[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة المسد ގެ ތަފްސީރު – 1

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾

ބިސްމީގެ ތަފްސީރު އިސްވެ ހިނގައްޖެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ޙައްޤު ރަސޫލެއްކަމާއި އަދި އެކަލޭގެފާނު ދީނަށް ގޮވާލެއްވީ، ރަސްކަމާއި ޖާހާއި އަދި ރިޔާސަތަށްޓަކައި ނޫންކަން ދަލީލުކޮށްދޭ އެތައް ދަލީލުތަކެއް މިޤުރުއާނުގައިވެއެވެ.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސަލަމައާއި މުޢާމަލާތްކުރުމުގައި އަދި އެކަލޭގެފާނުގެ ވެރިރައްބާ މުޢާމަލާތްކުރުމުގައި، އެކަލޭގެފާނުގެ ބޮޑުބޭބެއިން ބެހިގެންވަނީ ތިންބަޔަށެވެ.

އެއްބަޔަކީ އެކަލޭގެފަނަށް އީމާންވެ އެކަލޭގެފާނާއެއްކޮށް ޖިހާދުކޮށް ޢަލާމްތަކުގެ ވެރިރައްބަށް އީމާންވީ މީހުންނެވެ.

އަދި އަނެއްބަޔަކީ އެކަލޭގެފާނަށް ވާގިވެރިވެ އަދި އެހީތެރިވެދެއްވިނަމަވެސް ކާފަރުކަންމަތީ ތިބި މީހުންނެވެ.

އަދި އަނެއްބަޔަކީ އެކަލޭގެފާނާ ދެކޮޅުވެރިވެ އެކަލޭގެފާނުގެ ކިބައިން މޫނުއަނބުރާލާ ކާފަރުހާލަތުގައި ވީމީހުންވެ.

ފުރަތަމަ ބަޔާމެދު ދަންނައެވެ! އެބައިގައި ވަނީ ޢައްބާސް ބުން ޢަބްދުލް މުއްޠަލިބާއި ޙަމްޒާ ބުން ޢަބްދުލް މުއްޠަލިބެވެ. ފަހެ ދެވަނައަށް ދެންނެވުނު (ޙަމްޒާ ބުން ޢަބްދުލް މުއްޠަލިބު) ފުރަތަމަ ދެންނެވުނު (ޢައްބާސް ބުން ޢަބްދުލް މުއްޠަލިބު) އަށްވުރެ ހެޔޮކަންބޮޑެވެ. އެހެނީ އެކަލޭގެފާނުވަނީ، ﷲ ޢައްޒަ ވަޖައްލަގެ ޙަޟްރަތުގައި އެންމެ މަތިވެރި ޝަހީދުންގެ ތެރެއިންނެވެ. އަދި ﷲއާއި އެއިލާހުގެ ރަސޫލާގެ ސިންގާގެ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު ޞިފަކުރެއްވެވިއެވެ.[1] އަދި އެކަލޭގެފާނު (ރަޟިޔަﷲ ޢަންހު) ޝަހީދުވެ ވަޑައިގަތީ ހިޖުރައިން ދެވަނައަހަރުގައި އުޙުދު ހަނގުރާމާގައެވެ.[2]

އަދި އެކަލޭގެފާނަށް ވާގިވެރިވެ އަދި އެހީތެރިވެދެއްވި ނަމަވެސް ކާފަރުކަންމަތީ ތިބި މީހުންނާމެދު ދަންނައެވެ! އެއީ އަބޫ ޠާލިބެވެ. ފަހެ އަބޫ ޠާލިބު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު އެކަލޭފާނު ދީފާޢުކޮށްދެއްވާ އަދި އެކަލޭގެފާނަށް އެހީތެރިވެދެއްވުމުގައި ހެޔޮގޮތުގައި ހުންނެވިއެވެ. އެހެން ނަމަވެސް އަބޫ ޠާލިބަކީ، ކަށަވަރުންވެސް އޭނާގެ މައްޗަށް ޢަޛާބުގެ ބަސްފުޅު އިސްކުރެވިފައިވާ މީހެކެވެ. – والعياذ بالله -އޭނާގެ ޙަޔާތުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް އޭނާ އިސްލާމެއް ނުވެއެވެ. ދުނިޔޭގައިވީ އެންމެ ފަހު ވަގުތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް އިސްލާވުމަށް ހުށައެޅިއެވެ. ނަމަވެސް އޭނާ އެކަމުން މަނާވެގަތެވެ. އަދި ކިޔެއް ހެއްޔެވެ. އޭނާ މަރުވެގެން ދިޔައީ ހަމަކަށަވަރުން އޭނާހުރީ ޢަބްދުލް މުއްޠަލިބުގެ ދީންމަތީގައޭ ބުނެ، އެބަހުގެ މަތީގައެވެ.[3] ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ނަރަކައިގެ ޢަޛާބު އޭނާގެ މައްޗަށް ލުއިކޮށްދެއްވުމުން ޝަފާޢަތްތެރިވެދެއްވިއެވެ. އޭނާވަނީ (އަލިފާނުގެ) ފައިވާނެއް އެރުވިފައެވެ. އަދި އެފައިވާނުން އޭނާގެ ސިކުނޑި ކައްކާލައެވެ.[4]

އަދި ތިންވަނަ ބަޔާމެދު ދަންނައެވެ! އެއީ ދެކޮޅުވެރިވެ އެކަލޭގެފާނުގެކިބައިން މޫނުއަނބުރާލި މީހުންނެވެ. އެއީ އަބޫ ލަހަބެވެ. ފަރުޟު ނަމާދުތަކުގައި އަދި ސުންނަތް ނަމާދުތަކުގައި ސިއްރާއި ފާޅުގައި ކިޔެވޭ ފުރިހަމަ ސޫރަތެއް، އޭނާއާ ބެހޭގޮތުން ﷲ ތަޢާލާ ބާވާލެއްވިއެވެ. އެސޫރަތް ކިޔަވައިފި މީހަކަށް ޘަވާބު ލިބެނިވި ގޮތުގައެވެ. ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމެވެ.

-ނުނިމޭ-

_______________________________________

[1] أخرحه البخاري في (التاريخ الكبير 8/338) وابن أبي عاصم في (الجهاد) (249)

[2] أخرجه البخاري, كتاب المغازي, باب قتل خمزة بن عبد المطلب رضي الله عنه 4072)

[3] أخرجه البخاري, كتاب التفسير, باب (إنك لا تهدي من أحببت) (4772) ومسلم, كتاب الإيمان, باب الدليل علي صحة إسلام من حضره الموت, والدليل علي أن من مات علي الشرك فهو من أصحاب الجعيم (23)(39)

[4] أخرحه البخاري  كتاب المناقب الأنصار, باب قصة أبي طالب (2885)  ومسلم كتاب الإيمان باب أهون أهل النار عذابا (211) (261)

سورة المسد ގެ ތަފްސީރު