[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަސްޖިދުލް އަޤްޞާއަކީ ޙަރަމްފުޅެއްތޯ؟

އަލް މަސްޖިދުލް އަޤުޞާއަށް އެހެން މިސްކިތްތަކުގެ މައްޗަށް މާތްކަން ލިބިގެންވެއެވެ. ފަހެ އެންމެހާ މިސްކިތްތަކުގެ ތެރެއިން އެންމެ މާތް މިސްކިތަކީ މަސްޖިދުލް ޙަރާމްއެވެ. އެއަށްފަހު މަސްޖިދުއް ނަބަވީއެވެ. އެއަށް ފަހު މަސްޖިދުލް އަޤުޞާއެވެ.

މި ތިންމިސްކިތަކީ އެ މިސްކިތްތަކުގައި އަޅުކަންކުރުމަށްޓަކައި ދަތުރުކުރުން ޝަރުޢުކުރެއްވި ތިން މިސްކިތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (لا تُشَدُّ الرِّحَالُ إِلا إِلَى ثَلاثَةِ مَسَاجِدَ : مَسْجِدِ الْحَرَامِ ، وَمَسْجِدِ الأَقْصَى ، وَمَسْجِدِي هَذَا ) رواه البخاري (1996) .

މާނައި: “ތިން މިސްކިތަކަށް މެނުވީ ދަތުރުހަދައިގެން ދިއުމަކީ ހުއްދަކަމެއް ނޫނެވެ. [އެއީ] މަސްޖިދުލް ޙަރާމާއި، މަސްޖިދުލް އަޤްޞާއާއި، ތިމަންކަލޭގެފާނުގެ މި މިސްކިތެވެ.[މަސްޖިދުއް ނަބަވީ އެވެ.]”

މަސްޖިދުލް އަޤްޞާގައި ކުރާ ނަމާދަކީ  [މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީ ފިޔަވައި] އެހެން މިސްކިތްތަކުގައި ކުރާ 250 ނަމާދުގެ ސަވާބު ހުރި ނާމާދެކެވެ.

عن أبي ذر رضي الله عنه قال : تذاكرنا ونحن عند رسول الله صلى الله عليه وسلم أيهما أفضل مسجد رسول الله صلى الله عليه وسلم أم بيت المقدس ؟ فقال رسول الله صلى الله عليه وسلم : صلاة في مسجدي أفضل من أربع صلوات فيه ولنعم المصلى هو ، وليوشكن أن يكون للرجل مِثْل شطن فرسه من الأرض حيث يَرى منه بيت المقدس خيراً له من الدنيا جميعاً “

 . رواه الحاكم ( 4 / 509 ) وصححه ووافقه الذهبي والألباني كما في ” السلسلة الصحيحة ” في آخر الكلام على حديث رقم ( 2902)

 އަބޫ ޛައްރު ރަޟިޔަﷲޢަންހު ގެ ކިބައިން ރިވާވެގެންވެއްވެ. ” އަހަރެމެން ބޭކަލުން ރަސޫލާ صلى الله عليه وسلم  ގެ އަރިހުގައި ތިއްބަވައިގެން ރަސޫލާ صلى الله عليه وسلم ގެ މިސްކިތާއި ބައިތުލް މަޤްދިސް [މަސްޖިދުލް އަޤްޞާ ހުރިބިން ] ކުރެން މާތްވެގެންވާނީ ކޮންތަނެއްތޯ އާއި ބެހޭގޮތުން ވާހަކަދެއްކެވީމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރާ އެއް ނަމާދު އެތާނގައިކުރާ  4 ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އަދި  ނަމާދުކުރާ ތަނެއްގެ ގޮތުގައި [ބައިތުލް މަޤްދިސްއަކީ] ކޮންފަދަ ހެޔޮތަނެއް ހެއްޔެވެ. މީހެއްގެ އަތުގައި އަހުގެ ވާފަށެއް ވަރުގެ ބިންކޮޅެއް އޮވެފައި އެބިންކޮޅުން ބައިތުލް މަޤްދިސް ފެންނަ ނަމަ މުޅި ދުނިޔެއަށްވުރެ އެކަން ހެޔޮކަމުގައި އޭނާދެކޭނެ ދުވަސް އައުން ގާތް ވެއްޖެއެވެ.”

