[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ދެވަނަ މަޖްލިސް

ރޯދައިގެ މާތްކަން

 

އެންމެހާ ޙަމްދު ހުރީ ﷲއަށެވެ. އެއިލާހީ،އެ އިލާހުގެ އަޅުތަކުންނަށް އެންމެ އޯގާވަންތަ،އެންމެ އިޙްސާންތެރިވެވޮޑިގެންވާ،އަދި އެ އިލާހުގެ ފަޟުލުވަންތަވެރިކަމުން ގިނަ ގުނަ ނިޢުމަތް އެ އިލާހުގެ އަޅުތަކުންނަށް ދެއްވާ އިލާހެވެ. އަދި އެއިލާހީ،ހުރިހާ ކަމަކަށްމެ ކުޅަދުންވަންތަ ގަދަފަދަވެވޮޑިގެންވާ، ހުރިހާ އާރާއި ބާރުގެ ވެރި އިލާހެވެ.

އެއިލާހީ الأول އެވެ. އެއިލާހުގެ ކުރީގައި އެއްވެސް އެއްޗެއް ނުވެއެވެ. އެއިލާހީ الآخر އެވެ. އަދި އެއިލާހަށް ފަހުގައި އެއްވެސް އެއްޗެއް ނުވެއެވެ. (އެބަހީ: އެއިލާހީ ފެށުމެއްނެތި އިސްވެވޮޑިގެންވާ އަދި ނިމުމެއްނެތި ފަސްވެ ވޮޑިގެންވާ އިލާހެވެ.) އަދި އެއިލާހީ الظاهر އެވެ. އެއިލާހަށްވުރެ އެހެން ފަރާތެއް މަތިވެރިވެގެން ނުވެއެވެ.  އަދި އެއިލާހީ الباطن އެވެ. އެއިލާހަށްވުރެ އަޅުތަކުންނާ ކުއްތަންވެވޮޑިގެންވާ ފަރާތެއް ނުވެއެވެ. އަދި ވާނެ ކަންކަމާއި ނުވާނެ ކަންކަމުގެ ޢިލްމު ލިބިވޮޑިގެންވާ އިލާހެވެ. އެއިލާހު އިރާދަކުރެއްވި އަޅަކަށް ޢިއްޒަތް ދެއްވައެވެ. އަދި އިރާދަކުރެއްވި އަޅަކު ނިކަމެތި ކުރައްވައެވެ. އަދި އިރާދަކުރެއްވި އަޅަކު ފަޤީރުކުރައްވައެވެ. އަދި އިރާދަކުރެއްވި އަޅަކު މުއްސަނދި ކުރައްވައެވެ. އެއިލާހީ އެއިލާހުގެ ޙިކްމަތުން އިރާދަކުރައްވާ ކަމެއް ކުރައްވާ އިލާހެވެ. ކޮންމެ ދުވަހަކުވެސް އެއިލާހު ވަނީ ކަމެއްގައެވެ. އަދި އެއިލާހު ބިން ހިފެހެއްޓެވުމަށްޓަކައި ފަރުބަދަތައް ކަޑަތަކެއްގެ ގޮތުގައި ލެއްވިއެވެ. އަދި ވިއްސާރަ ވިލާތައް ލެއްވެވިއެވެ. އެ ފެނުން އެބިންގަނޑަށް ދިރުން ދެއްވައެވެ. އަދި އެ ބިމުގައި ވާހާ ޚަލްޤުތަކަކީ ފަނާވެގެންދާނޭ ބައެއްކަމުގައި އެއިލާހު ނިޔާ ކަނޑައަޅުއްވާފައިވެއެވެ. އެއީ ނުބައި ޢަމަލުކޮށް އުޅުނު މީހުންނަށް އެކަމުގެ ސަޒާ ދެއްވުމަށެވެ. އަދި އިޙްސާންތެރިންނަށް އިޙްސާންތެރިކަމުގެ ޖަޒާއިން ޖަޒާދެއްވުމަށްޓަކައެވެ.

އެއިލާހަށް ލިބިގެންވާ އެންމެ ފުރިހަމަވެގެންވާ ރީތި ޞިފަފުޅުތަކުން އެއިލާހަށް ޙަމްދު ކުރަމެވެ. އަދި އެއިލާހު ދެއްވާފައިވާ ގިނަ ގުނަވެގެންވާ ނިޢުމަތްތަކަށް ޝުކުރު ކުރަމެވެ. އެހެނީ، ޝުކުރުވެރިވުމުން އެއިލާހު ނިޢުމަތްތައް އިތުރު ކޮށްދެއްވައެވެ. އަދި ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އެއިލާހީ الملِكُ އަދި الديَّان އެވެ. (الديَّانއަކީ، ޖަޒާދެއްވާ އަދި ޙުކުމްކުރައްވާ ފަރާތެވެ.) އަދި މުޙައްމަދު ގެފާނަކީ އެއިލާހުގެ އަޅާކަމަށައި އިންސިންނާއި ޖިންނިންގެ ގާތަށް ފޮނުއްވުނު ރަސޫލާކަމަށް އަޅުހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތްލައްވާށިއެވެ. އަދި އެކި ޒަމާންތަކުގައި އެބޭކަލުންނަށް ތަބަޢަ ވީހާ ބަޔަކަށް ޞަލަވާތާއި ގިނަ ގުނަވެގެންވާ ސަލާމް ލައްވާށިއެވެ.

އަޚުންނޭވެ! ރޯދަވަނީ އެންމެ މާތް އަޅުކަންތައްތަކުގެ ތެރެއިން ކަން ދަންނާށެވެ! ރޯދައިގެ މަތިވެރިކަމާ ބެހޭގޮތުން އެތައް އަޘަރުތަކެއް ވާރިދުވެގެންވެއެވެ. އަދި މީސްތަކުންގެ މެދުގައި އެޚަބަރުތައް ނަޤުލުކުރެވެއެވެ.

 

  • ރޯދައިގެ މަތިވެރިކަމުގެ ތެރެއިން ހިމެނިގެންވާ ކަންތައްތަކުގެ ތެރެއިން، ﷲތަޢާލާ ހުރިހާ އުންމަތްތަކަށް ރޯދަ ފަރުޟު ކުރެއްވުން ހިމެނިގެންވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ)[البقرة: ١٨٣]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ.”

ރޯދައަކީ މާތް އަޅުކަމެއްގެ ގޮތުގައި ނުވީނަމަ، ޚަލްޤުތަކުންގެ މައްޗަށް އެ އަޅުކަން ﷲ އަށް އަދާކުރުމުގެ އެއްވެސް ފައިދާއެއް ނުވާނަމަ، އަދި އެ އަޅުކަމާ ގުޅުވައިގެން ގިނަ ގުނަ ޘަވާބު ލިބުން ހިމެނިފައި ނުވާނަމަ، ހުރިހާ އުންމަތްތަކެއްގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ރޯދަ ފަރުޟު ނުކުރެއްވީހެވެ.

 

  • ރޯދައިގެ މަތިވެރިކަމުގެ ތެރެއިން ހިމެނިގެންދާ ކަންތައްތަކުގެ ތެރެއިން، ފާފަތައް ފުހެވުމުގެ ސަބަބެއްކަމުގައާއި، ފާފަތަކަށްވާ ކައްފާރާއެއްކަމުގައި ރަމަޟާންމަހުގެ ރޯދަވުން ހިމެނިގެންވެއެވެ.

ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެނވާ ޙަދީޘްފުޅެއްގައި ވެއެވެ.  ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ))[1]

މާނައީ: “އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ރަމަޟާން މަހުގެ ރޯދަ ހިފައިފިމީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައިވާ ފާފަތަށް ފުހެވިގެންދާނެއެވެ.”

އެބަހީ؛ ﷲއަށް އީމާންވެ އަދި އެއިލާހު އޭނާގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވިކަމުގެ މައްޗަށް ރުހޭހާލު، ޘަވާބާއި ދަރުމައަށް އެދި، އަދި ރޯދަ ފަރުޟު ކުރައްވާފައިވާ ކަމުގެ މައްޗަށް އެއްވެސް ނަފުރަތްތެރިކަމެއްނެތި، އަދި ރޯދައިގެ ޘަވާބާއި ދަރުމައާމެދު އެއްވެސް ޝައްކު ކުރުމަކާއި ނުލާ ރޯދަ ހިފާމީހުންނެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާދެއްވައެވެ.

