[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މީޤާތުން ނިޔަތް ގަތުމުގައި ބައެއް ޙައްޖުވެރިންނަށް ހެދޭ ގޯސްތައް

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން އައްޞަޙީޙައިނިގައި ރިވާވެގެންވާ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަދީނާގެ އަހުލުވެރިންނަށް ޛުލް ޙުލައިފާ، ޝާމުގެ އަހުލުވެރިންނަށް އަލްޖުޙްފާ، ނަޖުދުގެ އަހުލުވެރިންނަށް ޤަރުނުލް މަނާޒިލް އަދި ޔަމަނުގެ އަހުލުވެރިންނަށް ޔަލަމްލަމް، މީޤާތުގެ ގޮތުގައި ކަނޑައެޅުއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((فَهُنَّ لَـهُنَّ وَلِـمَنْ أَتَى عَلَيْهِنَّ مِنْ غَيْرِ أَهْلِهِنَّ لِـمَنْ كَانَ يُرِيدُ الـحَجَّ وَالعُمْرَةَ)) [رواه البخاري ومسلم]  މާނައީ: “ފަހެ އެ މީޤާތުތައް ވަނީ އެ މީޤާތުތަކުގެ އަހުލުވެރިންނަށެވެ. އަދި އެމީޤާތުތަކުގެ އަހުލުވެރީން ފިޔަވައި އެމީޤާތުތަކަށް އައި ބަޔަކަށެވެ. އެއީ ޙައްޖު އަދި ޢުމުރާ ވުމަށް ބޭނުންވާ މީހުންނަށެވެ.”

وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَقَّتَ لِأَهْلِ الْعِرَاقِ ذَاتَ عِرْقٍ. [ رواه أبو داوود والنسائي].ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢިރާޤުގެ އަހުލުވެރިންނަށް ޛާތު ޢިރުޤު މީޤާތުކަމުގައި ކަނޑައެޅުއްވިއެވެ.”

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް، އައްޞަޙީޙައިނިގައި ވާރިދުވެފައިވެއެވެ. ((يُهِلُّ أَهْلُ الْـمَدِينَةِ مِنْ ذِي الْحُلَيْفَةِ، وَ يُهِلُّ أَهْلُ الشَّامِ مِنْ الْجُحْفَةِ، وَ يُهِلُّ أَهْلُ نَجْدٍ مِنْ قَرْنٍ . [رواه البخاري ومسلم] މާނައީ: “މަދީނާގެ އަހުލުވެރިން ތަލްބިޔާކިޔަން ފަށާނީ ޛުލް ޙުލައިފާއިންނެވެ. ޝާމުގެ އަހުލުވެރިން ތަލްބިޔާކިޔަން ފަށާނީ އަލްޖުޙްފާއިންނެވެ. އަދި ނަޖުދުގެ އަހުލުވެރިން ތަލްބިޔާކިޔަން ފަށާނީ ޤަރުނު (ޤަރުނުލް މަނާޒިލް) އިންނެވެ.”

 މި މީޤާތުތަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ ޝަރުޢީ ޙައްދުތަކެކެވެ. އަދި އެއީ ތައުޤީފީ (ހުއްޓިފައިވާ، ނުވަތަ ބަދަލުވުމެއްނެތް) މީޤާތުތަކެކެވެ. ޝަރުޢުކުރެއްވި ފަރާތުން (އެބަހީ ﷲ ތަޢާލާ) ޝަރުޢުކުރައްވާފައިވާ މީޤާތުތަކެކެވެ. އެއްވެސް މީހަކަށް އެ މީޤާތުތައް ބަދަލުކުރުމެއް ނުވަތަ އެ ޙައްދުތައް ފަހަނަޅައި ދިޔުން ހުއްދަވެގެން ނުވެއެވެ. އަދި ޙައްޖާއި ޢުމުރާ ވުމަށް ބޭނުންވާމީހާ، އިޙްރާމާ ނުލާ އެ މީޤާތުތައް ފަހަނަޅައި ދަތުރުކުރުންވެސް ހުއްދަވެގެން ނުވެއެވެ. އަދި މިކަން ހިމެނެނީ ﷲ ގެ ޙައްދުތައް ފަހަނަޅައި ދިޔުމުގެ ތެރެއިންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.{وَمَنْ يَتَعَدَّ حُدُودَ اللهِ فَأُولَئِكَ هُمُ الظَّالِـمُونَ} [البقرة: 229].މާނައީ : “އަދި ﷲކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ) ފަހެ، އެއުރެންނީ ހަމަ އަނިޔާވެރިންނެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ((يُهِلُّ أَهْلُ الْـمَدِينَةِ مِنْ ذِي الْحُلَيْفَةِ، وَ يُهِلُّ أَهْلُ الشَّامِ مِنْ الْجُحْفَةِ، وَ يُهِلُّ أَهْلُ نَجْدٍ مِنْ قَرْنٍ . [رواه البخاري ومسلم] މާނައީ: “މަދީނާގެ އަހުލުވެރިން ތަލްބިޔާކިޔަން ފަށާނީ ޛުލް ޙުލައިފާއިންނެވެ. ޝާމުގެ އަހުލުވެރިން ތަލްބިޔާކިޔަން ފަށާނީ އަލްޖުޙްފާއިންނެވެ. އަދި ނަޖުދުގެ އަހުލުވެރިން ތަލްބިޔާ ކިޔަންފަށާނީ ޤަރުނު (ޤަރުނުލް މަނާޒިލް) އިންނެވެ.”، ޙަދީޘުކުރައްވާފައިވާތީއެވެ. މިއީ އަމުރުކުރުމުގެ މާނާގައި ކުރައްވާފައިވާ ޚަބަރެކެވެ.

