[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙުޖުރާތު ސޫރަތުގައިވާ މުހިންމު ފިލާވަޅުތަކެއް

الحمد لله والصلاة والسلام على رسول الله وعلى أله وصحبه أجمعين.

ފުރަތަމަ ފިލާވަޅު: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާމެދު މުސްލިމުން އަދަބުތައް ބަހައްޓަންވީގޮތުގެ ވާހަކަ މިސޫރަތުގެ ފުރަތަމަ އާޔަތުން ފަސްވަނަ އާޔަތާ ހަމައަށް ބަޔާންކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކާއި، އެކަލޭގެފާނުގެ ޢަމަލުފުޅުތަކުގެ މައްޗަށް، މީސްތަކުންގެ ބަސްތަކާއި ޢަމަލުތައް އިސްކުރުން، މަނާކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވުން ވާޖިބުކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި އަޑުގަދަކޮށްހެދުން މަނާކުރައްވާފައިވެއެވެ. އަދި އެހެންމީހުންނާ މުޚާޠަބުކުރާ އުސޫލުން އެކަލޭގެފާނާ މުޚާޠަބުކުރުން މަނާކުރައްވާފައިވެއެވެ. ﷲގެ ވަޙީބަސްފުޅުގައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَسُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ ﴿١﴾ يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ ﴿٢﴾ إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِندَ رَسُولِ اللَّـهِ أُولَـٰئِكَ الَّذِينَ امْتَحَنَ اللَّـهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ﴿٣﴾ إِنَّ الَّذِينَ يُنَادُونَكَ مِن وَرَاءِ الْحُجُرَاتِ أَكْثَرُهُمْ لَا يَعْقِلُونَ ﴿٤﴾ وَلَوْ أَنَّهُمْ صَبَرُوا حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٥﴾ {الحجرات: ١ ــ ٥} 

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއާއި، އެއިލާހުގެ ރަސޫލާގެ ކުރިމަތީގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. (1) އޭ އީމާންވެއްޖެ މީސްތަކުންނޭވެ!  ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! އެއީ ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ. (2) ހަމަކަށަވަރުން، ﷲގެ ރަސޫލާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ މީހުންނީ،ތަޤުވާވެރިވުމަށް އެއުރެންގެ ހިތްތައް ﷲ އިމްތިޙާނު ކުރެއްވިމީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި،ބޮޑުވެގެންވާ ދަރުމަހުށްޓެވެ. (3) ހަމަކަށަވަރުން، (ކަލޭގެފާނުގެ) ކޮޓަރިކޮޅުތަކުގެ ފުރަގަހުން ކަލޭގެފާނަށް ގޮވާ ދަންނަވާ މީހުންކުރެ ގިނަމީހުންނަކަށް ނުވިސްނެތެވެ. (4) އަދި ކަލޭގެފާނު އެއުރެންގެގާތަށް ނުކުމެވަޑައިގަންނަވަންދެން އެއުރެން ކެތްކުރިނަމަ، އެގޮތް އެއުރެންނަށް މާހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ. (5)”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ބަސްފުޅުގެ މައްޗަށް އަދި އެކަލޭގެފާނުގެ ޢަމަލުފުޅުގެ މައްޗަށް، މީސްތަކުންގެ ބަސްތަކާއި ޢަމަލުތައް އިސްކުރުން ނަހީކުރެވިފައިވާ ފަދައިން، އެކަލޭގެފާނު ދުނިޔެދޫކުރެއްވުމަށް ފަހުގައިވެސް، އެކަލޭގެފާނުގެ ޞައްޙަ ސުންނަތުން ސާބިތުވާ ބަސްފުޅެއް، ޢަމަލުފުޅެއް އަދި އިޤުރާރެއްގެ ކުރިމަތީގައި، މީސްތަކުންގެ ބަސްތަކާއި ޢަމަލުތަށް އިސްކުރުމަކީ، ހުއްދަވެގެންވާ ކަމެއްނޫނެވެ.

މިއާޔަތްތަކުން އެނގިގެންދަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙާޟިރުގައިވެސް އަދި އެކަލޭގެފާ ނެތްތަނުގައިވެސް، ބުނާބަހުގަޔާއި ޢަމަލުތަކުގައި އެކަލޭގެފާނަށް އެންމެ ފުރިހަމައަށް އަދަބު ތަޢުޡީމުކޮށް އިޙްތިރާމު ކުރަންޖެހޭނެކަމުގެ ވާހަކައެވެ.

ދެވަނަ ފިލާވަޅު: މުސްލިމުންނަށް ފާސިޤެއްގެ ފަރާތުން ޚަބަރެއްލިބިއްޖެނަމަ ޢަމަލުކުރާނެގޮތް މިސޫރަތުގެ ހަވަނަ އާޔަތުގައި ބަޔާންވެގެންވެއެވެ. ﷲގެ ވަޙީބަސްފުޅުގައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ﴾ [الحجرات: ٦]

މާނައީ:” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތްހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.”

އިސްވެ ބަޔާންވެގެންދިޔަ އާޔަތްތަކަށް ނަޒަރު ހިންގާލާއިރު، ފުރަތަމަ ބަޔާންވެފައި އެވަނީ ކިޔަމަންތެރިވާންޖެހޭ ފަރާތެވެ. ދެވަނައަށް ބަޔާންވެފައި އެވަނީ ކިޔަމަންވާންޖެހޭ ފަރާތަށް ބަހައްޓަންޖެހޭ އަދަބު އިޙްތިރާމުގެ ވާހަކައެވެ. އަދި މިދެކަމަކީ، ދެން މިސޫރަތުގައި ބަޔާންވެފައިވާ ހުރިހާ އަމުރުފުޅުތަކާއި ނަހީތަކުގެ އަސާސެވެ. އެހެނީ މުއުމިނުން ބަލައިގަންނަންވީ ކޮންފަރާތެއްގެ އަމުރުފުޅުތަކާއި ނަހީތަކެއްކަން ސާފުކޮށް ބަޔާންވެފައި ވާންޖެހެއެވެ. އަދި ހަމަ އެފައިން އެފަރާތަށް ދޭންޖެހޭ ޤަދަރާއި އަދާކުރަންޖެހޭ އަދަބު އިޙްތިރާމްވެސް ބަޔާންވެފައި ވާންޖެހެއެވެ. ސަބަބަކީ، އޭގެފަހުން އެފަރާތުން އަންނަ އަމުރުފުޅުތަކާއި ނަހީތަކަކީ ކިހާ ބުރަދަނެއްހުރި އެއްޗެއްކަން ވިސްނާދިނުމަށްޓަކައެވެ. ދެން އެއަށްފަހު ތިންވަނައަށް ބަޔާންކުރެވިފައި އެވަނީ، މުއުމިނުން އެބައިމީހުންނަށް ލިބޭ ޚަބަރުތަކާއި ބައްދަލުކޮށް އެޚަބަރުތަކާމެދު ޢަމަލުކުރަންވީ ގޮތުގެވާހަކައެވެ. އެއީ އެޚަބަރުގެ މަސްދަރު ސާބިތުކުރުމުގެ ޟަރޫރަތްތެރިކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

ތެދުދޮގު ބެލުމެއްނެތި މީސްތަކުންގެ މެދުގައި ޚަބަރުތައް ފެތުރުމުގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތައް މެދުވެރިވެއެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ ދޭދޭ ފަރުދުންމެ މެދުގައި ދެކޮޅުވެރިކަމާ ޢަދާވާތްތެރިކަން އުފެދެއެވެ. ނޫސް މަޖައްލާތަކާއި އަދިވެސް އެހެނިހެން ވަޞީލަތްތަކުން ޚަބަރުފަތުރާއިރު، އެއްވެސްވަރަކަށް ޙަޤީޤަތެއް ބެލުމެއްނެތި ޚަބަރުތައް ފަތުރާކަމީ، މިއަދު މުޖުތަމަޢުގައި ޖެހިފައިވާ ވަރަށްބޮޑު ފިތުނައެކެވެ. އޭގެސަބަބުން ކިތައް މުސްލިމުންގެ ޢަބުރު ގެއްލިގެންދޭބާވައެވެ؟ ހިތާމައަކީ ޚަބަރު ފެތުރުމުގައި ބައެއްމީހުންގެ މަޤްސަދަކަށް ވެފައިވަނީ، ތިމާމެން ހިތްނޭދޭ ފަރާތްތަކާމެދު އަނެކުންގެ ހިތްތަކުގައި ނަފުރަތްތެރިކަން އުފެއްދުމެވެ. الله مستعان

ތިންވަނަ ފިލާވަޅު: މުސްލިމުންގެމެދުގައި ޖެހޭ މައްސަލަތައް އިސްލާޙުކޮށް ސުލްޙަކުރުމަށް މިސޫރަތުގައި އިރުޝާދު ދެއްވާފައިވެއެވެ. އަދި މުއުމިނުންނަކީ ދީނުގައި އަޚުންތަކެއްކަމަށް ހަނދާންކޮށްދެއްވާފައިވެއެވެ. ﷲގެ ވަޙީބަސްފުޅުގައިވެއެވެ.

وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّـهِ ۚ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٩﴾ إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْحَمُونَ ﴿١٠﴾ {الحجرات: ٩ ــ ١٠}

މާނައީ:”މުއުމިނުންގެ ދެބަޔަކު ތަޅާފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ބަޣާވާތްކޮށްފިނަމަ، އެ ބަޣާވާތްކުރިމީހުން ﷲގެ އަމުރުފުޅަށް ރުޖޫޢަ ވެއްޖައުމަށްދާނދެން އެއުރެންނާ ތިޔަބައިމީހުން (އިޞްލާޙު ކުރާމީހުން) ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން (ﷲގެ ޙުކުމްފުޅަށް) ރުޖޫޢަވެއްޖެނަމަ، ފަހެ، ޢަދުލުވެރިގޮތުން އެދެބައިމީހުންގެ ދެމެދު ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲލޯބިވެވޮޑިގެންވެތެވެ. (9) މުއުމިނުން ވާކަންކަށަވަރީ، އަޚުންންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައެވެ. “

އިސްވެދިޔަ އާޔަތުން އެނގިގެންދިޔައީ ޞުލްޙައަކީ އަދި ޢަދުލުވެރިކަމަކީ، ﷲގެ ޙުކުމްފުޅަށް ރުޖޫޢަވުންކަމެވެ. ﷲއާއި ރަސޫލާ صلى الله عليه وسلمގެ ބަސްފުޅުތަކަށް ޢަމަލުކުރުންކަމެވެ. އަދި މިދެންނެވި ޞުލްޙައަށް ލޯބިކޮށް، މީސްތަކުން ﷲގެ ދީނަށް ބޯލަނބާ ކިޔަމަންތެރިވުމަށް އަންގައި ނަޞޭޙަތްތެރިވާންޖެހޭ ކަމެވެ. އަދި މުޅި މުޖުތަމަޢުގައިވެސް އަދި ދޭދޭ ފަރުދުންގެ މެދުގައިވެސް ޖެހިފައިވާ ދެބަސްވުންތަކާއި ދެކޮޅުވެރިކަން ދޫކޮށްލާ ޞުލްޙަވާންޖެހޭކަމެވެ. މިފަދައިން މުޖުތަމަޢުގައި ޢަމަލުކުރެވޭނަމަ، މުޖުތަމަޢުގައިވާ އިޖުތިމާއީ ބަލިމަޑުކަންފިލައިގޮސް، އެކުވެރި އެއްބައިވަންތަ މުޖުތަމަޢަކަށް އެމުޖުތަމަޢެއް ވެގެންދާނެކަމާމެދު ޝައްކެނެތެވެ. އޭރުން ﷲތަޢާލާ އަހަރެމެންގެ މައްޗަށް ރަޙްމަތް ލައްވާނެތެވެ.

ހަތަރުވަނަ ފިލާވަޅު: މީސްތަކުންނަށް މަލާމަތްކޮށް ފުރައްސާރަކޮށް ޢައިބު ކިޔުމާއި މީސްތަކުން ހިތްނުރުހޭފަދަ އަދަބުކުޑަ ލަޤަބުތަތަކުން ގޮވާއުޅުން މިސޫރަތުގެ އެގާރަވަނަ އާޔަތުގައިވަނީ ޙަރާމްކުރައްވާފައެވެ. ﷲގެ ވަޙީބަސްފުޅުގައި ވެއެވެ.

﴿ يَا أَيُّهَا الَّذِينَ آَمَنُوا لَا يَسْخَرْ قَومٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيْرًا مِنْهُنَّ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ ﴾[الحجرات: ١١]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢައިބު ނުކިޔާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް (އެބައިމީހުން ނުރުހޭ، އަދަބުކުޑަ) ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި އެކަންތަކުން ތައުބާނުވި މީހާ ދަންނާށެވެ! ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.”

ފަސްވަނަ ފިލާވަޅު: މީސްތަކުންނާމެދު ނުބައި ހީކުރުންތައް ހީކުރުމާއި ނެތިމޮށުމާއި އެއްބަޔަކު އަނެއްބަޔަކަށް ޖާސޫސުކުރުން މިސޫރަތުގެ ބާރަވަނަ އާޔަތުގައި ޙާރާމްކުރެއްވިއެވެ. ﷲ  ގެވަޙީބަސްފުޅުގައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آَمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ﴾ [الحجرات: ١٢]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަހީކުރުންތަކުން ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ތައުބާ ލައްވާ، ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ އިލާހެވެ.”

ގިނަފަހަރަށް މީސްމީހުން އެއްބަޔަކު އަނެއްބަޔަކަށް ތިމަތިމާމެންނަށް މަލާމާތްކޮށް އާޑަ ފުރައްސާރަކޮށް ހަޑިހުތުރު އެއްޗެހިކިޔައި، އެއްބަޔަކު އަނެއްބަޔަކަށް ތިމަތިމާމެންގެ އަޚުންގެ މަސްކައި ނެތިމޮށެހަދަނީ، ޖާހާއި މުދަލާއި ޢިލްމާއިހުރެ، އަނެކާއާއިމެދު ތިމާމެންގެ ހިތުގައި ހަސަދަވެރިކަން އުފެދި، އެކަމުގެ ނުބައި ކަމުންނެވެ. އެހެންނަމަވެސް ނިޢުމަތްތަށް އަޅުންގެ މެދުގައި ބައްސަވަނީ ﷲއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿ أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ﴾[الزخرف: ٣٢]

މާނައީ: “ކަލޭގެފާނުގެ ވެރިއިލާހުގެ ނިޢުމަތްތައް އެމީހުން އަމިއްލަ އަމިއްލައަށް ބަހާ ހަދަނީހެއްޔެވެ. (އެހެނެއްނުވާނެއެވެ.) އެމީހުންގެ ދުނިޔަވީ ދިރިއުޅުމަށް ބޭނުންވާނެހާ ރޯއްޖެއް އެމީހުންގެ މެދުގައި ބައްސަވާދެއްވަނީ ހަމަތިމަން އިލާހީމެވެ.”

އިސްވެދިޔަ ނޭއްގާނީ ސިފަތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަމީހުންގެ ގައިގި ހުންނަ ސިފަތަކެކެވެ. މީސްތަކުންނަށް މަލާމާތްކުރުމާއި، ޖާސޫސު ކުރުމާއި، ނެތިމޮށުން މިއީ ބޮޑުވެގެންވާ ފާފަތަކެވެ. ހަޤީޤަތުގައި މުޖުތަމަޢުގެ ގިނަމީހުންނަކީ، މީސްތަކުންގެ ލޭއޮހޮރުވާ، މީސްތަކުންގެ މުދާ ޣަސްބުން(ގަަދަކަމުން) ފޭރިހަދާ މީހުންނެއްނޫނެވެ. އެފަދައިން ތިމާމެންގެ އަތްތަކުން މުސްލިމު އަޚުންނާއި އުޚުތުން ސަލާމަތްކުރެވިފައިވާ ފަދައިން ތިމާމެންގެ ދޫތަކުންވެސް މުސްލިމު އަޚުންނާއި އުޚުތުން ސަލާމަތްކުރަންޖެހެއެވެ.

އިސްވެދިޔަ ސިފަތަކުގެ އަހުލުވެރިންނަކީ އަބާއްޖަވެރިވެއްޖެބައެކެވެ. އަދި އެސިފަތަކުން ދުރުވެގެންފިމީހަކު މަތިވެރިވެގެންވާ އަޚުލާޤަކުން ޒީނަތްތެރިވެއްޖެކަން ކަށަވަރެވެ.

ހަވަނަ ފިލާވަޅު: މީސްތަކުންނަށް އެބައިމީހުންގެ އަޞްލު ހަނދާންކޮށްދެއްވާފައިވެއެވެ. ﷲގެ ޙަޟުރަތުގައި އެންމެނަކީ ހަމަހަމަ ބައެއްކަމުގައްޔާއި ތަފާތުކޮށްދޭ ހަމައެކަނި އެއްޗަކީ ތަޤުވާވެރިކަންކަން އަންވާފައިވެއެވެ. ﷲގެ ވަޙީބަސްފުޅުގައިވެއެވެ.

﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ ﴾ [الحجرات: ١٣]

މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންއިލާހު ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފު ވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.”

ހަތްވަނަ ފިލާވަޅު: އީމާންކަމުގެ ދަރަޖަތަކުގެ ތެރެއިން އިސްލާމްކަމާއި އީމާންކަން ބަޔާކޮށްދެއްވާފައިވެއެވެ. އަދި އެދެބައިގެ ސިފަތައްވެސް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އެއަޢުރާބީންނަކީ ބޭރުފުށުން އިސްލާމްކަން ފެންނަ، އެހެންނަމަވެސް އެމީހުންގެ ހިތްތަކަށް އީމާންކަން ނުވަދެތިބި ބައެއްކަން ބަޔާންވެފައިވެއެވެ. އަދި މިއާޔަތްތަކުން އީމާންކަމަކީ އުނިވެ އިތުރުވާ އެއްޗެއްކަމަށްވެސް ދަލީލުލިބެއެވެ. ﷲގެ ވަޙީބަސްފުޅުގައިވެއެވެ.

قَالَتِ الْأَعْرَابُ آمَنَّا ۖ قُل لَّمْ تُؤْمِنُوا وَلَـٰكِن قُولُوا أَسْلَمْنَا وَلَمَّا يَدْخُلِ الْإِيمَانُ فِي قُلُوبِكُمْ ۖ وَإِن تُطِيعُوا اللَّـهَ وَرَسُولَهُ لَا يَلِتْكُم مِّنْ أَعْمَالِكُمْ شَيْئًا ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿١٤﴾ إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّـهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّـهِ ۚ أُولَـٰئِكَ هُمُ الصَّادِقُونَ ﴿١٥﴾{الحجرات: ١٤-١٥}

މާނައީ: ” އަޢުރާބީން ބުނޫއެވެ. ތިމަންމެން އީމާންވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން އިސްލާމްވެއްޖައީމޭ ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެތެވެ. އަދި ތިޔަބައިމީހުން ﷲއަށާއި، އެއިލާހުގެ ރަސޫލާއަށް ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ޢަމަލުތަކުން (އެބަހީ: އޭގެ ޘަވާބުން) ތިޔަބައިމީހުންނަކަށް އެއްވެސް އެއްޗެއް އުނި ނުކުރައްވާހުށްޓެވެ. ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ. (14) މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲއަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކެތް ނުކުރާ މީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި، ނަފުސުތަކުން ﷲގެ މަގުގައި ޖިހާދުކުރިމީހުނެވެ. އެއުރެންނީ، ހަމަ ތެދުވެރިންނެވެ.(15)”

އަށްވަނަ ފިލާވަޅު: އިސްލާމުކަމުގެ ނިޢުމަތާއި ހެޔޮޢަމަލު ކުރެވުމަކީ ﷲތަޢާލާގެ ފަޟްލުވަންތަވެރިކަމެއްކަން ބަޔާންކުރައްވާފައިވެއެވެ. އަދި ކުރާއެއްވެސް ހެޔޮޢަމަލެއް ވަކިމީހަކަށްޓަކައި ނުކުރުމަށް އިރުޝާދުލިބެއެވެ. ﷲވަޙީބަސްފުޅުގައިވެއެވެ.

﴿ يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا قُل لَّا تَمُنُّوا عَلَيَّ إِسْلَامَكُم بَلِ اللَّـهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِن كُنتُمْ صَادِقِينَ ﴾ [الحجرات: ١٧]

މާނައީ: “އެމީހުން އިސްލާމްވުން އެއީ، އެމީހުން ކަލޭގެފާނަށްޓަކައިކޮށްދިން ހެޔޮކަމެއްކަމުގައި އެމީހުން ދެކެނީހެއްޔެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އިސްލާމްވުން އެއީ ތިމަންކަލޭގެފާނަށްކޮށްދިން ހެޔޮކަމެއްކަމުގައި ތިޔަބައިމީހުން ނުދެކޭށެވެ. އަދި ކިއެއްހެއްޔެވެ. ﷲ ތިޔަބައިމީހުންނަށް އީމާންކަމަށް ތެދުމަގު ދެއްކެވުން އެއީ، އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގެންވުމެވެ. ތިޔަބައިމީހުންނީ ތެދުވެރިންކަމުގާވާނަމަ އެފަދައިން ޤަބޫލުކުރާށެވެ.”