[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة المسد ގެ ތަފްސީރު – 4

سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾

މާނައީ:”ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.”

(سَيَصْلَىٰ) ﷲތަޢާލާގެ މިވަޙީ ބަސްފުޅުގައިމިވާ (ســــــ) ސީނަކީ تنفيسއެވެ. އޭގެން އަންގައިދެނީ އެއީ ޙަޤީޤަތުގައިވެސް ވާނެކަމެއްކަމާއި، ކައިރި މުސްތަޤުބަލެއްގައި ވާނޭ ކަމެއްކަމެވެ. އޭގެމާނައަކީ: ހަމަކަށަވަރުން ﷲތަޢާލާ އޭނާއަށް ވަޢުދުކުރައްވަނީ ކައިރިވެގެންވާ މުސްތަޤުބަލެއްގައި ހުޅުގަނޑުގެވެރި ނަރަކައަށް އޭނާ އެއްލާލެވޭނެކަމެވެ. އެހެނީ ދުނިޔޭގެ ދިރިތިބުން ކިތަންމެ ދިގުވިކަމުގައިވިޔަސް އާޚިރަތްވަނީ ވަރަށް ކައިރީގައެވެ. ބަރުޒަޚުގައިވާމީހުން، އެމީހުން (ދުނިޔޭގައި) އެތައްއަހަރުތަކެއް ފާއިތުވެގެންދިޔަނަމަވެސް އެމީހުންނަށް އެއަހަރުތައް ހީވެގެންދަނީ ކުޑަހިދުކޮޅެއްހެންނެވެ.

﴿كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ﴾[ الأحقاف ٣٥]

މާނައީ: “އެއުރެންނަށް ވަޢުދުކުރައްވާ ކަންތައް (އެބަހީ: ކަށްވަޅުގެ ޢަޛާބު) އެއުރެން ދެކޭދުވަހުގައި އެމީހުން ކޮންފަދައެއް ހެއްޔެވެ. އެމީހުންނަށް ހީވާނީ ދުވާލެއްގެ ހިނދުކޮޅެއްކަމުގައި މެނުވީ އެމީހުން ދުނިޔޭގައި ލަސްވެނުތިބޭކަމެވެ. (މިއީ ސާފުގޮތުގައި) އިއްވަވާ އިއްވެވުމެކެވެ. ފަހެ، ފާސިޤުވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ.”

އަދި ދުވާލެއްގެ ކުޑަހިނދުކޮޅެއްގެ ގޮތުގައި ޢަދަދުކުރެވޭ އެއްޗަކީ ހަމަކަށަވަރުންވެސް ނުހަނު ގާތުގައިވާނޭ އެއްޗެކެވެ.

﴿وَامْرَأَتُهُ حَمَّالَةَ الْحَطَبِ﴾ [٤]

މާނައީ: “އަދި ދަރު އުފުލަމުން ހިނގާ އޭނާގެ އަނބިމީހާވެސްމެއެވެ.”

އެބަހީ، އޭނާގެ އަނބިމީހާވެސް ވަނީ އޭނާފަދައިން އޭނާއާއި އެއްކޮށެވެ. އެއަންހެނާއަކީ ޤުރައިޝުންގެ އެންމެ ޝަރަފްވެރި މީހުންގެ ތެރެއިން ހިމެނޭ އަންހެނެކެވެ. އެހެންނަމަވެސް ޢަދާވާތްތެރިވުމުގައި އަދި ފާފާވެރިވުމުގައި އޭނާއާ ބައިވެރިވެ، ކާފަރުކަންމަތީވުމުން އޭނާގެ ޝަރަފުވެރިކަމެއް އޭނާއަކަށް އެއްވެސްކަމެއް ފުއްދައެއްނުދެއެވެ.

އެއިލާހުގެ ވަޙީބަސްފުޅުގައިވާ حَمَّالَةَ الْحَطَبِ މިތަން އަބަފިލިޖަހައިގެވެސް (حَمَّالَةَ) އަދި އުބުފިލި ޖަހައިގެންވެސް (حَمَّالَةُ) ކިޔެވިދާނެއެވެ.

ފަހެ އަބަފިލިޖަހައިގެން (حَمَّالَةَ) ކިޔވައިފިނަމަ އެކަލިމަ ވާހުށީ (امْرَأَة) މިކަލިމައިގެ حالއަށެވެ. އޭގެ މާނައަކީ ދަރު އުފުލުމުގައިވާ، އޭނާގެ އަންހެނުންވެސް (ހުޅުގަނޑުގެވެރި ނަރަކައަށް އެއްލާލެވޭނެއެވެ.)

ނުވަތަ އަބަފިލި ޖަހައިގެން ކިޔައިފިނަމަ ދޭހަވާ މާނައަކީ (الذم)އެއްޗެހިކިޔުމުގެ މާނައެވެ. އެހެނީ އޭގެ (منعوت) ވަކިވެފައި އަބަފިލިޖެހިފައިވުން الذم ގައި ހުއްދަ نعت(ސިފަ)އަކަށް ވާތީއެވެ. އެބަހީ ދަރު އުފުލާ އަންހެނާ، މިހެން އާޔަތުގައި އައިސްފައިވަނީ އެއަންހެންމީހާއަށް އެއްޗެހި ކިޔުމުގެ މާނައިގައެވެ.

އަދި އުބުފިލި ޖަހައިގެން ކިޔައިފިނަމަ އެކަލިމަވާހުށީ امْرَأَةٌ (އަންހެނާ) ގެ ޞިފައަކަށެވެ. حَمَّالَة(އުފުލާމީހާ) މިކަލިމައަކީ مبالغةގެ ޞީޣާގައި (ކަމެއް ގިނަކުރުމުގެ ޞީޣާގައި) އައިސްފައިވާ ކަލިމައެކެވެ. އެބަހީ އެއަންހެނާ ވަރަށްގިނައިން (ދަރު) އުފުލައެވެ. އަދި ޛިކުރުކުރެވިފައިވާ ގޮތުގައި، އެއަންހެނާ ކަށިފަޅާފައި ހުންނަ ދަރު އުފުލައިގެން ގޮސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިންގަވާ މަގުގައި އެކަލޭގެފާނަށް ދުއްތުރާ ކުރުމަށްޓަކައި ބަހައްޓައެވެ.

(ނޯޓު: މިތަނުގައި ބަޔާންވެގެންދިޔަ السين التنفيس، حال، نعت، منعوت، صيغة المبالغةމިއީ ޢަރަބި ބަހުގެ ޢިލްމުގައި ޚާއްޞަ ޤަވާޢިދުތަކަކާއި އިސްޠިލާހުތަކެއްވާ ލަފްޒުތަކެކެވެ. އޭގެ އިތުރު ތަފްޞީލު ބެއްލެވުމަށްޓަކައި ޢަރަބި ބަހުގެ ޢިލްމުގެ ފޮތްތަކަށް ރުޖޫޢަވާށެވެ.)

﴿فِي جِيدِهَا حَبْلٌ مِّن مَّسَدٍ﴾ [٥]  

މާނައީ: “އިލާއިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.”

الجِيدއަކީ ކަނދުރާއެވެ. الحبل(ވައު) އެއީ އެންމެން ދަންނަ އެއްޗެކެވެ. المسَد އަކީ އިލާއެވެ. (ރުކުގެ ބައެކެވެ).

އޭގެމާނައަކީ އެއަންހެނާ އިލާއިން އަނބުރާފައިވާ ވާގަނޑެއް، އޭނާގެކަރުގައި އައްސައިގެން ޞަޙަރާގެތެރެއަށްނުކުމެ، އޭގައި ދަރުބޮނޑިއެއް އައްސައި، އޭތި ހިފައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހިންގަވާ މަގުގައި ގެނެސް ބާއްވައެވެ. (نعوذ بالله من ذالك)މިއީ އޭނާގެ ޙަސަދަވެރިކަމާއި އޭނާގެ ނަފްސަށް އޭނާ އިހުމާލުވެފައިވާވުމަށް ކުރެވިފައިވާ އިޝާރާތެކެވެ. އެއަންހެނާއަކީ ޤުރައިޝުންގެ އެންމެ ބޮޑެތި ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްގެ އަންހެނެކެވެ. އެހެން ނަމަވެސް އެއަންހެނާގެ ކަރުގައި އިލާއިން އަނބުރާފައިވާ ވާގަނޑެއް އައްސައިގެން ޞަޙަރާ ތެރެއަށް ނުކުމެ އެހާ ދަށުފަންތީގެ ޢަމަލެއްކުރަނީ، މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އުނދަގޫކޮށް ދުއްތުރާކުރުމަށްޓަކައެވެ.

ﷲތަޢާލާ މިކަންފަސޭހަކޮށްދެއްވި މިންވަރަށް މިސޫރަތުގެ ތަފްސީރުކޮށް މިހިސާބުން ނިމުނީއެވެ.

 

سورة المسد ގެ ތަފްސީރު