[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (40)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

23 ވަނަ ނަސޭހަތް: ގޭގެ އަހުލުންނާ ރީތި ގޮތުގައި މުޢާމަލާތްކޮށް ސަމާސާކުރުން

 

އަނބިމީހާއާއި ދަރިންނާމެދު ރިވެތި ގޮތުގައި މުޢާމަލާތްކުރުމަކީ ގޭގައި އުފާވެރިކަމާއި އެކުވެރިކަމުގެ މާހައުލެއް އުފެދުމުގެ ސަބަބެކެވެ. ހަމައެފަދައިން ބިކުރުވެރި އަންހެނަކާ ކައިވެނި ބައްލަވައިގަތުމަށް ޖާބިރުގެފާނަށް ރަސޫލުﷲ صلى الله عليه وسلم ނަސޭހަތްތެރިވެ އެކަމަށް ބާރުއަޅުއްވަމުން ޙަދީޘްކުރެއްވިއެވެ.

«فَهَلَّا جَارِيَةً تُلاَعِبُهَا وَتُلاَعِبُكَ، وَتُضَاحِكُهَا وَتُضَاحِكُكَ» [رواه البخاري]

މާނައީ: “ފަހެ، ހަގު (ބިކުރުވެރި) އަންހެން ކުއްޖަކާ ކައިވެނި ބައްލަވައި ނުގެންނެވީ ކީއްވެ ހެއްޔެވެ؟ އެއީ އެކުއްޖާއާއެކު ތިބާ ކުޅެ، އަދި އެކުއްޖާ ތިބާއާއެކު ކުޅުމަށެވެ. އަދި ތިބާ އެކުއްޖާ ހެއްވާ، އަދި އެކުއްޖާ ތިބާ ހެއްވުމަށެވެ.”

އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«كُلُّ شَيْءٍ لَيْسَ فِيهِ ذِكْرُ اللهِ فَهُوَ لَهْوٌ وَلَعِبٌ إِلَّا أَرْبَع، مُلَاعَبَةُ الرَّجُلِ امْرَأَتَهُ…» [رواه النسائي]

މާނައީ: “ހަތަރުކަމެއް ފިޔަވާ، ﷲގެ ޛިކުރު ކުރުން އެކަމުގައި ނުހިމެނޭ ކޮންމެ ކަމެއްވަނީ ފަހެ، ފޫހިފިލުވުމެއްކަމުގައްޔާއި ކުޅިވަރެއްކަމުގައެވެ. (އޭގެ ތެރެއިން އެއްކަމަކީ) އެއީ ފިރިހެނާ އޭނާގެ އަނބިމީހާއާއެކު ކުޅުމެވެ…”

ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله عنها އާއެކު ފެންވަރުއްވާއިރު، އެކަމަނާއާއި އޯގާތެރިކޮށް ހިއްތަވައެވެ. އެއީ އެކަމަނާ ވިދާޅުވެފައިވާ ފަދައިންނެވެ.

«كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ بَيْنِي وَبَيْنَهُ وَاحِدٍ، فَيُبَادِرُنِي حَتَّى أَقُولَ: دَعْ لِي، دَعْ لِي. قَالَتْ: وَهُمَا جُنُبَانِ» [رواه مسلم]

މާނައީ: “އެކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާއާއި ރަސޫލުﷲ صلى الله عليه وسلم ގެ ދެމެދުގައިވާ ކަންވާރަކުން ތިމަންކަމަނާއާއި އެކަލޭގެފާނު ހިނައިވަޑައިގަންނަވަމެވެ. ތިމަންކަމަނާއަށްޓަކައިވެސް (ފެންފޮދެއް)ބަހައްޓަވާށޭ، ބަހައްޓަވާށޭ ވިދާޅުވާ މިންވަރަށް، އެކަލޭގެފާނު ތިމަންކަމަނާއަށްވުރެ އަވަސްކުރައްވައެވެ. އެކަމަނާ ވިދާޅުވިއެވެ.  އެއީ ތިމަންކަމަނާއާއި އެކަލޭގެފާނު ޖުނުބުވެރި ޙާލުގައިވަނިކޮށެވެ.”

ރަސޫލުﷲ صلى الله عليه وسلم ކުޑަކުދިންނަށް އޯގާތެރިކޮށް ހިއްތަވާ ވާހަކައަކީ މިތާ އަލުން ޛިކުރުކުރާވަރަށްވުރެ މަޝްހޫރު ވާހަކަތަކެކެވެ. އިސްވެ ދެންނެވިފައިވާ ފަދައިން އަލްޙަސަންގެފާނާއި އަލްޙުސައިންގެފާނަށް ވަރަށް ގިނައިން އެކަލޭގެފާނު އޯގާރެތިކޮށް ހިއްތަވައެވެ. އެކަލޭގެފާނު ދަތުރުފުޅަކުން އެނބުރިވަޑައިގަންނަވާއިރު އެކަލޭގެފާނަށް އިސްތިޤްބާލުކުރުމަށް ކުޑަކުދިންތައް އުފަލުން ދާކަމީ މިކަމުގެ ހެއްކެކެވެ. އަންނަނިވި ޞަޙީޙް ޙަދީޘްގައިވާ ފަދައިންނެވެ.

«كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا قَدِمَ مِنْ سَفَرٍ تُلُقِّيَ بِصِبْيَانِ أَهْلِ بَيْتِهِ» [رواه مسلم]

މާނައީ: “ރަސޫލުﷲ صلى الله عليه وسلم ދަތުރުފުޅަކުން އެނބުރި ވަޑައިގަންނަވާ ހިނދު އެކަލޭގެފާނުގެ ގޭގެ އަހުލުންގެ ތުއްޕުޅު ބޭފުޅުން އެކަލޭގެފާނާ ބައްދަލުކުރުމަށްޓަކައި ނުކުމެއެވެ.”

އެކުދިން އެކަލޭގެފާނުގެ އަރިހަށް ގެންނަވާ ގާތްކޮށް ހައްދަވައެވެ. ޢަބްދުﷲ ބުން ޖަޢުފަރު رضي الله عنه ވިދާޅުވެފައިވާ ފަދައިންނެވެ.

«كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا قَدِمَ مِنْ سَفَرٍ تُلُقِّيَ بِنَا قَالَ فَتُلُقِّيَ بِي وَبِالْحَسَنِ أَوْ بِالْحُسَيْنِ، قَالَ: فَحَمَلَ أَحَدَنَا بَيْنَ يَدَيْهِ وَالْآخَرَ خَلْفَهُ حَتَّى دَخَلْنَا الْمَدِينَةَ» [رواه مسلم]

މާނައީ: “ނަބިއްޔާ  صلى الله عليه وسلم ދަތުރުފުޅަކުން އެނބުރި ވަޑައިގަންނަވާ ހިނދު އެކަލޭގެފާނާއި ބައްދަލުކުރުމަށްޓަކައި ތިމަންމެން ނުކުންނަމެވެ. އަދި ވިދާޅުވިއެވެ. ފަހެ، ތިމަން ކަލޭގެފާނާއި އަލްޙަސަން ނުވަތަ އަލްޙުސައިން އެކަލޭގެފާނާއި ބައްދަލުކުރީމެވެ. ވިދާޅުވިއެވެ. ފަހެ، އެކަލޭގެފާނު ތިމަންމެންގެ ތެރެއިން އެއް ބޭކަލަކު އެކަލޭގެފާނުގެ ދެއަތްޕުޅުން ހިއްޕެވިއެވެ. އަދި އަނެއް ބޭކަލަކު އެކަލޭގެފާނުގެ ބުރަކަށިފުޅުމަތީ މަދީނާއަށް ވަދެވެންދެން އުފުއްލެވިއެވެ.”

އެގެއެއްގައި ސަމާސާކުރުމާއި އޯގާތެރިކަމާއި އަޅާލުން ނެތް ބައެއް ގެތަކާއި މިކަންކަމާ އަޅާކިޔުއްވާށެވެ. އަދި ދަރިންނަށް ބޮސްދިނުމަކީ ބައްޕަގެ ހައިބަތު ކުޑަވާ ކަމެއްކަމުގައި ދެކޭމީހާ އަންނަނިވި ޙަދީޘް ކިޔުން ހުށްޓެވެ. އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

قَبَّلَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِسًا، فَقَالَ الأَقْرَعُ: إِنَّ لِي عَشَرَةً مِنَ الوَلَدِ مَا قَبَّلْتُ مِنْهُمْ أَحَدًا، فَنَظَرَ إِلَيْهِ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ثُمَّ قَالَ: ((مَنْ لاَ يَرْحَمُ لاَ يُرْحَمُ)) [رواه البخاري]

މާނައީ: ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ކާފަ ދަރިކަލެއްކަމުގައިވާ އަލްޙަސަން ބުން ޢަލީއަށް ބޮސްދެއްވިއެވެ. އެވަޤުތު އަލްޢަޤްރައު ބުން ޙާބިސް އައްތަމީމީ އެތަނުގައި އިންނެވިއެވެ. ފަހެ، އަލްއަޤްރަޢު ދެންނެވިއެވެ. “ހަމަކަށަވަރުން އަޅުގަނޑަށް ދިހަ ދަރީން ލިބިފައިވެއެވެ. ދުވަހަކަވެސް އެތަނުން ކުއްޖަކަށް  ބޮސްނުދެމެވެ.” ދެން ރަސޫލުﷲ صلى الله عليه وسلم، އެކަލޭގެފާނާއި ދިމާއަށް ބައްލަވާލައްވާފައި ހަދީޘް ކުރެއްވިއެވެ. “(އެހެން މީހުންނަށް) ރަޙުމު ނުކުރާ މީހަކަށް، ރަޙުމެއް ނުލިބޭނެއެވެ.””

_________________________

=ނުނިމޭ=

 

އެހެންބައިތައް ބެއްލެވުމަށް