އަޅުވެރިކަމާއި ޒުހުދުވެރިކަމާއި ވަރަޢަވެރިކަމާއި ދީލަތިކަން -رحمه الله-
بحر بن نصر ވިދާޅުވިއެވެ.
“ޝާފިޢީގެފާނުގެ ދުވަސްވަރުގައި، ޝާފިޢީގެފާނަށްވުރެ ތަޤުވާވެރި އަދި އެކަލޭގެފާނަށްވުރެ ވަރަޢަވެރި ބޭކަލަކު ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. އަދި އެކަލޭގެފާނަށްވުރެ ތަޤުވާވެރި އަދި ވަރަޢަވެރި ބޭކަލަކުވާކަމަކަށް ތިމަންކަލޭގެފާނު ނުދެކެމެވެ. އަދި އެކަލޭގެފާނަށްވުރެ ޤުރުއާން ކިޔެވުމުގައި ރިވެތި އަޑެއްވެސް ތިމަންކަލޭގެފާނު ނާއްސަވަމެވެ. “[1]
الحسن بن كثيرގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު ޝާފިޢީގެފާނާއި އެއްކޮށް އަށްރޭ ނިދިކުރެއްވީމެވެ. ފަހެ އެކަލޭގެފާނު ގާތްގަނޑަކަށް ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ނަމާދުކުރައްވައެވެ. އަދި އެކަލޭގެފާނު ފަންސާސް އާޔަތަށްވުރެ އިތުރުކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. ފަހެ ގިނަވެއްޖެނަމަ ސަތޭކައެވެ. އަދި ރަޙުމަތުގެ އާޔަތެއް ކިޔަވައިފިކަމުގައިވާނަމަ، އެކަލޭގެފާނުގެ އަމިއްލަ ނަފްސަށާއި އެންމެހާ މުއުމިނުތަކުންނަށް ރަޙުމަތްލެއްވުމަށް ﷲގެ ޙަޞްރަތުން އެދި ދުޢާ ނުދަންނަވާ އެއްވެސް ރަޙުމަތުގެ އާޔަތެއް ނުދެއެވެ. އަދި ޢަޛާބުގެ އާޔަތެއް ކިޔަވައިފިކަމުގައިވާނަމަ، އެކަލޭގެފާނުގެ އަމިއްލަ ނަފްސަށާއި އެންމެހާ މުއުމިނުތަކުންނަށް ރައްކާތެރިކަމަށް އެދި ﷲގެ ޙަޞްރަތުން ދުޢާ ނުދަންނަވާ އެއްވެސް ޢަޛާބުގެ އާޔަތެއް ނުދެއެވެ. ފަހެ އެކަލޭގެފާނުގެ ކިބައިގައި އުންމީދާއި ބިރުވެރިކަމާއި ދެބައި އެއްކޮށް ޖަމަޢަވެފައިވާ ކަހަލައެވެ.”[2]
އަދި بحر بن نصرގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އަހަރެމެން ރޯން ބޭނުންވެއްޖެކަމުގައިވާނަމަ އަހަރެމެން އެއްބަޔަކު އަނެއްބަޔަކަށް ބުނަމެވެ. މުއްޠަލިބީ ޒުވާނާ ކައިރިޔަށް ޤުރުއާން ކިޔެވުމަށް ހިނގާށެވެ. ދެންފަހެ އަހަރެމެން އެކަލޭގެފާނުގެ އަރިހަށް އައުމުން (ޤުރުއާން ކިޔަވާލެއް ރީތިކަމުން ޤުރުއާނުގެ އަސަރުކޮށްފައި) މީސްތަކުން ގަދައަޑުން ރުއިންގިނަކޮށް، އެކަލޭގެފާނުގެ ކުރިމައްޗަށް ވެއްޓެންދެން އެކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވެއެވެ. ދެން އެކަލޭގެފާނަށް މި މަންޒަރުފެނިވަޑައިގަތުމުން، އެކަލޭގެފާނުގެ ރީތިއަޑުން ކިޔަވަމުންއައި ކިޔަވުން ހުއްޓަވާލައްވައެވެ.”[3]
އަދި ربيع بن سليمانގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ޝާފިޢީގެފާނު ރޭގަނޑުގެ ވަގުތު ތިންބަޔަށް ބައްސަވާކަމުގައި ވެއެވެ. ފުރަތަމަ ތިންބައިކޮށްފައި އެއްބައިގައި ލިޔުއްވަނީއެވެ. އަދި ދެވަނަބައިގައި ނަމާދުކުރައްވައެވެ. އަދި ތިންވަނަބައިގައި ނިދިކުރައްވައެވެ.”[4]
އަދި حرملةގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޝާފިޢީގެފާނު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު ﷲގަންދެއްވާ ހުވައެއްކުރައްވައިފިކަމުގައިވާނަމަ ތެދުވެރިވަމެވެ. އަދި ދޮގުވެރިއެއްކަމުގައި ނުވަމެވެ.”[5]
الحارث بن المسكينވިދާޅުވިއެވެ.
