[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (37)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދެވަނަ ކަންތަކާމެދު ދަންނައެވެ. އެއީ ޒަވާޖީ ޙަޔާތުގައި ޖެހޭ މައްސަލަތައް ގެއިން ބޭރަށް ގެންދިއުމެވެ. ފަހެ، ގިނަ ފަހަރަށް އެކަމުގެ ސަބަބުން މައްސަލަތައް އިތުރުވެއެވެ. ޒަވާޖީ ޙަޔާތުގެ މައްސަލަތަކުގައި (އެކަމާ ނުބެހޭ) ބޭރު މީހުން ޝާމިލުކުރުމުން، ގިނަ ފަހަރަށް މައްސަލަތައް އިތުރަށް ގޯސްވެއެވެ. އަދި ދެމީހުންގެ ގާތް މީހުންގެ ތެރެއިން ދެމީހެއް މެދުވެރިކޮށް ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރާ ހިސާބަށް ދެއެވެ. ފަހެ، ސީދާ ދެމީހުންގެ މެދުގައި މައްސަލަ ޙައްލުކުރުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި މެނުވީ މިފަދައިން ޢަމަލެއް ނުކުރާނެއެވެ. އެހިސާބަށް ކަންތައް ހިނގައްޖެނަމަ، އަންނަނިވި އާޔަތުގައި ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ގޮތަށް ޢަމަލުކުރާނީއެވެ.

﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّـهُ بَيْنَهُمَا…﴾ [سورة النساء ٣٥]

މާނައީ: “އެދެމީހުންގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ. ޞުލްޙަކުރުމަށް އެދެމީހުން އެދޭނަމަ، ﷲ، އެ ދެމީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ…”

ތިންވަނަ ކަމަކީ: ގެއަށް ނުވަތަ ގޭގެ ފަރުދަކަށް ގެއްލުން ދިނުމެވެ. – އެއީ އެބައިމީހުގެ ސިއްރުތައް ފާޅުކޮށް ފަތުރައިގެންނެވެ. – މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ މިކަން ރަސޫލުﷲ صلى الله عليه وسلم ގެ އަންނަނިވި ބަސްފުޅުގެ ތެރެއަށް ވަދެއެވެ.

«لَا ضَرَرَ وَلَا ضِرَارَ» [رواه الإمام أحمد وهو في السلسلة الصحيحة رقم ٢٥٠]

މާނައީ: “ގެއްލުން ލިބުމެއްވެސް އަދި (ޙައްޤަކާ ނުލާ) ގެއްލުން ދިނުމެއްވެސް ނުވެއެވެ.”

ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގެ ތަފްސީރުގައި މިކަމުގެ މިޘާލެއް ވެއެވެ.

﴿ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا…﴾ [سورة التحريم ١٠]

މާނައީ: “ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރުވިމީހުންނަށް ﷲ މިޘާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންއިލާހުގެ ޞާލިޙު އަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނާތްތެރިވިއެވެ…”

އިބްނު ކަޘީރު رحمه الله މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.

“ނޫޙުގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނުގެ ސިއްރުތައް ހޯދައެވެ. ފަހެ، މީހަކު އެކަލޭގެފާނަށް އީމާންވުމުން އެކަލޭގެފާނުގެ ޤައުމުގެ ބޮޑުންނަށް އެކަމުގެ ޚަބަރުދެއެވެ. ލޫޠުގެފާނުގެ އަނބިކަނބަލުން ދަންނައެވެ. އެކަލޭގެފާނު މެހެމާނެއްގެ ގޮތުގައި މީހަކު ގެނައުމުން، ނުބައި ޢަމަލުތައް ކުރަމުންދިޔަ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެކަމުގެ ޚަބަރުދެއެވެ.”  [تفسير ابن كثير ٨/۱٩٨]

އެއީ އެމީހެއްގެ ގާތަށް އައިސް ފާޙިޝް ޢަމަލުތައް ކުރުމަށްޓަކައެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް