيْطَانُ لَقِيَ شَيْطَانَةً فِي طَرِيقٍ فَغَشِيَهَا وَالنَّاسُ يَنْظُرُونَ» [رواه الإمام أحمد ٢٧٥٨٣ وهو مخرج في آداب الزفاف للألباني ص ١٤٤]

މާނައީ: “ފަހަރުގައި ފިރިހެނަކު އޭނާގެ އަނބިމީހާއާއެކު ކުރާކަންކަމުގެ ވާހަކަ ދައްކަފާނެއެވެ. އަދި އަންހެނަކުވެސް އޭނާގެ ފިރިމީހާއާއިއެކު ކުރި ކަމެއްގެ ވާހަކަ ޚަބަރުކޮށްފާނެއެވެ.”

ދެން އެތަނުގައި ތިއްބެވި އެއްވެސް ބޭކަލަކު މިކަމާމެދު އެއްޗެއް ވިދާޅުނުވިއެވެ. ފަހެ، އެކަމަނާ (އަސްމާ ބިންތު ޔަޒީދު) ދެންނެވިއެވެ. “އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެކަނބަލުން ތިފަދައިން ކަންތައް ކުރެއެވެ. އަދި އެބޭކަލުންވެސް ތިފަދައިން ކަންތައް ކުރެއެވެ.”

އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން އެފަދައިން ކަންތައް ނުކުރާށެވެ. ފަހެ، އެކަމުގެ މިޘާލަކީ ފިރިހެން ޝައިޠާނަކު އަންހެން ޝައިޠާނަކާ ބައްދަލުވެ، މީސްތަކުން ބަލަންތިއްބާ ގައިގޯޅިވެއުޅޭ އުޅުމެވެ.”

އަބޫ ދާވޫދުގެ ރިވާޔަތުގައި ވެއެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«هَلْ مِنْكُمْ رَجُلٌ إِذَا أَتَى أَهْلَهُ فَأَغْلَقَ عَلَيْهِ بَابَهُ وَأَلْقَى عَلَيْهِ سِتْرَهُ وَاسْتَتَرَ بِسِتْرِ اللَّهِ»

قَالُوا: نَعَمْ

قَالَ: «ثُمَّ يَجْلِسُ بَعْدَ ذَلِكَ فَيَقُولُ فَعَلْتُ كَذَا فَعَلْتُ كَذَا»

فَسَكَتُوا ثُمَّ أَقْبَلَ عَلَى النِّسَاءِ

فَقَالَ: «هَلْ مِنْكُنَّ مَنْ تُحَدِّثُ؟»

فَسَكَتْنَ فَجَثَتْ فَتَاةٌ كَعَابٌ عَلَى إِحْدَى رُكْبَتَيْهَا وَتَطَاوَلَتْ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِيَرَاهَا وَيَسْمَعَ كَلَامَهَا

فَقَالَتْ: يَا رَسُولَ اللَّهِ، إِنَّهُمْ لَيَتَحَدَّثُونَ، وَإِنَّهُنَّ لَيَتَحَدَّثْنَ

فَقَالَ: «هَلْ تَدْرُونَ مَا مَثَلُ ذَلِكَ؟ إِنَّمَا مَثَلُ ذَلِكَ مَثَلُ شَيْطَانَةٍ، لَقِيَتْ شَيْطَانًا فِي السِّكَّةِ فَقَضَى مِنْهَا حَاجَتَهُ وَالنَّاسُ يَنْظُرُونَ إِلَيْهِ…» [سنن أبى داود ٢١٧٤ وهو في صحيح الجامع ٧٠٣٧]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު އޭނާގެ އަނބިމީހާގެ ގާތަށް ހިނގައްޖެނަމަ ދޮރު ލައްޕާ، ފަރުދާތައް ދަމާ އަދި ﷲ ދެއްވި ނިވާކަމުގައި ފަރުދާވުމަށް އެދެމު ހެއްޔެވެ؟”

އެބޭކަލުން ދެންނެވިއެވެ. “އާދޭހެވެ.”

އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ދެން އެއަށްފަހު (މީސްތަކުންގެ ގާތު) މަޖިލިސްތަކުގައި ބުނަން ހެއްޔެވެ. ތިމަން މިފަދައިން ކަންތައްކުރީމެވެ. އަދި އެފަދައިން ކަންތައްކުރީމެވެ.”

ފަހެ، އެބޭކަލުން މިކަމާމެދު އެއްޗެއް ވިދާޅުނުވިއެވެ. ދެން އަންހެން ބޭކަނބަލުންގެ ގާތަށް ވަޑައިގެންނެވިއެވެ.

ފަހެ، ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެފަދައިން ވާހަކަދައްކާ މީހަކު ވޭ ހެއްޔެވެ؟”

ފަހެ، އެބޭކަނބަލުން މިކަމާމެދު އެއްޗެއް ވިދާޅުނުވިއެވެ. ފަހެ، ޒުވާން އަންހެން ކުއްޖަކު، އެއްކަކުލުގެ މައްޗަށް ތެދުވެ އެކަލޭގެފާނަށް އެ ކުއްޖާ ފެންނާނެ ފަދައިން އަދި އެކުއްޖާގެ ބަސް އަޑު އިވޭނެ ފަދައިން ބޯ އުފުލާލުމަށްފަހު ބުންޏެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އެބޭކަލުންވެސް އެފަދައިން ވާހަކަދައްކައެވެ. އަދި އެކަނބަލުންވެސް އެފަދައިން ވާހަކަ ދައްކައެވެ.”

އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެފަދަ މީހެއްގެ މިޘާލު ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ. ހަމަކަށަވަރުން އޭގެ މިޘާލަކީ އަންހެން ޝައިޠާނަކު ފިރިހެން ޝައިޠާނަކާ މަގުމަތިން ބައްދަލުވެ، މީސްތަކުން ބަލަންތިއްބާ އޭނާއާއެކު އޭނާގެ ޙާޖަތް ފުއްދާ ފުއްދުމެވެ.”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް