އެއީ
– އެ އަޅުކަން ﷲ އަށް ޚާލިޞްކުރަމުން އެހެން ފަރާތަކަށް އަޅުކަން އަނބުރާލިކަމުގައިވިޔަސްމެއެވެ. ނުވަތަ އިލާހުންތައް މެދުވެރީންތަކެއް ކަމުގައި ހިފިޔަސް މެއެވެ. މިހުރިހާ ކަމަކީވެސް ކުފުރެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاءِ شُفَعَاؤُنَا عِندَ اللّهِ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ﴾. [يونس 18] މާނައީ: “އެއުރެން ﷲ ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެއެވެ. މި ތަކެއްޗަކީ، ﷲގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް ﷲ ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެއިލާހަށް ޚަބަރު ދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެއިލާހު ހުސްޠާހިރުވެމަތިވެރިވެވޮޑިގެންވެއެވެ.”
– ނުވަތަ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެއް ﷲ ތަޢާލާ ނޫންފަރާތަކަށް ޚާއްޞަކުރިކަމުގައި ވިޔަސް މެއެވެ. މިސާލަކަށް ކަންތައްތައް ތަޝްރީޢުކުރުމާއި ޙުކުމްކުރުމެވެ. ކަންތައްތައް ހުއްދަކުރުމާއި ޙާރާމްކުރުމެވެ. ތަޝްރީޢުކުރުމާއި ޙުކުމްކުރުމަކީ ﷲ ތަޢާލާ އަޅުކަމުގެ ނަން ދެއްވާފައިވާ ކަމެކެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿إِنِ الْحُكْمُ إِلَّا لِلَّـهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ﴾ [ يوسف٤٠] މާނައީ: “ﷲ އަށް މެނުވީ ޙުކުމް ކުރެއްވުމެއްނެތެވެ. އެއިލާހަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ އަމުރު ކުރައްވާފައެވެ.”
– ނުވަތަ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ޣައިބުގެ ޢިލްމު ލިބިގެންވާކަމަށް ދަޢުވާކުރިކަމުގައިވިޔަސް މެއެވެ. ސިޙްރު ހެދުމާއި ނުޖޫމީ ޢިލްމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ﴾ [النمل٦٥]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބު ނޭނގޭނެތެވެ.”
– ނުވަތަ ތަކެތި ނެތުމުގެ ތެރެއިން އުފެއްދެވުމުގެ ބާރާއި ކައުނުގެ ކަންތައްތައް ތަޞައްރަފުކުރުމުގެ (ހިންގެވުމުގެ) ބާރު އަދި މަރުގެންނެވުމާއި ދިރުއްވުމުގެ ބާރު ލިބިގެންވާކަމަށް ދަޢުވާކުރިކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿أَمْ جَعَلُوا لِلَّـهِ شُرَكَاءَ خَلَقُوا كَخَلْقِهِ فَتَشَابَهَ الْخَلْقُ عَلَيْهِمْ قُلِ اللَّـهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ﴾ [الرعد١٦] މާނައީ: “ނުވަތަ އެއުރެން ﷲ އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެއިލާހު ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) މަޚްލޫޤުން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ. ކަލޭގެފާނު ވިދާޅުވާށެވެ ﷲއީ، ހުރިހާ އެއްޗެއް ހައްދަވާ އިލާހެވެ. އަދި އެއިލާހީ އެއްކައުވަންތަ، ބާރުވެރިވަންތަ އިލާހެވެ.”
– ހަމައެގޮތަށް މުއުމިނުން ފިޔަވައި ކާފިރުން، މުއުމިނުންގެ އެހީތެރީންނާއި އެކުވެރިންކަމުގައިހިފައި، އެމީހުންދެކެ ލޯބިވެ އެމީހުންނަށް ނަޞްރުދީ ހެދިކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمَن يَتَوَلَّهُم مِّنْكُمْ فَإنَّهُ مِنْهُمْ﴾ [المائدة 51] “އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުންގެ އެހީތެރިކަމާއި އެކުވެރިކަން ހޯދައިގެންފި މީހާ، ހަމަކަށަވަރުން އެމީހާއީ އެމީހުންގެ ތެރެއިން ވާ މީހެކެވެ.”
އިސްލާމްދީން ދެނެގަތުމުގެ ކުޅަދާނަކަން ލިބި، އެކަން ދޫކޮށްލައި، އިސްލާމްދީނުން އޭނާގެ އިޚްތިޔާރުގައި ފުރަގަސްދީ ހަދާމީހާއަކީވެސް ކާފިރެކެވެ. ޙަޤީޤަތުގައި އޭނާއަކީ ޖާހިލެއްކަމުގައިވީކަމުގައި ވިޔަސް މެއެވެ. އެހެނީ އޭނާ ޖާހިލުވެފައިވީ އޭނާއަށް އެޖާހިލުކަން ފިލުވާލުމުގެ ކުޅަދާނަކަށް ލިބިފައިވާ ޖާހިލުކަމަކުންނެވެ. އެހެންކަމުން ﷲ ތަޢާލާ މުޝްރިކުންނާބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ﴿ بَلْ أَكْثَرُهُمْ لَا يَعْلَمُونَ الْحَقَّ فَهُم مُّعْرِضُونَ﴾ [الأنبياء٢٤] މާނައީ: “އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން ޙައްޤެއް ނުދަނެތެވެ. ފަހެ، އެއުރެންނީ (އެއަށް) ފުރަގަސްދޭ ބަޔެކެވެ.” މި އާޔަތުގައި ޛިކުރުކުރައްވާފައިވާ ގޮތުގައި އެބައިމީހުންނަކީ ޖާހިލުންނެވެ. އެކަމަކު އެއީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ.