އަދިވެސް ޞަޙީޙު މުސްލިމުގައި އަބޫހުރައިރާرضي الله عنهގެ އަރިހުން ރިވާވެގެންވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ.  ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ))[2]

މާނައީ: “ފަރުޟު ފަސްނަމާދާއި އެއް ހުކުރު ނަމާދުން އަނެއް ހުކުރުނަމާދަށާއި، އެއް ރަމަޟާންމަހުން އަނެއްރަމަޟާންމަހަށް އެއީ، ބޮޑެތި ފާފަތަކުން ދުރުވެފައިވާނަމަ އެދެމެދުގައި ކުރެވިފައިވާ ކުދިފާފަތަކަށްވާ ކައްފާރާއެކެވެ.”

 

  • ރޯދައިގެ މަތިވެރިކަމަށް ބަލައިލާއިރު، އެ މަތިވެރިކަމުގެ ތެރޭގައި، ރޯދާގެ ޘަވާބަށް ވަކި އަދަދެއް އައްޔަން ކުރެވިފައި ނުވުން ހިމެނިގެންވެއެވެ. އަދި ކިއެއް ހެއްޔެވެ. ރޯދަވެރިޔާއަށް ﷲ ތަޢާލާ އަޖުރު ދެއްވަނީ ހިސާބަކާ ނުލައެވެ.

ބުޚާރީއާއި މުސްލިމް، އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާކުރެއްވިއެވެ.ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި  ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ وَالصِّيَامُ جُنَّةٌ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلاَ يَرْفُثْ يَوْمَئِذٍ وَلاَ يَسْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّى امْرُؤٌ صَائِمٌ. وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ يَوْمَ الْقِيَامَةِ مِنْ رِيحِ الْمِسْكِ وَلِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ بِفِطْرِهِ وَإِذَا لَقِىَ رَبَّهُ فَرِحَ بِصَوْمِهِ)) [3]

މާނައީ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ” އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެރޯދަވަނީ ތިމަން އިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީވެސް ތިމަން އިލާހީމެވެ. އަދި ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި ހުތުރު ވާހަކަ ނުދައްކާށެވެ. އަދި ޒުވާބުކޮށް ހަޅޭއްލަވާ ނަހަދާށެވެ. ފަހެ މީހަކު ހަޑި ހުތުރު ބަސްބުނެފިނަމަ ނުވަތަ ތަޅާފޮޅައި ހަދައިފިނަމަ ބުނާށެވެ. ހަމަކަށަވަރުން އަހަރެންނަކީ ރޯދަވެރިއަކީމެވެ. ތިމަން ކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތް ޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. ރޯދަވެރިޔާ އަނގައިން ދުވާ ވަސް ﷲގެ ޙަޟްރަތުގައި ގޮަމަކަސްތޫރީގެ ވަހަށްވުރެ މީރެވެ. ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އޭނާ ރޯދަވީއްލާ ހިނދު އުފާކުރެއެވެ. އަދި ﷲ އާއި ބައްދަލުވާ ހިނދު އުފާކުރެއެވެ.”

އަދި އިމާމް މުސްލިމްގެ ރިވާޔަތެއްގައިވެއެވެ.

((كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ بعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ تعَالَى إِلاَّ الصَّوْمَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِى))[4]

މާނައީ:” އާދަމުގެ ދަރިޔާ ކުރާ ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ގުނައިން ފެށިގެން ހަތް ސަތޭކަ ގުނައަށް އިތުރު ކުރެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެރޯދަވަނީ ތިމަން އިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީވެސް ތިމަން އިލާހީމެވެ. އޭނާ ޝަހުވަތާއި ކެއުންބުއިން ދޫކޮށްލީ ތިމަން އިލާހަށްޓަކައެވެ.”