الإهلالއަކީ ތަލްބިޔާކިޔުމުގައި އަޑުއުފުލުމެވެ. އިޙްރާމްބަނުމަށްފަހު މެނުވީ މިކަންކުރުމެއް ނުވެއެވެ. މި މީޤާތުތައް ހުރަސްކުރާނަމަ މި މީޤާތުތަކުން އިޙްރާމްބަނުމީ، ޙައްޖާއި ޢުމުރާ ވުމަށް ބޭނުންވާ މީހާގެ މައްޗަށްވާ ވާޖިބެކެވެ. އެއީ އެއްގަމުމަގުން ނުވަތަ ކަނޑުމަގުން ނުވަތަ ޖައްވުގެމަގުން ދަތުރުކުރި ކަމުގައިވިޔަސްމެއެވެ.

އެބައިމީހުން ދަތުރުކުރަނީ އެއްގަމުމަގުން ކަމުގައިވާނަމަ މީޤާތުގެ ކައިރިން ދާނަމަ މީޤާތަށް ފައިބާ، އިޙްރާމްބަނުމުގެ ކުރިން ކުރުން ސުންނަތްވެގެންވާ ކަންކަން ކުރާނީއެވެ. އެގޮތުން ހިނައިގަތުމާއި ހަށިގަނޑުގައި އަތަރުލުމާއި އިޙްރާމް ހެދުން އަޅާނީއެވެ. އޭގެފަހުގައި، މީޤާތުން ފުރުމުގެ ކުރިން ނިޔަތް ގަންނާނީއެވެ.

ދަތުރުކުރަނީ ކަނޑުމަގުން ކަމުގައިވާނަމަ، އަދި މީޤާތާ އަރާހަމަވުމުން މަޑުކުރުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ މަޑުކޮށް، އިޙްރާމްބަނުމުގެ ކުރިން މުސްތަޙައްބުވެގެންވާ ކަންކަން ކުރާނީއެވެ. އެގޮތުން ހިނައިގަތުމާއި އަތަރުލުމާއި އިޙްރާމް ހެނދުން އަޅާނީއެވެ. އޭގެ ފަހުގައި މީޤާތުން ފުރުމުގެ ކުރިން ނިޔަތްގަންނާނީއެވެ.

ދަތުރުކުރަނީ ޖައްވުގެމަގުން ކަމުގައިވާނަމަ، މަތިންދާބޯޓަށް އެރުމުގެ ކުރިން ހިނައިގަނެ، އަތަރުލައި، އިޙްރާމް ހެދުން އަޅަންވާނެއެވެ. އެއީ މީޤާތު ހުރަސްކޮށް ދިޔުމުގެ ކުރިން އެކަން ކުރުމަށްޓަކައެވެ. މީޤާތާ އަރާ ހަމަވާން ކައިރިވުމުން، މީޤާތު ހުރަސްކޮށް ދިޔުމުގެ ތަންކޮޅެއް ކުރީގައި ނިޔަތްގަންނަން ވާނެއެވެ. މީޤާތާ އަރާ ހަމަވަންދެން މަޑުކުރާނެ ކަމެއްނެތެވެ. އެގޮތަށް މަޑުކުރަން ހަދައިގެން ނިޔަތް ނުގަނެވި އުޅެނިކޮށް މީޤާތު ފަހަނަޅައި މަތިންދާބޯޓު ހިނގައިދާނެއެވެ. އެހެނީ މަތިންދާބޯޓަކީ ވަރަށް ބާރަށް ދަތުރުކުރާ އެއްޗެކެވެ. ރައްކާތެރިކަމުގެ ގޮތުން މިގޮތަށް ތަންކޮޅެއްކުރިން ނިޔަތްގަތުމަކީ އެންމެ ރަނގަޅުގޮތެވެ. އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނެތެވެ.