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ كَفَرُوا عَمَّا أُنذِرُوا مُعْرِضُونَ﴾ [الأحقاف٣ ] މާނައީ: “އަދި ކާފިރުވިމީހުންނީ، އެއުރެންނަށް އިންޛާރުކުރައްވާ ކަންތަކަށް ފުރަގަސްދޭ ބަޔެކެވެ.”
ޙައްޤުގެ އަޑު އަހާހިނދު އެކަމަށް ފުރަގަސްދިނުމުގެ ސަބަބުން ޙައްޤުގެ ތަފްޞީލުތައް އިންސާނާއަށް ނޭނގުމަކީ އެއީ ޢުޛުރެއް ނޫނެވެ. ގިނަ އުންމަތްތައް މަގުފުރެދިފައިވަނީ މިގޮތަކަށެވެ. އެބައިމީހުން އަޑުއަހަނީ ޙައްޤުގެ ތަންކޮޅެކެވެ. އޭގެ ފަހުގައި ފުރަގަސްދެނީއެވެ. ތަފްޞީލުތަކުން ޖާހިލުވެގެންވާބައެއްގެ ގޮތުގައެވެ.
ކައުނީ އަދި ޝަރުޢީ ހެކިތަކަށް އަހައްމިޔަތުކަން ނުދިނުމަކީ ގިނަ ކާފިރުންގެ ކިބައިގައި ހުންނަކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَكَأَيِّن مِّنْ آيَةٍ فِي السَّمَاوَاتِ وَالْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ﴾ [يوسف١٠٥] މާނައީ: “އުޑުތަކާއި، ބިމުގައިވާ ހެކިތަކުގެ ތެރެއިން، އެއުރެންނަށް ފެނި، ކުރިމަތިވާ، އަދި އެ ހެކިތަކުން އެއުރެން އެއްކިބާވެ، އެއާމެދު ފިކުރުނުކުރާ، ކިތައްކިތައް ހެކި ވޭހެއްޔެވެ” އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿بَلْ أَتَيْنَاهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ﴾ [ المؤمنون٧١] މާނައީ: “އަދި ކިއެއްތަ! ތިމަންއިލާހު އެއުރެންނަށް ހަނދާންކޮށްދެނިވި ޤުރުއާން ގެނެސްދެއްވީމެވެ. ފަހެ، އެއުރެންނީ އެ ޤުރުއާނަށް ފުރަގަސްދީ އެއްކިބާވެގަންނަ ބަޔެކެވެ.”
ޢިލްމުގެ ކޮންމެވެސް މިންވަރެއް އެނގިހުރެ ފުރަގަސްދިނުމަކީ، މީސްތަކުންގެ މެދުގައި އެއްބަޔެއްގެ އަނެއްބަޔެއްގެ ޙައްޤުތައްވެސް ކެނޑިގެންދާ ކަމެއް ނޫނެވެ. އެހެންވީއިރު ފަހެ ﷲ ތަޢާލާގެ ޙައްޤު ކެނޑިދާހުށީ ކިހިނެއްހެއްޔެވެ؟
ﷲ ތަޢާލާގެ އާޔަތްތަކުގެ ކުރިމަތީގައި އެއާޔަތްތަކާމެދު ވިސްނުމުގެ ގޮތުން ބުއްދީގެ ބޭނުން ނުކުރާނަމަ ބުއްދީގެ މަޤްޞަދު ނެތި ހިނގައްޖެއެވެ. ދެން އޭގެފަހުގައި ޙުއްޖަތް، ކޮންމެ ދުވަހެއްގައި ފާޅުކަންބޮޑު ގޮތެއްގައި ފެންނަންހުރި ކަމުގައިވިޔަސް މަންފާޢެއް ނުކުރާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًا وَهُمْ عَنْ آيَاتِهَا مُعْرِضُونَ﴾ [الأنبياء٣٢] މާނައީ: “އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި، އިމަންތިލާހު އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައްފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ.”
ޙައްޤުގެ ތަފްޞީލުން އެއްކިބާވެ، އޭނާގެ ފަސްފަހަތަށް ލައި އެ ދޫކޮށްލުމަކީ އޭނާ އެކަންތައްތަކަށް ތަބާނުވެ ސަލާމަތްވެވޭނެ ކަމެއްކަމުގައި ހީކުރުމަކީ އިންސާނާ ކުރާ ކުށެކެވެ.
ފުރަގަސްދިނުމުގެ ސަބަބަކީ ކިބުރުވެރިވުމެވެ. ނުވަތަ ކުޅިވަރެވެ ނުވަތަ މަޖާކުރުމެވެ. އެހެންކަމުން މުޞީބާތެއް ކުރިމަތިވާ އިރަށް އޭނާގެ ކިބުރުވެރިކަން ފިލައިގޮސް، އޭނާ މަޖާކުރި ކުރުން ފިލާދެއެވެ. އަދި ޙައްޤު ފެނެއެވެ. އަދި ޙައްޤަށް ރުޖޫޢަވެއެވެ.
*************************
فُصُولٌ فِي الْعَقِيْدَةِ ) الرِّسَالَةُ الشَّامِيَةُ
عبد العزيز بن مرزوق الطريفي