 

 

މި މަތިވެރިވެގެންވާ ޙަދީޘުން ރޯދައިގެ މަތިވެރިކަން އެތައް ގޮތަކުން އަންގައިދެއެވެ.

 

  1. ހަމަކަށަވަރުން ﷲ ތަޢާލާވަނީ، އެހެން ހުރިހާ ޢަމަލުތަކުގެ ތެރެއިން ރޯދަ، އެއިލާހުގެ އަމިއްލަ

ނަފްސުފުޅަށް ޚާއްޞަ ކުރައްވާފައެވެ. އެއީ އެއިލާހުގެ ޙަޟްރަތުގައި ރޯދައަށް ދެވިފައިވާ ޝަރަފާއި ލޯބިވެތިކަމުގެ ސަބަބުންނެވެ. އަދި ރޯދައިގެ އަޅުކަމުން ﷲ ތަޢާލާއަށް އިޚުލާޞުތެރިވާވުން ހާމަވެގެންދެއެވެ. އެހެނީ އެއީ ﷲތަޢާލާއަށް ފިޔަވާ އެހެން ފަރާތަކަށް އެނގިގެންނުވާ، އަޅާއާއި ރައްބާ ދެމެދުގައިވާ ސިއްރެކެވެ. ފަހެ ރޯދަވެރިޔާ މީސްތަކުންނާ އެކަހެރިވެ ހުރެ، ﷲ ތަޢާލާ އޭނާގެ މައްޗަށް ރޯދައަށް ހުރެ އަރައިގަތުން ޙަރާމްކުރައްވާފައިވާ ޢަމަލަކަށް އަރައިގަތުމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެންވެއެވެ. ނަމަވެސް އޭނާ އެކަންތައްތަކަށް އަރައިނުގަތީއެވެ. އެހެނީ، އޭނާ އެކަހެރިވެގެންވާ ހާލު ކުރާ ކަންކަން ދެނެވޮޑިގެންވާ ރައްބެއް ވާކަން އޭނާއަށް އެނގެއެވެ. ފަހެ ﷲ ތަޢާލާ އޭނާގެ މައްޗަށް އެކަންކަން ޙަރާމް ކުރައްވާފައި ވާތީ، ﷲތަޢާލާގެ ޢަޛާބަށް ބިރުވެތިވެ، އެއިލާހުގެ ޘަވާބަށް އެދޭ ހާލު އޭނާ އެ ޙަރާމްކަންތައް ﷲ އަށްޓަކައި ދޫކޮށްލީއެވެ. އެހެންކަމުން އޭނާގެ އެ އިޚްލާޞްތެރިކަމަށްޓަކައި ﷲ ތަޢާލާ އޭނާއާ މެދު ރުހިވޮޑިގަންނަވައެވެ.  އަދި އެހެން ހުރިހާ ޢަމަލުތަކުގެ ތެރެއިން ރޯދަ އެއިލާހުގެ މައްޗަށް ޚާއްޞަކުރެއްވީއެވެ. އެހެންވެ އެއިލާހު މިފަދައިން ވަޙީކުރެއްވިއެވެ.

((يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِى))[5]

މާނައީ: ” އޭނާ ޝަހުވަތްތެރިކަމާއި، ކެއުންބުއިން ދޫކޮށްލީ ތިމަން އިލާހަށްޓަކައެވެ.”

އަދި މިދެންނެވުނު (ރޯދަ އެ އިލާހަށް) ޚާއްޞަ ކުރެވުމުގެ ފައިދާ އަޅާއަށް ފެނިގެންދާނީ ޤިޔާމަތް ދުވަހުންނެވެ. سفيان بن عُيَيْنة – رحمه الله- ވިދާޅުވެފައިވާ ފަދައިންނެވެ.

((إِذَا كَانَ يومُ القِيامَةِ يُحاسِبُ اللهُ عَبدَهُ، وَيُؤدِّي مَا عَلَيهِ مِنَ المظَالمِ مِن سَائِر عَمَلِهِ، حَتَّى إِذَا لَم يَبقَ إلَّا الصَّومُ يَتَحَمَّلُ اللهُ عَنهُ مَا بَقِيَ مِنَ المَظَالمِ، وَيُدخِلُهُ الجَنَّةَ بِالصَّومِ))[6]

މާނައީ: “ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެ އިލާހުގެ އަޅާގެ ޙިސާބު ބައްލަވާ، އޭނާއަށް ކުރެވިފައިވާ ހުރިހާ އަނިޔާވެރިކަމެއްގެ (މީސްތަކުންގެ ޙައްޤުތަކުގެ) ބަދަލު އޭނަގެ ހެޔޮ އަމަލުތަކުން އަދާކުރައްވާނެއެވެ. ރޯދަ ފިޔަވާ އެހެން އެއްވެސް ޢަމަލެއް ނެތުމަށް ދާންދެނެވެ. ދެން އެއަށްފަހު، އޭނައަށް ކުރެވިފައިވާ އަނިޔާވެރިކަމުގެ ބާކީ ބައި ﷲ ސުބުޙާނަހޫ ވަތަޢާލާ އުފުއްލަވާނެއެވެ. އެއަށްފަހު ރޯދައިގެ ސަބަބުން އޭނަ ސުވަރުގެ ވައްދަވާނެތެވެ.”

 

  1. ﷲ ތަޢާލާ ރޯދައާ ބެހޭގޮތުން ވަޙީކުރައްވާފައިވަނީ(( وَأَنَا أَجْزِى بِهِ))[7]

މާނައީ: ” އަދި އެރޯދައަށް ޖަޒާ ދެއްވާނީތިމަން އިލާހީމެވެ.”

ފަހެ، ރޯދައަށް ޖަޒާދެއްވުން އެވަނީ އެއިލާހުގެ ދީލަތިވެގެންވާ ނަފްސުފުޅަށް ނިސްބަތް ކުރައްވާފައެވެ. އެހެނީ ޞާލިޙު ޢަމަލުތަކަށް ޖަޒާ ދެއްވުމުގައި ގުނަކުރެވޭ ވަރުގެ ވަކި ޢަދަދެއް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ކޮންމެ ހެޔޮ ޢަމަލެއް އޭގެ ދިހަ ގުނައިން ފެށިގެން ހަތް ސަތޭކައާ ހަމައަށް އިތުރުކުރައްވާ، އޭގެވެސް އިތުރު ގުނަތަކަކަށް އިތުރުކުރެއްވުމެވެ. އެހެން ނަމަވެސް ރޯދައިގެ ޘަވާބުދެއްވުންވަނީ އެއިލާހުގެ އަމިއްލަ ނަފްސުފުޅަށް ހަވާލުކުރައްވާފައެވެ. އެއީ އެއްވެސް ހިސާބެއް، ޢަދަދެއް ނެތް ގޮތުގައެވެ. މާތް ﷲ ސުބުޙަނާހޫ ވަތަޢާލާއަކީ އެންމެ ދީލަތިވަންތަ އަދި އެންމެ ގިނައިން ދެއްވާ ފަރާތެވެ.

އަޖުރު ދެއްވުންވަނީ އަޖުރުދެއްވާ ފަރާތުން ކަނޑައެޅުއްވި މިންވަރަކަށެވެ. ފަހެ، ރޯދަވެރިޔާއަށްވަނީ ގިނަަގުނަވެގެންވާ ހިސާބެއްނުވާ މަތިވެރިވެގެންވާ އަޖުރެވެ.

ރޯދަވެރިއާވަނީ، ﷲތަޢާލާއަށް ކިޔަމަންގަތުމުގައި ކެތްތެރިވެގެންނެވެ. އަދި ﷲ ތަޢާލާ ޙަރާމްކުރެއްވި ކަންކަމުން ދުރުވެގަތުމުގައި ކެތްތެރިވެގެންނެވެ. އަދި ﷲ ތަޢާލާ ކަނޑައެޅުއްވި ކަނޑައެޅުމަށް، ބަނޑުހައި ހޫނުކަމާއި، ކަރުހިއްކުމާއި، ހަށިގަނޑާއި ނަފްސުގެ ވަރުބަލިކަމަށް ކެތްތެރިވެގެންނެވެ. ފަހެ ރޯދައިގެ އަޅުކަމުގައި އެވަނީ، ކެތްތެރިވުމުގެ ތިން ވައްތަރު ޖަމާވެފައެވެ. އެހެންކަމުން ރޯދަވެރިޔާ ކެތްތެރިންގެ ތެރެއިންވާ މީހެއްކަމުގައިވުން ޙައްޤެވެ.

﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ [الزمر: ١٠]

މާނައީ: “ހަމަކަށަވަރުން ކެތްތެރިންނަށް އެއުރެންގެ ޖަޒާދެއްވާކަން ކަށަވަރީ ޙިސާބަކާއި ނުލައެވެ.”

 

  1. ހަމަކަށަވަރުން ރޯދައަކީ އައްޑަނައެކެވެ. އެބަހީ، ރޯދައަކީ، ބޭކާރު ކަންކަމާއި ހަޑިހުތުރު ބަސް ބުނުމުން ރޯދަވެރިޔާ ރައްކާތެރިކޮށްދޭ އެއްޗެކެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީޘްކުރެއްވިއެވެ.

((فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلاَ يَرْفُثْ يَوْمَئِذٍ وَلاَ يَسْخَبْ))[8]

މާނައީ: ” ތިަޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި ހުތުރު ވާހަކަ ނުދައްކާށެވެ. އަދި ޒުވާބުކޮށް ހަޅޭއްލަވާ ނަހަދާށެވެ.”

އަދި ރޯދަވެރިޔާ ރޯދައިގެ ސަބަބުން ނަރަކައިން ސަލާމަތްކޮށްދެއެވެ. އަލްއިމާމު އަޙްމަދު، ޙަސަން ދަރަޖާގެ ސަނަދަކުން، ޖާބިރު رضي الله عنهގެ އަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((الصِّيَامُ جُنَّةٌ ، يَسْتَجِنُّ بِهَا الْعَبْدُ مِنَ النَّارِ))[9]

މާނައީ:”ރޯދައަކީ އައްޑަނައެކެވެ. އެރޯދައިގެ ސަބަބުން އަޅާ ނަރަކައިން ސަލާމާތްކޮށްދެއްވައެވެ”

 

4. ހަމަކަށަވަރުން ރޯދަވެރިޔާ އަނގައިން ދުވާ ވަސް ﷲގެ ޙަޟްރަތުގައި ގޮަމަކަސްތޫރީގެ ވަހަށްވުރެ މީރެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ އެއީ ރޯދައިގެ އަޘަރެކެވެ. އެ ވަސްވެގެން އެދިޔައީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޯބިވެތިވެވޮޑިގެންވާ ވަހަކަށެވެ. އެހެންކަމުން އެއިން އަންގައިދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ރޯދައިގެ އަޅުކަމުގެ މަތިވެރިކަމެވެ. އެހެނީ މިއިން އަންގައިދެނީ ބައެއް ފަހަރު، މީސްތަކުންގެ ކައިރީގައި ހުތުރު ނުރުހޭ ކަންތައްވެސް،މާތް ﷲ ގެ ޙަޟްރަތުގައި ރީތި ލޯބިވެތިވެވޮޑިގެންވާކަމަކަށް ވެދާނެއެވެ. އެހެނީ އެކަން ވެގެން ދިޔައީ ﷲއަށް ކިޔަމަންތެރިވުމުގައި ރޯދަވެރިޔާ ރޯދައިގެ އަޅުކަމުގައި ވަނިކޮށެވެ.

 

5. ހަމަކަށަވަރުން ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އެއީ ރޯދަވެރިޔާ ރޯދަ ވީއްލާއިރު ވާ އުފަލަކާއި، ރޯދަވެރިޔާ ﷲ ސުބުޙާނަޙު ވަތަޢާލާއާ ބައްދަލު ވާހިނދު ލިބޭ އުފަލެކެވެ. ރޯދަވެރިޔާ ރޯދަ ވީއްލާ ވަގުތު އުފާކުރަނީ، ﷲ ތަޢާލާ އޭނާއަށް ރޯދާގެ އަޅުކަންމަތީ ޤާއިމްވެ ހުރުމުގެ ނިޢުމަތްދެއްވި ކަމަށްޓަކައެވެ. އެހެނީ ރޯދައިގެ އަޅުކަންވަނީ އެންމެ ހެޔޮވެގެންވާ ޞާލިޙް ޢަމަލުތަކުގެ ތެރެއިންނެވެ. ކިތައްމީހުންއެކަމުން މަޙްރޫމުވެ ރޯދަ ނުހިފާ ތިބޭ ހެއްޔެވެ. އަދި ރޯދަވެރިޔާ ރޯދައަށް ހުންނަ ހުރުމުގައި ކުރުން ޙަރާމް ކަންތައްތަކުގެ ތެރެއިން ކެއުންބުއިމާއި އަނބިންނާއެއްކޮށް އެއްދާންކުރުން (ރޯދަ ވީއްލުމަށްފަހު) ހުއްދަ ކުރައްވާފައިވާ ވުމާމެދު ރޯދަވެރިޔާ އުފާކުރެއެވެ.

އަދި ރޯދަވެރިޔާ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލުކުރާއިރު އުފާވަނީ، ރޯދަވެރިޔާ ﷲ އާއި ބައްދަލުކުރާހިނދު، އެކަމަށް އޭނާއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުގައި، އޭނާގެ ރޯދައިގެ އަޖުރު ފުރިހަމަވެ ގިނަވެފައިވާހާލު ފެންނާތީއެވެ. އެހިނދު ގޮވާލާމީހަކު ގޮވާލާނެއެވެ.

((أَيْنَ الصَّائِمُونَ لِيَدْخُلُوا الجَنَّةَ مِنْ بَابِ الريَّانِ الذِي لا يَدْخُلُهُ أَحَدٌ غَيْرُهُمْ)) [10]  

މާނައީ: “ރޯދަވެރިން ކޮބާ ހެއްޔެވެ؟ ރޯދައިގެ ސަބަބުން ރައްޔާން އޭ ކިޔުނު ދޮރުކޮޅުން އެބައިމީހުން ސުވަރުގެ ވަންނާށެވެ. އެބައިމީހުން ފިޔަވާ އެހެންބަޔަކު އެ ދޮރުކޮޅަކުން ނުވަންނަ ހުށްޓެވެ.”

އަދި ރޯދަވެރިޔާ ރޯދައަށް ހުންނަ ވަގުތުގައި މީހަކު އޭނާއަށް ހަޑިހުތުރު އެއްޗެހިގޮވައި ތަޅާފޮޅައިފިނަމަ އެފަދައިން އެކަމުގެ ރައްދު ނުދިނުމަށް ރޯދަވެރިންނަށް މިޙަދީޘުން އިރުޝާދު ދެއްވާފައިވެއެވެ. އެއީ ހަޑިހުތުރު އެއްޗެހި ގޮވުމާއި ތަޅާފޮޅުން އިތުރަށް އިތުރު ނުވުމަށްޓަކައެވެ. އަދި ހަނު ހުރުމުގެ ސަބަބުން އޭނާ ކުރިމަތީގައި ބަލިކަށިވެސް ނުވުމަށްޓަކައެވެ. އެހެންކަމުން، އޭނާ އެ ހުރީ ރޯދައަށޭ ބުނަން ވާނެއެވެ. އެއީ އަނެކާއަށް އޭނާ ރައްދު ނުދިނީ އެކަމަށް ބަލިކަށިވުމުގެ ސަބަބުން ނޫންކަމާއި، ރޯދައަށް ކުރާ އިޙްތިރާމެއްގެ ސަބަބުން ކަމަށް ބުނެދިނުމަށްޓަކައެވެ. އޭރުން ތަޅާފޮޅުމާއި ޒުވާބު ކުރުން ހުއްޓިގެން ދާނެއެވެ.

﴿ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ *وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ﴾ [فصلت: ٣٤-٣٥]

މާނައީ: “އެންމެހެޔޮ، ރިވެތި ގޮތުން ތިބާ ނުބައިކަންތައް ދުރުކުރާށެވެ. ފަހެ، އޭރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙުމަތްތެރިޔަކު ފަދައިން ވެދާނެތެވެ.[34]އަދި ކެތްތެރިވި މީހުންނަށް މެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށް މެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. [35]”

ރޯދަވެރިޔާއަށް ޤިޔާމަތް ދުވަހުގައި ޝަފާޢަތްތެރިވެދޭ އެއްޗަކަށް ރޯދަ ވެގެންދިޔުންވަނީ، ރޯދައިގެ މާތްކަމުގެ ތެރޭގައެވެ. ޢަބްދުﷲ ބުން ޢަމްރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ، فَشَفِّعْنِي فِيهِ ، وَيَقُولُ الْقُرْآنُ : مَنَعْتُهُ النَّوْمَ بِاللَّيْلِ ، فَشَفِّعْنِي فِيهِ ، قَالَ فَيُشَفَّعَانِ))

މާނައީ: “ރޯދައާއި ޤުރުއާން، އަޅާއަށް ޤިޔާމަތްދުވަހުގައި ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ. އޭ ރައްބެވެ! ކެއުންބުއިމާއި ޝަހުވަތް، ތިމަންނަ އެނާއަށް މަނާކުރީމެވެ. ތިމަންނައަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާފާނދޭވެ! އަދި ޤުރުއާން ބުނާނެއެވެ. ތިމަންނަ، އޭނާގެ ރޭގަނޑުގެ ނިދި މަނާކުރީމެވެ. ތިމަންނައަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާފާނދޭވެ.”

 

އަޚުންނޭވެ! ރޯދަވެރިޔާ ރޯދައިގެ އަދަބުތަކުގެ މަތީގައި ޤާއިމްވެހުރެ ރޯދަ ހިފައްޖައުމަށް ދާންދެން ރޯދައިގެ މާތްކަން ޙާޞިލުނުވާ ހުށްޓެވެ. އެހެންކަމުން ރޯދައިގެ މައްޗަށް ރައްކާތެރިވުމުގައި ގަދައަޅާ މަސައްކަތް ކުރާށެވެ. އަދި އެކަމުގައި ދިމާވާ އުނިކަމަށް ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ.

  اللهم احفظ صيامنا واجعله شافعا لنا، واغفر لنا ولوالدينا ولجميع المسلمين، وصلى الله وسلم على نبينا محمد وعلى آله وصحبه.

__________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

 

 

 މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

 

 

[1] البخاري الإيمان (38) ، مسلم صلاة المسافرين وقصرها (760) ، الترمذي الصوم (683) ، أحمد (2/241)

[2]مسلم الطهارة (233) ، الترمذي الصلاة (214) ، ابن ماجه إقامة الصلاة والسنة فيها (1086) ، أحمد (2/400)

[3] البخاري الصوم (1805) ، مسلم الصيام (1151) ، الترمذي الصوم (764) ، النسائي الصيام (2216) ، ابن ماجه الصيام (1638) ، أحمد (2/273)

[4] مسلم الصيام (1151) ، النسائي الصيام (2215) ، ابن ماجه الصيام (1638) ، أحمد (2/395) ، مالك الصيام (690) ، الدارمي الصوم (1770)

[5]مسلم الصيام (1151) ، النسائي الصيام (2215) ، ابن ماجه الصيام (1638) ، أحمد (2/395) ، مالك الصيام (690) ، الدارمي الصوم (1770)

[6]أخرجه البيهقي

[7]مسلم الصيام (1151) ، النسائي الصيام (2215) ، ابن ماجه الصيام (1638) ، أحمد (2/395) ، مالك الصيام (690) ، الدارمي الصوم (1770)

[8]البخاري الصوم (1805) ، مسلم الصيام (1151) ، الترمذي الصوم (764) ، النسائي الصيام (2216) ، ابن ماجه الصيام (1638) ، أحمد (2/273)

[9] أحمد (3/396) . بإسناد حسن

[10]أخرجه البخاري بمعناه