[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ހަތަރުވަނަ މަޖްލިސް

ރަމަޟާންމަހުގެ ރޭއަޅުކަމުގެ ޙުކުމްތަކުގެ ތެރެއިން

 

ޙަމްދުހުރީ ﷲއަށެވެ. އެއިލާހީ އެއިލާހުގެ ފަޟްލުވަންތަވެރިކަމުން، (ޙައްޤުގެ މަގުގައި) ފައިތިލަ ޘާބިޔުކޮށްގެންތިއްބެވި ބޭކަލުންނަށް އެހީތެރިވެ ވޮޑިގެންނެވި އިލާހެވެ. އަދި އެއިލާހުގެ ރަޙްމަތްފުޅުން، ހަލާކުގައިތިބި ނަފްސުތައް ސަލާމަތް ކުރެއްވިއެވެ. އަދި އެއިލާހު އިރާދަކުރެއްވި އަޅަކަށް ހެޔޮ ޢަމަލުކުރުމަށް ފަސޭހަކޮށްދެއްވައެވެ. ދެން ފަހެ އޭނަ އާޚިރަތަށް ޝައުޤުވެރިވެއެވެ. އަދި ލައްޛަތް ލިބެނިވި ކަންތައްތަކާއި އުނދަގޫ ކަންތައްތަކުގެ މައްޗަށް ޙަމްދުކުރަމެވެ.

އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވާކަމަށާއި، އެއިލާހުއާއެކު އެއްވެސް ޝަރީކަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހީ ބާރުވެތިވެވޮޑިގެންވާ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. ކޮންމެ ނަފްސެއްވެސްވަނީ އެއިލާހުގެ ޙަޟުރަތުގައި ނިކަމެތިވެ އެއިލާހަށް ބޭނުންޖެހިފައެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ރައްބުގެ އަމުރުފުޅައިގެން ސިއްރާއި ފާޅުގައި ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ އެކުވެރިޔާ، އަބޫ ބަކުރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. – އެކަލޭގެފާނަކީ،ދޮގުވެރި ފިރުޤާ (ޝީޢީން)، އެކަލޭގެފާނަށް އެއްޗެތި ގޮވާ ބޭކަލެވެ.- އަދި ޢުމަރުގެފާނު މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ނަފްސު އެކަލޭގެފާނަށް ކިޔަމަންތެރިވެފައިވާ އެއްޗެއްކަމުގައި ވިއެވެ. އަދި ޢުޘްމާންގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ،ގިނަގުނަވެގެންވީ މުދާތައް ﷲގެ މަގުގައި ހޭދަކުރެއްވި ކަލޭގެފާނެވެ. އަދި ޢަލީގެފާނުގެ މައްޗަށް ޞަލާވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ، ބައިބޯ ޖަމާޢަތްތަކުގައި ބަޠަލުންތައް ވަކި ކުރައްވާ ކަލޭގެފާނެވެ. އަދި އެހެން ހުރިހާ ޞަޙާބީންނާއި ތާބިޢީންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އިޙްސާންތެރިކަމާއެކު (ޙައްޤުގެ މަގުގައި) ފައިތިލަ ޘާބިތުކޮށް،އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް އެންމެ ފުރިހަމަ ސަލާމުން ސަލާމްލެއްވުމަށް އެދި ދުޢާކުރަމެވެ.

އަޚުންނޭވެ! ހަމަކަށަވަރުން ﷲތަޢާލާ އެއިލާހުގެ އަޅުތަކުންނަށް އަޅުކަންތައްތަކެއް ޝަރުޢުކުރެއްވިއެވެ. އަދި އެ އަޅުކަންތައް އެބައިމީހުންނަށް އެކި ބައިބަޔަށް ލެއްވިއެވެ. އެއީ އެއިން ކޮންމެ ބަޔަކުންވެސް ޘަވާބާއި ދަރުމަ ލިބިގަތުމަށްޓަކައެވެ. އަދި (އެފަދައިން އަޅުކަންތައްތައް އެކިބައިބަޔަށް ލެއްވީ) އެއްބާވަތެއްގެ އަޅުކަމުން ފޫހިވެ ޢަމަލުކުރުން ހުއްޓާލާ، ހިތާމަވެރިންގެ ތެރެއިންވެ، ގެއްލެނިވެދާނެތީއެވެ. އެގޮތުން އަޅުކަންތައްތަކުގެ ތެރެއިން ފަރުޟު އަޅުކަންތައްތައް ލެއްވިއެވެ. އެއަޅުކަންތަކަށް އުނިކަމެއް ގެނައުމާއި، ފަރުވާކުޑަކުރުން ހުއްދަވެގެން ނުވެއެވެ. އަދި އަޅުކަންތައްތަކުގެ ތެރޭގައި ސުންނަތް އަޅުކަންތައް ވެއެވެ. އެއީ އެއަޅުކަންތަކުން އަޅާ، ﷲއާ ކުއްތަންވުން އިތުރުކުރުމަށްޓަކައެވެ. އަދި (އަޅުކަން) ފުރިހަމަ ކުރުމަށްޓަކައެވެ.

ފަހެ އެއަޅުކަންތައްތަކުގެ ތެރެއިން، ރެއަކާއި ދުވާލު ފަސް ނަމާދު، ﷲތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ވާޖިބުކުރެއްވިއެވެ. ކުރުމުގައި ފަސް ނަމާދެވެ. އަދި މީޒަނުގައި ފަންސާސް ނަމާދެވެ. (އެބަހީ: ފަސް ނަމާދު ފަރުޟުކުރެވިފައިވަނީ، ފަންސާސް ނަމާދުގެ ދަރުމައާއި ޘަވާބު ލިބޭގޮތަށެވެ.) އަދި ﷲ ތަޢާލާ، އެނަމާދުތަކުގެ ތެރެއަށް ސުންނަތް ނަމާދުތައް އިތުރުކޮށްދެއްވިއެވެ. އެއީ އެސުންނަތް ނަމާދުތަކުން ފަރުޟު ނަމާދުތައް އިތުރަށް ފުރިހަމަކުރުމަށްޓަކައެވެ. އަދި އެ ސުންނަތް ނަމާދުތަކުން ﷲއާ އިތުރަށް ކުއްތަންވުމަށްޓަކައެވެ.

ފަހެ މިސުންނަތް ނަމާދުތަކުގެ ތެރޭގައި، ފަރުޟު ނަމާދުތަކާ ގުޅިފައިވާ ރަވާތިބު ސުންނަތްތައް ހިމެނެއެވެ. އެއީ، ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތާއި، އަދި މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި، މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި އަދި މަޣްރިބް ނަމާދުގެ ފަހުން ދެރަކުޢަތާއި އަދި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތެވެ.