އެހެންކަމުން މަސްޖިދުއް ނަބަވީގައި ކުރާ ނަމާދު [މަސްޖިދުލއް ޙަރާމް ފިޔަވއި] އެހެންތަންތާކުރާ 1000 ނަމާދާއި އެއްވަރުވެގެންވެއެވެ. އަދި މަސްޖިދުލް އަޤްޞާގައި ކުރާ އެއްނަމާދު އެހެންތަންތާކުރާ 250 ނަމާދާއި އެއްފަދައެވެ.

މަސްޖިދުލް އަޤްޞާގައި ކުރާ ނަމާދެއްގެ މިންވަރަކީ އެހެން މިސްކިތްތަކުގައި ކުރާ 500 ނަމާދޭ ބުނެވޭ މަޝްހޫރު ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ.   އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަލްބާނީ ރަޙިމަހުﷲ ލިޔުއްވާފައިވާ “ތަމާމުލް މިންނާ” މިފޮތުގެ 292 ޞަފްޙާ ބައްލަވާށެވެ.

ޙަރަމްފުޅު ތަކަކީ ﷲ ތަޢާލާ ޝަރުޢުކުރެއްވި ޚާއްޞަ ޙުކުމްތަކެއް ލިބިގެންވަ ތަންތަނެވެ. އޭގެ ތެރޭގައި އެތަންތާގައި ހަނގުރާމަކުރުން ޙަރާމްވުމާއި،  އެތަންތާގައި އުޅޭ ޖަނަވާރާއި، ދޫނި ޝިކާރަކުރުުން ޙަރާމްވުމާއި، އެއްވެސް މީހަކު އިންދާފައި ނުވާ- ﷲ ގެ ޤަދަރުކުރެއްވުމުން ފަޅުއްވާފައިވާ – ގަސްތައް ކެނޑުން ޙަރާމްވެގެންވެއެވެ.

ﷲ ތަޢާލާ މައްކާގެ އަހުލުވެރިންނަށް އެރަށް ޙަރަމެއްގެގޮތުގައި ލައްވަވައި އެރަށަކީ މީސްތަކުންނަށާއި ޖަނަވާރުންނަށް އަމާންކަން ލިބިގެންވާތަނެއްގެ ގޮތުގައި ލެއްވިއެވެ.ﷲތަޢާލާ ވަޙީ ކުރެއްވިއެވެ.

(…أَوَلَمْ نُمَكِّنْ لَهُمْ حَرَمًا آمِنًا يُجْبَى إِلَيْهِ ثَمَرَاتُ كُلِّ شَيْءٍ رِزْقًا مِنْ لَدُنَّا وَلَكِنَّ أَكْثَرَهُمْ لا يَعْلَمُونَ ) القصص/57

މާނައީ: “…..أمان ކަން ލިބިގެންވާ حرم އެއް ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ حضرة ން ލިބެނިވި رزق އެއްގެ ގޮތުގައި، ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

(أَوَلَمْ يَرَوْا أَنَّا جَعَلْنَا حَرَمًا آمِنًا وَيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ ) العنكبوت / 67

މާނައީ: “ހަމަކަށަވަރުން، أمان ކަން ލިބިގެންވާ حرم ފުޅެއް ތިމަންރަސްކަލާނގެ ލެއްވިކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ އެއީ އެއުރެންގެ ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

(…وَمَنْ دَخَلَهُ كَانَ آمِنًا…. ) البقرة / 97 .

މާނައީ:”…. އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ……”

عَنْ جَابِرٍ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ ، وَإِنِّي حَرَّمْتُ الْمَدِينَةَ . . . لا يُقْطَعُ عِضَاهُهَا وَلا يُصَادُ صَيْدُهَا ) . روى مسلم (1362)

މާނައީ: “ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “އިބްރާހިމްގެފާނު މައްކާ ޙަރަމަކަށް ހެއްދެވިއެވެ. އަދި ތިމަންކަލޭގެފާނު މަދީނާ ޙަރަމެއްކަމުގައި ހެއްދެވީމެވެ. އެތާނގެ “ޢިޟާހުތައް” [އެބަހީ: ގޮފިތައް] ކޮށައިގެންނުވާނެއެވެ.އަދި އެތާނގެ ޖަނަވާރުތައް ޝިކާރަކޮށްގެން ނުވާނެއެވެ.”

“ޢިޟާހު” އަކީ ކަށިހުންނަ ހުރިހާ ގަހެކެވެ. ކަށިހުންނަ ގަސްތައް ކޮށުން ޙަރާމްކަމުގައި ވާނަމަ ކަށިނުހުންނަ ގަސްނުކޮށުން މާ އައުލާވެގެންވެ އެވެ.

عَنْ أَبِي سَعِيدٍ الْخُدْرِيّ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( اللَّهُمَّ إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ فَجَعَلَهَا حَرَمًا ، وَإِنِّي حَرَّمْتُ الْمَدِينَةَ . . . أَنْلا يُهْرَاقَ فِيهَا دَمٌ ، وَلا يُحْمَلَ فِيهَا سِلاحٌ لِقِتَالٍ ، وَلا تُخْبَطَ فِيهَا شَجَرَةٌ إِلا لِعَلْفٍ . روى مسلم (1374)

މަނައީ: “އަބޫ ސަޢީދުލް ޚުދުރީ ގެފާނުގެ އަރިހުން ރިވަވެގެންވެއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.” އޭ ﷲ އެވެ! އިބްރާހިމްގެފާނު މައްކާ ހުރުމަތްތެރި ކުރައްވައި ޙަރެމެއްގެ ގޮތުގައި ހެއްދެވިއެވެ. އަދި ތިމަންކަލޭގެފާނު މަދީނާ ޙަރަމެއްކަމުގައި ހަދައިފީމުއެވެ. [އެއީ] އެތަންތާ ލޭ އޮހޮރުވުން މަނާ، އަދި ހަނގުރާމަޔަކަށް ހަތިޔާރު އުފުލުން މަނާ، އަދި ފަތްތައް ފައިބާގޮތަށް ތެޅުވުން، ޖަނަވާރުންނަށް ކާން ދޭން މެނުވީ  މަނާވާ ތަންތަނުގެ ގޮތުގައެވެ.”

އަލް އިމާމުއްނަވަވީ ވިދާޅުވިއެވެ. “ޖަނަވާރުންނަށް ކާންދިނުމަށް ފަތްތައް  ބިނުމަކީ ހުއްދަކަމެއްކަމުގައި [މި ޙަދީޘުން] އެނގެއެވެ. އެހެންކަމުން މި ބޭނުން ފިޔަވައި އެހެންބޭނުމަކަށް ގަހުގެ ފަތްތައް ބިނުމަކީ ފަހެ  އެއީ ޙަރާމްކަމެކެވެ.”

މަތީގައި މިވާ ޙުކުމްތަކަށް ރިޢާޔަތްކޮށް ބަލާނަމަ އަލް ޤުދުޞަކީ ޙަރަމެއް ނޫންކަން މުސްލިމުންގެ ޢިލުމުވެރިންގެ އިއްތިފާޤުން އެނގެއވެ. މީސްތަކުން މިބަސް (ޔަޢުނީ- ޙަރަމް) ވަރަށް ފުޅާ ގޮތެއްގައ ބޭނުންކުރެއެވެ. އެއުރެން އަލް ޤުދުސަށް ވެސް ޙަރަމެކޭ ކިޔައެވެ.  އަދި ފަލަސްޠީނުގައިވާ އިބްރާހިމުލް ޚަލީލު މިސްކިތައްވެސް ޙަރަމޭ ކިޔައެވެ. އަދި ކީންހެއްޔެވެ! ޔުނިވާރސިޓީ ތަކަކީވެސް ޙަރަމްތަކެކޭ ކިޔައެވެ. [އެހެން ނަމަވެސް] މިދުނިޔެ މަތީގައި މާއްކާގެ ޙަރަމާއި، މަދީނާގެ ޙަރަމާއި، ޠާއިފުގައިވާ ވާދިއެއް (“ވުޖް” އޭ ކިޔޭތަން) ފިޔަވައި ޙަރެމެއްނުވެއެވެ. މިތަނަކީ [“ވުޖު” ކިޔުނު ވާދީ ] އަކީ ޙަރަމެއްތޯ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ.

ޝައިޚުލް އިސްލާމް މަޖްމޫޢު ފަތަވާގައި (ނަންބަރު : (27/14-15)) ވިދާޅުވެފައިވެއެވެ.

