އިމާންކަމާއި ކުފުރަކީ ﷲ ތަޢާލާ (ވަޙީކުރައްވާ) ބާވާލައްވާފައިވާ ދެނަމާއި ދެ ޙުކުމެވެ. ދަލީލެއް އަދި ހެއްކެއް ނެތި އެއްވެސް މީހަކު ކާފިރުކޮށްގެން ނުވާނެއެވެ. މިދުނިޔޭގައިވާ މީހުން ބެހިގެންވަނީ ދެބަޔަކަށެވެ. ތިންވަނަ ބައެއް ނުވެއެވެ. އެއީ މުއުމިނުންނާއި ކާފިރުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ﴾ [التغابن٢] މާނައީ: “އެއިލާހީ ތިޔަބައިމީހުން ހެއްދެވި އިލާހެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ކާފިރުން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މުއުމިނުންވެސް ވެއެވެ. އަދި ﷲއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
އެދެބައިމީހުންގެ މައްޗަށް ވާ ޙުކުމްތަކަކީ ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި އަދި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ބަޔާންކުރެވިގެންވާ ޙުކުމްތަކެކެވެ.
މުނާފިޤުން ދަންނައެވެ. އެބައިމީހުންނަކީ
– ކާފިރުކަން ވަންހަނާކޮށްގެން، އީމާންކަން ފާޅުކޮށްގެން ތިބި ކާފިރުންނެވެ. މިސާލަކަށް މީހަކު ﷲ އަށް އީމާންވާކަމުގައި، އެއިލާހުގެ ބާވައިލެއްވި ފޮތްތަކަށް އީމާންވާކަމުގައި، އަދި އެއިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވާކަމުގައި ފާޅުކޮށް، ޙަޤީޤަތުގައި އަޑިން އެތަކެއްޗަށް އޭނާ ކާފިރުވާ މިހާއެވެ. މިއީ ނިފާޤުލް އަކްބަރު ނުވަތަ ބޮޑުވެގެންވާ މުނާފިޤުކަމެވެ.
ނުވަތަ
– ފާފަތަކާއި އުރެދުން ވަންހަނާކޮށްގެން، ކިޔަމަންވުން ފާޅުކޮށްގެން ތިބި މުސްލިމުންނެވެ. މިސާލަކަށް ޢަހުދަށް ވަފާތެރިވުން ފާޅުކޮށްގެން، ޣައްދާރުވުން ވަންހަނާކޮށްގެން، ވާހަކަދެއްކުމުގައި ތެދުބުނުން ފާޅުކޮށްގެން، އަދި ދޮގުހެދުން ވަންހަނާކޮށްގެން ތިބޭ މީހުންނެވެ. މިއީ ނިފާޤުލް އަޞްޣަރު، ނުވަތަ ކުޑަވެގެންވާ ނިފާޤެވެ. މުނާފިޤު މީހަކާ މުޢާމަލާތް ކުރެވޭހުށީ އޭނާ ފާޅުކުރާ ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެހެނީ މުސްލިމުންނާމެދު ކުރެވޭ މުޢާމަލާތުގެ ގޮތުގައެވެ އެއީ އެމީހުންގެ ކިބައިން ފާޅުވާ ކަންތައްތަކަށްޓަކައެވެ.
މުއުމިނެއްގެ މާލާއި ލޭގެ އަޞްލަކީ ޙަރާމްވެގެންވުމެވެ. ކާފިރެއް ނަމަ ޙަލާލުވެގެންވުމެވެ. ނަމަވެސް އެއީ މުޠުލަޤުގޮތެއްގައެއް ނޫނެވެ. ކާފިރުމީހާގެ މުދާ ޙަލާލުވެގެންވުން، އެމީހާއަކީ މުސްލިމުންނާއެކު ޢަހުދުކޮށްފައިވާ މީހެއްކަމުގައި ވުމުން، ނުވަތަ މުސްލިމުން އަމާންދީފައިވާ މީހެއްކަމުގައި ވުމުން، ނުވަތަ މުސްލިމުންގެ ޛިންމާގެ ދަށުގައި ވާ މީހެއްކަމުގައި ވުމުން، މަނާވެގެންވެއެވެ.
ފާފައެއްގެ ސަބަބުން މުއުމިނަކު ޤަތުލުކުރެވިދާނެއެވެ. މިސާލަކަށް މީހަކު މެރުން، މުޙްޞިނެއްކަމުގައި ވާ ޙާލު ޒިނޭކުރުމުގެ ސަބަބުންނެވެ.
ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކާފިރުނުކުރައްވާ މީހަކު އަހަރެމެން ކާފިރުކޮށްގެން ނުވާނެއެވެ. (މާނައަކީ ކާފިރުކުރަންވާނީ ﷲ އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ކުފުރުގެ ޢަމަލެއްކަމަށް ބަޔާންކުރައްވާފައިވާ ޢަމަލުތައް ކުރާ މީހުންނެވެ.)
– އެއީ މިސާލަކަށް ﷲ ދޮގުކުރާ މީހާ، ނުވަތަ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޮގުކުރާ މީހާއެވެ.
– ނުވަތަ ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރާ މީހާއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿قُلْ أَبِاللهِ وَآيَاتِهِ وَرَسُولِهِ كُنْتُم تَسْتَهْزِءُون * لاَ تَعْتَذِرُواْ قَدْ كَفَرْتُمْ بَعْد إيْمَانِكُمْ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ﴾ [ التوبة 65-66] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމާތްކޮށް ފުރައްސާރަކުރަންވީ ﷲ އަށާއި، އެއިލާހުގެ އާޔަތްތަކަށާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ބަހަނާ ނުދައްކާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން، އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަވަނީ ކާފިރުވެފައެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންއިލާހު ޢަފޫކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންއިލާހު ޢަޛާބުދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެބައިމީހުން ކުށްވެރިބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.”
– ނުވަތަ، މާތް ﷲ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ޙައްޤުކަން ކަނޑައެޅިގެން އެނގިހުރެ ޙައްޤުން އެއްކިބާވާ މީހާ، އެދެފަރާތަށް ކިޔަމަން ނުގަންނަމީހާއެވެ.
– ނުވަތަ، އިސްލާމްދީނުގެ ޙުކުމްތަކުގެ ތެރެއިން އެއްވެސް ޝައްކެއް ނެތި ކަނޑައެޅިގެން އެންގެން ހުންނަ ޙުކުމްތަކަށް (ޤަޠަޢީ ޙުކުމްތަކަށް) އިންކާރުކާމީހާއެވެ.
– ނުވަތަ، ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހާއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ وَأُولَـٰئِكَ هُمُ الْكَاذِبُونَ ﴾ [النحل١٠٥] މާނައީ: “ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުން މެނުވީ ދޮގު ނުއުފައްދާނެތެވެ. އަދި އެބައިމީހުންނީ ހަމަ ދޮގުވެރީންނެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ﴾ [العنكبوت ٦٨] މާނައީ: “އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ، ނުވަތަ އެއިލާހުގެ ޙައްޤު ބަސްފުޅު އޭނާގެ ގާތަށް އައިހިނދު، އެ ބަސްފުޅު ދޮގުކުރި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ. ކާފިރުން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭހެއްޔެވެ”
މި އާޔަތުގައި މިވާ الظلم (އަނިޔާވެރިކަން) ތަފްސީރުކުރެވިފައިވަނީ ކުފުރުގެ މާނާގައެވެ.
– ނުވަތަ އަޅުކަމެއް ﷲ ތަޢާލާ ނޫން ފަރާތަކަށް އަނބުރާލައިފިމީހާއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ﴾ [المؤمنون ١١٧] މާނައީ: “ﷲ އާއެކު އެހެން އިލާހަކަށް ދަންނަވާ މީހާއަށް، އެކަމުގެ މައްޗަށް އެއްވެސް ހެއްކެއް ނެތެވެ. ފަހެ، އެމީހާގެ ހިސާބު ބެއްލެވުން ހުރީ އޭނާގެ ރައްބުގެ ހަޟުރަތުގައެވެ. ހަމަކަށަވަރުން ކާފިރުން ކާމިޔާބު ނުވާހުއްޓެވެ.”
*************************
فُصُولٌ فِي الْعَقِيْدَةِ ) الرِّسَالَةُ الشَّامِيَةُ
عبد العزيز بن مرزوق الطريفي