الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދެވުމުން ބަޔަކަށް ފެންނާނެ އެންމެ ބިރުވެރި މަންޒަރުތައް އެމީހުންނަށް އެތަނުން ފެންނާނެއެވެ. ބަންދުކުރެވޭ ދޮރުތަކުން އަންގައިދެނީ މިތަނުން ދެން މިންޖުވުމެއް ނެތް ކަމެވެ. އެމީހުންގެ މި ހާލަތު ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ.
﴿وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ * عَلَيْهِمْ نَارٌ مُّؤْصَدَةٌ﴾[ سورة البلد ۱٩-٢٠]
މާނައީ: “އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ. (19) އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ.(20)”
މި ޢަޛާބު ސިފަކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވާޙީކުރައްވާފައިވެއެވެ.
﴿وَلَا يَحْزُنكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا اللَّـهَ شَيْئًا ۗيُرِيدُ اللَّـهُ أَلَّا يَجْعَلَ لَهُمْ حَظًّا فِي الْآخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ﴾ [آل عمران: ١٧٦]
މާނައީ: “ކާފިރުވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، އެއްވެސްކަމަކުން އެއުރެންނަކަށް اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّهއިރާދަކުރައްވަނީ، އެއުރެންނަށް އާޚިރަތުގައި އެއްވެސް ނަޞީބެއްނުލެއްވުމަށެވެ. އަދި، އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބުހުށްޓެވެ.”
ނަރަކައިގެ ޢަޛާބަކީ ކިތަންމެ ވަރަކަށް ސިފަކޮށްދިންކަމުގައި ވީނަމަވެސް އިންސާނުންގެ ސިކުނޑިއަށް އެންމެ ފުރިހަމައަށް ވިސްނައިގަނެވޭނެ ޢަޛާބެއްނޫނެވެ. އެއަށްވުރެ އެނަރަކައިގެ ޢަޛާބު ގަދަފަދަ ވެގެންވެއެވެ. އިންސާނުންނަށް، ދުނިޔޭގައި ކުރިމަތިވާ އެންމެ އާދައިގެ ކުދިކުދި ފިހުންތަކަށްވެސް ކެތްނުކުރެވޭއިރު ނަރަކައިގެ އަލިފާނުގެ ޢަޛާބު ތާއަބަދަށް، އޭނާ ތަޙައްމަލްކުރާނީ ކޮންފަދައަކުންތޯއެވެ؟ ދުނިޔޭގެ އަލިފާނުގެ ވޭނަކީ ނަރަކައިގެ އަލިފާނާ އަޅާބަލާއިރު އެއްވެސް އެއްޗެއްނޫނެވެ. ނަރަކައިގެ ވޭނާއި އެއްފަދަ އެހެން އެއްވެސް އެއްޗެއްނުވެއެވެ.
﴿َيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ﴾[الفجر:٢٥]
މާނައީ؛ “ފަހެ،އެދުވަހުން އެކަލާނގެ އޭނާއަށް ދެއްވާފަދަ عذاب އެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ. “
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެން ނަރަކައިގެ ވޭންދެނިވި ޢަދާބުން ސަލާމަތްކުރައްވާށިއެވެ!
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ.