(4) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ މި ކަލިމަތަކަކީ ފާފަތައް ފުހެލާ ކަލިމަތަކެކެވެ. މުސްނަދު ޢަޙްމަދުގައާއި، ސުނަން އައްތިރުމިޛީގައާއި، މުސްތަދްރަކު އަލްޙާކިމްގައި ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ޢަބްދުﷲ ބުން ޢަމްރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَا عَلَى الْأَرْضِ رَجُلٌ يَقُولُ: لَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، إِلَّا كُفِّرَتْ عَنْهُ ذُنُوبُهُ وَلَوْ كَانَتْ أَكْثَرَ مِنْ زَبَدِ الْبَحْرِ))މާނައީ: ” لَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُ، وَسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِމިފަދައިން ކިޔަފިމީހެއްގެ ފާފަތައް ކަނޑުގެ ފޮނުހާ ގިނަވިނަމަވެސް، އެމީހެއްގެ ފާފަތައް ފުއްސަވައިނުދެއްވާނެ އެއްވެސް މީހަކު މި ބިންމަތީގައިނުވެއެވެ.” މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި އައްތިރުމިޛީ ޙުކުމްކުރައްވާފައިވެއެވެ. އަދި އަލްޙާކިމް މި ޙަދީޘް ޞައްޙަކުރައްވައެވެ. އަދި މި ޙުކުމަށް އައްޛަހަބީ އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި އަލްއަލްބާނީ މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި ވިދާޅުވެއެވެ.(1)
މި ޙަދީޘްގައި ފުއްސެވޭނެކަމަށް އެވާ ފާފަތަކަކީ ކުދި ފާފަތަކެވެ. އެއީ ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާކަމުގައިވެއެވެ. ((الصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانُ إِلَى رَمَضَانَ، مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ))މާނައީ: “ފަރުޟު ފަސްނަމާދާއި، އެއްހުކުރުން އަނެއް ހުކުރާއި، އަދި އެއް ރަމަޟާންމަހުން އަނެއް ރަމަޟާންމަހަކީ، ބޮޑެތި ފާފަތަކުން ދުރުހެލިވާނަމަ އެދެމެދުގައި ކުރެވޭ ކުށްފާފަތަކުގެ ކައްފާރާއެކެވެ.”(2)މި ޙަދީޘްގައި ފާފަ ފުއްސަވައިދެއްވުން އެވަނީ ބޮޑެތި ފާފަތަކުން ދުރުހެލިވުމާ މަތިކުރައްވާފައެވެ. އެހެނީ، ބޮޑެތި ފާފަތަކަށް ފުއްސެވުން ލިބޭހުށީ ތައުބާވުމުންނެވެ.
ހަމަ މި ޙަދީޘްގެ މި މާނާގައި އިމާމް ތިރުމިޛީއާއި އެނޫން ބޭކަލުން އަނަސް ބުން މާލިކު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަތްތައް ހިކިފައިވާ ގަހެއްގެ ކައިރިން ވަޑައިގަންނަވަމުން، އެކަލޭގެފާނުގެ އަސާކޮޅުން އެގަހުގައި ޖެއްސެވިއެވެ. އެހިނދު އެގަހުގެ ފަތްތައް ބުރަބުރައިގެން ދިޔައެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّ الْحَمْدَ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُ، لَتُسَاقِطُ مِنْ ذُنُوبِ الْعَبْدِ كَمَا تَسَاقَطَ وَرَقُ هَذِهِ الشَّجَرَةِ))މާނައީ: “ހަމަކަށަވަރުންالْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُ (ކިޔައިފި) އަޅެއްގެ ފާފަތައް، މި ގަހުގެ ފަތްތައް ފައިބައިގެން ދިޔަފައިން ފައިބައިގެންދާ ހުއްޓެވެ.” އަލްއަލްބާނީ މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި ވިދާޅުވެއެވެ.(3)
(5) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ މި ކަލިމަތަކަކީ ސުވަރުގޭގެ ގަސްތައް އެކަލިމަތަކަކުންވާ ކަލިމަތަކެވެ. ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ތިރުމިޛީ ރިވާކުރައްވާފައިވެއެވެ. ޢަބްދުﷲ ބުން މަސްޢޫދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((لَقِيتُ إِبْرَاهِيمَ لَيْلَةَ أُسْرِيَ بِي، فَقَالَ: يَا مُحَمَّدُ أَقْرِئْ أُمَّتَكَ مِنِّي السَّلَامَ، وَأَخْبِرْهُمْ أَنَّ الْجَنَّةَ طَيِّبَةُ التُّرْبَةِ، عَذْبَةُ الْمَاءِ، وَأَنَّهَا قِيعَانٌ، غِرَاسُهَا سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُ))މާނައީ: “ތިމަންކަލޭގެފާނާގެން އިސްރާކުރެވުނު ރޭގައި ތިމަންކަލޭގެފާނާ އިބްރާހީމްގެފާނު ބައްދަލުވެވަޑައިގަތެވެ. އެ ހިނދު އިބްރާހީމްގެފާނު ވިދާޅުވިއެވެ. އޭ މުޙައްމަދެވެ! ތިމަންކަލޭގެފާނުންގެ ފަރާތްޕުޅުން ކަލޭގެފާނުގެ އުއްމަތަށް ސަލާމް ދަންނަވާ ދެއްވާށެވެ. އަދި ހަމަކަށަވަރުން ސުވަރުގެއަކީ ފަސްގަނޑު ހެޔޮ، ފެން މީރު ތަނެއްކަމުގެ ޚަބަރު ކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ދެއްވާށެވެ. ހަމަކަށަވަރުން އެތަނަކީ ފެން ރަނގަޅު ތަނަވަސްބިންތަކެކެވެ. އެތަނުގެ ގަސްތަކަކީسُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُއެވެ.”(4) މި ޙަދީޘްގެ ސަނަދުގައި ޢަބްދުއްރަޙްމާން ބުން އިސްޙާޤް އޭ ކިޔާ (ޟަޢީފް) ރާވީއެއް ވެއެވެ. އެހެންނަމަވެސް، އަބޫ އައްޔޫބުލް އަންޞާރީއާއި ޢަބްދުﷲ ބުން ޢުމަރުގެ ކިބައިން ރިވާވެފައިވާ ދެ ޙަދީޘުން މި ޙަދީޘަށް ބާރު ލިބެއެވެ.
القِيعَانُއަކީقََاعٍ ގެ ގިނަގޮތެވެ. އެއީ ބިމުގައި އަޑިކޮށްވާ ހަމަހަމަވެގެންވާ ތަނަވަސް ބިމަކަށް ކިޔާނަމެކެވެ. އަދި އެ ބިމަކީ ވާރޭފެން އެބިމަކަށް ޖަމާވެ، އެ ފެން ހިފަހައްޓައިދީ ގަސްތައް އާރޯކަމާއެކު ފަޅާ ބިމެކެވެ. މިފަދައިން އިބްނުލް އަޘީރު އެކަލޭގެފާނުގެ ‘އައްނިހާޔާ’ އޭ ކިޔުނު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ.(5)
މި ޙަދީޘްގެ މުރާދަކީ؛ ބިމުގައިވާ އެފަދަ ބިމުގައި ހަލުވިކަމާއެކު ގަސްތައް ފަޅައިގެން އަންނަ ފަދައިން މި ކަލިމަތަކުން ސުވަރުގޭގައި ހަލުވިކަމާއެކު ގަސްތައް ފަޅައިގެން އަންނަ ވާހަކައެވެ. އަޅާ މިކަލިމަތައް ތަކުރާރުކުރާހިނދު، އެ ތަކުރާރު ކުރެވޭ ޢަދަދަކަށް އެ އަޅަކަށްޓަކައި ސުވަރުގޭގައި ގަސްތައް ފަޅައިގެން އަންނާނެއެވެ.
