[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މީސްތަކުންގެ ޙާލަތަށް ބަލާއިރު ރޯދަވެރިންގެ ތެރޭގައި ދެ ބާވަތެއްގެ ބަޔަކު ވޭ!

ramadhan

ރަމަޟާންމަހަކީ ރޯދަ ހިފުމުގެ މައްސަރެވެ. މިމައްސަރުގައި ﷲތަޢާލާ ވަނީ ރޯދަހިފުން ފަރުޟުކުރައްވާފައެވެ. އެގޮތުން މިމައްސަރުގެ ރޯދަވެރިންނަށް ބަލާއިރު ރޯދަވެރިންގެ ތެރޭގައި ދެބާވަތެއްގެ ބަޔަކުވެއެވެ.

ފުރަތަމަބަޔަކީ: އެބައިމީހުންގެ ރޯދަ އާދަކާދައިގެމަތިން ހިފާބައެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ ރަމަޟާންމަހުގެ ދުވާލުގެ ވަގުތުގައި ކެއުން ބުއިމުން މަނާވެގެންތިބޭތީވެ، ކެއުން ބުއިމުން މަނާވެތިބޭ ބައެކެވެ. މުޖުތަމަޢުގެ އެންމެން ކޮށްއުޅޭކަމަކަށްވާތީވެ، ކެއުން ބުއިމުން މަނާވެގެން ތިބޭބައެކެވެ. ﷲތަޢާލާ އެބައެއްގެ ފުރާނަ ރަމަޟާންމަހާ ހަމައަށް ދިރިލެހެއްޓެވީތީވެ، އެހެން މަސްތަކެކޭ އެއްފަދައިން މިމަސް އެބަޔަކާ ބައްދަލު ކުރި ބައެކެވެ.

މިފަދަ މީހުން ދުވާލުގެ ބޮޑުބައެއްގައި ނިދައެވެ. އަދި ރޭގަނޑުގެ ވަގުތުުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގައި މުޅިރޭ ހޭދަކުރެއެވެ. އަދި ފަރުޟުވެގެންވާ ނަމާދުތައްކުރުމުގައި މިބައިމީހުން އިހުމާލުވެއެވެ. ހިތާމައަކީ، ބައެއްމީހުންގެ ވިސްނުމުގައި ރަމަޟާންމަހަކީ، މުނިފޫހި ފުލުވުމާ ކުޅިވަރާ މަޖަލުގެ މަހެކެވެ. އެހެންކަމުން މިފަދަމީހުން، އަހަރުގެ އެހެން ހުރިހާ މަސްތަކަކަށްވުރެ ބޮޑަށް، ކުޅިވަރާ، ބޭކާރު ކަންކަމުގައި މިމަހުގެ ބަރަކާތްތެރި ދުވަސްތައް ހޭދަކުރެއެވެ.

އަދި ޣީބާ ބުނުމާއި، ނެތިމޮށުމާއި، މީހުންނަށް ފުރައްސާރަކުރުމާއި، ހަޑިހުތުރުތު ވާހަކަދެއްކުން މަނާކުރާ އެއްޗަކަށްއެބައިމީހުންގެ ރޯދައެއްނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابه)). رَوَاهُ البُخَارِيّ

” ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރުމުން އެއްކިބާ ނުވާމީހަކު، އޭނާ ހަަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ތަޢާލާ ބޭނުންވެވޮޑިގެން ނުވެއެވެ.”

އަދި މުޖުތަމަޢުގެ އަންހެން ކަނބަލުންނަށް ބަލާއިރު، ބައެއް ގެތަކުގެ އަންހެން ކަނބަލުންގެ މުޅިދުވާލުގެ ވަގުތު ހޭދަކުރަނީ ރޯދަ ވީއްލުމަށްޓަކައި ހެދިކާހެދުމާ، ކެއުންބުއިމުގެ ސާމާނުތައް ތައްޔާރު ކުރުމުގައެވެ. އަދި އެހެން އެއްވެސް މައްސަރެއްގައި ކެއުން ބުއިމަށް ހޭދަނުކުރާ ވަރަށް މި މައްސަރުގައި ހޭދަކުރެއެވެ. ނަމަވެސް މިމަހަކީ، އެހެން މަސްތަކާ ޚިލާފަށް ދުވާލުގެ ވަގުތުގައި ކެއުމެއް ބުއިމެއް ނޯންނަ މަހެކެވެ.

