ތިންވަނަކަންތައް: ޚުއްފުގައި ފެންފުހުމުގެ ކައިފިއްޔަތު
ފެންފުހުން މަޝްރޫޢުވެގެންވާ ތަނަކީ ޚުއްފުގެ މައްޗެވެ. ވާޖިބުވެގެންވާ މިންވަރަކީ “ފުހެމޭ” ބުނެވޭ މިންވަރަށް ފުހުމެވެ. ޚުއްފުމަތީގައި ފެންފުހޭނެގޮތަކީ ޚުއްފުގެ މަތީގެ ބޮޑުބައިގައި ފުހުމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރައްވާ އިރު ޚުއްފުމަތީގައި ފެންފުހޭ ގޮތުގެ ޞިފަ ބަޔާންވެގެންވާ، މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘުގެ ސަބަބުންނެވެ. މުޣީރާ ބިން ޝުޢުބާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. رَأَيتُ النَّبِيَّ صَلَّى اللهُ عَلَيهِ وَسَلَّمَ يَمْسَحُ عَلَى الخُفَّينِ : عَلَى ظَاهِرِهِما [أخرجه الترمذي برقم (98) وقال حسن و قال الألباني: حسن صحيح (صحيح الترمذي برقم (85)] މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެޚުއްފުގެ މަތީގައި ފެން ފުއްސެވިތަން އަހުރެން ދުށީމެވެ: އެ ދެ ޚުއްފުގެ މަތީގައެވެ.”
ޚުއްފުގެ ދަށުގައި ފެންފުހުމަކުން ކަމަކު ނުދާނެއެވެ. (ފެންފުހުން ޞައްޙައެއް ނުވާނެއެވެ.) އަދި ޚުއްފުގެ އަރިމަތީގައި ފުހުމަކުންވެސް ކަމަކުނުދާނެއެވެ.(ފެންފުހުން ޞައްޙައެއް ނުވާނެއެވެ.) އެއީ ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ މިބަސްފުޅުގެ ސަބަބުންނެވެ. ((لَوْ كَانَ الدِّينُ باِلرَّأيِ لَكَانَ أَسْفَلُ الخُفِّ أَوْلَى بِالمَسْحِ مِنْ أَعْلَاهُ وَقَدْ رَأَيتُ النَّبِيَّ صَلَّى اللهُ عَلَيهِ وَسَلَّمَ يَمْسَحُ عَلَى ظَاهِرِ خُفِّهِ)) [رواه أبو داود برقم (162) والبيهقي (1/292) وصححه الحافظ ابن حجر (التلخيص الحبير 1/160)] މާނައީ: “ދީން ރައުޔުގެމައްޗަށް ބިނާވެގެންވާނަމަ ފެންފުހުމަށް ޚުއްފުގެ ދަށްފުށް މަތީފުށަށްވުރެ އައުލާކަންބޮޑުވެގެންވީހެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ޚުއްފުގެ މަތީފުށުގައި ފެންފުއްސަވަނިކޮށް އަހުރެން ދުށީމެވެ.”
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد
(ނުނިމޭ)