(6) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ އިސްލާމްކަމުގައި ދިގު ޢުމުރެއް ލިބި، ތަކްބީރާއި، ތަސްބީޙަޔާއި، ތަހްލީލާއި، ތަޙްމީދު ކިޔުން އިތުރުކުރި މީހަކަށްވުރެ ﷲ ޙަޟްރަތުގައި މަތިވެރިވެގެންވާ މީހަކުނުވެއެވެ. އިމާމް އަޙްމަދާއި، އަންނަސާއީ ‘عمل اليوم والليلة’ އޭ ކިޔުނު ފޮތުގައި ޢަބްދުﷲ ބުން ޝައްދާދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރަނގަޅު ސަނަދަކުން ރިވާކުރައްވާފައިވެއެވެ. ބަނޫ ޢުޛްރާ ދަރިކޮޅުގެ ތިން މީހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސް އިސްލާމްވިއެވެ. ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ يَكْفِنِيهِمْ؟))’މި ބައިމީހުން ބެލެހެއްޓުމާ ޙަވާލުވާނީ ކޮން ބޭކަލެއްތޯއެވެ؟’ ޠަލްޙަތުގެފާނު ވިދާޅުވިއެވެ. ‘ތިމަންނައެވެ.’ ޢަބްދުﷲ ބުން ޝައްދާދު ވިދާޅުވިއެވެ. އެބައިމީހުން ޠަލްޙަތުގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ވަނިކޮށް، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަނގުރާމައަށް ލަޝްކަރެއް ފޮނުއްވިއެވެ. އެ ލަޝްކަރުގެ ތެރޭގައި އެއިގެން އެކަކު ނުކުމެ ޝަހީދުވިއެވެ. އޭގެފަހުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަނގުރާމައަށް އެހެން ލަޝްކަރެއް ފޮނުއްވިއެވެ. އެ ލަޝްކަރުގެ ތެރޭގައި އެއިގެން އެކަކު ނުކުމެ ޝަހީދުވިއެވެ. އަދި ތިންވަނަ މީހާ އެނދުމަތީ އޮވެ މަރުވިއެވެ.
ޠަލްޙަތުގެފާނު ވިދާޅުވިއެވެ. ތިމަންގެ ބެލެހެއްޓުމުގެ ދަށަށް އެއައި ތިން މީހުން ސުވަރުގޭގައި ވަނިކޮށް (ހުވަފެނުގައި) ދެކުނީމެވެ. އެގޮތުން އެނދުމަތީ އޮވެ މަރުވިމީހާ އެ ތިން މީހުންގެ ކުރީގައި ވަނިކޮށް ދެކުނީމެވެ. އަދި ފަހުން ޝަހީދުވިމީހާ އެމީހާގެ ފަހަތުގައި ވަނިކޮށް ދެކުނީމެވެ. އަދި އެންމެ ފުރަތަމަ ޝަހީދުވިމީހާ ފަހަތުގައި ވަނިކޮށް ދެކުނީމެވެ. މި ހުވަފެނާމެދު ތިމަން ކަންބޮޑުވީމެވެ. ދެން ތިމަން، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށްގޮސް މި ހުވަފެނުގެ ވާހަކަ ކިޔައިދިނީމެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((وَمَا أَنْكَرْتَمِنْ ذَلِكَ، لَيْسَ أَحَدٌ أَفْضَلَ عِنْدَ اللَّهِ مِنْ مُؤْمِنٍ يُعَمَّرُ فِي الْإِسْلَامِ لِتَسْبِيحِهِ وَتَكْبِيرِهِ وَتَهْلِيلِهِ)) “އެކަމާމެދުގައި ތިބާ ނުރުހުންތެރިވަނީ ކޮންކަމަކާ ހެއްޔެވެ؟ އިސްލާމްކަމުގެ ދުވަސްތައް ތަސްބީޙަކިޔުމުގައްޔާއި، ތަކްބީރު ކިޔުމުގައްޔާއި، ތަހްލީލުކިޔުމުގައި ހޭދަކުރި މީހަކަށްވުރެ ﷲގެ ޙަޟްރަތުގައި މަތިވެރިވެގެންވާ އެކަކުވެސް ނުވެއެވެ.”(6)
މި މަތިވެރިވެގެންވާ ޙަދީޘުން ދަލީލުކޮށްދެނީ އެމީހެއްގެ ޢުމުރު ދިގުވެ، ޢަމަލުތައް ހެޔޮވެގެންވި، އަދި އެމީހެއްގެ ދޫ ﷲ މަތިން ހަނދުމަކުރުމުގައި އަބަދުވެސް ތެތްކޮށް ބޭއްވި މީހެއްގެ މަތިވެރިކަމުގެ ބޮޑުކަމަށެވެ.
(ނުނިމޭ)
_____________________
(1) المسند: (158، 210/2)، وسنن الترمذي (رقم: 3460)، ومستدرك الحاكم: (503/1)، وصحيح الجامع (رقم: 5636).
(2) صحيح مسلم: (رقم:233).
(3) سنن الترمذي: (رقم: 3533)، وصحيح الجامع: (رقم:1601).
(4) سنن الترمذي: (رقم: 3462)، وحسّنه الألباني في السلسلة الصحيحة: (رقم:105).
(5) النهاية لابن الأثير: (132/4).
(6) المسند: (163/1)، والسنن الكبرى للنسائي، كتاب عمل اليوم والليلة (6) (رقم: 10674)، وحسّنه الألباني في الصحيحة: (رقم:654).