[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް1

maxresdefault“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ.” ޙަދީޘުގެ ފައިދާތައް

عنْ أبي عبدِ الرَّحمنِ عبدِ اللهِ بنِ عُمرَ بنِ الخطَّابِ -رَضِي اللهُ عَنْهُما- قالَ: سَمِعْتُ رسُولَ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ:)) بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقامِ الصَّلاَةِ، وإِيتَاءِ الزَّكَاةِ، وَحَجِّ البَيْتِ، وَصَوْمِ رَمَضَانَ((. رَوَاهُ البُخَارِيُّ ومُسْلِمٌ. [رواه البخاري (8) ومسلم (16) (19).]

 ޙަދީޘުގެ މާނަ

أبو عَبْدِ الرَّحْمَن عَبْدِ اللهِ بْنِ عُمَرَ ابْنِ الخَطَّابِ رَضِي اللهُ عَنْهُمَاގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. “އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ؛ ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެއީ ﷲގެ ރަސޫލާކަމުގައި ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހު ރޯދަ ހިފުމެވެ.”

 ޙަދީޘުން ލިބޭ ފައިދާތައް

1- އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ދީން މަޢުރިފާކޮށް ދެނެގަތުމުގައި މި ޙަދީޘަކީ ދީނުގެ އަޞްލުތަކުގެ ތެރެއިން ވަރަށް މަތިވެރި އަޞްލެކެވެ.” ދީން މަޢުރިފާކޮށް ދެނެގަތުމުގައި ބަރޯސާވުން ވަނީ މި ޙަދީޘުގެ މައްޗަށެވެ. އެހެނީ މި ޙަދީޘުގައި އިސްލާމްދީނުގެ ރުކުންތައް ޖަމާކުރައްވާފައިވެއެވެ.” [شرح صحيح مسلم جزء1 ص 152]

2- މި ޙަދީޘަކީ މިހާ މުހިއްމު ޙަދީޘަކަށް ވީ ހިނދު މި ޙަދީޘަށް މުހިއްމުކަން ދީ މި ޙަދީޘު ހިތުދަސްކޮށް މުސްލިމުންގެ ތެރޭގައި ފެތުރުން ވާޖިބުވެގެންވެއެވެ.”  [قواعد وفوائد من الأربعين النووية -ناظم سلطان]

3- މި ޙަދީޘުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ އިސްލާމްދީނުގެ ރުކުންތައް އަދާކޮށްގެން މެނުވީ މުސްލިމަކަށް ނުވެވޭނެއެވެ. އިސްލާމްދީނުގެ ދެން ބާކީ ހުރި ކަންތައްތަކަކީ އިސްލާމްކަން ފުރިހަމަ ވުމުގެ ތެރެއިން ވާ ކަންކަމެވެ. މި ޙަދީޘުގައި މިހުރި ކަންކަމަކީ އިސްލާމްކަމުގެ އަސާސުގެ ތެރެއިންވާ ކަންކަމެވެ.

4- މި ޙަދީޘުގައި ޛިކްރު ކުރެވިފައިމިވާ ކަންކަމުގެ ތެރެއިން ފަހު ހަތަރުކަންތައް ބިނާވެގެންވަނީ ފުރަތަމަ ކަންތަކުގެ މައްޗަށެވެ. އެހެނީ ޝަހާދަތާ ނުލާ ﷲ ތަޢާލާ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ޢަމަލެއް ޤަބޫލުނުކުރައްވައެވެ.

5- އީމާންކަމުގެ ރުކުންތައް މި ޙަދީޘުގައި ބަޔާންވެފައިނެތީ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް ހެކިވުމުގެ ތެރޭގައި އެކަލޭގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަންތައްތަކާއި ތަކެއްޗަށް އީމާންވުން ހިމެނޭތީއެވެ. މި ޙަދީޘުގައި ބަޔާންނުވެ ހުރި އިސްލާމްދީނުގެ ޢަޤީދާތަކާއި އަޅުކަންތައް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތުގެ ތެރޭގައި ހިމެނެއެވެ.

6- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އަކީ )) بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ)) އިސްލާމްދީނުގެ އެންމެ މުހިއްމު ބައެވެ. އެހެނީ ލެއާއި މުދާ ޙުރުމަތްތެރިވުން ވަނީ މިކަލިމައިގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((أُمِرْتُ أَنْ أُقَاتِلَ النَّاسَ، حَتَّى يَشْهَدُوا أَنْ، لَا إِلَهَ إِلَّا اللَّهُ، وَيُؤْمِنُوا بِي وَبِمَا جِئْتُ بِهِ، فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأمْوَالَهُمْ إِلاَّ بِحَقِّهاَ  وَحِسَابُهُمْ عَلَى اللهِ))  [رَوَاهُ البُخَارِي وَمُسْلِمٌ]  މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށް ހެކިވެއްޖައުމަށާއި، އަހުރެންނާއި އަހުރެން ގެންނެވިތަކެއްޗާއި ކަންކަމަށް އީމާންވެއްޖައުމަށް ދަންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް އަހުރެންނަށް އަމުރުވެވިގެން ވެއެވެ. ފަހެ އެބައިމީހުން މިކަން ކޮށްފިނަމަ އަހުރެންގެ ކިބައިން އެމީހުންގެ ލެޔާއި މުދާ، އިސްލާމް ދީނުގެ ޙައްޤުގައިމެނުވީ ރައްކާތެރިވެއްޖެއެވެ. އަދި އެއުރެންގެ ހިސާބު އޮތީ ﷲ ތަޢާލާގެ މައްޗަށެވެ.”

ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ޝަރުޢުކުރެއްވި ޢަމަލުތައް ޤަބޫލުކުރެވުން ވަނީ ޝަހާދަތުގައެވެ. ސުވަރުގެއަށް ވަދެވުމާއި ނަރަކައިން މިންޖުވުންވެސްވަނީ ޝަހާދަތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  (إِنَّ الَّذِينَ كَذَّبُوا بِآَيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّى يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ وَكَذَلِكَ نَجْزِي الـْمُجْرِمِينَ) [الأعراف 40]މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހުގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާޔަތްތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންއިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.”

ފާފަތައް ކިތަންމެ ގިނަވިކަމުގައިވިޔަސް ފުހެވިގެންދަނީ ޝަހާދަތުގެ ސަބަބުންނެވެ.

7- ޝަހާދަތުގެ މާނައަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް ފަރާތެއް ނުވުމެވެ. ﷲ ފިޔަވައި އަޅުކަންވެވޭ ހުރިހާ ފަރާތްތައް ނަފީކުރުމާއި ހަމައެކަނި ﷲ އަށް ހުރިހާ ބާވަތެއްގެ އަޅުކަންތައް ޘާބިތުކުރުމެވެ. އެއިލާހަށް އަޅުކަންކުރުމުގައި އެއްވެސް ފަރާތެއް ބައިވެރިނުކުރުމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާކަމުގައި ހެކިވުމުގެ މާނައަކީ އެކަލޭގެފާނަކީ ﷲ ތަޢާލާ ފޮނުއްވި ރަސޫލެއްކަމަށް ޤަބޫލުކުރުމާއި އެކަލޭގެފާނު ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އެކަލޭގެފާނު ދެއްވާފައިވާ ޚަބަރުތައް ތެދުކުރުމާއި، އެކަލޭގެފާނު ނަހީކުރައްވައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމާއި، އެކަލޭގެފާނު ދެކެ ލޯބިވުމެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުގެ ކުރިޔަށް އެހެން އެއްވެސް މީހެއްވެ ބަސް އިސްނުކުރުމެވެ.

8- ނަމާދަކީ މާތް ﷲ އާ އަޅާއާ ދެމެދު ގުޅުވައިދޭ ވާފަށެވެ. ނަމާދުކުރުން ވާޖިބުވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވައިދެއްވި ގޮތަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((صَلُّوْا كَمَا رَأَيْتُمُوْنِيْ أُصَلِّيْ)) [رواه البخاري]މާނައީ “ތިމަންކަލޭގެފާނު ނަމާދު ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.”

 މަޑުމޮޅިކަމާ މަޑުމައިތިރިކަމާއެކު ނަމާދު އަދާކޮށްފިމީހާ ކާމިޔާބުވެއްޖެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. قَدْ أَفْلَحَ الْـمُؤْمِنُونَ *الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ[المؤمنون 1-2]މާނައީ: “ހަމަކަށަވަރުން މުއުމިނުން ކާމިޔާބުވެއްޖެއެވެ. އެބައިމީހުންނީ އެބައިމީހުންގެ ނަމާދުތަކުގައި މަޑުމޮޅިވެ މަޑުމައިތިރިވެގެން ތިބޭ މީހުންނެވެ.” ނަމާދު އަދާކުރުމުގެ މައްޗަށް ރައްކާތެރިވާ މީހާއަށް ޤިޔާމަތްދުވަހުން އެނަމާދުގެ ސަބަބުން އަލިކަން ލިބޭނެއެވެ. އަދި އޭނާގެ މައްޗަށް ވާ ހެއްކެއް ކަމުގައި އަދި ނަޖާވުމުގެ ސަބަބެއްކަމުގައި އެނަމާދު ވާނެއެވެ. އެނަމާދުގެ ސަބަބުން އޭނާ ސުވަރުގެއަށް ވަދެވޭނެއެވެ. (ނުނިމޭ)

*********************************
1- قواعد وفوائد من الأربعين النووية -ناظم سلطان
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض
3- رؤى تربوية وفوائد تعليمية حاشية علي متن الأربعين النووية – أبو حمزة محمود داود دسوقي خطابي