އިސްވެދިޔަ ބާވަތުގެ މީހުންނަކީ، ﷲ ތަޢާލާ ހުރިހާ އުންމަތްތަކަކަށް ރޯދަ ފަރުޟުކުރެވުނު މަޤްޞަދު ޙާޞިލްވުމެއްނެތި ހުސްއަތާ އެމާތް މައްސަރާ އަލްވަދާޢުކިޔާ މީހުންނެވެ. އެއިލާހު ރޯދަ ފަރުޟުކުރައްވާފައިވަނީ، މީސްތަކުން ތަޤުވާވެރިވުމަށްޓަކައެވެ. އެއިލާހު ވަޙީބަސްފުޅުގައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ)[البقرة: ١٨٣]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެވުނު ފަދައިން ދިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.”

ދެވަނަބަޔަކީ: ﷲތަޢާލާގެ ފަޟްލަވަންތަވެރިކަމުން ހެޔޮކަންކަން ކުރުމުގެ ތައުފީޤުދެއްވި މީހުންވެ. އެބާމީހުންނީ ރޯދަ އަޅުކަމެއްގެ ގޮތުގައި ހިފާމީހުންނެވެ. ﷲތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމާއި، ޘާވާބާއި ދަރުމައަށް ދަހިވެތިވެފައިވާ ހާލު ރޯދަހިފާ މީހުންނެވެ. އަދި ރޯދަމަހުގެ މާކުރިން، އެރޯދަމަހުގެ ބަރަކާތްތެރި ދުވަސްތަކާއި ބައްދަލުވުމަށް އުންމީދުކޮށް އެދިއެދިތިބި މީހުންނެވެ.

މިބައިމީހުންގެ ދުވާލުގެ ވަގުތުތަކަކީ، ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ﷲއާއި ކުއްތަންވުމަށްޓަކައި ހެޔޮ ޢަމަލުކުރުމުގައި ޤާއިމްވެ ތިބޭ ވަގުތުތަކެކެވެ. އަދި ރޭގަނޑުގެ ވަގުތު، ރޭއަޅުކަންކުރުމުގައި ހޭދަކުރެއެވެ. އަދި ހޭދަކުރުމާއި، ދީނީ ދަރުސްތައް އަޑުއެހުމާ، އަދިވެސް މިނޫންވެސް ހެޔޮ ޢަމަލުތައް އެހެން ހުރިހާ މަސްތަކަށްވުރެ މިމަހުގައި ގިނަކޮށް އުޅޭމީހުންނެވެ.

މިބައިމީހުންނަކީ ﷲތަޢާލާ އުންމަތްތަކަށް ރޯދަ ފަރުޟުކުރެއްވި މަތިވެރި މަޤްޞަދުކަމުގައިވާ ތަޤުވާވެރިވުން ޙާޞިލުކުރާހާލު، އަދި އެމަހުގައި ކުރެވުނު ހެޔޮ ޢަމަލުތައް ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލުތަކެއްގެ ގޮތުގައިވުމަށް އެދި ދުޢާކުރާހާލު، މިމައްސަރާ ވަކިވެދާ މީހުންނެވެ.  އަދި މިބައިމީހުންނީ އެބައިމީހުން ހޯދާގަތް ތަޤްވާވެރިކަމުގެ އަޘަރު މުޅި އަހަރުގައި، އެބައި މީހުންގެ ޢަމަލުތަކުގައިވާ މީހުންނެވެ. އަދި އެބައިމީހުން ރަމަޟާންމަހާ ވަކިވެދަނީ، އެބައިމީހުންނަށް ކުރެވިފައިވާ ހުރިހާ ފާފައެއް ފުހެވިގެންވާ ހާލުގައެވެ.

اللهم بلغنا رمضان كما بلغتنا رجب و شعبان وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.