ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ.
﴿ مَا أَغْنَىٰ عَنْهُ مَالُه…﴾ [٢]
މާނައީ: “އަދި އޭނާގެ މުދަލެއް އޭނާއަކަށް އެއްވެސްކަމެއް ފުއްދައެއްނުދެއެވެ…”
މި އާޔަތުގައިމިވާ (ما)އަކީ (استفهامية)ސުވާލުކުރެވުމުގެ ގޮތުން ބޭނުންކުރެވިފައިވާ (ما) އެއްކަމުގައި ވެދާނެއެވެ. އެހެންނަމަ މާނައަކީ:
“އޭނާގެ މުދަލާއި އަދި އޭނާ ހޯދަގަތް އެއްޗަކުން އޭނާއަށް ފުއްދާދިނީ ކޮންކަމެއްހެއްޔެވެ؟”
ފަހެ އޭގެ ޖަވާބަކީ އެއްވެސްކަމެއް އޭނާއަށް ފުއްދާނުދެއެވެ.
އަދި މިއާޔަތުގައިމިވާ (ما)އަކީ ނަފީކުރުމުގެ ގޮތުން ބޭނުންކޮށްފައިވާ (ما)އެއްކަމުގައިވެސް ވެދާނެއެވެ. އޭގެ މާނައަކީ:
“އޭނާގެ މުދަލުންވެސް އަދި އޭނާ ހޯދަގަތް އެއްވެސް އެއްޗަކުން އޭނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެއެވެ.”
މި ދެމާނައަކީވެސް އެއްމާނައާއި އަނެއްމާނަ ގުޅޭ ދެމާނައެވެ. މި ދެމާނައިގެ މާނައަކީވެސް، އޭނާގެ މުދަލަކުންވެސް އަދި އޭނާ ހޯދަގަތް އެއްވެސް އެއްޗަކުން އޭނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނުމެވެ. ހަމައެއާއެކު މުދަލަކީ ޢާންމު ގޮތެއްގައި ފައިދާކުރަނިވި އެއްޗެކެވެ. ޢަދުއްވުގެ އަތްދަށުގައި ހައްޔަރުވެފައިވާ ނަމަވެސް މުދަލުގެ ބޭނުންކޮށްގެން އިންސާނާއަށް ފިދްޔަ ދީގެން ސަލާމަތް ވެވިދާނެއެވެ. އޭނާ ބުނެއެވެ. މުދަލުން އެވެނި މިވެނި މިންވަރެއް ކަލެއަށް އަހަރެން ދޭނަމެވެ. އަހަރެން ދޫކޮށްލާށެވެ. ދެން އޭނާ ދޫކޮށްލައެވެ. ނަމަވެސް ވަރަށް ގިނަ މުދަލަށް ނުވަތަ މަދު މުދާކޮޅަކަށްވެސް އޭނާ އެދިދާނެއެވެ. އަދި އޭނާ ބަލިވިކަމުގައި ވީނަމަވެސް އޭނާއަށް މުދަލުން މަންފާކުރެއެވެ. އަދި އޭނާ ބަނޑުހައިވެއްޖެކަމުގައި ވީނަމަވެސް މުދަލުން މަންފާކުރެއެވެ. އެފަދައިން މުދަލަކީ މަންފާކުރަނިވި އެއްޗެކެވެ. ކިތަންމެ ވަރަކަށް މަންފާ ކުރިނަމަވެސް ނަރަކައިން މިންޖުނުކޮށްދޭ އެއްޗެއްކަމުގައި ނުވާނަމަ އެއީ (ޙަޤީޤީ) މަންފާއެއްނޫނެވެ.
އެހެންވެ ﷲތަޢާލާ ވަޙިކުރެއްވިއެވެ.
﴿ مَا أَغْنَىٰ عَنْهُ مَالُه…﴾ [٢]
މާނައީ: “އަދި އޭނާގެ މުދަލެއް އޭނާއަކަށް އެއްވެސްކަމެއް ފުއްދައެއްނުދެއެވެ…”
އެބަހީ ﷲގެ ޙަޟުރަތުގައި އެއްވެސްކަމެއް ފުއްދައި ނުދެއެވެ.
އަދި ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ.
﴿…وَمَا كَسَبَ﴾[٢]
“…އަދި އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.”
އަދި ބުނެވެއެވެ. މީގެ މާނައަކީ އޭނާގެ ދަރިންގެ ފަރާތުން ހޯދައިގަންނަ ހޯދައިގަތުމެވެ. އެއިލާހު ވަޙީކުރެއްވި ފަދައެވެ.
“مَا أَغْنَىٰ عَنْهُ مَالُه وَوَلدهُ”
“އަދި އޭނާގެ މުދަލުންވެސް އަދި އޭނާގެ ދަރިންގެ ކިބައިންވެސް އޭނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.”
ނޫޙުގެފާނު ވިދާޅުފެފައިވާ ފަދައިންނެވެ.
﴿وَاتَّبَعُوا مَن لَّمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا﴾ [نوح: ٢١]
މާނައީ: “އަދި އެއުރެންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެއުރެންނަށް ގެއްލުމެއްނޫން އެހެންކަމެއް ނުލިބޭ މީހުނާ އެއުރެން ތަބަޢަވެއްޖެއެވެ.”
ފަހެ ﷲތަޢާލާ އެވަނީ އެއިލާހުގެ ބަސްފުޅުގައި އޭނާގެ ދަރިން ހިމަނާފައެވެ.
وَمَا كَسَبَ ﴿٢﴾
އޭގެމާނައަކީ، އެފަދައިން ދަރިންވެސް އޭނާއަކަށް އެއްވެސްކަމެއް ފުއްދައެއްނުދެއެވެ.
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު މިބަހަށް އިތުރަށް ގަދަކަންދެއެވެ.
((إِنَّ أَطْيَبَ مَا أَكَلْتُمْ مِنْ كَسْبِكُمْ ، وَإِنَّ أَوْلاَدَكُمْ مِنْ كَسْبِكُمْ))[1]
މާނައީ:”ތިޔަބައިމީހުން ކާތަކެތީގެތެރެއިން އެންމެ ހެޔޮވެގެންވާ ކާތަކެއްޗަކީ ތިޔަބައިމީހުން އަމިއްލައަށް ހޯދައިގަންނަ ތަކެތިން ކާތަކެއްޗެވެ. އަދި ތިޔަބައިމީހުންގެ ދަރިންވަނީ ތިޔަބައިމީހުން ހޯދައިގަންނަ ތަކެތީގެތެރެއިންނެވެ.”
އެންމެ ރަނގަޅުވެގެންވާ ގޮތަކީ އާޔަތް އެކަމުގައި ޢާންމުވެގެންވުމެވެ. (އެބަހީ: އާޔަތުގައި އެވާ “އޭނާ ހޯދައިގަތްކަންތަކޭ” އެބުނާ ބުނުމަކީ، އޭނާ ހޯދައިގަންނަ ހުރިހާކަމެއް ޝާމިލުވާ އާންމު މާނައިގައިވުމެވެ.) އާޔަތުގައި އޭނާގެ ދަރިން ޝާމިލުވެގެންވެއެވެ. އަދި އޭނާގެ އަތުގައި އެވަގުތުގައިނެތް، ނަމަވެސް ފަހުން އޭނާ ހޯދައިގަންނާނެހާ މުދަލެއްވެސް ޝާމިލުވެގެންވެއެވެ. އަދި އޭނާ ހޯދައިގަންނަ ޝަރަފްވެރިކަމާއި ޖާހުވެސް މީގެ ތެރޭގައި ޝާމިލުވެގެންވެއެވެ. އޭނާގެ ޝަރަފްވެރިކަމާއި ޢިއްޒަތްތެރިކަން އިތުކޮށްދޭ އެއްވެސްކަމަކީ، ހަމަކަށަވަރުންވެސް އޭނާއަށް އެއްވެސްކަމެއް ފުއްދައި ދޭނޭ އެއްޗެއް ނޫނެވެ.
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾
މާނައީ:”އޭނާގެ މުދަލުންވެސް އަދި އޭނާ ހޯދަގަތް އެއްވެސް އެއްޗަކުން އޭނާއަށް އެއްވެސްކަމެއް ފުއްދައެއްނުދެއެވެ.”
-ނުނިމޭ-
____________________________________
[1] أخرجه الترمذي, كتاب الأحكام, باب ماجاء أن الوالد يأخذ من مال ولده (1358) وقال حديث حسن صحيح