“ޝާފިޢީގެފާނު މައްކާއިން ނުކުންނަން ބޭނުންވިއެވެ. (މައްކާއިން ޢިރާޤަށް ދާން ބޭނުންވިއެވެ.) ފަހެ އެކަލޭގެފާނު القصّارއަކާ، އުފިލިފައިވާގޮތަށް ހެދިފައިވާ ބަޣުދާދު މީހުންލާއުޅޭކަހަލަ ހެދުންތަކެއް ހަވާލުކުރިއެވެ. ދެންފަހެ އަލިފާނުގެ ޙާދިޘާއެއް ހިނގާ القصّارގެ ފިހާރަ ހެދުންތަކާއިއެކު އަނދާހުލިވިއެވެ. ދެން القصّارއިތުރުބަޔަކާ އެއްކޮށް، އަނދައިގެންދިޔަ ހެދުންތަކަށްވާ އަގުއަދާކުރުމަށް ޝާފިޢީގެފާނުގެ އަރިހަށް އައެވެ. ދެން ޝާފިޢީގެފާނު އޭނާއަށް ވިދާޅުވިއެވެ. ޟަމާންއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. (ޟަމާން އަކީ ޒިންމާވާތަކެތި ހަލާކުވުމުމުން ބަދަލުދިނުމެވެ.) ތިމަންކަލޭގެފާނު ކަލޭގެފާނުގެ މައްޗަށް އެއްވެސް އެއްޗެއް ޟަމާންއެއް ނުކުރަމެވެ.”[6]
الحارث بن شريحގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ޝާފިޢީގެފާނާ އެއްކޮށް ތިމަންކަލޭގެފާނު رشيدގެ ޚާދިމުގެ ގެޔަށް ވަނީމެވެ. އެހިނދު އެގޭގެ ގޯތިތެރޭގައިވަނީ ފަށުވިން ދޫލައެއް އަޅާފައެވެ. ދެންފަހެ ޝާފިޢީގެފާނު އެކަލޭގެފާނުގެ ފައިންޕުޅު އެ ދޫލަމަތީ އެޅުމާއެއްކޮށް ފަށުވިންހެދިފައިވާ ދޫލަ ފެނުމުން ނުކުމެވަޑައިގަތެވެ. އަދި އެކަލޭގެފާނު އެތެރެއަށް ވަދެވަޑައި ނުގެންނެވިއެވެ. ދެން ޚާދިމު ޝާފިޢީގެފާނަށް ވިދާޅުވިއެވެ. އެތެރެއަށް ވަންނަވާށެވެ. ދެން ޝާފިޢީގެފާނު ވިދާޅުވިއެވެ. މިދޫލައަކީ ހުއްދަވެގެންވާ އެއްޗެއްނޫނެވެ. ޚާދިމްކައިރިއަށް ހިނިއައެވެ. ދެންއެއަށްފަހު ޚާދިމް ވެލިލާފައިވާ ގެޔަކަށް ވަދެވަޑައިގަތެވެ. ދެން ޝާފިޢީގެފާނުވެސް ވަދެވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. މީތި ހުއްދައެވެ. އޭތި ޙަރާމެވެ. އަދި މީތި އެއަށްވުރެ މާހެޔޮކަންބޮޑެވެ. އަދި އޭތި މާއަގުވެސް ބޮޑެވެ. ދެން ޚާދިމް ކައިރިއަށް ހިނިއައިސްފައި އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.”[7]
އަދި الربيعގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عبد الله بن عبد الحكيم ޝާފިޢިގެފާނުގެ އަރިހުގައި ވިދާލުވިއެވެ.
“ކަލޭގެފާނު މިސްރުގައި ދިރިއުޅުއްވުމަށް ޤަސްދުކުރައްވައިފިނަމަ ކަލޭގެފާނަށް މުޅިއަހަރުގެ ކާނާލިބޭނެއެވެ. އަދި ވެރިންގެމަޖްލީސްތަކުން ކަލޭގެފާނަށް ޢިއްޒަތްލިބޭނެއެވެ.” ދެންފަހެ ޝާފިޢީގެފާނު ވިދާޅުވިއެވެ. “އޭ އަބޫ މުޙައްމަދެވެ. ތަޤުވާވެރިކަމުން ޢިއްޒަތް ނުލިބިއްޖެމީހަކަށް ޢިއްޒަތެއް ނުވެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު އުފަންވީ ޣައްޒާގައެވެ. އުޅެބޮޑުވީ ޙިޖާޒުގައެވެ. ތިމަން ބޭކަލުން އަތުގައި ރޭގަނޑުގެ ކެއުމެއް ނުހުރެއެވެ. އަދި ބަނޑުހައި ކަންމަތީ ނުވެސް ނިދަމުއެވެ.”[8]
އަދި ޝާފިޢީގެފާނުގެ އަރިހުގައި ދެންނެވުނުކަމުގައި ބުނެވެއެވެ.
