[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭ އުޚްތާއެވެ. ތިޔައޮޅުވާލަނީ ﷲއަށް ހެއްޔެވެ.

ukhthaa eve

ﷲ ޞުބުޙާނަހޫވަތަޢާލާއީ، އެއިލާހު ޢަމަލުފުޅުތަކުގައި ފައިދާއެއްނެތް ބޭކާރުކަމެއް ކުރެއްވުމުން ހުސްޠާހިރުވެ ވޮޑިގެންވާ އިލާހެވެ. އެއިލާހުވަނީ އެއިލާހުގެ މަތިވެރި ޝަރީޢަތުގައި، މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ޢައުރަތައް ނިވާކުރުމަށް އަމުރުކުރައްވާފައެވެ. އެކަނބަލުންގެ ޢައުރަތައް ނިވާކުރެއްވުމަށް އެއިލާހު އަމުރުކުރެއްވީ، އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ވަންހަނާ ކުރުމަށްޓަކައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَا يُبْدِينَ زِينَتَهُنَّ﴾[النور: ٣١]

މާނައީ: “އަދި އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ.”

އަޅުގަނޑުމެންގެ މުޖުތަމަޢުއަަށް ބަލާއިރުގައި ވަރަށްގިނަ ބޭކަނބަލުން ބުރުގާއަޅާމަންޒަރުފެނެއެވެ. ބުރުގާ އެޅިކަމުގައިވީނަމަވެސް، ލައިގެންހުނަ ހެދުމުގެކުލަޔާއި، ޖައްސާފައިވާ ޑިޒައިންތަކާއި އަދި ލައިގެން ހުންނަ ހެދުމުގެބާރުކަމުން، އެއަޅާ ބުރުގާއަކީ އެކަނބަލުން ޒީނަތްތެރިކަން ވަންހަނާކޮށްދޭ އެއްޗެއްކަމުގައި ނުވެއެވެ. ޒީނަތްތެރިކަން ވަންހަނާކުރުމަށްޓަކައި އެއިލާހު ހިޖާބު ފަރުޟުކުރައްވާފައިވާ ހިނދުގައި، ތިޔަ ބުރުގާއިން ޒީނަތްތެރިކަން ވަންހަނާނުވާއިރު، ބުރުގާ ތިޔަ އަޅަނީ ޢައުރަ ނިވާކުރަން ކަމުގައިވާނަމަ، ތިޔަ އޮޅުވާލަނީ ﷲއަށްހެއްޔެވެ؟

ވީހާވެސް ބޮޑަކަށް ޢައުރަ ނިވާކުރުމަށްޓަކައި ކަޅުފޭރާމަކީ، ސަލަފުންގެ އަންހެންކަނބަލުން އިޚްތިޔާރު ކުރެއްވި ކުލައެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބައެއްބޭކަނބަލުން ބުރުގާއާއިއެކު ކަޅުފޭރާންލާ މަންޒަރުފެނެއެވެ. ފޭރާމުގެ ކުލަ އަދި ކަޅުވިކަމުގައިވީނަމަވެސް، ލައިގެން ހުންނަ ހެދުމަކީ ގަޔަށްބާރުވެ ވަނާތަށް ފާޅުވާ ހެދުމެއްކަމުގައިވުމުން، އެއަޅާ ބުރުގާއަކީ އެކަނބަލުން ޒީނަތްތެރިކަން ވަންހަނާކޮށްދޭ އެއްޗެއްކަމުގައި ނުވެއެވެ. ޒީނަތްތެރިކަން ވަންހަނާކުރުމަށްޓަކައި އެއިލާހު ހިޖާބު ފަރުޟުކުރައްވާފައިވާ ހިނދު، ތިޔަ ބުރުގާއިން ޒީނަތްތެރިކަން ވަންހަނާ ނުވާއިރު، ބުރުގާ ތިޔަ އަޅަނީ ޢައުރަ ނިވާކުރަން ކަމުގައިވާނަމަ، ތިޔަ އޮޅުވާލަނީ ﷲއަށް ހެއްޔެވެ؟

މުޅި ހަށިގަނޑު ނިވާވާގޮތަށް ބޮޑެތިކޮށް ބުރުގާއަޅާފައި ވީހާވެސް ގަޔަށްދޫކޮށް، ވީހާވެސް އަނދިރި ކުލައެއްގެ ހެދުންލުމަކީ، ޢައުރަ ނިވާވާ ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބައެއްބޭކަނބަލުން، ގަޔަށްދޫކޮށްބޮޑެތި ބުރުގާއަޅާ އަދި ބައެއްބޭކަނބަލުން މޫނު ނިވާކުރާ މަންޒަރު ފެނެއެވެ.  މިދެންނެވި ފަދައިން އެކަނބަލުންގެ ހެދުން އެޅިކަމުގައިވީނަމަވެސް، ލައިގެންހުންނަ ހެދުމަކީ، އިތުރަށް ޒީނަތްތެރިކަން ފާޅުވާގޮތަށް، މާމަލުންނާއި، ކުލަކުލައިގެ ރޭނދާތަކުން ޒީނަތްތެރި ކުރެވިފައިވާ ފޭރާމަކަށްވުމުން، އެއަޅާ ފޭރާމަކީ އެކަނބަލުން ޒީނަތްތެރިކަން ވަންހަނާކޮށްދޭ އެއްޗެއްކަމުގައި ނުވެއެވެ. ޒީނަތްތެރިކަން ވަންހަނާކުރުމަށްޓަކައި އެއިލާހު ހިޖާބު ފަރުޟުކުރައްވާފައިވާ ހިނދުގައި، ތިޔަ ފޭރާމުން ޒީނަތްތެރިކަން ވަންހަނާ ނުވާއިރު، ތިޔަފަދައިން ފޭރާންތިޔަ އަޅަނީ ޢައުރަ ނިވާކުރަން ކަމުގައިވާނަމަ، ތިޔަ އޮޅުވާލަނީ ﷲއަށް ހެއްޔެވެ؟

ލޮބުވެތި އުޚްތުންނެވެ! ތިޔަކަނބަލުންގެ ހަށިގަނޑުންވެސް އަދި ލައިގެންހުންނަ ފޭރާމުންވެސް، ހިލޭފިރިހެނުންނަށް ޒީނަތްތެރިކަމުގެ މިންވަރެއް ފާޅުކުރެވޭނެކަމަށް ޤަބޫލުކުރެވޭކަމުގައިވާނަމަ، ފައިދާއެއްނެތް ބޭކާރުއެއްޗަކަށް ﷲ ޞުބުޙާނަހޫވަތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުތައް ވެގެންދިޔައީއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾[النور: ]٣١ 

މާނައީ: “އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާވަރު ފިޔަވާ އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާނިވާކުރާހުށިކަމެވެ!”

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ވިދާޅުވިއެވެ. “ޒީނަތްރިކަން ފާޅުވެގެންވާ މިންވަރަކީ، ފޮރުވުމަށް ކުޅަދާނަވެގެންނުވާ މިންވަރެވެ. އެއީ ޖިލްބާބާއި ޢަބާޔާ ފަދަ ތަކެއްޗެވެ.”

އަދިވެސް ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ.

﴿يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّـهُ غَفُورًا رَّحِيمًا﴾ [الأحزاب: ٥٩]

މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހުކަމުގައި ވޮޑިގެންވެއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ﴾ [الأحزاب:٣٣] 

މާނައީ: “އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ޤަރާރުވެ ތިއްބަވާށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ!”

ލޮބުވެތި އުޚްތުންނެވެ! ލަދުވެތިވާށެވެ. އަދި ޢިއްފަތްތެރިންކަމުގައި ވާށެވެ. ތިޔަކަނބަލުންގެ ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ އެއްޗަކީ ޢިއްފަތްތެރިކަންކަމުގައި ދަންނާށެވެ! ޢިއްފަތްތެރިކަމަކީ އިސްލާމީ އަޚުލާޤުން ޒީނަތްތެރިވެ ﷲތަޢާލާ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުވެގަތުމެެވެ. ބޮލުންފެށިގެން ފައިގެ ބޮޑުވާ އިނގިއްޔާ ހަމައަށް ތިމާމެންގެ ހަށިގަނޑު ރައްކާތެރިކުރުމެވެ. މުޖުތަމަޢުގައި ލަދެއްޙަޔާތެއްނެތި، މަގުމަތީގައި ތިމާމެންނަށްވުރެ ގޮތްކުޑަބައެއް ނެތްކަމަށް ދައްކަމުން، ތިމާމެންގެ ހަށިގަނޑު މަގުމަތީގައި ނީލަންކިޔުމާއެކު، ބިންމަތި ފަސާދަކުރަމުންދާ ބައެއްކަމުގައި ނުވާށެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަންނަނިވި ޙަދީޘްބަސްފުޅާމެދު ބިރުވެތިވެ ރައްކާތެރިވާށެވެ.

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ.

((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَومٌ مَعَهُمْ سِيَاطٌ كَأَذْنَابِ البَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ، رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ المَائِلَةِ، لاَ يَدْخُلْنَ الجَنَّةَ وَلاَ يَجِدْنَ رِيْحَهَا، وَإِنَّ رِيْحَهَا لَيُوجَدُ مِنْ مَسِيْرَةِ كَذَا وَكَذَا)) [رَوَاهُ مُسْلِمٌ]

މާނައީ: “ނަރަކަ ވަންތަވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބަޔަކު ވެއެވެ. ތިމަންކަލޭގެފާނު އެ ދެބާވަތުގެ މީހުން ދެކެވަޑައި ނުގަންނަވަމެވެ. އެއްބަޔަކީ ގެރީގެ ނިގޫތަކެއްފަދަ ޗާބޫކު ތަކެއް އެބައިމީހުންނާ އެކުގައިވާ ބައެކެވެ. އެބައިމީހުން އެއިން މީސްތަކުންގެ ގައިގައި ތަޅާ ހަދާނެއެވެ. އަދި އަނެއް ބަޔަކީ ފޭރާންލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އަދި އެކަނބަލުން މީސްތަކުންގެ މައްޗަށް ލެނބިގެން ތިބޭޙާލު އެހެން މީހުން އެކަނބަލުންގެ މައްޗަށް ލެންބުމަށް މަސައްކަތް ކުރާނެއެވެ. އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑުވަނީ ލެނބިފައިވާ ޖަމަލުގެ ގޮންގަނޑުތައް ފަދައިންނެވެ. އެކަނބަލުންނަކީ ސުވަރުގެ ވަންނާނޭ ބައެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އަކަނބަލުންނީ ސުވަރުގޭގެ ވަސްވެސް ދެކޭނޭ ބައެއް ނޫނެވެ. ހަމަކަށަވަރުން އެވެނި މިވެނި ދުރުމިނަކަށް ސުވަރުގޭގެ މީރުވަސް ހުންނާނެއެވެ.”