[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެފަހުން މަންމަވެސް އިސްލާމްވިއެވެ.

ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ދަރިއަކާއިމެދު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ތިމާގެ ދަރިއަކީ އެހެން މީހުންގެ ދަރިންނަށް ވުރެން މޮޅު ޖާހާއި މަޤާމުގެ ގޮތުން މަތީމީހަކަށް ވުމެވެ. އެއްވެސް މީހަކު އޭނާއަށް ވުރެން އެހެންމީހުން މޮޅުވާން ނޭދުނު ކަމުގައި ވިޔަސް ތިމާގެ ދަރިންނަށް އެދޭނީ ތިމާއަށް ވުރެން މޮޅުމީހަކަށް ވާށެވެ. އެހެންނަމަވެސް ގިނަ މައިންބަފައިން ﷲގެ ދީނަށް ނަސްރުދޭނެ ދަރިންތަކެއް ތަރުބިއްޔަތުކުރެވޭތޯ މަސައްކަތްކުރާތަނެއް ނުފެނެއެވެ. މިޒިންމާއުފުލުމުގައި އަޅުގަނޑުމެން މުސްލިމުންނޭ ކިޔައިގެން ދައުވާކުރާ މީހުންގެ ކަންތައްތައް ހުރީ ހައްދުފަހަނައަޅާފައެވެ. ކަންތައްތައް މިހެން ހުރިކަމުގައި ވިޔަސް ﷲ ތައާލާގެ ދީނަށް ނަސްރުދޭނެ ބަޔަކު ޤިޔާމަތާއި ޖެހެންދެން ދުނިޔޭގައި ތިބޭނެކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. ހަރުބީ ކާފަރުންގެ ދަރިންނަށް ހިދާޔަތު ލިބި ﷲ ގެ ދީނަށް ނަސްރުދޭތަން ފެނުމުން މިކަން އެނގިގެންދެއެވެ. މިގޮތުން ތިރީގައި އެވަނީ އެފަދަ ޙާދިޘާއެކެވެ.

އުމުރުން 18 އަހަރު ވަންދެން މީހަކު އުޅުނީ އޭނާގެ މަންމަ ގާތުގައެވެ. އޭރަކު އޭނާ އިސްލާމެއް ނުވެއެވެ. ދުވަސްކޮޅެއްފަހުން އޭނާގެއިން ނުކުމެގެން މުޅިން އަމިއްލަޔަށް އުޅެން އެހެންތަނަކަށް ބަދަލުވިއެވެ. މިގޮތަށް އުޅުމުގެ ތެރޭގައި ބައެއް މުސްލިމުންނާއި އޭނާއަށް ރައްޓެހި ވެވިއްޖެއެވެ. އެންމެފަހުން އިސްލާމްދީނުގެ ފުރިހަމަކަން އޭނާއަށް ވިސްނުމުން އޭނާ އިސްލާމްދީން ޚިޔާރުކޮށްފިއެވެ. ކޮންމެދުވަހަކުވެސް އިސްލާމްދީނާއި ބެހޭ އިތުރު މަޢުލޫމާތު ލިބޭތޯ މަސައްކަތް ކުރެއެވެ. މިގޮތަށް ޢިލްމު ހޯދުމުގައި މަސައްކަތް ކުރަނިކޮށް އިސްލާމްދީނުގައި މައިން ބަފައިންނަށް ކަމޭހިތުމުގެ ފައިދާ އޮޅުން ފިލައިފިއެވެ. އަދި މިއީ އިސްލާމްދީނުގައި ކިހާމަތިވެރިކަމެއްކަމާއި މިކަމުން ލިބޭ ދަރުމައާއި ޘަވާބު މީނާއަށް އިހްސާސްކުރެވިއްޖެއެވެ. އަދި ކިޔަމަންތެރިކަމުގެ ލޮލަކުން މައިންބަފައިންނަށް ބެލުމަކީވެސް ވަރަށް ބޮޑު ޘަވާބެއް ލިބޭކަމެއްކަން އޭނާއަށް އެނގިއްޖެއެވެ. މިމަޢުލޫމާތުތަށް ލިބުމުން އޭނާގެ މަންމަގާތަށް ދިޔުމަށް ހިތްއެދެންފަށައިފިއެވެ. އޭރު އޭނާ އޭނާގެ މަންމަގެ ގާތަށް ޒިޔާރަތްނުކުރާތާ އެތަށް އެތަށް އަހަރެއް ވެދާނެއެވެ. މަންމަގެ ގެއަށް ދިޔުމުގެ މަގުމަތީގައި މާބޮނޑިއަކާއި މޭވާކޮޅެއް ގަތެވެ. އެހާ ގިނަދުވަސް ކޮށްފައި ދަރިފުޅު ފެނުމުން މަންމަ ވަރަށް އުފާވިއެވެ. މިދުވަހަށްފަހު ދޭތެރެ ދޭތެރެއިން މިދަރިފުޅު މަންމަގެ ގާތަށް ޒިޔާރަތްކުރެއެވެ. މިއިންކޮންމެ ފަހަރަކު ވަރަށް ގިނަވަގުތު އެގޭގައި މަޑުކުރެއެވެ. ޒިޔާރަތްކުރާ ކޮންމެފަހަރަކު މިދަރިފުޅު މަންމަގެ މޫނަށް ބަލަން އިނދެ ރޮއެ ހަދައެވެ.

މިހެން ކަންތައް ވަމުންދާތީ އެއްދުވަހަކު މަންމަ އޭނާގެ ދަރިފުޅުގާތުގައި ސުވާލުތަކެއް ކުރިއެވެ. ދަރިފުޅު ކުއްލިއަކަށް މިހާގިނައިން އަންނަން މިފެށީ ކީއްވެގެން ކަމާއި، މަންމަ އާއި ދިމާލަށް ބަލަންއިނދެ ރޮނީ ކީއްވެތޯއެވެ. އޭނާ މަންމަ ކައިރީގައި އޭނާ އިސްލާމްވި ގޮތުގެ ވާހަކަ ފުރަތަމަވެސް ކިޔައިދިނެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައި މަންމައެއްގެ މަޤާމަކީ ވަރަށްވެސް މަތިވެރި މަޤާމެއްކަން ބުނެދިނެވެ. މަންމައާއި ދިމާލަށް ބަލަންއިންނައިރު ރޮވެނީ މަންމައަކީ މުސްލިމަކުކަމުގައި ނުވާތީއާއި ތިގޮތުގައި ހުރެ މަންމަ މަރުވެއްޖެނަމަ ލިބޭނޭ ޢަޛާބުގެ ބޮޑުކަން ހިތަށް އާރާތީކަމުގައި ބުންޏެވެ. އެހިނދު މަންމައަށް އިސްލާމްދީނުގެ ރިވެތިކަން ފާހަގަކުރެވި އިސްލާމްވިއެވެ.