ﷲތަޢާލާ ކީރިތި ޤުރުއާނުގައި، އެތައްތަނެއްގައި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ސޫރަތުލް މުއުމިނޫންގެ ފުރަތަމަ އާޔަތްތަކާއި ސޫރަތުލް މަޢާރިޖުގެ ބާވީސް ވަނަ އާޔަތުން ތިރީސް ފަސްވަނަ އާޔަތާއި ހަމައަށް މުއުމިނުންގެ ސިފަތަކެއް ބަޔާންކުރައްވާފައިވެއެވެ. އަދި މިދެންނެވުނު މުއުމިނު އަޅުންގެ ސިފަތަކުގެ އިތުރުން، ﷲތަޢާލާ އެއިލާހުގެ އަމިއްލަ ޛާތުފުޅަށް ނިސްބަތްކުރައްވާ، އެސިފަތަކަކީ އެއީ ރަޙްމާނުވަންތަ އިލާހުގެ އަޅުތަކުންގެ ސިފަތަކެއްކަމަށް ބަޔާންކުރައްވާ، ސިފަތަކެއް ފުރުޤާން ސޫރަތުގެ ފަހުބައިގައި ބަޔާންކުރައްވާފައިވެއެވެ. އެސިފަތަކަށް ރަޙްމާނުގެ އިލާހުގެ އަޅުތަކުންގެ ސިފަތަކުގެ ނަމުން ނަންދެވިފައިވެއެވެ. އެ ސިފަތަކަކީ؛
- ތަވާޟަޢުވެރިކަމާ، މަޑުމައިތިރިކަމާއި، ހިތުގެމަޑުމޮޅިކަން: ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَعِبَادُ الرَّحْمَـٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا﴾ [الفرقان: ٦٣]
މާނައީ: “ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ ބިމުގައި ހިނގާއިރު މަޑުމައިތިރިކަމާއި ތަވާޟަޢުވެރިކަމާއެކު ހިނގާމީހުންނެވެ.”
މަޑުމައިތިރިކަމާއެއްކޮށް ހިނގުމުގެ މުރާދަކީ ބަލިވެ، ވަރުދެރަވެފައިވާ މީހެއްފަދައިން ހިނގުމެއް ނޫނެވެ. އެފަދައިން ހިނގުން އެއީ ސަލަފުންގެ ބޭކަލުން ނުރުއްސަވާކަމެކެވެ.
- ޖާހިލުންގެ ކިބައިން މޫނުއަނބުރާލުމާއި، އެބައިމީހުންގެ ބޭކާރު ބަސްތަކަށް ރައްދުދީ ނުހެދުން: ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا﴾ [الفرقان: ٦٣]
މާނައީ: “އަދި އެއުރެންނާ ޖާހިލުން މުޚާޠަބުކޮށްފިހިނދަކު އެއުރެން ސަލާމްއޭ ބުނެތެވެ.”
ޖާހިލުންނާ މުޚާޠަބުނުކުރުމުގެ މުރާދަކީ، ޖާހިލުން މުޚާޠަބުކޮށްފިނަމަ އެބައިމީހުން މުޚާޠަބުކުރާފަދައިން އެބައިމީހުނާ މުޚާޠަބު ނުކުރުމެވެ. އެހެނެއްކަމަކު އެބައިމީހުންނަށް މަޢާފުކުރާށެވެ. އަދި ހެޔޮބަހެއްމެނުވީ ނުބުނުމެވެ.
- މަޑުމޮޅިކަމާއި އިޚްލާޟްތެރިކަމާއެއްކޮށް ރޭއަޅުކަންކޮށްއުޅުން: ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا﴾ [الفرقان: ٦٤]
މާނައީ: “އެއުރެންނީ (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) އެއުރެންގެ ރައްބަށް ޤިޔާމްކޮށް ސަޖިދަކުރާހާލު (އެއިލާހަށް އަޅުކަންކުރާހާލު) ރޭގަނޑު ވޭތުކުރާމީހުންނެވެ.”
އަދި އެހެން އާޔަތެއްގައި ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾[الذاريات:١٧-١٨]
މާނައީ: “އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ [السجدة: ١٦-١٧]
މާނައީ: “އެއުރެންގެ އަރިކަށިތައް ތަންމަތިތަކާ ދުރުވެއެވެ. (އެބަހީ: ރޭއަޅުކަމަށް ނިންޖާއި އަރާމު ތަންމަތިތައް ދޫކޮށްލަތެވެ.) އެއުރެންގެ ވެރިރައްބަށް، އެރައްބުގެ ޢަޛާބަށް ބިރުވެތިވާހާލު އަދި އެރައްބުގެ ރަޙްމަތަށް އުންމީދުކުރާ ޙާލު ދުޢާކުރެތެވެ. އަދި ތިމަން އިލާހު އެއުރެންނަށް ދެއްވި ތަކަތިން އެއުރެން ހޭދަކުރެތެވެ. ފަހެ، އެއުރެންނަށްޓަކައި ފޮރުވިފައިވާ، ލޮލަށް ފިނިކަންދެނިވި ނިޢުމަތްތަކެއް ހަމަ އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ. އެއީ އެއުރެން ދުނިޔޭގައި ކޮށްއުޅުނު ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.”
- ނަރަކައިގެ ޢަޛާބަށް ބިރުވެތިވެ އެނަރަކައިގެ ޢަޛާބުން މިންޖުކޮށްދެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުން: ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَامًا * إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا﴾[الفرقان: ٦٥-٦٦]
މާނައީ: “އަދި އެއުރެންނީ (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) މިފަދައިން ދުޢާކުރާމީހުންނެވެ. އޭ އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންގެ ކިބައިން ނަރަކައިގެ ޢަޛާބު ދުރުކުރައްވާނދޭވެ! ހަމަކަށަވަރުންވެސް އެތަނުގެ ޢަޛާބަކީ އެއީ ޢަޛާބު ލިބޭމީހަކަށް ވަކިވެނުދާ އެއްޗެއްކަމުގައިވެއެވެ. އަދި އެތަނަކީ ޤަރާރުވެ ތިބޭތަނެއްގެ ގޮތުންނާއި ޤާއިމްވެ ތިބޭ ތަނެއްގެ ގޮތުން ވަރަށް ނުބައިވެގެންވާ ތަނެކެވެ.”
އަދިވެސް އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ﴾ [آل عمران: ١٩٢]
މާނައީ: “އަޅަމެންގެ ވެރިރައްބެވެ! ހަމަކަށަވަރުން، އިބައިލާހު ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބައިލާހު އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަޞްރު ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.”
- މެދު މިންވަރެއްގައި ހޭދަކުރުން. ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ ވާޖިބުވެގެންވާ ހޭދަކުރުމުގައާއި މުސްތަޙައްބުވެގެންވާ ހޭދަކުރުމުގައިވެސް ދަހިވެތިކަމެއްނުވާ ބައެކެވެ. އަދި އަނބިދަރިންނަށް ޚަރަދުކުރުމުގައިވެސް ޢަދުލުވެރިވާމީހުންނެވެ. އަދި އެކަމުގައި ޙައްދުފަހަނައަޅަނި ނުދާމީހުންނެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا﴾ [الفرقان: ٦٧]
މާނައީ: “އަދި އެއުރެންނީ، (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) އެއުރެން ހޭދައެއްކޮށްފިނަމަ އިސްރާފުނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.”
އަދިވެސް ވަޙިކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.
﴿وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا﴾ [الإسراء: ٢٩]
މާނައީ: “ތިބާގެ ކަނދުރާއާއެކު ކަސްތޮޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ ޙާލު، ތިބާ އިންނަން ޖެހިދާނެއެވެ.”
- ﷲއާއި އެއްވެސް އެއްޗަކާ ޝަރީކުނުކުރުން: މިއީ ރަޙުމާނުވަންތަ އިލާހުގެ އަޅުތަކުންގެ އެންމެ ޚާއްޞަ ޞިފައެވެ. އެބައިމީހުންނީ ﷲތަޢާލާފިޔަވާ އަޅުކަންކުރެވޭ ހުރިހާފަރާތްކަށް ކާފަރުވެ، އިޚުލާޞްތެރިކަމާއެއްކޮށް، ބާޠިލުހު ހުރިހާގޮތްތަކުން އެއްކިބާވެ، ތައުޙީދުގެމަތީ އަޅުކަންކުރާމީހުންނެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ﴾ [الفرقان: ٦٨]
މާނައީ: “އެއުރެންނީ (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) ﷲއާއި އެެއްކޮށް އެހެން އިލާހުންނަށް ދުޢާކޮށް ގޮވާ ނަހަދާ މީހުންނެވެ.”
- ޙައްޤަކާއި ނުލާއި މީސްތަކުންގެ ލޭއޮހޮރުވާ ނުހެދުން: ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ﴾ [الفرقان: ٦٨]
މާނައީ: “އަދި އެރެންނީ (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤުގޮތުގައި މެނުވީ ނުމަރާމީހުންނެވެ.”
ﷲގެ ޙައްދެއް ނުވަތަ ޤިޞާޞެއް ތަންފީޛުކުރުމުގެ ގޮތުން ނުވަތަ ﷲގެ ޢަދުއްވުންނާ ހަނގުރާމަކުރުމުގެ ގޮތުން، ﷲގެ ޙައްޤުގައި ލޭއޮރުވަންޖެހުނަސް އެބައިމީހުން ފަހެއްނުޖެހޭނެއެވެ. ޙައްޤަކައިލާއިގެން މެނުވީއޭ ބުނެވޭ ބަހުގެ މުރާދަކީ އެއީއެވެ.
- ފާޙިޝްކަންތަކާއި ޒިނޭއަށް އަރާނުގަތުން: ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ އެބައިމީހުންގެ ފަރުޖުތައް ޙަރާމް ކަންތައްތަކުން ރައްކާތެރިކޮށް ޢިއްފަތްތެރި ވާމީހުންނެވެ. ﷲތަޢާލާ ވޙީކުރެއްވިއެވެ.
﴿وَلَا يَزْنُونَ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا﴾ [الفرقان: ٦٨]
މާނައީ: “އަދި އެއުރެނީ (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) ޒިނޭ ނުކުރާމީހުންނެވެ. އަދި އެކަންކޮށްފިމީހާއަށް ( އެބަހީ އިސްވެދިޔަ ފާފަތަކުގެތެރެއިން ކަމެެއްކޮށްފިމީހާއަށް) އެކަމުގެ ޢަޛާބާއި ޢުޤޫބާތް ލިބޭހުއްޓެވެ.”
- ބާޠިލު ވާހަކަތަދައްކާ ތަންތަނާއި އަދި ބާތިލު ޢަމަލުކުރާ ތަންތަނާއި، އަދި އެފަދަ މީހުންގެކިބައިން ދުރުހެލިވުން: ޝިރުކުކުރުމާއި އަދި ނުބައި ޢަމަލުތައްކުރާ ތަންތަނާއި އަދި އެފަދަ މީސްތަކުންގެ ކިބައިން، ރަޙުމާނުވަންތަ އިލާހުގެ އަޅުން ދުރުހެލިވެއެވެ. އަދި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފައިދާއެއްނެތް ބޭކާރު އަނގަތެޅުވުމާއި ބޭކާރު ޢަމަލުތަކުން، ރަޙުމާނުވަންތަ އިލާހުގެ އަޅުން ރީތިގޮތުގައި ދުރުވެގަނެއެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
- ﴿وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا﴾ [الفرقان: ٧٢]މާނައީ:”އަދި އެއުރެންނީ (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) “الزور” އަށް ޙާޟިރު ނުވާ މީހުންނެވެ. އަދި ބޭކާރު ކަންކަމާއި ދިމާވެއްޖެއްނަމަ ރަނގަޅު މާތްގޮތުގައި އެކަމުން ދުރުވެގަނެއެވެ. (އެކަންކަމުގެ ތެރެއަށްވަދެ އެކަމުގައި ބައިވެރި ނުވެއެވެ.)”
މިއާޔަތުގައި ބަޔާންވެގެންމިވާ “الزور” މި ލަފްޒުގެ ތަފްސީރުގައި ތަފްސީރު ޢިލްމުވެރިން، އެއީ ޝިރުކުކަމަށާއި، އަދި ލަވައާއި، ދޮގުވާހަކަދެއްކުމާއި ދޮގު ހެކިދިނުމާއި އަދި ބާޠިލް ކޮންމެ ކަމެއްގެ މާނައިގައި ތަފްސީރު ކުރައްވައެވެ.
- ﷲތަޢާލާގެ ބަސްފުޅުތައް ހަނދުމަކޮށްދެވޭހިނދު، އެބަސްފުޅުތަކަށް ބޯލަނބާ ކިޔަމަންވުން: ރަޙުމާނުވަންތަ އިލާހުގެ އަޅުންނަކީ، އެއިލާހުގެ ވަޙީބަސްފުޅު އަޑުއިވުމާއެއްކޮށް ނުރުހުންތެރިކަމެއްނެތި އެބަސްފުޅުތައް ތެދުކޮށް، ކިޔަމަންގަނެވުނު އެންމެ ފުރިހަމައަކަށް ކިޔަމަންކަންނަ މީހުންނެވެ. އަދި އެބަސްފުޅުތައް އަޑުއިވުމުން އެއުރެންގެ އީމާންކަން އިތުރުވެގެންދެއެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا﴾ [الفرقان: ٧٣]
މާނައީ: “އަދި އެއުރެންނީ، އެއުރެންގެ ވެރި ރައްބުގެ އާޔަތްތައް ހަނދާންކޮށްދޭހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެއާޔަތްތަކުގެ މައްޗަށް ވެއްޓި ނުގަންނަ މީހުންނެވެ.” (އެބަހީ، ﷲގެ އާޔަތްތަކަށް ފުރަގަސްދިނުމުގެ ބަދަލުގައި އެ އާޔަތްތައް އަޑުއަހައި ވިސްނާ ފިކުރުކުރާ މީހުންނެވެ.)
- އަމިއްލަ ނަފްސަށާއި އަނބިންނާއި ދަރިފަސްކޮޅަށް ހެވަށްއެދި ދުޢާކުރުން: ރަޙުމާނުވަންތަ އިލާހުގެ އަޅުންނަކީ، އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށާއި، އަނބިންނާއި ދަރިފަސްކޮޅަށް ހެޔޮ ދުޢާކުރުން ގިނަބައެކެވެ. އަދި އެމީހުންނަކީ، އެމީހުން އެއީ މީސްތަކުނަށް މަގުދައްކާ ބައެއްގެ ގޮތުގައި ވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާކުރާމީހުންނެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ [الفرقان: ٧٤]
މާނައީ: “އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! (އެބަހީ؛ އެމީހުންނަކީ ހެޔޮލަފާ ތަޤްވާވެރި ޞާލިޙު ބައެއްކަމުގައި ލައްވާނދޭވެ!) އަދި ތަޤުވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ! (އެބަހީ މީސްތަކުންނަށް ތެދުމަގު ދައްކާ މީހުންގެ ގޮތުގައި ލައްވާނދޭވެ!)”