(2) މި ހަތަރު ކަލިމައިގެ މާތްކަމުގެ ތެރޭގައި؛ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އިރު އޭގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ (އެބަހީ؛ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ) އެކަލޭގެފާނުގެ އަރިހުގައި މި ހަތަރު ކަލިމައިގެ ލޮބުވެތިކަން ބޮޑުވެގެންވާކަމުގެ ޚަބަރު ދެއްވާފައެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((لأَنْ أَقُولَ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللهُ أَكْبَرُ أَحَبُّ إِلَىَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ))މާނައީ: “އިރު އޭގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ (އެބަހީ؛ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ)سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللهُ أَكْبَرُމި ފަދައިން ތިމަންކަލޭގެފާނު ކިޔުން ތިމަން ކަލޭގެފާނުގެ އަރިހުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.”(1)
(3) މި ހަތަރު ކަލިމައިގެ މާތްކަމުގެ ތެރޭގައި؛ އުއްމު ހާނީ ބިންތު އަބީ ޠާލިބު ރަޟިޔަﷲ ޢަންހާގެ ކިބައިން އަބޫ ޞާލިޙު، އަބޫ ޞާލިޙުގެ ކިބައިން ޢާޞިމް ބުން ބަހްދަލާ، ޢާޞިމް ބުން ބަހްދަލާގެ މަގުން މުސްނަދު އަޙްމަދާއި، އަލްބައިހަޤީ ‘ޝުޢަބުލް އީމާން’ގައި ރަނގަޅު ސަނަދަކުން ރިވާކުރައްވާފައިވާ ޙަދީޘްވެއެވެ. އުއްމު ހާނީ ވިދާޅުވިއެވެ. އެއްފަހަރެއްގައި ތިމަން ކަމަނާގެ ކައިރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގަތްހިނދު ތިމަން ދެންނެވީމެވެ. ހަމަކަށަވަރުން ތިމަން މުސްކުޅިވެ، ގައިގެ ބާރު ދެރަވެއްޖެއެވެ. ތިމަން ކަމަނާ އިށީންދެއިނދެގެން ކުރެވޭނެ ކަމަކަށް ކަލޭގެފާނު ތިމަން ކަމަނާއަށް އަމުރުކުރައްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((سَبِّحِي اللَّهَ مِائَةَ تَسْبِيحَةٍ فَإِنَّهَا تَعْدِلُ لَكِ مِائَةَ رَقَبَةٍ تُعْتِقِينَهَا مِنْ وَلَدِ إِسْمَاعِيلَ، وَاحْمَدِي اللَّهَ مِائَةَ تَحْمِيدَةٍ تَعْدِلُ لَكِ مِائَةَ فَرَسٍ مُسْرَجَةٍ مُلْجَمَةٍ تَحْمِلِينَ عَلَيْهَا فِي سَبِيلِ اللَّهِ، وَكَبِّرِي اللَّهَ مِائَةَ تَكْبِيرَةٍ فَإِنَّهَا تَعْدِلُ لَكِ مِائَةَ بَدَنَةٍ مُقَلَّدَةٍ مُتَقَبَّلَةٍ، وَهَلِّلِي اللَّهَ مِائَةَ تَهْلِيلَةٍ، قَالَ ابْنُ خَلَفٍ (الراوي عن عاصم): أَحْسِبُهُ. قَالَ: تَمْلَأُ مَا بَيْنَ السَّمَاءِ وَالْأَرْضِ وَلَا يُرْفَعُ يَوْمَئِذٍ لِأَحَدٍ عَمَلٌ مِثْلُ عَمَلِكِ إِلَّا أَنْ يَأْتِيَ بِمِثْلِ مَا أَتَيْتِ بِهِ)) މާނައީ: “ކަމަނާ 100 ފަހަރު ﷲ އަށް ތަސްބީޙަ (އެބަހީ؛سُبْحَانَ اللَّهِ) ކިޔާށެވެ. ފަހެ، ކަމަނާ އިސްމާޢީލްގެފާނުގެ ދަރިކޮޅުން ސަތޭކަ އަޅުން މިނިވަންކުރުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲއަށް ޙަމްދުކުރާށެވެ. (އެބަހީ؛الْحَمْدُ لِلَّهِކިޔާށެވެ.) ފަހެ، ކަމަނާ ﷲގެ މަގުގައި ހަނގުރާމަކުރާމީހުން އުފުލުމަށްޓަކައި ދިއްލާފައިވާ ލަގަންލި ސަތޭކަ އަސް ތައްޔާރުކުރުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲއަށް ތަކްބީރުކިޔާށެވެ. ފަހެ، ކަމަނާ ޤަބޫލުވެވިގެންވާ ގޮތުގައި ސަތޭކަ ޖަމަލު ކަތިލުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲއަށް ތަހްލީލުކިޔާށެވެ. (ޢާޞިމްގެ ކިބައިން ޙަދީޘް ރިވާކުރެއްވި ރާވީ) އިބްނު ޚަލަފު ވިދާޅުވިއެވެ. ތިމަން ޙިސާބުކުރަމުން ގެންދިޔައީމެވެ. ވިދާޅުވިއެވެ. (100 ފަހަރު ތަހްލީލުކުރުން) އުޑާއި ބިމާ ދެމެދުގައިވާތަން (ޘަވާބުން) ފުރިގެންދާނެއެވެ. ކަމަނާ މިފަދައިން ކިޔައިފި ދުވަހަކު، އުފުލޭ (ހެޔޮ ޢަމަލުތަކުގެ ތެރޭގައި) ކަމަނާ އެކީފަދައިން ކިޔައިފިމީހެއްގެ ޢަމަލުތައް މެނުވީ، އެއްވެސް މީހެއްގެ ޢަމަލުތައް ކަމަނާގެ ޢަމަލުތަކާ އެއްފަދަވެގެން ނުވެއެވެ.”(2) އަލްމުންޛިރީ ވިދާޅުވިއެވެ. “އިމާމް އަޙްމަދު ރަނގަޅު ސަނަދަކުން މި ޙަދީޘް ރިވާކުރައްވާފައިވެއެވެ.”(3) އަދި މި ޙަދީޘްގެ ސަނަދު ރަނގަޅުކަމަށް އަލްޢައްލާމާ އަލްއަލްބާނީ ރަޙިމަހުﷲ ޙުކުމްކުރައްވާފައިވެއެވެ.(4)
މި ކަލިމަތައް ކިޔުމުން ލިބޭ މަތިވެރިވެގެންވާ ޘަވާބާމެދު ވިސްނަވާލައްވާށެވެ. ފަހެ، މީހަކު ﷲއަށް 100 ފަހަރު ތަސްބީޙަ ކިޔައިފިކަމުގައި ވާނަމަ (އެބަހީ؛ سُبْحَانَ اللَّهِސަތޭކަ ފަހަރު ކިޔައިފިނަމަ) އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ސަތޭކަ އަޅުން މިނިވަންކުރުމާ ހަމަހަމަވެގެންވެއެވެ. މި ޙަދީޘްގައި އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅު ޚާއްޞަކުރައްވާފައި އެވަނީ، ޢަރަބިންގެ ތެރޭގައި އެންމެ ނަސަބުގެގޮތުން ޝަރަފުވެރިވެގެންވަނީ އެކަލޭގެފާނުގެ ދަރިފަސްކޮޅުކަމުގައި ވާތީއެވެ. އަދި މީހަކު ﷲއަށް 100 ފަހަރު ޙަމްދުކޮށްފިނަމަ (އެބަހީ؛ ސަތޭކަ ފަހަރު الْحَمْدُ لِلَّهِކިޔައިފިނަމަ)، ދިއްލާފައިވާ ލަގަންލި (އެބަހީ؛ ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދުން އުފުލުމަށްޓަކައި ދިއްލާފައިވާ ލަގަންލި) ސަތޭކަ އަސް ﷲއަށްޓަކައި ހޭދަކުރިހާ ޘަވާބު އެމީހަކަށް ލިބޭނެއެވެ. އަދި މީހަކު ﷲއަށް 100 ފަހަރު ތަކްބީރު ކިޔައިފިނަމަ (އެބަހީ؛ ސަތޭކަ ފަހަރު اللهُ أَكْبَرُކިޔައިފިނަމަ)، ޤަބޫލުވެވިގެންވާ ގޮތުގައި ސަތޭކަ ޖަމަލު ހޭދަކުރިހާ ޘަވާބު އެމީހަކަށް ލިބޭނެއެވެ. އަދި މީހަކު ﷲއަށް 100 ފަހަރު ތަހްލީލު ކިޔައިފިނަމަ (އެބަހީ؛ ސަތޭކަ ފަހަރު لاَ إِلَهَ إِلاَّ اللَّهُކިޔައިފިނަމަ)، އުޑާއި ބިމާ ދެމެދުގައިވާތަން (ޘަވާބުން) ފުރިގެންދާނެއެވެ. އެމީހާ މި ކަލިމަތައް ކިޔައިފި ދުވަހަކު، އުފުލޭ (ހެޔޮ ޢަމަލުތަކުގެ ތެރޭގައި) އެމީހާ އެކީފަދައިން ކިޔައިފިމީހެއްގެ ޢަމަލުތައް މެނުވީ، އެއްވެސް މީހެއްގެ ޢަމަލުތައް އެމީހާގެ ޢަމަލުތަކާ އެއްފަދަވެގެން ނުވެއެވެ.
(ނުނިމޭ)
______________________
(1) صحيح مسلم: (رقم: 2695).
(2) المسند: (344/6)، شعب الإيمان: (رقم: 612).
(3) الترغيب والترهيب: (409/2).
(4) السلسلة الصحيحة: (303/3).