” ބައިތުލް މަޤްދިޞަކީ ޙަރަމެއްކަމުގައި ނުކިޔޭނެއެވެ. އަދި އަލް ޚަލީލުގެ ޤަބުރުފުޅު އޮތްތަނަކީވެސް ޙަރަމެއް ކަމުގައި ނުކިޔޭނެއެވެ. އަދި މިފަދަ އެހެން ތަންތަނަކީވެސް ޙަރަމެއް ކަމުގައި ނުކިޔޭނެއެވެ. އަންނަނިވި ތިންތަން ފިޔަވައެވެ.

އޭގެތެރެއިން ފުރަތަމައީ: އެއީ ޙަރަމެއްކަން މުސްލިމުންގެ ޢިލްމުވެރިންގެ އިއްތިފާޤުން އެނގޭ މައްކާގެ ޙަރަމެވެ. އެތަން ﷲ ތަޢާލާ ޝަރަފުވެރި ކުރެއްވިއެވެ.

ދެވަނައީ: އެއީ ޙަރަމެއްކަން ޖުމްހޫރު ޢިލްމުވެރިން އެއްބަސްވާ ތަނެކެވެ. އެއީ ނަބިއްޔާގެ ޙަރަމެވެ. (ޔަޢުނީ: ނަބިއްޔާގެ މަދީނާގައިވާ ޙަރަމެވެ.)  ފަހެ އެހެނީ މިއީ ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތެވެ. މާލިކު އާއި ޝަފިޢީ އާއި އަޙުމަދުފަދަ ބޭފުޅުންގެ އަރިހުގައެވެ. މިކަމާ ގުޅޭ ގޮތިން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވާކަން އިނގޭ ވަރަށް ގިނަ ޞައްޙަ ޙަދީޘްފުޅުތައްވެއެވެ.

ތިންވަނައީ: “ވުޖް” އެވެ. އެއީ ޠާޢިފުގައިވާ ވާދީއެކެވެ. މިވާދީއާއި ގުޅޭ ގޮތުން ރިވާވެގެންވާ ޙަދީޘެއް އިމާމް އަޙުމަދުގެ މުސްނަދުގައި ވެއެވެ. އަދި މި ޙަދީޘް ޞަޙީޙު ފޮތްކުގައި ނުވެއެވެ. މިއީ ޙަރަމެއްގެ ގޮތުގައި ޝާފިޢީގެފާނު ދެކިލައްވައެވެ. އެކާލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި މި ވާދީއާއި ބެހޭގޮތުން އައިސްފައިވާ ހަދީޘް އަކީ ޞައްޙަ ޙަދީޘެކެވެ. އެހެންނަމަވެސް ގިނަ ޢިލްމުވެރިންގެ އަރިހުގައި އެއީ ޙަރަމެއްނޫނެވެ. އަޙުމަދު [މި ވާދީއާއި ބެހޭގޮތުން] ރިވާވެގެންވާ ޙަދީޘް ޟަޢީފުކަމުގައި ދެކިލައްވައެވެ. އަދި މި ޙަދީޘްފުޅުގައި ނުހިއްޕަވައެވެ.

އެހެންކަމުން މި ތިންތަން ފިޔަވައި އިތުރު އެއްވެސް ތަނަކީ ޙަރަމްކަމުގައި މުސްލިމުންގެ ޢިލްމުވެރިން ދެކިނުލައްވައެވެ. އެހެނީ ޙަރަމްތަކަކީ މާތް ﷲ، ޝިކާރަކުރުމާއި، އެތަންތާގެ ގަސްތައް ކޮށުން ޙަރާމްކުރެއްވި ތަންތަނެވެ. އަދި ﷲ ތަޢާލާ ، ޝިކާރަކުރުމާއި ގަސްތައް ކޮށުން މިތަންތަން ފިޔަވައި އެހެން ތަނެއްގައި ޙަރާމްނުކުރައްވައެވެ.

والله تعالى أعلم.

___________________________________

ނޯޓު: މި ސުވާލުގެ ޖަވާބު ނަގާފައިވަނީ ފަޟީލަތުއް ޝައިޚު މުޙއްމަދު ޞާލިޙު އަލްމުނައްޖިދު ގެ ބެލުމުގެ ދަށުން ހިންގޭ އިސްލާމް ކިއުއޭ ވެބްސައިޓުންނެވެ.

 

މަޞްދަރު: http://islamqa.info/ar/34751
http://islamqa.info/en/34751