ބައެއް މީހުން މަތިންދާބޯޓުގައި، މީޤާތު ފަހަނަޅައި ދާއިރުވެސް އިޙްރާމް ނާޅައި ތިބެއެވެ. އަދި ޖިއްދާ އެއަރޕޯޓަށް ފައިބައިފައި އިޙްރާމް އަޅައެވެ. މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރާ ޚިލާފުކަމެކެވެ. އަދި ﷲގެ އިންތައް ފަހަނަޅައި ދިޔުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޞަޙީޙުލް ބުޚާރީގައި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. لَـمَّا فُتِحَ هَذَانِ الْـمِصْرَانِ (يعني البصرة والكوفة) أَتَوْا عُمَرَ فَقَالُوا يَا أَمِيرَ الْـمُؤْمِنِينَ، إِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدَّ لأَهْلِ نَجْدٍ قَرْنًا، وَهُوَ جَوْرٌ عَنْ طَرِيقِنَا، وَإِنَّا إِنْ أَرَدْنَا قَرْنًا شَقَّ عَلَيْنَا‏.‏ قَالَ فَانْظُرُوا حَذْوَهَا مِنْ طَرِيقِكُمْ‏.‏ فَحَدَّ لَهُمْ ذَاتَ عِرْقٍ‏.‏  މާނައީ: “މި ދެރަށް (އެބަހީ ބަޞަރާއާއި ކޫފާ) ފަތަޙަވުމުން، ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުގައި މީސްތަކުން ގޮސް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ. ނަޖުދުގެ އަހުލުވެރިންގެ މީޤާތަކީ ޤަރުނު ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ހަމަޖައްސަވާފައެވެ. އެތަންވަނީ އަހަރެމެން ޢާއްމުކޮށް ދަތުރުކުރާ މަގަކު ނޫނެވެ. އެހެންކަމުން އެތަނުގެ(ޤަރުނުގެ) ތެރެއިން ދިޔުމަކީ އަހަރެމެންނަށް އުނދަގޫކަމެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ދަތުރުކުރާ މަގުން، ޤަރުނާ ދިމާވާ ހިސާބު ބަލާށެވެ. އަދި އެ ތަން (ޛާތު ޢިރްޤު) އެއީ އެބައިމީހުންގެ މީޤާތުކަމުގައި ޢުމަރުގެފާނު ހަމަޖެއްސެވިއެވެ.”

މީޤާތުން ނިޔަތް ނުގަނެ އައިސް ޖިއްދާއަށް ފައިބައިފިނަމަ، އޭނާ އަނބުރާ މީޤާތަށް ދާންޖެހޭނެއެވެ. އަދި ޖިއްދާއަށް އައިސް ނިޔަތްގަނެ، ނުވަތަ އިޙްރާމް އަޅައި ހަދައިފިނަމަ، ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އޭނާ ފިދުޔަ ކަތިލަންޖެހޭނެއެވެ. އެއީ މައްކާގައި ކަތިލާ، އަދި އެތާގެ ފަޤީރުންނަށް އޭގެ މަސް ބެހޭ ނަޢަމްސޫތްޕެކެވެ. އެއިން އޭނާ ކެއުމެއްވެސް، ހަދިޔާކުރުމެއްވެސް އަދި މުއްސަންޖަކަށް ޞަދަޤާތްކުރުމެއްވެސް ނުވެއެވެ. އެހެނީ އެއީ ކައްފާރާގެ މަޤާމުގައިވާ ކަމެކެވެ.

އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ:  محمد شافع بن عبد الغفور

ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر

16 ޛުލްޤަޢިދާ 1435

11 ސެޕްޓެމްބަރ 2014