އަދި ސުންނަތް ނަމާދުތަކުގެ ތެރޭގައި ދަމުނަމާދު ހިމެނެއެވެ. އެއަޅުކަމަކީ،  އެ އަޅުކަމެއްގެމަތީ ޤާއިމުވެ ތިބޭބަޔަކަށް ﷲތަޢާލާ އެއިލާހުގެ ފޮތުގައި މަދަޙައިގެ ބަސްފުޅުތައް ވަޙީކުރައްވާފައިވާ އަޅުކަމެވެ. އެއިލާހު ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا﴾ [الفرقان: ٦٤]

މާނައީ: “އަދި އެއުރެންނީ (ރަޙުމާނުވަންތަ އިލާހުގެ އަޅުންނީ) އެއުރެންގެ ވެރި ރައްބަށް ސަޖިދަކޮށް ޤިޔާމްކުރުމުގައި ރޭގަނޑު ހޭދަކުރާމީހުންނެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ [السجدة: 17-١٦]

މާނައީ: “އެއުރެންގެ އަރިކަށިތައް ތަންމަތިތަކާ ދުރުވެއެވެ. (އެބަހީ: ރޭއަޅުކަމަށް ނިންޖާއި އަރާމު ތަންމަތިތައް ދޫކޮށްލަތެވެ.) އެއުރެންގެ ވެރިރައްބަށް، އެރައްބުގެ ޢަޛާބަށް ބިރުވެތިވާހާލު އަދި އެރައްބުގެ ރަޙްމަތަށް އުންމީދުކުރާ ޙާލު ދުޢާކުރެތެވެ. އަދި ތިމަން އިލާހު އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ.  ފަހެ އެއުރެންނަށްޓަކައި ފޮރުވިފައިވާ، ލޮލަށް ފިނިކަންދެނިވި ނިޢުމަތްތަކެއް ހަމަ އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ. އެއީ އެއުރެން ދުނިޔޭގައި ކޮށްއުޅުނު ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުތެއްވިއެވެ.

((أَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ الصَّلَاةُ اللَّيْلِ))([1]) [رواه مسلم] 

މާނައީ: “ފަރުޟު ނަމާދަށްފަހު އެންމެ މާތް ނަމާދަކީ ރޭގަނޑުގެ ނަމާދެވެ. (އެބަހީ: ދަމުނަމާދެވެ.)”

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

((يَا أَيُّهَا النَّاسُ ، أَفْشُوا السَّلاَمَ ، وَأَطْعِمُوا الطَّعَامَ ، وصِلُوا الأَرْحَامَ ، وَصَلُّوا وَالنَّاسُ نِيَامٌ تَدْخُلُونَ الجَنَّةَ بِسَلاَمٍ))([2])[رواه الترمذي وقال : حسن صحيح وصححه الحاكم، [ورواه ابن ماجه واللفظ له]].

މާނައީ: “އޭމީސްތަކުންނޭވެ! ސަލާމް ފަތުރާ ޢާންމުކުރާށެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް ކާންދޭށެވެ. އަދި ރަޙިމުގެ ގުޅުންތައް ގުޅުވާށެވެ. އަދި މީސްތަކުން ނިދާފައިތިބޭހާލު ރޭގަނޑު ނަމާދުކުރާށެވެ. އޭރުން ސަލާމަތްކަމާއެއްކޮށް ތިޔަބައިމީހުން ސުވަރުގެ ވަންނާނެއެވެ.”

އަދި ދަމުނަމާދުގެ ތެރޭގައި ވިތުރި ހިމެނެއެވެ. ވިތުރީގެ މަދުމިނަކީ އެއް ރަކުޢަތެވެ. އަދި ގިނަމިނަކީއެގާރަ ރަކުޢަތެވެ. ވިތުރީގެ ގޮތުގައި އެންމެ ރަކުޢަތެއްވެސް ކުރެވިދާނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގައި ވާފަދައިންނެވެ.

((مَنْ أَحَبَّ أَنْ يُوتِرَ بِوَاحِدَةٍ فَلْيَفْعَلْ))([3])[رواه أبو داود والنسائي] 

މާނައީ: “އެއްރަކުޢަތުން ވިތުރިކުރަން ބޭނުން މީހަކު ފަހެ އެއްރަކުޢަތުން ވިތުރި ކުރާށެވެ.”

އަދި ވިތުރި ތިން ރަކުޢަތުންވެސް ކުރެވިދާނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގައި ވާފަދައިންނެވެ.

((مَنْ أَحَبَّ أَنْ يُوتِرَ بِثَلاَثٍ فَلْيَفْعَلْ.)) ([4])[رواه أبو داود والنسائي] 

މާނައީ: “ތިންރަކުޢަތުން ވިތުރިކުރަން ބޭނުން މީހަކު ފަހެ ތިންރަކުޢަތުން ވިތުރި ކުރާށެވެ.”

ފަހެ އެންމެ ސަލާމަކުން ވިތުރި ކުރަންބޭނުންނަމަ، އެފަދައިން އެއް ސަލާމުން ވިތުރި ކުރެވިދާނެއެވެ. (އިމާމު)ޠަޙާވީ ރިވާކުރައްވާފައިވާ ފަދައިންނެވެ.

“ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ތިން ރަކުޢަތުން ވިތުރި ކުރެއްވިއެވެ. އެންމެ ފަހުރަކުޢަތުގައި މެނުވީ ސަލާމެއްނުދެއްވައެވެ.”[5]

އަދި ދެރަކުޢަތްކޮށް ސަލާމްދީފައި، ތިންވަނަ ރަކުޢަތް ކުރަންބޭނުންނަމަ، އެފަދައިންވެސް ވިތުރި ކުރެވިދާނެއެވެ. އިމާމް ބުޚާރީ ޢަބްދުﷲ ބުން ޢުމަރު رضي الله عنهماގެއަރިހުން ރިވާކުރައްވާފައިވާ ފަދައިންނެވެ.

“ހަމަކަށަވަރުން އެކަލޭގެފާނު ވިތުރީގެ ދެރަކުޢަތާއި (ވަކިން ކުރައްވާ)އެއްރަކުޢަތުގެ ދެމެދުގައި ސަލާމްދެއްވާކަމުގައި ވެއެވެ. އަދި އެދެމެދުގައި ކަމެއްމެދުވެރިވެއްޖެނަމަ އެކަމެއްކޮށްދެއްވުމަށް އަމުރުކުރައްވާ ކަމުގައިވެއެވެ.”

އަދި ފަސް ރަކުޢަތުން އެއްކޮށްވެސް ވިތުރި ކުރެވިދާނެއެވެ. އެއީ އެންމެ ފަހު ރަކުޢަތުގައި ފިޔަވާ އެހެން ރަކުޢަތްތަކުގައި (އައްތަޙިއްޔާތުގައި) ނުއިށީނދެ ސަލާމްވެސް ނުދީއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގައި ވާފަދައިންނެވެ.

((مَنْ أَحَبَّ أَنْ يُوتِرَ بِخَمْسٍ فَلْيَفْعَلْ))([6])[رواه أبو داود والنسائي] 

މާނައީ: “ފަސް ރަކުޢަތުން ވިތުރިކުރަން ބޭނުން މީހަކު ފަހެ ފަސް ރަކުޢަތުން ވިތުރި ކުރާށެވެ.”

އަދި ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

((كَانَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يصلي مِنْ اللَّيْلِ ثَلَاثَ عَشْرَةَ رَكْعَةً يُوتِرُ مِنْ ذَلِكَ بِخَمْسٍ لَا يَجْلِسُ فِي شَيْءٍ مِنْهُنَّ إِلَّا فِي آخِرِهِنَّ ))([7]) [متفق عليه] 

މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޭގަނޑުގައި ތޭރަ ރަކުޢަތް ކުރައްވާކަމުގައި ވެއެވެ. އޭގެ ތެރެއިން ފަސް ރަކުޢަތުގައި ވިތުރި ކުރައްވައެވެ. އެންމެ ފަހު ރަކުޢަތުގައި މެނުވީ އައްތަޙިއްޔާތަށް އިށީނދެވަޑައި ނުގަންނަވައެވެ.”

އަދި ފަސް ރަކުޢަތުން އެއްކޮށް ވިތުރިކުރާ ފަދައިން ހަތް ރަކުޢަތުންވެސް ވިތުރި ކުރެވިދާނެއެވެ. އުއްމު ސަލަމާ رضي الله عنهاގެ ބަސްފުޅުގައިވާފަދައިންނެވެ.

((كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُوتِرُ بِخَمْسٍ وَبِسَبْعٍ لَا يَفْصِلُ بَيْنَهُنَّ بِسَلَامٍ وَلَا كَلَامٍ))([8]) [رواه أحمد والنسائي وابن ماجه]

މާނައީ:”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަސް ރަކުޢަތުންނާއި ހަތް ރަކުޢަތުން ވިތުރި ކުރައްވާކަމުގައި ވިއެވެ. އަދި އެ ރަކުޢަތްތަކުގެ މެދުގައި ސަލާމްދެއްވުމަކުން އަދި ވާހަކަފުޅު ދެއްކުމަކުން ވަތްކެއް ނުކުރައްވައެވެ.”

އަދި ނުވަ ރަކުޢަތުންވެސް ވިތުރި ކުރެވިދާނެއެވެ. (މިގޮތަށް ކުރާއިރު) އަށްވަނަ ރަކުއަތުގައި މެނުވީ އައްތަޙިއްޔާތަށް ނުއިށީންނާށެވެ. ފަހެ އަށްވަނަ ރަކުޢަތުގައި އައްތަޙިއްޔާތު ކިޔާ ދުޢާކުރުމަށް ފަހުގައި (ނުވަވަނަ ރަކުޢަތަށް) ތެދުވާށެވެ. ނުވަވަނަ ރަކުޢަތްކޮށް، އައްތަޙިއްޔާތުކިޔާ ދުޢާކިޔުމަށްފަހުގައި ސަލާމްދޭނީއެވެ. އެއީ ޢާއިޝާ رضي الله عنهاގެ އަރިހުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވިތުރިއާ ބެހޭގޮތުން ރިވާވެފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. އެކަމަނާ ވިދާޅުވިއެވެ.

((كانَ يصلِّي تِسْعَ رَكَعَاتٍ لا يَجْلِسُ فِيهَا إلَّا في الثَّامِنَةِ، فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدُعُوهُ ثُمَّ يَنْهَضُ ولا يُسَلَّمُ، ثُمَّ يَقُومُ فَيُصَلِّي التَّاسِعَةَ ثُمَّ يَقُعُدُ فَيَذْكُرُ اللهَ وَيَحْمَدُهُ ويَدْعُوهُ ثُمّ يُسَلِّمُ تَسْلِيْمًا يُسْمِعُنَا)) ([9]) [رواه أحمد ومسلم] .

މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުވަރަކުޢަތް ކުރައްވާކަމުގައި ވިއެވެ. އަށްވަނަރަކުޢަތުގައި މެނުވީ (އައްތަޙިއްޔާތަށް) އިށީނދެ ވަޑައެއް ނުގަންނަވައެވެ. ފަހެ އެކަލޭގެފާނު (އަށްވަނަ ރަކުޢަތުގެ އައްތަޙިއްޔާތުގައި) ﷲގެ ޛިކުރުކޮށް، އެއިލާހަށް ޙަމްދުކޮށް، އެއިލާހުގެ ޙަޟްރަތަށް ދުޢާ ދެންނެވުމަށްފަހު ސަލާމް ނުދެއްވާ، ނުވަވަނަ ރަކުޢަތަށް ތެދުވެވަޑައިގަންނަވައެވެ. ދެން އެއަށްފަހު ނުވަވަނަ ރަކުޢަތްކުރެއްވުމަށްފަހު (އައްތަޙިއްޔާތަށް) އިށީނދެ ވަޑައިގަންނަވައެވެ. ދެންފަހެ (އައްތަޙިއްޔާތުގައި) ﷲގެ ޛިކުރުކޮށް، އެއިލާހަށް ޙަމްދުކޮށް، އެއިލާހުގެ ޙަޟްރަތަށް ދުޢާދެންނެވުމަށްފަހު ސަލާމްދެއްވައެވެ. ސަލާމުގެ އަޑު ތިމަންކަމަނާމެންނަށް އިވެއެވެ.”

އަދި އެގާރަ ރަކުޢަތްވެސް ކުރެވިދާނެއެވެ. ކޮންމެ ދެރަކުޢަތެއްގެ ދެމެދުގައި ސަލާމްދީފައި އެއްރަކުޢަތުން ވިތުރި ކުރަން ބޭނުންވާމީހާ އެފަދައިން ކުރާށެވެ. ޢާއިޝާ رضي الله عنهاގެ ޙަދީޘްގައިވާ ފަދައިންނެވެ. އެކަމަނާ ވިދާޅުވިއެވެ.

((كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مَا بَيْنَ أَنْ يَفْرَغَ مِنْ صَلَاةِ الْعِشَاءِ إِلَى الْفَجْرِ إِحْدَى عَشْرَةَ رَكْعَةً، يُسَلِّمُ فِي كُلِّ ثِنْتَيْنِ، وَيُوتِرُ بِوَاحِدَةٍ )) ([10]) [رواه الجماعة إلا الترمذي] .

މާނައީ: “ޢިޝާ ނަމާދާއި ފަތިސް ނަމާދުގެ ދެމެދުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގާރަ ރަކުޢަތް ކުރައްވާ ކަމުގައިވިއެވެ. ކޮންމެ ދެ ރަކުޢަތެއްގެ ދެމެދުގައި ސަލާމް ދެއްވައެވެ. އަދި އެއްރަކުޢަތުން ވިތުރި ކުރައްވައެވެ.”

އަދި ހަތަރު ރަކުޢަތްކޮށް، އެއަށްފަހުގައިވެސް ހަތަރު ރަކުޢަތްކޮށް، ދެން އެއަށްފަހުގައި ތިން ރަކުޢަތް ކުރަންބޭނުންނަމަ އެފަދައިން ކުރާށެވެ. ޢާއިޝާ رضي الله عنهاގެ ޙަދީޘްގައިވާ ފަދައިންނެވެ. އެކަމަނާ ވިދާޅުވިއެވެ.

“كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّى أَرْبَعًا فَلاَ تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ثُمَّ يُصَلِّى أَرْبَعًا فَلاَ تَسْأَلْ عَنْ حُسْنِهِنَّ وَطُولِهِنَّ ثُمَّ يُصَلِّى ثَلاَثًا “ ([11]) [متفق عليه] 

މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުގައި ހަތަރު ރަކުޢަތް ކުރައްވާ ކަމުގައިވިއެވެ. އެރަކުޢަތްތަކުގެ ރިވެތިކަމާއި ދިގުކަމާމެދު ސުވާލުނުރާށެވެ. ދެން އެއަށްފަހުގައިވެސް ހަތަރު ރަކުޢަތް ކުރައްވައެވެ. އެރަކުޢަތްތަކުގެ ރިވެތިކަމާއި ދިގުކަމާމެދު ސުވާލުނުރާށެވެ. ދެން އެއަށްފަހުގައި ތިންރަކުޢަތް ކުރައްވައެވެ.”[12]

އެކަނި ނަމާދު ކުރާނަމަ ނުވަތަ މަދު ޢަދަދެއްގެ ޖަމާޢަތެއްގައި ނަމާދު ކުރާއިރު އެމީހުން އެގޮތް އިޚްތިޔާރު ކޮށްފިނަމަ، ފަސްރަކުޢަތުން އަދި ހަތްރަކުޢަތުން އަދި ނުވަރަކުޢަތުން އެއްކޮށް ކުރެވިދާނެއެވެ. އަދި ޢާންމު މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނަމަ އައުލާވެގެންވަނީ ދެރަކުޢަތުން ދެރަކުޢަތުން ސަލާމްދީގެން ކުރުމެވެ. އެއީ މީސްތަކުންނަށް ބުރަ ނުކުރުމަށްޓަކައެވެ. އެހެނީ އެގޮތް އެއީ މީސްތަކުންނަށް އެންމެ ފަސޭހަވެގެންވާނެ ގޮތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((أَيُّكُمْ أَمَّ النَّاسَ فَلْيُوجِزْ فَإِنَّ مِنْ وَرَائِهِ الْكَبِيرَ وَالضَّعِيفَ وَذَا الْحَاجَةِ))[13]

މާނައީ:”ތިޔަބައިމީހުންކުރެ މީހަކު މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރާއިރު ލުއިކުރާށެވެ. ފަހެ އެހެނީ ހަމަކަށަވަރުން އިމާމާގެ ފަހަތުގައި މުސްކުޅިންނާއި ބަލިކަށިމީހުންނާއި ޙާޖަތްތަކުގެ އަހުލުވެރިންވެއެވެ.”

އަދި އެހެން ލަފްޒެއްގައި ވެއެވެ.

(( فَإِذَا صَلَّى وَحْدَهُ فَلْيُصَلِّ كَيْفَ شَاءَ ))[14]

މާނައީ: “ފަހެ ތިޔަބައިމީހުންކުރެ މީހަކު އެކަހެރިކޮށްހުރެ ނަމާދު ކުރާނަމަ ފަހެ އޭނާ ބޭނުންވަރަކަށް ދިގު ކުރާށެވެ.”

އެހެންވެ ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއެއްކޮށް މިފަދައިން ވިތުރި ކުރެއްވިކަމަކަށް ނަޤުލުވެގެން އައިސްފައެއްނެތެވެ. ހަމަކަށަވަރުން އެކަލޭގެފާނު މިފަދައިން ވިތުރި ކުރައްވައިފައިވަނީ، އެކަލޭގެފާނު އަމިއްލަފުޅަށް އެކަހެރިކޮށް ނަމާދު ކުރެއްވިއިރުގައެވެ.

އަދި ރަމަޟާން މަހުގެ ރޭއަޅުކަމަކީ، އެހެން މަސްތަކުގައި ކުރާ ރޭ އަޅުކަމަށްވުރެ މާތްވެ މަތިވެރިވެގެންވާ އަޅުކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގައި ވާފަދައިންނެވެ.

((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ))([15]) [متفق عليه] .  

މާނައީ: “ރަމަޟާންމަހުގެ ރޭއަޅުކަންކުރުމުން ލިބޭ ޘަވާބަށް އީމާންވެ، އަދި އެކަމަށް އެދޭހާލު ރަމަޟާންމަހުގެ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ.”

އީމާންވެއޭ ބުނެވޭ ބަހުގެ މާނައަކީ: ﷲތަޢާލާއަށް ފުރިހަމައަށް އީމާންވެ އަދި އެއިލާހު ރޭއަޅުކަންމަތީ ޤާއިމްވެތިބޭ މީހުންނަށް ދެއްވާނެ ޘަވާބަށް އީމާންވުމެވެ.

ޘަވާބާއި ދަރުމައަށް އެދޭ ހާލުއޭ ބުނެވޭ ބަހުގެ މާނައަކީ: ﷲގެ ޙަޟްރަތުން ޘަވާބަށް އެދޭހާލު، އަދި އެއްވެސް ދެއްކުންތެރިކަމެއްނެތި އަދި އެމީހަކީ ރޭއަޅުކަންކުރާމީހެކޭ މީހުންގެ ދޫތަކުން ބުނުމަށް ނޭދޭހާލު އަދި ޖާހަކަށް އަދި މުދަލަކަށް ނޭދޭހާލު ރޭއަޅުކަން ކުރުމެވެ.

