
ކޮންމެއަކަސް އިމާމް ޝާފިޢީ رحمه الله އަކީ، ސުންނަތް ޖަމާޢަތުގެ ހުރިހާ ޢިލްމުވެރިން އެކަލޭގެފާނަކީ ޢިލްމުގައި އަރާހުންނެވި ބޭކަލެއްކަމަށް އެއްބަސްވެލައްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ، ސުންނަތުގެ މަޝްހޫރު ހަތަރު މަޛުހަބުގެ ތެރެއިން ހިމެނޭ އެއްމަޛުހަބުގެ އިމާމެވެ. އެކަލޭގެފާނުގެ ޢިލްމުގެ މަތިވެރިކަމަށް ޘަނާކިޔުއްވާފައިވާ ޢިލްމުވެރިންގެ އެތައް އެތައް ބަސްފުޅުތަކެއްވެއެވެ.
حميد بن زنجويهގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. الإمام أحمد بن حنبلވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްބަސްފުޅެއް ރިވާކުރެއްވެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ.”
إِنَّ اللَّهَ يَمُنُّ عَلَى أَهْلِ دِينِهِ فِي رَأْسِ كُلِّ مِائَةِ سَنَةٍ بِرَجُلٍ مِنْ أَهْلِ بَيْتِي يُبَيِّنُ لَهُمْ أَمْرَ دِينِهِمْ
” މާނައީ: “ﷲތަޢާލާ އެއިލާހުގެ ދީނުގެ އަހުލުވެރިންގެ މައްޗަށް އެއިލާހުގެ ރަހުމަތްވަންތަކަމުން ކޮންމެ ސަތޭކައަހަރަކުން އެބައިމީހުންނަށް އެބައިމީހުންގެ ދީނުގެކަންކަން ބަޔާންކޮށްދެއްވުމަށްޓަކައި ތިމަންކަލޭގެފާނުގެ އަހުލުބައިތުގެ ތެރެއިން ބޭކަލަކު ފޮނުއްވައެވެ.”
(އެއަށްފަހު ވިދާޅުވިއެވެ) ތިމަންކަލޭގެފާނު، ސައްތައިގެ އަހަރުތަކަށް ބަލާލިއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަގެ އާލުބޭކަލުންގެ ތެރެއިން އެބޭކަލަކީ، ޢުމަރު ބުން ޢަބްދުލް ޢަޒީޒެވެ. އަދި ތިމަންކަލޭގެފާނު، ދުއިސައްތައިގެ އަހަރުތަކުގެ ކުރީކޮޅަށްބަލާއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަގެ އާލުބޭކަލުންގެ ތެރެއިން އެބޭކަލަކީ،محمد بن إدريسއެވެ.”[1]
އަދި الخطيب އެކަލޭގެފާނުގެ ސަނަދުން إسحاق بن واهويهގެއަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. الإمام أحمد بن حنبلތިމަންކަލޭގެފާނުގެ އަތުގައި ހިއްޕެވިއެވެ. އަދި ވިދާޅުވިއެވެ.
“ކަލޭގެފާނަށް އޭބޭކަލެއްގެ ދެވަނަމިޘާލެއްނުވާ ބޭކަލެއް ކައިރިއަށް ދެވެންދެން ތިމަންކަލޭގެފާނާއި އެއްކޮށްކަލޭގެފާނު ވަޑައިިގަންނަވާށެވެ.” ފަހެ އެކަލޭގެފާނު ތިމަންކަލޭގެފާނާއި އެއްކޮށް ވަޑައިގަތީ ޝާފިޢީގެފާނުގެ އަރިހަށެވެ.[2]
އަދި عبيد الله بن محمد بن خلف البزارގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أبو ثورގެ އަރިހުން ސުވާލު ދެންނެވުނެވެ. އެއެކަލޭގެފާނުގެ އަރިހުގައި ދެންނެވުނުކަމުގައިވެއެވެ. އެންމެ ފިޤުހުވެރި ބޭކަލަކީ ޝާފިޢީގެފާނު ހެއްޔެވެ؟ ނުވަތަ މުޙައްމަދު ބުން ޙަސަން ހެއްޔެވެ؟ أبو ثورވިދާޅުވިއެވެ.
“ޝާފިޢީގެފާނު މުޙައްމަދައްވުރެ ފިޤުހުވެރިއެވެ. އަދި އަބޫ ޔޫސުފުއާއި އަބޫ ޙަނީފާއާއި ޙައްމާދާއި އިބްރާހީމު އާއި ޢަލްޤަމާ އާއި އަލްއަސްވަދައްވުރެވެސް ޝާފީގެފާނު ފިޤުހުވެރިއެވެ.”[3]
أحمد بن يحيىގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. الحميدي ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ޝާފިޢީގެފާނަކީ ފިޤުހުވެރިންގެ ސައްޔިދުކަމުގައި ތިމަންކަލޭގެފާނު އަޑުއައްސަވަމެވެ.”[4]
الربيعގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. الحميديވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. مسلم بن خالد الزنجي ޝާފިޢީގެފާނަށް ވިދާޅުވިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ. ފަތުވާދެއްވާށެވެ. ހަމަކަށަވަރުން ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނަށް މިހާރު ފަތުވާދެއްވޭނެއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ފަނަރަ އަހަރެވެ.[5]
އަދި إبراهيم بن أبي طالب الحافظ،ވިދާޅުވިއެވެ. ތިމަންކަލޭގެފާނު أبو قدامة السرخسيގެ އަރިހުން، ޝާފިޢީގެފާނާއި އަޙްމަދުގެފާނާއި އަބޫޢުބައިދާގެފާނާއި އިބުނު ރާވިޔާގެފާނާއި ބެހޭގޮތުން ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އެބޭކަލުންގެތެރެއިން އެންމެ ފިޤުހުވެރިބޭކަލަކީ ޝާފިޢީގެފާނެވެ.”[6]
_______________________________
[1] حلية الأولياء (9/98)
[2] تاريخ البغداد (2/66)
[3] تاريخ البغداد (2/69)
[4] حلية الأولياء (9/94)
[5] حلية الأولياء (9/93) و المناقب البيهقي(1/338)
[6] سير أعلام النبلاء (10/54)