“ކަލޭފެފާނު ބަލިކަށީމީހެއްގެ ގޮތުގައި ނުވާއިރު، ޢަޞާކޮޅުހިއްޕަވައިގެން އުޅުއްވަނީ ކީއްވެގެންތޯއެވެ. ވިދާޅުވިއެވެ.
އެއީ،ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ (ދުނިޔެމަތީގައި) ދަތުރުވެރިއެއްކަން ހަނދުމަކުރުމަށްޓަކައެވެ.”[9]
يونس بن عبد الأعليގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނަށް ޝާފިޢީގެފާނު ވިދާޅުވިއެވެ. އޭ އަބޫ މޫސާއެވެ. ތިމަންކަލޭގެފާނު ފަޤީރުކަމަށް ހޭނިއްޖެއެވެ. އެއީ އެކަމުގައި ތިމަންކަލޭގެފާނު އެއްކޮށް ބީރައްޓެހިކަން ފިލައިގެން ދާންދެނެވެ.”[10]
އަދި عبد الله بن محمد البلويގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޒުހުދުވެރިކަމާއި އަޅުވެރިކަމާއި ޢިލުމުވެރިންނާއި އެބޭކަލުންގެ ޒުހުދުވެރިކަމާއި ފަޞާޙަތްތެރިކަމާއި އަދި ޢިލްމުވެރިކަމާއި ބެހޭގޮތުން ވާހަކަދައްކާލުމަށްޓަކައި އެއްދުވަހެއްގައި ތިމަންބޭކަލުން ތިބީމެވެ. ފަހެ ތިމަންބޭކަލުންގެ މެދުގައި އެފަދައިންވަނިކޮށް عمر بن نباتةވެދެވަޑައިގަތެވެ. އަދި ވިދާޅުވިއެވެ.
“ތިޔަބޭކަލުން ވާހަކަފުޅުތިޔަދައްކަވަނީ ކޮންކަމަކާއި ބެހޭގޮތުން ހެއްޔެވެ؟” ތިމަންބޭކަލުން ދެންނެވީމެވެ. ތިމަންބޭކަލުންގެ މެދުގައި ޛިކުރު ކުރެވެމުން މިދަނީ ޒުހުދުވެރިކަމާއި އަޅުވެރިކަމާއި ޢިލްމުވެރިންނާއި އެބޭކަލުންގެ ކިބައިން އައިސްފައިވާ ފަޞާޙަތްތެރިކަމާއި ބެހޭގޮތުންނެވެ. ދެންފަހެ عمر بن نباتةވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ! محمد بن إدريس الشافعي އަށްވުރެ ވަރަޢަވެރިކަމާއި، ބިރުވެތިކަމާއި، ފަޞާޙަތްތެރިކަމާއި، ސަމާޙަތްތެރިކަމާއި، ޢިލްމުވެރިކަމާއި، ކަރާމާތްތެރިކަމާއި،ރިވެތިކަމާއި، ދުނިދަނޑި އުއްކެވުމުގައި ހުނަރުވެރިކަމާއި، މާތްކަމާއި މަތިވެރި އެއްވެސްބޭކަލެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.”[11]
الحميديގެ އަރިހުން ރިވާވެގެންވެއެވެ.
“ޞަންޢާއިން މައްކާއަށް ޝާފިޢީގެފާނު ވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ އަތްޕުޅުގައިވާ ރުމާލެއްގެ ތެރޭގައި ދިހަހާސް ދީނާރު އޮތެވެ. ދެން އެކަލޭގެފާނުގެ ފޭލިގެ މައްކާއިން ބޭރުގައި ޖެއްސެވިއެވެ. ދެންފަހެ މީސްތަކުން އެކަލޭގެފާނުގެ އަރިހަށް އައިސް އުޅެތެވެ. އެކަލޭގެފާނު އަތުގައިވާ ހުރިހާ އެއްޗެއް ހުސްވަންދެން ބަހާލިއެވެ.”[12]
________________________________________
[1] المناقب الشافعي للبيهقي(2/258)
[2] المناقب الشافعي للبيهقي(2/258)
[3] تاريخ البغداد (2/68) وتهذيب الكمال (24/268)
[4] حلية الأولياء (9/135)
[5] سير أعلام النبلاء (10/36)
[6] المناقب الشافعي للبيهقي(2/263)
[7] المناقب الشافعي للبيهقي(2/263)
[8] السابق (2/168)
[9] المناقب الشافعي للبيهقي(1/55) تهذيب الأسماء (1/170)
[10] المناقب الشافعي للبيهقي(2/168)
[11] السابق (2/177)
[12] حلية الأولياء (9/130)المناقب للبيهقي(2/220)المناقب للرازي(128)