[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޔައްމުމުކުރުން

1236507_552637291452282_2071572160_nތަޔައްމުމުކުރުން

ތަޔައްމުމުގެ ލުޣަވީ މާނަ: އެއީ ޤަޞްދުކުރުމެވެ.
ޝަރުޢުގައި ތަޔައްމުމުއަކީ ޚާއްޞަވެގެންވާ ގޮތެއްގައި، ﷲ އަށް އަޅުކަން އަދާކުރުމުގެ ގޮތުން، މޫނުގަޔާއި ދެ އަތްތިލައިގައި ޠާޙިރު ވެލީން ފުހުމެވެ.

ތަޔައްމުމުގެ ޙުކުމާއި އެކަމަކީ ޝަރުޢުވެގެންވާކަމެއް ކަމުގެ ދަލީލު
ތަޔައްމުމުކުރުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. އެއީ އަޅުތަކުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ލުއިފަސޭހަކަމެކެވެ. އެއީ މި ޝަރީޢަތުގެ ރިވެތިކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މި އުންމަތުގެ ޚަޞާއިޞުތަކުގެ ތެރެއިންވާ ކަމެކެވެ. (މި އުންމަތަށް ޚާއްޞަކަމެކެވެ)
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَ‌افِقِ وَامْسَحُوا بِرُ‌ءُوسِكُمْ وَأَرْ‌جُلَكُمْ إِلَى الْكَعْبَيْنِ وَإِن كُنتُمْ جُنُبًا فَاطَّهَّرُ‌وا وَإِن كُنتُم مَّرْ‌ضَىٰ أَوْ عَلَىٰ سَفَرٍ‌ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِ‌يدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَ‌جٍ وَلَـٰكِن يُرِ‌يدُ لِيُطَهِّرَ‌كُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُ‌ونَ﴾ [المائدة٦] މާނައީ : “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، )އެބަހީ: ނަމާދުކުރަން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ. (ހިނައިގަންނާށެވެ!) އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ (ޖިމާޢުވެއްޖެނަމަ)، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް الله އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާޙިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ”.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((الصَّعِيْدُ الطَّيِّبُ كَافِيْكَ وَإِنْ لَمْ تَجِدِ الـْمـَاءَ عَشَرَ حِجَجَ، فَإِذَا وَجَدْتَ الْـمَـاءَ فَأَمِسَّهُ بَشَرَتَكَ)) [رواه أبو داود برقم 329 والترمذي برقم 124 وصححه الألباني في الإرواء برقم 153] މާނައީ: “ޠާހިރު ވެލި ތިބާއަށް ފުދެއެވެ. އެއީ ދިހައަހަރުވަންދެން ތިބާއަށް ފެންނުލިބުނުކަމުގައިވިޔަސްމެއެވެ. ދެން ތިބާއަށް ފެންލިބޭހިނދު ފަހެ ތިބާގެ ހަށިގަނޑުގައި އެފެން ޖައްސާހުށިކަމެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((جُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُوْرًا)) [رواه البخاري برقم 335] މާނައީ: “ތިމަންކަލޭގެފާނަށް މުޅިބިން، ނަމާދުކުރާތަނެއްކަމުގައްއާއި ޠާހިރުކޮށްދޭ އެއްޗެއްކަމުގައި ލެއްވުނެވެ.”

ތަޔައްމުމުގެ ޝަރުޠުތައް ހަމަވެއްޖެނަމަ ތަޔައްމުމުކުރުން ޝަރުޢުވެގެންވާކަމުގައި ޢިލްމުގެ އަހުލުވެރިން އިޖުމާޢުވެވަޑައިގެންފައިވެއެވެ. އަދި ހަމަކަށަވަރުން އެއީ ފެނުން ޠާހިރުވުމުގެ މަޤާމުގައި (އޭގެ ބަދަލުގައި) ވާ ކަމެކެވެ. ފެނުން ޠާހިރުވުމުން ހުއްދަވާ ކަންތައްތައް މިސާލަކަށް ނަމާދާއި، ޠަވާފާއި، ޤުރުއާން ކިޔެވުމާއި އަދި މިނޫންވެސް ކަންކަން، ތަޔައްމުމުގެ ސަބަބުންވެސް ހުއްދަވެގެންވެއެވެ.

އެހެންކަމުން ތަޔައްމުމުކުރުމަކީ ޝަރުޢުވެގެންވާ ކަމެއްކަން ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނާއި، ދަންނަބޭކަލުންގެ އިޖުމާޢުން ޘާބިތުވެއެވެ.

(ނުނިމޭ)

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية