[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަންބޭނުންނަމަ..5

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަން ބޭނުންކަމުގައިވަނީނަމަ :

19. އިބައިލާހު އިރާދަކުރައްވާނަމަ ދުޢާ އިޖާބަކުރައްވާފާނދޭވެ އޭ ބުނެ، ދުޢާ ނުކުރާށެވެ. އެގޮތަށް ދުޢާކުރުމުން ދޭހަވަނީ، އެ ދުޢާ އިޖާބަވުމަށް އޭނާ އެހާބޮޑަށް ބޭނުން ނުވާކަމެވެ. މިސާލަކަށް މީހެއްކައިރިން އެއްޗެއް ހޯދަން އުޅޭއިރު، ބޭނުމިއްޔާ ދިނަސް އެންމެ ރަނގަޅޭ ބުނެފިނަމަ ދޭހަވަނީ، އެ ނުލިބުނަސް އޭނައަށް ފުދޭ ކަމެވެ.

 އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا دَعَا أَحَدُكُمْ فَلَا يَقُلْ: اللَّهُمَّ اغْفِرْ لِيْ إِنْ شِئْتَ، اللَّهُمَّ ارْحَمْنِيْ إِنْ شِئْتَ، وَلَكِنْ لِيَعْزِمْ الْمَسْأَلَةَ، وَلِيُعْظِمْ الرَّغْبَةَ، فَإِنَّ اللَّهَ لَا يَتَعَاظَمُهُ شَيْءٌ أَعْطَاهُ ( رواه البخاري ومسلم) “ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުޢާކުރާހިނދު، ‘އިބައިލާހު އިރާދަކުރައްވާނަމަ މިއަޅާގެ ފާފަ ފުއްސާވާފާނދޭވެ’، ‘އިބަ އިލާހު އިރާދަކުރައްވާނަމަ މިއަޅާއަށް ރަޙުމަތް ލައްވާފާނދޭވެ’ އޭ ބުނެ، ދުޢާ ނުކުރާށެވެ.’ އެހެނެއްކަމަކު، (އިރާދަކުރައްވާނަމަ އޭ ނުބުނެ) އެކަމަށް ﷲގެ ޙަޟްރަތުން އެދޭށެވެ. އަދި ދުޢާ އިޖާބަވުމަށް ބޮޑަށް އުންމީދުކޮށް އެދޭށެވެ. ފަހެ (އެ ދުޢާ އިޖާބަކުރައްވައި) އޭނާ އެދޭކަންތައް މިންވަރުކޮށްދެއްވުން، ﷲތަޢާލާއަށް އުނދަގޫވެވޮޑިގެން ނުވާކަން ކަށަވަރެވެ.”

20. އެންމެ ފުރަތަމަ އަމިއްލަ ނަފްސަށްޓަކައި ދުޢާ ކުރާށެވެ! އެއަށްފަހު އެހެން މުސްލިމް އަޚުންނަށް ދުޢާ ކުރާށެވެ. އަދި މިދުޢާގައި މައިންބަފައިންނާއި، ޢިލްމުވެރިންނާއި، ޞާލިޙު އަޅުންނާއި، އެބަޔަކު ރަނގަޅުވުމުން އިސްލާމީ އުއްމަތަށް ފައިދާކުރާނޭ މީހުންތަށް ޚާއްޞަކުރާށެވެ.

21. ﷲގެ މަތިން ހަނދުމަކޮށް، ޢިލްމު އުނގެނި، އުނގެންނައިދޭ މަޖްލިސްތަކަށް ގިނަގިނައިން ޙާޟިރުވާށެވެ. ﷲތަޢާލާ، އެފަދަ މަޖިލިސްތަކަށް ޙާޟިރުވާ މީހުންގެ ދުޢާ އިޖާބަކުރައްވައި އެމީހުންގެ ފާފަފުއްސަވައި ދެއްވައެވެ. އިމާމް މުސްލިމް އާއި އިމާމުލް ބުޚާރީ ރަޙިމަހުމަﷲ ރިވާކުރައްވާފައިވާ، އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. “ﷲ ތަޢާލާ ވަޙީކުރައްވާނެތެވެ. أُشْهِدُكُمْ يَا مَلَائِكَتِيْ أَنِّيْ قَدْ غَفَرْتُ لَهُمْ  “އޭ ތިމަން އިލާހުގެ މަލާއިކަތުންނޭވެ! ތިޔަބޭކަލުން ހެކިކޮށް، ތިމަންއިލާހު އެބައިމީހުންގެ (އެ މަޖިލީހަށް ޙާޟިރުވެތިބި މީހުންގެ) ފާފަ ފުއްސަވައިފީމެވެ.” އެހިނދު މަލާއިކަތްބޭކަލުން ދަންނަވާނެތެވެ. އެމީހުންގެ ތެރެއިން އެވެނިބަޔަކު އައިސްތިބީ އެހެން ބޭނުންތަކެއްގައެވެ. ދެންފަހެ ﷲ ތަޢލާ ވަޙީކުރައްވާނެތެވެ. هُمْ الْقَوْمُ لَا يَشْقَى بِهِمْ جَلِيْسُهُمْ ” އެބައިމީހުންނާއެކުވެއްޖެ އެއްވެސް މީހަކު ބަދުނަސީބުވެރި ނުވާހުއްޓެވެ.”
ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! ޞާލިޙު އަޅުންނާއެކު ގިނަވަގުތު ހޭދާކުރާށެވެ. އެމީހުންގެ ޞިފަތަކުން ޞިފަލިބިގަނެވޭތޯ މަސައްކަތްކުރާށެވެ! އެމީހުންގެ ސަބަބުން ﷲތަޢާލަ ތިބާއަށްވެސް ރަޙުމަތް ލައްވާނެތެވެ.

22. ޙާޖަތަށްޖެހި މުޙުތާޖުވެފައިވާ ވަގުތު، އެކަމެއް ހިންމަވައިދެއްވާތޯ، ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހަށް އެންމެފުރަތަމަވެސް ދަންނަވާށެވެ! އެއިލާހީ ޙާޖަތަށްޖެހިފައިވާ މީހުންގެ ދުޢާ އިޖާބަކުރައްވާ އިލާހެވެ. އެހެން ހުރިހާ މަގެއް ބަންދުވެ ގޮތްހުސްވުމުން، އެއިލާހުގެ ޙަޟްރަތުގައި ދެންނެވުމުގެ ބަދަލުގައި، އެންމެފުރަތަމަވެސް އަދި އެންމެފަހުންވެސް ދަންނަވާ ފަރާތަކީ އެއިލާހުކަމުގައި ހަދާށެވެ.

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚުތާއެވެ! މިހުރިހާ ކަމަކަށް ފަރުވާތެރިވުމާއެކުވެސް، ތިބާގެ ދުޢާ އިޖާބަ ނުކުރެވުނަސް، އުންމީދު ކަނޑާނުލާށެވެ. އެހެނީ ތިބާ އެދުނު ކަންތައް ހިންމަވައި ދެއްވުމުގެ ބަދަލުގައި، އެ ދުޢާގެ ސަބަބުން، ތިބާއަށް ކުރިމަތިވަމުންއައި އެތަކެއް މުޞީބާތަކުން އެއިލާހު ތިބާ ރައްކާތެރިކުރައްވަފާނެތެވެ. ނުވަތަ، ޤިޔާމަތްދުވަހަށް އެދުޢާތައް ރައްކާކުރެވިގެން މެނުވީ، ތިބާގެ ހެޔޮކަމުގެފަތް ބަރު ނުވާނެކަން އެއިލާހަށް އެނގިވޮޑިގަންނަވާތި، އެދުވަހަށްޓަކައި އެ ދުޢާ ރައްކާވެސް ކުރައްވަފާނެތެވެ.