ރަމަޟާންމަހުގެ ފުރަތަމަ ރެއިންފެށިގެން އެންމެ ފަހުރެއާ ހަމައަށް ރަމަޟާންމަހުގެ ރޭ އަޅުކަން ޝާމިލުވެގެންވެއެވެ. އެގޮތުން ތަރާވީޙް ނަމާދަކީ (ރަމަޟާންމަހުގެ) ރޭއަޅުކަންތައްތަކުގެ ތެރެއިންވާ އަޅުކަމެކެވެ. އެހެންކަމުން ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭހާލު އެއަޅުކަމަށް ފަރުވާތެރިވެ އެއަޅުކަންކުރުމަށް ޝައުޤުވެރިވާން ޖެހެއެވެ. އެހެނީ އެއީ ޢަދަދުކުރެވިގެންވާ މަދު ރޭކޮޅެއްކަމުގައި މެނުވީ ނުވެއެވެ. ބުއްދިވެރި މުއުމިނުން އެމަސް ފާއިތުވުމުގެ ކުރިން އެކަމަށް އަވަސްވެގަންނާނެއެވެ.

ތަރާވީޙްނަމާދަށް އެނަމުން ނަންދެވުމާމެދު ދަންނައެވެ! ހަމަކަށަވަރުން މި ނަމާދުގައި މީސްތަކުން ވަރަށް ގިނަވަގުތު ކޮޅަށް ތިބެއެވެ. އެހެންވެ ކޮންމެ ހަތަރު ރަކުޢަތަކުން ކުޑަކޮށް އަރާމުކޮށްލުމަކަށްޓަކައި މަޑުކޮށްލައެވެ. ( استراح އަކީ އަރާމް ކުރުމެވެ. التراويح ނެގިފައިވަނީ استراح މިބަހުންނެވެ. ކޮންމެ ހަތަރު ރަކުޢަތަކުން އަރާމުކޮށްލާތީވެ އެނަމުން ނަންދެވިފައި ވަނީއެވެ.)

އެންމެ ފުރަތަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތްކޮޅުގައި، ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރައްވާކަމުގައި ވިއެވެ. ދެން އެއަށްފަހުގައި އެއަޅުކަން އުންމަތުގެ މައްޗަށް ފުރުޟެއްގެ ގޮތުގައި ވެދާނެކަމަށް ބިރުވެތިވާތީވެ (އެގޮތަށް ޖަމާޢަތުގައި ކުރުން) ދޫކޮށްލެއްވީއެވެ.

އިމާމު ބުޚާރީއާއި އިމާމު މުސްލިމު، ޢާއިޝާ رضي الله عنهاގެއަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭތަކުގެ ތެރެއިން ރެއެއްގައި މިސްކިތުގައި (ތަރާވީޙް) ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ނަމާދުގައި މީސްތަކުންވެސް ބައިވެރިވިއެވެ. (އެބަހީ: އެކަލޭގެފާނާއެކު ޖަމާޢަތުގައި ނަމާދު ކުރެއްވިއެވެ.) ދެން ޖެހިގެން އައިރޭވެސް އެކަލޭގެފާނު ނަމާދުކުރެއްވިއެވެ. މީސްތަކުން އެކަލޭގެފާނާއެއްކޮށް ޖަމާޢަތުގައި ގިނަވަމުންދެއެވެ. ދެން ތިންވަނަ ރޭ ނުވަތަ ހަތަރުވަނަރޭވެސް މީސްތަކުން (އެކަލޭގެފާނާއެއްކޮށް ޖަމާޢަތުގައި ތަރާވީޙް ނަމާދުކުރުމަށްޓަކައި) ޖަމަޢަވިއެވެ. ނަމަވެސް (އެރޭ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސްތަކުންނައިގެން ތަރާވީޙްނަމާދު ކުރެއްވުމަށްޓަކައި ނުކުމެވަޑައެއް ނުގަންނަވައެވެ. ދެންފަހެ، ފަތިސްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ.

((قَدْ رَأَيْتُ الَّذِى صَنَعْتُمْ ، فَلَمْ يَمْنَعْنِى مِن الخُرُوجِ إِلَيكُمْ إِلا انى خَشِيتُ أنْ تُفْرَضَ عَلَيكُمْ))

މާނައީ: “ރޭގައި ތިޔަ ބޭކަލުން ކަންތައް ކުރެއްވިގޮތް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. ތިޔަބައިމީހުންގެ މައްޗަށް (ތަރާވީޙް ނަމާދު) ފަރުޟު ކުރެވިދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅުވަޑައިގަތުން ފިޔަވައި އެހެންކަމެއް،ރޭގައި ތިޔަބައިމީހުންގެ ތެރެއަށް ނުކުމެ ވަޑައިގެން (ނަމަދުކުރެއްވުމަކަށް) މަނާނުކުރެއެވެ.” މިކަން ވެގެންދިޔައީ ރަމަޟާންމަހުގައެވެ.

އަދި އަބޫ ޛައްރު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((صُمْنَا مَعَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمْ يُصَلِّ بِنَا ، حَتَّى بَقِيَ سَبْعٌ مِنَ الشَّهْرِ ، فَقَامَ بِنَا حَتَّى ذَهَبَ ثُلُثُ اللَّيْلِ ، ثُمَّ لَمْ يَقُمْ بِنَا فِي السَّادِسَةِ ، وَقَامَ بِنَا فِي الخَامِسَةِ ، حَتَّى ذَهَبَ شَطْرُ اللَّيْلِ ، فَقُلْنَا لَهُ : يَا رَسُولَ اللهِ ، لَوْ نَفَّلْتَنَا بَقِيَّةَ لَيْلَتِنَا هَذِهِ ؟ فَقَالَ : إِنَّهُ مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ))([16])[رواه أهل السنن بسند صحيح]

މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއިއެކުގައި ތިމަންބޭކަލުން (ރަމަޟާންމަހުގެ) ރޯދަ ހިއްޕެވީމެވެ. އަދި އެކަލޭގެފާނު ތިމަންބޭކަލުންނާއެއްކޮށް ރަމަޟާންމަސް ނިމެން ހަތްދުވަހަށް ވުމުންމެނުވީ ޤިޔާމް (ތަރާވީޙް ނަމާދު) ނުކުރައްވައެވެ. ދެން އެރޭ އެކަލޭގެފާނު ތިމަންބޭކަލުންނާއެއްކޮށް ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ދަންދެން ޤިޔާމް (ތަރާވީޙް ނަމާދު) ކުރެއްވިއެވެ. ދެން އެއަށްފަހު (ރަމަޟާންމަސް ނިމެން) ހަވަނައަށްވީ ރޭ ތިމަންބޭކަލުންނާ އެއްކޮށް އެކަލޭގެފާނު ޤިޔާމް (ތަރާވީޙް ނަމާދު) ނުކުރައްވައެވެ. ދެން އެއަށްފަހުގައި (ރަމަޟާންމަސް ނިމެން) ފަސްވަނައަށްވީ ރޭ، ރޭގަނޑުގެ ދެބައިކުޅަ އެއްބައި ދާންދެން ތިމަންބޭކަލުންނާ އެއްކޮށް އެކަލޭގެފާނު ޤިޔާމް (ތަރާވީޙް ނަމާދު) ކުރެއްވިއެވެ. ދެންފަހެ ތިމަންބޭކަލުން ދެންނެވީމެވެ. “މިރޭގެ ބާކީބައިވެސް ނިމެންދެން ތިމަންބޭކަލުންނާއިގެން ޤިޔާމް (ތަރާވީޙް ނަމާދު) ކުރައްވަންވީ ނޫންތޯއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((إِنَّهُ مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ))([17])[رواه أهل السنن بسند صحيح] .މާނައީ:”އިމާމާ ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި  (ތަރާވީޙުގައި) ބައިވެރިވެއްޖެ މީހަކަށް މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއެވެ.”

ތަރާވީޙުނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި، ވިތުރި ތަރާވީޙާއި އެކުކުރާއިރު، ރަކުޢަތްތަކުގެ ޢަދަދާމެދު ސަލަފުއްޞާލިހުންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެއީ އެކާވީސްރަކުޢަތް ކަމަށްވެސް ބުނެވެއެވެ. އަދި ތިރީސްނުވަ ރަކުޢަތްކަމަށްވެސް ބުނެވެއެވެ. އަދި ނަވާވީސް ރަކުޢަތްކަމަށްވެސް ބުނެވެއެވެ.  އަދި ތޭވީސް ރަކުޢަތްކަމަށްވެސް ބުނެވެއެވެ. އަދި ނަވާރަ ރަކުޢަތްކަމަށްވެސް ބުނެވެއެވެ. އަދި ތޭރަ ރަކުޢަތްކަމަށްވެސް ބުނެވެއެވެ. އަދި އެގާރަ ރަކުޢަތްކަމަށްވެސް ބުނެވެއެވެ. އަދި މިނޫން ގޮތްގޮތަށްވެސް ބުނެވެއެވެ.

މިދެންނެވުނު ޤައުލުތަކުގެ ތެރެއިން އެންމެ ރާޖިޙު ޤައުލަކީ، އެގާރަ ރަކުޢަތްކަމަށް ނުވަތަ ތޭރަ ރަކުޢަތްކަމަށް ބުނާ ޤައުލެވެ.

އަލް އިމާމު ބުޚާރީއާއި އަލް އިމާމު މުސްލިމް، ޢާއިޝާ رضي االه عنهاގެ އަރިހުން ރިވާކުރައްވާފައިވާ ފަދައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަމަޟާންމަހުގެ ރޭއަޅުކަމާބެހޭގޮތުން އެކަމަނާގެ އަރިހުން ސުވާލު ދެންނެވުނެވެ. އެކަމަނާ ވިދާޅުވިއެވެ.

((مَا كَانَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً ))([18]) [متفق عليه] 

މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގައިވެސް އަދި އެނޫން މަހެއްގައިވެސް ރޭއަޅުކަމުގައި އެގާރަ ރަކުޢަތަށްވުރެ އިތުރެއް ނުކުރައްވައެވެ.”

އަދި އިބުނު ޢައްބާސް رضي الله عنهماގެއަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((كَانَتْ صَلَاةُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ثَلَاثَ عَشْرَةَ رَكْعَةً يَعْنِي: بِاللَّيْلِ))([19]) [رواه البخاري] .  މާނައީ:”ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުގައި ތޭރަ ރަކުޢަތް ކުރައްވާކަމުގައި ވެއެވެ.” އެބަހީ: ރޭއަޅުކަމުގައި ތޭރަރަކުޢަތް ކުރައްވާކަމުގައިވެއެވެ.

އަދި مؤطأގައި، ސާއިބު ބުން ޔަޒީދުرضي الله عنهގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((أَمَرَ عُمَرُ بْنُ الْخَطَّابِ أُبَيَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّأَنْ يَقُومَا لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً))([20])މާނައީ:”ޢުމަރު رضي الله عنه އުބައްޔުބުން ކަޢުބަށާއި ތަމީމުއްދާރީއަށް، މީސްތަކުންނާއިގެން (އިމާމުވެ ތަރާވީޙް ކުރައްވާއިރު) އެގާރަ ރަކުޢަތްކުރެއްވުމަށް އަމުރު ކުރެއްވިއެވެ.”

ޞަލަފުއްޞާލިހުން ތަރާވީޙުނަމާދު ކުރައްވާއިރު ވަރަށް ދިގުކޮށް ކުރައްވާކަމުގައިވެއެވެ. ސާއިބު ބުން ޔަޒީދު رضي الله عنهގެ ޙަދީޘްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ -يعني بمئات الآيات- حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ)) މާނައީ: “ޤާރީވެރިން (އިމާމުވެ ނަމާދު ކުރައްވާ އިމާމުން) ސާތޭކައިން ކިޔަވާވިދާޅުވާކަމުގައި ވެއެވެ. –- އެބަހީ ސަތޭކަ އާޔަތުން ކިޔަވާވިދާޅުވާކަމުގައިވެއެވެ.- އެއީ ޤިޔާމުގެ ދިގުކަމުން، ތިމަންބޭކަލުން އަޞާއެއްގެ މައްޗަށް ކޮޅަށް ތިބެއްޖެއުމަށްދާންދެނެވެ.”

މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ހާލަތު މިދެންނި ގޮތާ މުޅިން ތަފާތެވެ. އެބައިމީހުން ތަރާވީޙް ނަމާދު ވަރަށް ހަލުވިކަމާއެއްކޮށް ކޮށް ނިންމާލައެވެ. އެނަމާދުގެ الطمأنينة (މަޑުވެ ހަމަޖެހެލުމުގެ) ވާޖިބުވެސް މިބައިމީހުންގެ ނަމާދުގައި ނުގެނައެވެ. އެއީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެއާ ނުލައި ނަމާދު ޞައްޙަނުވާ ހުށްޓެވެ. އެބައިމީހުން އެރުކުން އެޅުމުގެ ސަބަބުން، ފަހަތުގައި ނަމާދުކުރާ ބަލިކަށިމީހުންނާއި ބަލިމީހުންނާއި މުސްކުޅިން ވަރުބަލިކުރުވައެވެ. އެބައިމީހުންގެ އެ ޢަމަލުގެ ސަބަބުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށާއި އެހެން މީހުންނަށް އެކަމުގެ ގެއްލުން ކުރެއެވެ. މައުމޫމުންނަށް ނަމާދުގެ ސުންނަތްތައް ފުރިހަމަ ނުކުރެވޭހާ ހަލުވިކޮށް އިމާމުން ނަމާދުކުރުން އެއީ، މަކުރޫޙަކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ދެންފަހެ މައުމޫމުންނަށް ނަމާދުގެ ވާޖިބުތައް ފުރިހަމަ ނުކުރެވޭހާ އަވަހަށް އިމާމުން ނަމާދުކުރުން ވާނީ ކޮންފަދައަކުން ހެއްޔެވެ. نسأل الله السلامة.

ފިރިހެނުންނަށް ތަރާވީޙުނަމާދު ދޫކޮށްލުން އެކަށީގެން ނުވެއެވެ. އެއީ އެކަމުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށްޓަކައެވެ. އަދި އިމާމާ ތަރާވީޙްނަމާދު ވިތުރިއާއި އެއްކޮށް ކޮށް ނިމެއްޖައުމަށް ދާންދެން ނަމާދު ދޫކޮށްލާފައި ނުދާށެވެ. އެއީ މުޅިރޭ ޤިޔާމްކުރުމުގެ އަޖުރު ލިބިގަތުމަށްޓަކައެވެ.

އަދި އަންހެނުން ތަރާވީޙުނަމާދަށް މިސްކިތްތަކަށް ޙާޟިރުވުން ހުއްދަވެގެންވެއެވެ. އެއީ އެކަނބަލުންގެ ފަރާތުންނާއި އަދި އެކަނބަލުންނަށް ފިތުނައިން އަމާންކަން ލިބިފައިވާނަމައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައިވާ ފަދައިންނެވެ.

((لَا تَمْنَعُوا إِمَاءَ اللهِ مَسَاجِدَ اللهِ))([21])  [متفق عليه] 

މާނައީ:”ﷲގެ އަންހެން އަޅުތަކުންނަށް، ﷲގެ މިސްކިތްތަކަށް ދިޔުން ތިޔަބައިމީހުން މަނާ ނުކުރާހުށިކަމެވެ.” ހަމަކަށަވަރުން އެކަން ވަނީ ސަލަފުއްޞާލިޙުންގެ ޢަމަލުފުޅުތަކުގެ ތެރެއިންނެވެ.

އެހެންނަމަވެސް ނަމާދަށް އަންނައިރު، ފުރިހަމައަށް ޢައުރަ ނިވާކޮށް ހިޖާބުވެހުރެ، ޒީނަތްތެރިކަމެއް ފާޅުނުވާގޮތަށް، އަތަރާއި ހުވަނދު ބޭނުންނުކޮށް، އަޑުގަދަ ނުކުރާޙާލުވުން ވާޖިބުވެގެންވެއެވެ. ﷲތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

﴿وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا﴾ [النور: ٣١]

މާނައީ: “އަދި އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުވެގެންވާމިންވަރު ފިޔަވައި ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ.”
ޒީނަތްރިކަން ފާޅުވެގެންވާމިންވަރަކީ: ފޮރުވުމަށް ކުޅަދާނަވެގެންނުވާ މިންވަރެވެ. އެއީ ޖިލްބާބާއި ޢަބާޔާ ފަދަ ތަކެއްޗެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނަށް ޢީދު ނަމާދަށް ނުކުތުމަށް އަމުރުކުރެއްވިހިނދު އުއްމު ޢަތިއްޔާ رضي الله عنها ވިދާޅުވިއެވެ.

“އޭﷲގެ ރަސޫލާއެވެ. އަހަރެމެންގެ ތެރެއިން އުޚްތެއްގެ އަތުގައި ޖިލްބާބެއް ނޯވެދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا))([22])[متفق عليه] 

މާނައީ:”އެކަނބުލޭގެ އުޚްތާގެ ޖިލްބާބަކުން އެކަމަނާވެސް ހެދުންއަޅާށެވެ.”

އަދި ފިރިހެނުންގެ ފަހަތުގައި، އެބައިމީހުންނާއި ވީހާވެސް ދުރުގައި، ފިރިހެނުންގެ ސަފުތަކާ ޚިލާފުވާގޮތަށް އެންމެ ފަހަތު ސަފުތަކުން ސަފުހަދަން ފެށުމަކީ، އަންހެނުންނަށް ސުންނަތްވެގެންވާ ގޮތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުގައިވާ ފަދައިންނެވެ.

((خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا وَشَرُّهَا آخِرُهَا وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا وَشَرُّهَا أَوَّلُهَا)) ([23])[رواه مسلم] .

މާނައީ: ” ސަފުތަކުގެ ތެރެއިން ފިރިހެނުންގެ އެންމެ ހެޔޮވެގެންވާ ސަފުތަކަކީ ކުރީ ސަފުތަކެވެ. އަދި އެންމެ ނުބައިވެގެންވާ ސަފުތަކަކީ ފަހަތު ސަފުތަކެވެ. އަދި ސަފުތަކުގެ ތެރެއިން އަންހެނުންގެ އެންމެ ހެޔޮވެގެންވާ ސަފުތަކަކީ ފަހަތު ސަފުތަކެވެ. އަދި އެންމެ ނުބައިވެގެންވާ ސަފުތަކަކީ ކުރީ ސަފުތަކެވެ.”

އަދި އިމާމާ ސަލާމްދިނުމާ އެއްކޮށް އަންހެނުން މިސްކިތުން ނުކުންނަން ވާނެއެވެ. ޢުޛުރަކާ ލައިގެން މެނުވީ އެކަނބަލުން މިސްކިތުން ނުކުތުން ލަސްކޮށްގެން ނުވާނެއެވެ.

އުއްމު ސަލަމާ رضي الله عنهاގެ ޙަދީޘްގައިވާ ފަދައިންނެވެ. އެކަމަނާ ވިދާޅުވިއެވެ.

((إِذَا سَلَّمَ مِنْ صَلاَتِهِ قَامَ النِّسَاءُ حِينَ يَقْضِى تَسْلِيمَهُ ، وَمَكَثَ النَّبِىُّ -صلى الله عليه وسلم- فِى مَكَانِهِ يَسِيرًا. قَالت: نُرَى مُكْثَهُ ذَلِكَ وَاللَّهُ تَعَالَى أَعْلَمُ لِكَى يَنْفُذَ النِّسَاءُ قَبْلَ أَنْ يُدْرِكَهُنَّ مَنِ انْصَرَفَ مِنَ الْقَوْمِ)).[رَوَاهُ الْبُخَارِىُّ]

“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުން އަވަދިވެ ސަލާމްދިނުމާއި އެއްކޮށްއަންހެންކަނބަލުން ތެދުވާކަމުގައިވިއެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކޮޅަށް ތެދުވެ ވަޑައިގަތުމުގެ ކުރިން އެކަލޭގެފާނު ނަމާދުކުރައްވާތަނުގައި، އިށީނދެވަޑައިގެން ކުޑަވަގުތުކޮޅަކު މަޑުކުރައްވައެވެ.” އެކަމަނާ ވިދާޅުވިއެވެ. “ތިމަންކަމަނާއަށް ހިވާގޮތުގައި – والله أعلم – އެކަލޭގެފާނު އެގޮތަށް ކަންތައް ކުރައްވަނީ ފިރިހެންބޭކަލުން އެކަނބަލުންނާއި އަރާ ހަމަވުމުގެކުރިން، އެކަނބަލުންނަށް ނުކުތުމުގެ ފުރުޞަތު ދެއްވުމަށްޓަކައެވެ.”

اللهم وفقنا لما وفقت القوم إليه، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وآله وصحبه أجمعين.

_______________________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

 

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

 

([1]) رواه مسلم .

([2]) مسلم الصيام (1163) ، الترمذي الصلاة (438) ، أبو داود الصوم (2429) ، أحمد (2/344) .

([3]) النسائي قيام الليل وتطوع النهار (1712) ، أبو داود الصلاة (1422) ، ابن ماجه إقامة الصلاة والسنة فيها (1190) ، أحمد (5/418) ، الدارمي الصلاة (1582) .

([4]) النسائي قيام الليل وتطوع النهار (1712) ، أبو داود الصلاة (1422) ، ابن ماجه إقامة الصلاة والسنة فيها (1190) ، أحمد (5/418) ، الدارمي الصلاة (1582) .

([5]) ينظر: شرح معاني الآثار (127/1 )

([6]) النسائي قيام الليل وتطوع النهار (1712) ، أبو داود الصلاة (1422) ، ابن ماجه إقامة الصلاة والسنة فيها (1190) ، أحمد (5/418) ، الدارمي الصلاة (1582) .

([7]) مسلم صلاة المسافرين وقصرها (737) ، الترمذي الصلاة (459) ، ابن ماجه إقامة الصلاة والسنة فيها (1359) .

([8]) النسائي قيام الليل وتطوع النهار (1715) ، أحمد (6/290) .

([9]) مسلم صلاة المسافرين وقصرها (746) ، ابن ماجه إقامة الصلاة والسنة فيها (1191) ، الدارمي الصلاة (1475) .

([10]) مسلم صلاة المسافرين وقصرها (736) ، الترمذي الصلاة (440) ، النسائي الأذان (685) ، ابن ماجه إقامة الصلاة والسنة فيها (1358) .

([11]) البخاري المناقب (3376) ، الترمذي الصلاة (439) ، النسائي قيام الليل وتطوع النهار (1697) ، أبو داود الصلاة (1341) ، أحمد (6/36) ، مالك النداء للصلاة (265) .

[12]މިޙަދީޘުން، އެއް ސަލާމުން ހަތަރު ރަކުޢަތް ކުރެއްވިކަމަށްވެސް ބެލެވެއެވެ. އަދި އެއީ ލަފްޒުގެ ބޭރުފުށުން އެނގޭގޮތެވެ. އަދި ކޮންމެ ދެރަކުޢަތުން ސަލާމްދޭކަމަށްވެސް ބެލެވެއެވެ. އެހެންނަމަވެސް އެކަލޭގެފާނު ހަތަރު ރަކުޢަތް ކުރެއްވުމަށްފަހު މަޑުކޮށްލައްވަނީއެވެ. ދެންވެސް ހަމަ އެފަދައިން ހަތަރު ރަކުޢަތްކުރައްވަނީއެވެ. މިގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޙަދީޘް ބަސްފުޅާ އެއްގޮތްވެއެވެ. ” صلاة الليل مثنى مثنى” މާނައީ: “ރޭގަނޑުގެ ނަމާދު ވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ.”.

[13]رواه البخاري

[14] رواه البخاري

([15]) البخاري الإيمان (37) ، الترمذي الصوم (683) ، النسائي الصيام (2202) ، أبو داود الصلاة (1371) ، الدارمي الصوم (1776) .

([16]) الترمذي الصوم (806) ، النسائي السهو (1364) ، أبو داود الصلاة (1375) ، ابن ماجه إقامة الصلاة والسنة فيها (1327) ، أحمد (5/160) ، الدارمي الصوم (1777) .

([17]) الترمذي الصوم (806) ، النسائي السهو (1364) ، أبو داود الصلاة (1375) ، ابن ماجه إقامة الصلاة والسنة فيها (1327) ، أحمد (5/160) ، الدارمي الصوم (1777) .

([18]) البخاري الجمعة (1096) ، الترمذي الصلاة (439) ، النسائي قيام الليل وتطوع النهار (1697) ، أبو داود الصلاة (1341) ، أحمد (6/73) ، مالك النداء للصلاة (265) .

([19]) البخاري الجمعة (1087) ، الترمذي الصلاة (442) ، أبو داود الصلاة (1365) .

([20]) رواه الإمام مالك في الموطأ .

([21]) البخاري الجمعة (858) ، مسلم الصلاة (442) ، النسائي المساجد (706) ، ابن ماجه المقدمة (16) ، أحمد (2/36) ، الدارمي المقدمة (442) .

([22]) البخاري الحج (1569) ، مسلم صلاة العيدين (890) ، الترمذي الجمعة (539) ، ابن ماجه إقامة الصلاة والسنة فيها (1307) ، أحمد (5/84) ، الدارمي الصلاة (1609) .

([23]) مسلم الصلاة (440) ، الترمذي الصلاة (224) ، النسائي الإمامة (820) ، أبو داود الصلاة (678) ، ابن ماجه إقامة الصلاة والسنة فيها (1000) ، أحمد (2/340) ، الدارمي الصلاة (1268) .